
ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 12
އެތެރޭގައިވެސް ވަނީ ފުޅިބައްތީގެ ފަނޑު އަލިކަމެވެ. ފަނުން އަޅާފައިވާ ކޮޓަރިއެއް ކަހަލަ ތަނެކެވެ. ކޮޓަރީގެ މެދުން ފަނުންހުރި ޕާރޓިޝަނެއްކަހަލަ ބައެއް ހުރުމުން ދެބައިވަނީ ވަކިވެފައެވެ. ޕާރޓިޝަނުގެ އަނެއްފަރާތުން އަލިވަމުން ދިޔުމުން ފުޅިބައްތިފަދަ އެއްޗަކުން ދިއްލާލައިފައިވާކަން އެނގެއެވެ. ޔާނާ ހިނގާލާފައި ގޮސް ޕާރޓިޝަން ހުރަސްކުރުމާއެކު ދެފައި ގަނޑުވިކަހަލައެވެ. މެޔަށް ހީވީ ހޫނު ފެންއެއްޗެއް އޮއްސާލިހެންނެވެ. ވަށައިގެން ނަޒަރު ހިންގާލެވުނު އިރު މޫނުމަތިން ހާސްކަމާއި ބިރުވެރިކަން ފެންނަމުން ދިޔައެވެ.
ކުރިމަތީގައި ހުރީ ހުދުކުލައިގެ ބެޑްޝީޓްއަޅައި މަތީގައި ފިނިފެންމަލުގެ ފިޔައިން ޒީނަތްތެރިކުރެވިފައިވާ ބޮޑު އެނދެކެވެ. ކައިރީގައި ބެހެއްޓިފައިހުރި ކުޑަ މޭޒުމަތީގައިވާ އުއްބައްތިތަކުގެ ހުޅުކޮޅުތައް މަޑުމަޑުން ނަށަމުންގެންދިޔައިރު ޔާނާގެ މޫނު ފެންނަނީ ހުދު ކަފަކޮޅެއް ހެންނެވެ. ފަނުން އަޅާފައިވާ ހަތަރު ބިތުގައިވެސް ފިނިފެންމާ ހަރުކޮށްވަނީ ޒީނަތްތެރިކުރެވިފައެވެ. ހީވަނީ ބައެއްގެ ކައިވެނީގެ ފުރަތަމަ ރެޔަށްޓަކައި ޒީނަތްތެރިކުރެވިފައިވާ ކޮޓަރިއެއްހެންނެވެ.
‘ނޫން. މިއީ އީމަންގެ ކަމެއް ނޫން. އީމަންއަކީ ދުވަހަކުވެސް މިކަހަލަގޮތަކަށް………………….އާއިޒު.’ ޔާނާގެ ހިތަށް އަރަމުންދިޔަ ވާހަކަތަކަށް ހުއްޓުމެއްއައީ އާއިޒު މަތިން ހަނދާންވުމުންވެ. އިތުރަށް އެއްވެސް އެއްޗެއްވިސްނުމަށްވެސް ފުރުސަތުނުދީ ޔާނާ އެތަނުން ނުކުންނަން ދުއްވައިގަތެވެ. ނަމަވެސް ކުޑަތަންކޮޅެއްފަހަތުގައި ހުރި މީހެއްގެ ގައިގައިޖެހި އެއްފަރާތަކަށް އަރިއަޅާލިއެވެ. ހުށިޔާރުކަމާއެކީ ޔާނާގެ އަތުގައިހިފައި ސީދާކޮށްލި ހިނދު އާއިޒުފެނިފައި ޔާނާ ސިހިގެން ދިޔައެވެ.
“އާ.އިޒު. …………………..އީމަން؟” ޔާނާ އަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އާއިޒަށް އީމަންއެނގުނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ.
“އީމަންއެއްނޫން. އާއިޒު. ޔާނާގެ ވާންއުޅޭ… ނޫން ނޫން ‘ވާންއުޅުނު’ ފިރިމީހާ. ދޯ؟” އާއިޒު ވިހަ ހިނިތުންވުމަކާއެކީ ވާހަކަ ދައްކަންފެށިއެވެ. ޔާނާހުރީ ސިހި ދެލޯ ބޮޑުވެފައެވެ. ބޯ އަރިކޮށްލުމަށްފަހު ޔާނާގެ ފައިން ފެށިގެން ބޮލަށް ނަޒަރު ހިންގާލީ އަޅައިގެން ހުރި ހެދުން ފެނުމުންނެވެ. “ގޯހެއް ނޫން. ކޮންމެ ކަހަލަ ހެދުމެއް އެޅިޔަސް ތިޔަ ރީތިކަން ފޮރުވާނީ ކިހިނެއް؟” އާއިޒު ލާނެތް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަމަވެސް ޔާނާ ހުރީ ބުނާނެ އެއްވެސް އެއްޗެއް ނޭނގިފައެވެ. މިރޭ އޭނާއަށް ކުރިމަތިވާން މިއުޅެނީ ކޮންފަދަ އިމްތިހާނަކާ ބާވައެވެ. އެހީއެއް މަދަދެއް ނުވާ ހިސާބެއްގައި އޭނާއަށް އެކަނިމާއެކަނި ސަލާމަތް ވެވޭނެ ބާވައެވެ. ހިތަށް ތަފާތު އެއްޗެހި އަރަމުން ދިޔަ އެސިކުންތުގައި އަމިއްލަ ނަފްސްވެސް ކުށްވެރި ކުރެވުނެވެ. ހަޤީޤަތް ބަލާނުލާ އޭނާ މިހިސާބަށް އަންނަން ރުހުނީ ކީއްވެގެން ބާވައެވެ. އެންމެ ފަހަރަކު ނަމަވެސް ޖާހަތުއާ ގުޅޭތޯ މަސައްކަތްކޮށްލެވުނުނަމަ ވާނީ ކީހއްހެއްޔެވެ؟ ޔާނާ ހިތަށް ބިރުވެރިކަން ވެރިވުމާއެކީ ބޭއިޚްތިޔާރުގައި ހިން ދިރުވާލެވުނެވެ.
“ބިރުގަތީތަ؟ ހާސްނުވޭ، އަހަރެންނަށް އެނގޭ ޔާނާ އަހަރެންނާ އިންނަން ބޭނުމެއްނޫންކަން. އެހެންވީމަ އަހަރެން ނެތިން ގަދަކަމުން އެކަން ކުރާކަށް. ޔާނާ ބޭނުންމީހަކާ އިނުމުގެ ފުރިހަމަ އިޚްތިޔާރު ޔާނާއަށް އަހަރެން ދީފިން. އުފާވެއްޖެ؟” އާއިޒު ވާހަކަ ދައްކަމުން ދިޔައިރު ޔާނާ ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. ޔާނާއަށް މަޑުމަޑުން ހިނިތުން ވެލެވުނެވެ. ނަމަވެސް ހިނިތުންވުން ފަނޑުވެގެން ދިޔައީ އާއިޒުއަށް އެކަންއެނގުނީ ކިހިނެއްބާއޭ ހިތަށް އެރުމުންނެވެ.
“އެކަމަކު… ކި.ހި..ނެއް އެނ..ގުނީ؟ ޔާނާ އަޅައަޅައިގަންނަމުން ސުވާލުކޮށްލިއެވެ.
“ހެހެހެ. ތިއީ މުހިންމު ސުވާލެއް ނޫން ދޯ؟ މުހިންމީ އެންމެ ކަމެއް. އަހަރެން ޔާނާއަށްޓަކައި ޔާނާގެ ބޭނުންވާގޮތަށް ކަންކުރަން މިއެއްބަސްވީ. އަހަރެން ޔާނާއަށް އީމަން ހޯދަ ދޭނަން. ބަދަލުގައި ޔާނާއަށް ކޮށްދެވޭނީ ކޮންކަމެއް؟” އާއިޒު ކެހިވެރި ހުނުމަކާއެކީ ކުރިއަށް ހިނގާލާފައި ވާހަކަދައްކަމުން ސުވާލުކޮށްލިއެވެ.
ޔާނާގެ ހިތް އުފަލުން ފޮޅިގަތެވެ. އާއިޒުކަހަލަ ނުފޫޒުގަދަ މީހަކަށް އީމަން ހޯދުމަކީ މާ ބޮޑު އުނދަގުލަކަށް ނުވާނެއެވެ. “ކޮންކަމެއް އާއިޒުބޭނީ؟ އަހަރެންނަށް ވެވޭވަރުގެ ކޮންމެކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަން. ބުނޭ!” ޔާނާ ލިބުނު އުފާވެރި އުންމީދެއްގެ ބޮޑުކަމުން ވާހަކަދައްކަމުން ދިޔައީ މާބޮޑު ވިސްނުމަކާ ނުލައެވެ.
“މާ ބޮޑުކަމެއް ނޫން. ޔާނާ ހިތްހަމަ ޖެހޭގޮތަށް އަހަރެން ކަންކޮށްދީފިން. އެހެންމަ ދެން އޮތީ، ޔާނާ އަހަރެން ހިތްހަމަ ޖައްސައިދިނުން.” އާއިޒު ދެތިން ފިޔަވަޅު ޔާނާއާ ގާތްވެލަމުން ބުނެލި ޖުމުލައިން އާއިޒުގެ އިޝާރާތް ޔާނާއަށް އެނގިގެން ދިޔަކަހަލައެވެ. ދެލޯބޮޑުވެގެން ދިޔައީ ޔަޤީންކުރަން ދަތިވުމުންނެވެ.
އާއިޒު ލާނެއް ހިނިތުންވުމަކާއެކީ ޔާނާގެ ފުރަގަހަށް ހުއްޓި ޔާނާގެ އުނަގަނޑުގައި ދެއަތް ވަށާލާފައި ކޮނޑުގައި ދަތްދޮޅި ވިއްދާލަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ. ” ބިރުގަތީތަ؟ ކޮންމެ ކަމެއްގެވެސް އަގެއް އޮންނާނެދޯ؟ ޔާނު ބޭނުމީ އީމަން. އަހަރެން މި ހުޅުވާލަދެނީ އެކަމަށް އަލި މަގެއް.” އާއިޒު ވާހަކަ ދައްކަމުން ޔާނާގެ އުނަގަނޑުގައި އަތްފިރުމަން ފެށުމުން ޔާނާ އާއިޒުގެ އަތުތެރެއިން ދުރަށް ޖެހިލިއެވެ.
“އަހަރެން ތިގޮތެއް ޤަބޫލެއް ނުކުރަން. އެންމެ ފުރަތަމަ ކަމަކަށް އީމަންގެ ނަންމަތީގައި މިހާބޮޑު އޮޅުވާލުމަކާއެކީ އަހަރެން މިތަނަށް ގެނައުމަކީވެސް ވަރަށް ބޮޑު ގޯހެއް. ތިކަހަލަ މީހަކަށް އަހަރެން އިތުބާރެއް ނުކުރާނަން. ދެން އޮތީ އީމަންގެ ވާހަކަ. ﷲ އެކަމަށް އިރާދަކުރައްވައިފިނަމަ އަހަރެންނަށް އީމަން ލިބޭނެ. އެކަމަށްޓަކައި ތިކަހަލަ ފިނޑި މީހެއްގެ އެހީއެއް އަހަރެން ހަމަހިލާ ބޭނުމެއް ނުވޭ. ދެން އަހަރެން ދިޔަ ދީ.” ޔާނާ ހަރުކަށިކަމާއެކީ ވާހަކަ ދައްކާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. ކިތންމެ ބިރުގަނެފައި ހުރި ނަމަވެސް އެކަނިވެރިކަން ވިސްނާލުމަށްފަހު ހިތްވަރުކުރިއެވެ. ނަމަވެސް އީމަން ޔާނާގެ އުޅަނބޮށީގައި ހިފާ ހައްޔަރުކޮށްލިއެވެ.
“ބޭނުންހާ ގޮތަކަށް ވަރަށް ދުވަހު އުޅެވިއްޖެ. ދެން އޮތީ އަހަރެން ބޭނުންވާ ގޮތް. މިކަން މިގޮތަށް ކުރުމަށް މަޖުބޫރުކުރީވެސް ހަމަ ޔާނާ. ޔާނާގެ މަންމަކައިރީ އަހަންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދެއްކިއިރު އަހަރެން ހުރީ ހުރިހާ ވާހަކަ ތަކެއް އަޑުއަހާށޭ. އެހެންވީމަ ދެން ކަންކުރަންވީގޮތް އެނގޭނީ އަހަންނަށް.” ރުޅިވެރިކަމާއެކީ އާއިޒު ޔާނާ އާ ވާހަކަ ދައްކަމުން ދިޔައިރު އެދެލޮލުން އަލިފާން ކަނި ބުރާކަހަލައެވެ. ބާރުލާފައި ޔާނާ އަތުލަފިކޮށްގެން ގެންގޮސް އެނދުކައިރީގައި ބެހެއްޓިއެވެ.
“ދުރަށްދޭ އާއިޒު. އަހަރެން ދެއްކީ އާއިޒު ކަންކުރާ ގޮތުގެ ވާހަކަ. އާނ! އަހަރެން ބޭނުމެއްނޫން އާއިޒުއާ ކައިވެނި ކުރާކަށް. އީމަން ލިބުމުގެ ނަސީބު ނުލިބުނަސް ތިކަހަލަ މީހަކާ ނީންނާނަން.” ޔާނާ ރުޅިގަދަވެފައި ހަޅޭއްލަވައިގަތެވެ.
“ކިތަންމެ ބާރަށް ހަޅޭއްލެވިޔަސް އެކަކަށްވެސް އަޑެއް ނީވޭނެ. މިރޭ ހިނގާނީ އަހަރެންގެ ބާރު.” ޔާނާގެ ދެކޮނޑުގައި ބާރަކަށް ހިފައި ފިއްތާލަމުން އާއިޒު ވާހަކަ ދެއްކިއެވެ. ޔާނާ އާއިޒުގެ މޭގައި އަތްއަޅައި ފަހަތަށް ކޮށްޕާލިއެވެ. ލިބުނު ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި ޔާނާ ބޭރަށް ދިޔުމަށް ދުއްވައިގަތެވެ. ނަމަވެސް ޔާނާއަށް ޕާރޓިޝަންހުރަސްކޮށް ކިރިޔާ ދެތިން ފިޔަވަޅުކުރިޔަށް އެޅުނުތަނާ އާއިޒު ފުންމައިގެން އައިސް ފަހަތުން އަރައި ޔާނާގެ ގައިގައި ބައްދައިގަތުމާއެކީ އެނދާދިމާއަށް ފަހަތަށް ދަމައިގަތެވެ. ޔާނާ ދެފައި ތަޅައިގަތުމުން ފައިދަށުން ފައިވާން ބޭލުނެވެ. ސަލާމަތްވާން ތެޅިފޮޅެމުން ދިޔައިރު ދެން އެހިތް ސަލާމަތަށް އެދި ރޮމުން ދިޔައެވެ.
ޔާނާއަށް ބާރަށް ރޮއިގަނެވުނެވެ. އަދި އޭނާ ދޫކޮށްލުމަށް އެދި އާދޭސްކުރަން ފެށުނީ ސަލާމަތްވާނެ ހުރިހާ މަގެއް ބަންދުވެއްޖެޔޭ ހީވާންފެށުމުންނެވެ. ނަމަވެސް އާއިޒަށް އޭގެ އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. އަޑު ކީއްކުރަން ހެއްޔެވެ. ޔާނާ ދަމަމުން ދިޔައިރު އެއްވެސް ކަހަލަ ރަހުމެއް ހަމްދަރުދީއެއްވެސް ނެތްފަދައެވެ. ގެންދިޔަގޮތަށް ގެންގޮސް ޔާނާ އެނދުމައްޗަށް އަނގަމަތިން ކޮއްޕާލިއެވެ. އަދި ދަހިވެތިވެފައިވާ ސިންގާއެއްފަދައިން ޔާނާގެ ގައިމައްޗަށް ވެއްޓިގަތެވެ. ސަލާމަތްވުމަށްޓަކައި ޔާނާ ތެޅިފޮޅެން ފެށިއެވެ. ޔާނާގެ ހެދުން ފަސްބައިން މައްޗަށް ކެހިގެން އަރާހެން ހީވުމާއެކު ދެއަތުން އާއިޒުގެ މޫނުގައި ވިކައި ގަތެވެ. ވީތަދުން އާއިޒު ޔާނާހެ ދެއަތް އޭނާގެ ބަނޑުދަށަށްލައި ފިތްތާލިއެވެ. އާއިޒުގެ ގަޔަށް އިތުރަށް ބާރުލުމާއެކީ ޔާނާއަށް ނޭވާލަން އުނދަގޫވެ ހިރިލަންވެސް ދަތިވިއެވެ. އާއިޒު ދެން ޔާނާގެ ބޮލުގައި އޮތް ޝޯލް އެކި ތަންތަންގަނޑުން ދަމާ ބޭލުމަށް މަސައްކަތް ކުރަން ފެށިއެވެ. ޝޯލް ހިފެހެއްޓުމަށް ޖަހާފައި ހުރި ޕިންތައް އެކި ދިމަދިމާއިން ނެއްޓެމުން ދިޔަވަރަކަށް ޔާނާގެ ކަނދުރާއާ ބޮލުގެ ބޮޑު ހިސާބެއް ފާޅުވާން ފެށިއެވެ. ޔާނާއަށް ސިފަވަމުން ދިޔައީ މާސިންގާ ކަނޑަކަށް ޢަރަޤުވަމުން ދާކަހަލަ އިހުސާސެކެވެ. ނުބައި ނުލަފާ މީހެއްގެ ޝިކާރައަކަށްވެ މުޅި މީހާގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވެއްޓިގެން އެދަނީއެވެ.
އާއިޒުގެ ހަށިގަނޑު ދަށުވެ ފިތިފައި އޮތްނަމަވެސް ޔާނާ ހިތްވަރުކޮށްފައި ސަލާމަތްވާން މަސައްކަތްކުރަމުން ދެއެވެ. ދެކޮޅަށް ނަޒަރު ހިންގާލެވުނުތަނާ ލޮލުގައި އަޅައިގަތީ ކައިރީގައި އޮތް ޕިނެވެ. ޔާނާ ވަރަށް މަސައްކަތުން އެޕިން ނަގައިގެން އެންމެ މިނެޓެއްވެސް މަޑުކޮށްނުލާ އާއިޒުގެ ބުރަކަށްޓަށް ޕިން ހަރާލީ ސަލާމަތްވުމަށް ކުރެވޭނެ އިތުރު މަސައްކަތެއް ނެތުމުންނެވެ. ވަގުތަކީ ޔާނާގެ ޝޯލް އެއްކޮށް ދަމައިގަތުމުގައި ކާމިޔާބުވި ދަނޑިވަޅުކަމުން ޔާނާގެ އެކުޑަކުޑަ ހަރަކާތް އާއިޒުއަށް ރޭކާނުލުމުގެ ނަތީޖާއަކަށްވީ، ކެތްނުކުރެވޭވަރުގެ ތަދެއް އިހުސާސްވެގެން ދިޔުމެވެ. ވަގުތުން ތެދުވެ ބުރަކަށީގައި އަތްއަޅާލެވުނީ އެތޫނު ތަދަށް ކެތް ނުކުރެވިގެންނެވެ.
ޔާނާ މިއިން އެއްވެސް ކަމެއް ބެލުމަށްޓަކައި އެންމެ ސިކުންތުކޮޅެއްވެސް މަޑެއް ނުކުރެއެވެ. ބޭރަށް ދުއްވައިގަތީ ލިބުނު އެންމެ ފަހު ފުރުސަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފަމުންނެވެ. ދޮރު ހުޅުވާލާފައި ބޭރަށް ނިކުމެވުމާއެކު ޔާނާ ދެކޮޅު ހޯދާލިއެވެ. ދާންވީ ކޮން ދިމާއަކަށް ބާވައެވެ. އެވަގުތު ފަހަތުން އަޑެއް އިވުމާއެކީ ސިހިފައި އަނެއްކާވެސް ކުރިއަށް ދުއްވައިގަތެވެ. އާއިޒު އޭނާގެ ފަހަތުން އަންނީކަން ޔަޤީންވުމުންނެވެ.
ޕޮލިސް ސްޓޭޝަނުގައި ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޖާހަތު ހުރީ ހާސްވެ ނިތްކުރިން ދާހިތްލާފައެވެ. މިރޭ އޭޓީއެމް އިން އޭނާ ނުކުތްވަގުތު އަތުގައި އޮތް ޕާސް ޖަހައިގަނެގެން ދިޔުމުން އޭނާ އެހެރީ ޕޮލިހުންނަށް އެމައްސަލަ ހުށައަޅައިގެންނެވެ. ކައިރީގައި ހުރި ކޮޓަރިއެއްގެ ދޮރު ހުޅުވުމާއެކު ދެ އޮފިސަރުން ނުކުތެވެ.
“އަޅުގަނޑުމެން ސީސީޓީވީ ފުޓޭޖްތަކުން ފެނުނު ދެމީހުންގެ ފޮޓޯ މިހާރު ވާނީ މީޑިއާތަކަށް ފޮނުވާފަ. ނަމަވެސް މޫނު ނިވާކޮށްގެން ތިބުމުން ވަކިބައެއްކަން ފާހަގަ ކޮށްގަންނަން ވަރަށް ދަތިވާނެ.” ޕޮލިސް އިންސްޕެކްޓަރ ޖިހާދު ވާހަކަ ދެއްކީ ޖާހަތުއާއެވެ.
“އޮފިސަރ. އަޅުގަނޑު އެންމެ ކަންބޮޑުވަނީ ޕާސް ނުފެނިދާނެތީ. އޭގައި ފަސްހާސް ރުފިޔާގެ އިތުރުން އަޅުގަނޑުގެ ބޭންކް ކާޑުތަކާއި އަދި ފޯނުވެސް ވާނެ. ފޯނުގެ ލޮކޭޝަން ބައްލަވައި ދެއްވަން ވީނޫންތޯ.” ޖާހަތު ކަންބޮޑުވެފައި ހުރެގެން ވާހަކަ ދައްކަމުން ގޮސް ހިޔާލެއް ދިނެވެ.
“ތިކަމުގަ މިވަގުތުވެސް ފުލުހުންދަނީ ހަރަކާތްތެރިވަމުން.” ޖިހާދަށް މިހިސާބަށް ބުނެވުމާއެކު އެންމެންނަށް ބަލައިލެވުނީ އެވަގުތު އެތަނަށްވަދެގެން އައި ފުލުހަކަށެވެ.
“ސަރ. ފޯނުގެ ލޮކޭޝަން އެނގުމުން އެތަނަށް ދިޔައިން. ކާރެއްގެ ތެރޭގައި ފޯނާއި އަތްދަބަސް އޮތީ. ކާރުގައި ތިބި ދެމީހުންނާ ސުވާލުކޮށްވާހަކަ ދެއްކުމުން އެމީހުންގެ އަތެއް މިކަމުގައިވާކަން އެނގުމުން މިހާރު ގެންދަނީ ސުވާލުކުރެވުމުން. ތަހްޤީޤަށް ވަރަށް ބޮޑަށް ކުރިއެރުން ލިބިއްޖެ. މިކަން މިހިސާބުން ނިމުނީކީ ނޫންހެން އަޅުގަނޑަށް ހީވަނީ. މިކަމުގައި އަދި އެހެން މަޤްސަދެއްވެސް އެބަވޭ.” އެ ފުލުސްމީހާ އޮފިސަރަށް ޖަވާބުދާރީވިއެވެ.
ޖާހަތުގެ ތަކެތި އޭނާއާ ހަވާލުކުރެވުނެވެ. ޕާހުން އެއްވެސް ވަރަކަށް ފައިސާ މަދުވެފައި ނުވާތީ ޖާހަތަށް ހައިރާންކަން ލިބިގެން ދިޔައެވެ. ހުރިހާ އެއްޗެއް ހަމައަށް ލިބުނިއްޔާ، ދެން އެމީހުންގެ މަޤްސަދަކީ ކޮބައިބާވައެވެ. ޖާހަތު އިތުރަށް އޮޅުން ފިލުވުމަށްޓަކައި ސުވާލުކޮށްލިއެވެ. އަނެއްކާވެސް ޖަވާބު ދިނީ ވަދެގެން އައި ފުލުސްމީހާއެވެ.
“މިއީ އެއްވެސް ގޮތަކަށް ފައިސާގެ ބޭނުމުގައި ކުރެވުނު ކަމެއްނޫން. މީހަކު އެމީހުންލައްވާ ކުރުވި ކަމެއް. އެމީހުންގެ ޓާރގެޓަކީ އެހެން ކުއްޖެއް. މިހާރު ސުވާލުކުރެވެމުން ދަނީ އެކަން އޮޅުން ފިލުވުމަށްޓަކައި. އެމީހުން ބުނާގޮތުން މިކަމުގައި އިސްކޮށް ހުރީ އީމަން ކިޔާ މީހެއް.” ފުލުސްމީހާގެ ވާހަކަތައް މިހާ ހިސާބަށް ދިޔުމާއެކު ޖާހަތުގެ ދެލޯބޮޑުވިއެވެ. ސުވާލުތަށް އިތުރުވެ ބޮލުގައި ރިހޭކަހަލަ ގޮތެއް ވިއެވެ. ދެން އެމީހުން ދެއްކި ވާހަކަތައްއަޑު ނީވޭ ކަހަލައެވެ. އެވިޑެންސްގެ ގޮތުގައި ފުލުސްމީހާ އޮފިސަރުއަތަށް ދިއްކޮށްލި ޔާނާގެ ފޯނުވެސް ލޮލުގައި އަޅައިނުގަތީ ހާސްވެ ކަންބޮޑުވިވަރުންކަނޭނގެއެވެ.
‘އީމަން. ނޫން. އީމަން އަކީ މިކަހަލަ މީހެއް ނޫން. ކޮންމެވެސް ގޯހެއް އެބައުޅޭ’ ޖާހަތު ހިތާހިތާ ވާހަކަ ދައްކަމުން ދިޔައެވެ.
ހުރިހާ ފޯރމަލިޓީސް ތަކެއް ނިމުމުން ޖާހަތު ގެއަށް ދިޔުމުގެ ކުރިން އަދިވެސް ފަހަރެއްގައި ޖާހަތުގެ ބޭނުން ޖެހިދާނެ ކަމަށް ފުލުސް އޮފިސްރު ބުންޏެވެ. ޖާހަތު ސްޓޭޝަނުންނުކުމެގެން މިސްރާބުޖެހީ ޔާނާގެ ގެއާ ދިމާއަށެވެ. މިރޭ މިދިމާވި ކަންތައްތައް އޭނާ ޔާނާއާ ހިއްސާކުރަން ބޭނުމެވެ.
އެގޭ ދޮރުން ވަދެވުމާއެކީ ޖާހަތު ޔާނާއަށް ގޮވާލިއެވެ. އެވަގުތު ސިޓިން ރޫމުގައި ދެކޮޅަށް ހިނގާލާ ހިނގާލާ ހުރި ހާމިޒާ އަވަސް ފިޔަވަޅުތަކަކާއެކީ ޖާހަތާ އަރާ ހަމަކުރިއެވެ.
“ހާދަ ލަސްވީ؟ ކޮބާ ޔާނާ؟” ހާމިޒާ ހާސްވެފައި ސުވާލުކޮށްލިއެވެ.
ޖާހަތުގެ ހައިރާންކަން ދިޔައީ އިތުރުވެގެންނެވެ.
“ޔާނާ ނެތީތަ ގޭގަ؟” ޖާހަތަށްވެސް ކޮށްލެވުނީ ސުވާލެކެވެ. ހާމިޒާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
“ބަލަ ޖާހަތު މެސެޖް ކޮށްފަ އަންނާށޭ ބުނީމައެއްނު ޔާނާ ދިޔައީ؟” ހާމިޒާ ކަންބޮޑުވެފައި ހުރެ ސުވާލުކޮށްލެވުނީ ކުޑަކޮށް ހަރުކަށިކޮށެވެ. ޔާނާގެ ހަބަރެއް ނުވެ އެހާ ލަސްވުމުންނާއި ގުޅަން އުޅެ އުޅެ ނުގުޅިގެން ހާމިޒާ ހުރީ ކެތްތެރިކަން ކޮޅުން ލާފައެވެ.
“އަހަރެން ކޮން އިރަކުތަ މެސެޖް ކުރީ؟” ޖާހަތު ހައިރާންވެ އިނދެ ސުވާލުކުރަމުން ދިޔައެވެ. ނުތަނަވަސްކަން ވެރިވި ވަރުން ބޮލަށް އެނބުރުން އަރައިގަތް ކަހަލައެވެ. ކުއްލިއަކަށް ދެއަތުން ބާރަށް ބޮލުގައި ހިފަހަށްޓާލެވުނެވެ.
“މިވަނީ ކިހިނެތް؟ އެއްވެސް ތަނަކުން ވާނުވާއެއް ނޭނގޭ؟ ހުރިހާ އެންމެންނަށް މިތިބީ ކިހިނެތްވެފަތަ؟” ޖާހަތު ވާހަކަ ދައްކަމުން ގޮސް ސޯފާގައި އިށީންދެލީ ހަމައަކަށް އެޅޭތޯއެވެ. ޖާހަތު ދައްކާ ވާހަކަ ހާމިޒާއަށްވެސް އެއްވެސް ގޮތަކަށް ނުވިސްނުނެވެ.
“ޖާހަތު ކީކޭތަ ތިކިޔަނީ؟ އީމަން ވީތަނެއް އެނގިއްޖެޔޭ، އަވަހަށް އަންނާށޭ ބުނުމުން ޔާނާ ބޭރަށް ނުކުތީ. މިކޮން ކަންތައް ގަނޑެއް. މިވާ ގޮތެއް ބުނެދީފާނަންތަ؟ ޔާނާވީ ހިސާބެއް ޖާހަތަށް ނޭނގެއޭތަ ތިބުނީ؟” ހާމިޒާ ބޯގޮވާވަރުވިއެވެ.
ޖާހަތު ހާމިޒާއަށް ތަފްސީލުކޮށްދިނެވެ. އޭނާ ޔާނާއަށް މެސެޖު ނުކުރާކަމާއި، އަދި އޭނާގެ އަތުން ޕާސް ގެއްލުނު ވާހަކަޔާ އެއައީ ސީދާ ޕޮލިސް ސްޓޭޝަނުން ކަމަށްވެސް ބުނެ ޔަޤީންކޮށް ދިނެވެ.
ޖާހަތުގެ ވާހަކަ އިވި ހާމިޒާއަށް ބާރަށް ރޮއި ގަނެވުނެވެ. މިވާގޮތް ކޮންމެވެސް ވަރަކަށް އެނގިއްޖެ ކަހަލައެވެ. ޖާހަތު އަތުން އެފޯނު ފޭރިގަތީ ޔާނާއާ ކޮންޓެކްޓް ކުރުމަށްކަންވެސް ވިސްނިއްޖެއެވެ. އެންމެ ސިކުންތެއްވެސް ލަސްނުކޮށް ޖާހަތު ވަގުތުން ޕޮލިހަށް ގުޅިއެވެ. އަދި ކަންތައް ވެފައިވާގޮތް ކިޔައި ދިނެވެ. ކަން ދިމާކުރި ގޮތުން ކުރެވުނު ތަހްގީގުން، މިކަންތައްވަނީ ޕޮލިހުންނަށްވެސް އެނގިފައެވެ. އަދި އޭގެ އިތުރުން އެކަމަށް އެމީހުން މަސައްކަތްވެސް ފަށައިފިއެވެ.
އަނދިރި މަގުގައި ވަރުބަލިކަމާއެކު ޔާނާ ދުވަމުން ދިޔައިރު ފައިވާނެއް ނެތުމުގެ ސަބަބުން ފަޔަށް ތަދުވެ ދުވަން ދަތިވަމުން ދިޔައެވެ. ވަރުބަލިވެގެންގޮސް ނޭވާ ކުރުވެފައިވީއިރު މުޅި މީހާ ހުރި ދާހިތްލާ ފޯވެފައެވެ. ލޮލުން ފައިބަމުންދާ ކަރުނަތަށް އަތުގެ ނުފުށުން ފުހެމުން ކުރިއަށް ދެވޭތޯ ބާރުލާފައި މަސައްކަތްކުރަމުން ދިޔައެވެ. އެރީތި ދިގު އިސްތަށިގަނޑުވެސް ވަނީ ވައިގެ ތެރެއަށް ވިހުރިފައެވެ. ވައިގަދަވެ މޫސުން ގޯސްވާން އުޅޭކަމުގެ އަލާމާތްތައް އުޑުމަތިން ފާޅުވެގެން ދިޔައީ އެވަގުތުއެވެ. ރާނަން ފަށާފައިވާ ގެއެއް މަގުގެ އެއްފަރާތުން ޔާނާއަށް ފެނުމުން ވަގުތުން އެދިމާލަށް މިސްރާބު ބަދަލުކޮށްލިއެވެ. ކޮންމެވެސް ވަރަކަށް މީހުންއުޅޭ ގެތަކުގެ އަލި ތަންކޮޅެއް ދުރުން ފެންނަމުން ދިޔަނަމަވެސް އެހާލަތުގައި ހުރެ ދާން ޔާނާއަށް ނުކެރުމުގެ އިތުރުން ވެފައިވާ ވަރުބައްޔެއްގެ ބޮޑުކަމުން ކުރިއަށް އެންމެ ފިޔަވަޅެއްވެސް އެޅޭނެ ހިތްވަރެއް ނުލިބުނީއެވެ.
ވަންނަ ދޮރާ ދިމާއަށް މަތީގައި އާދައިގެ ފަނޑު ބޮއްކެއް ދިއްލައިފައި އޮތުމުން ކުޑަކޮށް އަލިވެއެވެ. ހަމައެކަނި ހަތަރުފާރު ހުރި އެގޭތެރެއަށް ވަދެވުމާއެކު ޔާނާ މިސްރާބުޖެހީ ފާރެއްގެ ކައިރީ ބަރިއަކަށް ޖަހާފައިވާ ސިމެންތި ބަސްތާ ތަކަކާ ދިމާލަށެވެ. ފާރާ ބަސްތާތަކާ ދެމެދު ދެތިން ފޫޓުގެ ހުސް ޖާގައެއް އޮތެވެ. ޔާނާއަށް އެތަން ފެނުމުން، ކިރިޔާ އެހިސާބަށް ފޯރީއެވެ. ވަރުބަލިވެގެން ބިންމަތީގައި އިށީންދެވިއްޖެއެވެ. އަދި ސިމެންތި ބަސްތާތަކުގައި ބުރަކަށި ޖައްސާލިއެވެ. މައި ނޭވާ ލެވި މުޅި ހަށިގަނޑުވަނީ ލޮޑުވެފައެވެ. ފުންކޮށް ނޭވާލަމުން ހަމައަކަށް އެޅޭތޯ ޔާނާ މަސައްކަތްކުރަންފެށިއެވެ.
ނަމަވެސް ވީ ދެތިން މިނިޓެވެ. މީހެއްގެ މަޑު ފިޔަވަޅުތަކުގެ އަޑު ޔާނާއަށް އިވެންފެށުމާއެކު އެއަޑަށް ސަމާލުކަން ދެވިގެން ހިނގައްޖެއެވެ. މީހާ ފިނިވެ ދެލޯ ބޮޑުވިއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އެއީ އާއިޒު ބާވައެވެ؟ އެހެން ވެއްޖެނަމަ ދެން އޭނާ ސަލާމަތްވާން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޔާނާ އަށް އެނގެނީ އިތުރަށް އޭނާ ދުވާނެ އެއްވެސް ބާރެއް އެދެފައިގައި ނެތްކަމެވެ. އާދޭސްކުރަންވީ ބާވައެވެ؟ ޔާނާގެ މޭގަނޑު ބާރުބާރަށް ތެޅެން ފަށައިފިއެވެ. މޭގައި އަތްއަޅާ ދެލޯ ފިއްތާލުމާއެކީ ހެއްދެވި ފަރާތަށް ހިތުގެ އަޑިން ދުޢާ ދަންނަވަން ފެށިއެވެ. އެކަލާނގެ ހިމާޔަތާއި ރައްކާތެރިކަން ހޯދުމަށް އެދިއެވެ.
ފިޔަވަޅުތައް ގާތްވަމުން އަންނަ އަޑު އިވުމާއެކީ ޔާނާއަށް ދެލޯ ހުޅުވާލެވުނު އިރު އެދެލޮލުން ބިރުވެރިކަމާއި ނާއުންމީދުގެ ކުލަވަރު ފެންނަން ހުއްޓެވެ. ޔާނާ ސިއްރު ސިއްރުން، ބަސްތާތަކުގެ އަރިމަތިން ބޯދިއްކޮށްފައި ބަލައިލިއެވެ. އެމީހަކު ހުރީ ދޮރުމަތީގައި ހުއްޓިގެންހެން ހީވެއެވެ. މީހާ ފެންނަވަރު ނުވިނަމަވެސް، ދޮރުމަތީގައި ހުރުމުން އެތެރެއަށް ހިޔަނި އެޅިފައި ހުއްޓެވެ. ހިޔަނިން އެއީ ފިރިހެނެއްކަން އެނގުނެވެ. ޔާނާއަށް ރޮވެން ފެށުނެވެ. އޭނާއަށް އާއިޒުގެ ކިބައިން ސަލާމަތްވެވޭނެ ގޮތެއް ދެން ނެތީހެއްޔެވެ؟ އޭނާގެ އިއްޒަތާ އަބުރު ނުބައި ނުލަފާ ފިރިހެނެއްގެ ޝިކާރައަކަށް ވަނީ ހެއްޔެވެ؟ ގިސްލެވެން ފެށުމުން ބާރަށް އަނގަމަތީ އަތް އެޅުނެވެ. ޔަޤީނެވެ. އެއަޑު އިވޭނެއެވެ. އެކަން ކަށަވަރުވީ އެމީހާ ބަސްތާ ތަކާ ދިމާއަށް ފިޔަވަޅު އަޅަންފެށުމުންނެވެ.
“ނޫން. ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.” އިތުރަށް ފިލައިގެން އިނުމުގެ ބޭނުމެއް ނެތްކަން އެނގިގެން ޔާނާ ތެދުވެ ނާންނާށޭ ބުނުމުގެ ގޮތުން އަތް ހޫރަމުން ބުނެލިއެވެ. ކުއްލިއަކަށް ސިހުންލިބި މީހާގެ ދެލޯ ބޮޑޫވެގެން ދިޔަ ވަގުތު ހަށިގަނޑުގައި ހީވީ މަޑުމަޑު ކަރަންޓެއް ދުވެލިހެންނެވެ. ޤަބޫލުކުރަން ދަތިވެފައި ބަލަހައްޓައިގެން ހުރެވުނެވެ. ކުރިމަތީގައި އެހުރީ އީމަންއެވެ. ޔާނާގެ ފުރާނަ ފަދައިން ލޯބިވާ އީމަންއެވެ. އެމީހެއްގެ ހިމާޔަތުގައި ހުރެ މުޅި އުމުރު ނިމިގެންދާން އެދޭ ހިތުގެ ލޯތްބެވެ. ކަރުނަތައް އޮހިގަތީ ކިހިނެތް ކޮންވަގުތަކު ކަމެއް ޔާނާއަކަށް ނޭނގުނެވެ. ބޮޑެތި ކަރުނަ ތިކިތައް އެރީތި ކޯތާފަތްމަތި ތެންމަމުން ދިޔައިރު ބޭރުގައި ހުރި ބޮކީގެ ފަނޑު އޮރެންޖުކުލައިން އެމޫނު ހީވަނީ ވިދަމުން ދަނީ ހެންނެވެ.
އަނެއްކޮޅުން އީމަންގެ މޫނުމަތިން ފެންނަން ހުރި އަސަރު ބަޔާންކޮށްދޭން ދައްޗެވެ.ހީވަނީ މަރުވެފައިވާ ހިތަކަށް އާރޯކަމެއް ލިބެން އުޅޭކަމުގެ ފަހިމަގު ފެނިފައި ވާހެންނެވެ. “އީމަން!” ޔާނާއަށް ބުނެލެވުނެވެ. އީމަން މަޑުމަޑުން ޔާނާއާ ދިމާއަށް ހިނގައިގަތުމުން ޔާނާ ދުވެފައިއައިސް އީމަންގެ ގައިގައި އޮޅުލައިގަތެވެ. ކެތްނުކުރެވިގެން ބާރުބާރަށް ރޯން ފެށުނެވެ. އިތުރަށް ކަރުނަތަށް ނުހިފެހެއްޓުނީއެވެ. ކެތްތެރިކަން ކޮޅުންލީއެވެ. ނާމާންކަމުގެ ޖަންގައްޔެއްގައި ހަތަރު އުދަރެސް ފެނުޖެހިފައި ވަނިކޮށް ޔާނާއަށް އީމަން ފެނުމުން ސިފަވީ ސަލާމަތުގެ އައްސޭރި ޚުދު އޭނާ ކައިރިއަށް ހާޟިރުވީހެނެވެ. ސަލާމަތާއި ހިމާޔަތް ދިނުމަށެވެ.
12 Comments!
Comments are closed.
Salhii ..
maa bodah vz kurii
Dhigu kuran kurin dhuvahu ge part iny liyefaaa.
thankolheh avahah anehbai upload kurahchchey.. v v reethi mibaii..
Reethi
Nice.. Ekam thankolheh kury mi part…waiting for the nxt part.
arrn dhw kuree part ge fahathah baei ithuru kohlaafa…..
Varah Sakarai 11 vana part ge copy eah kuda thankolheah ithuriee thihen hedhieema story kiyaa iru foohivey ?
Plx plx dhigukoh up kohdhyba dgn juri part thah?
Plx plx dhigukoh up kohdhyba dgn juri part thah?
alhe aneh bai thankolheh dhigu koh genes dhevidhaaneth?? kiyaahithun hutta e nimuny
v reethi.. thankolheh dhigu koh up kohladhee.. kurin kiyaafa in part vx inyma v confuse vi mi part
v salhi mi part ves.. ekam kurey.. next part avaha up kohdey bala..
vvv reethi