ރީތި ދޮންވެލި ތުނޑިމަތީ އިން ޒުވާނާގެ މޫނުމަތިންފެންނަމުން ދިޔައީ އެ ރީތި ދޮންވެލިގަނޑައި އޮއްސެމުން ދިޔަ އިރުގެ ކުލަތަކާއި ގުޅޭ މަންޒަރުތަކެއް ނޫނެވެ. އޭނާގެ މޫނު ވަނީ މުޅިން މިލާ މޯޅިވެފައެވެ. އެ ލޮލުގެ އެސްފިޔަތަށް ފޫއަޅުވާލާފައި ކޯތާފަތުގައި ބޮސް ދީފައި ފައިބައިގެން ދާ ކޮންމެ ކަރުނަ ތިއްކަކުންވެސް އެ ހިތަށް ކޮށްފައިވީ އަސަރު ކިތަންމެ ހާވެސް ރަނގަޅަށް ފާޅުވާން ހުއްޓެވެ.
ޖައިޝަމް އޭނާގެ ކުރީގެ ދިރިއުޅުމާއި މެދު ވިސްނަމުން ދިޔައެވެ. އޭނާއާއި އޭނާގެ އާއިލާ އުޅެމުން އައި އުފާވެރި ދިރިއުޅުމެވެ. އެކަމަކު މިއަދު އޭނާ އެވަނީ އެ އާއިލާ އާއި އެ ދިރިއުޅުމާއި ދުރަށް ދާން ޖެހިފައެވެ. މަންމަ މެންނާއި އެކުގައި އުޅުނު އެންމެ ގާތް އެކުވެރިންނާއި ދުރަށް ދާން ޖެހުމުން އޭނާ މިއަދު އެވަނީ ހިތާމައިގެ ފުން ކަނޑަކަށް އަރަގުވެފައެވެ.
މިހެން ދިމާ ވާން ވީ ސަބަބަކަށް ވީ ވެސް އޭނާ އަށް އެޅުނު އެންމެ ކަތި ފިޔަވަޅެއްގެ ސަބަބުންނެވެ. ބައެއް ރައްޓެހިންގެ ބަހަށް ހެއްލުނީމައެވެ.
އޭރު ޚުދު އޭނާއަކަށްވެސް މި ދެވެނީ ގޯސް މަގަކުން ކަމެއް ނުދެނަހުއްޓެވެ. އާއިލާގެ އެކި މެންބަރުން ދެއްކި ވާހަކަ ތަކާއި ދިން ހެޔޮ ނަސޭހަތުގައި ކޮޅުފައިން ޖަހާ ރައްޓެހިންގެ ބަސް ގަބޫލު ކުރެވުނީތީ މިއަދު އޭނާ އެކަމާ ހިތާމަ ކުރެއެވެ. މަންމަމެން އެއީ ކިހާ މުހިންމު ބައެއްކަން ހަނދާން ނައްތާލާ އޭނާ ރައްޓެހިންނާއި އެކީ ހަވާނަފަސަށް ގެއްލި ހުސްވީއެވެ. އެ ރަހުމަތްތެރިން ދޭ އެއްޗިހި ބޭނުން ކުރެވެން ފެށުނެވެ. މިއަދު އެހެން ކަން ކުރެވުނު ކަމަށްޓަކައި އޭނާ ހިތާމަ ކުރެވެ. ކުރިން އެހެން ނޫޅެވުނު ނަމައޭ ހިތަށް އަރައެވެ. އެހެނެއްކަމަކު ނަމަނަމަ އަކުން ކެއްކޭނެ ރިހައެއް ނޯންނާނެ ތާއެވެ.
ޖައިޝަމްގެ އުޅުން ބަދަލުވާން ފެށުމުގެ އަސްލަކަށް ވީ މިކަމެވެ. ރޭގަނޑު ގެއަށް އައުން ލަސްވުމާއި މަންމަމެން ދައްކާ ވާހަކަ ގަބޫލު ނުކުރުން އެއީ ޖައިޝަމްގެ އާދައަކަށް ވެއްޖެއެވެ. މީގެ ނަތީޖާއަކަށް ވެގެން ދިޔައީ އޭނާ ނުބައި މަގަކުން ހިނގެން ފެށުމެވެ. މަޑުމަޑުން ގޭގޭތެރެއިން އެއްޗިހި ވަގަށް ނެގުމާއި އެހެނިހެން ކުށް ފާފަތަކެވެ. މީގެ ސަބަބުން އޭނާ އުޅެމުން އައި ރަނގަޅު ވަޒީފާވެސް ގެއްލިގެން ދިޔައީ އެވެ.
ޖައިޝަމް ގެ މި އުޅުން މާ ބޮޑަށްވެސް ބޮޑުވާން ފެށިއެވެ. ގެ ކައިރި މީހުންނަށް ވެސް އޭނާގެ އުނދަގޫ ފޯރާން ފެށިއެވެ. އޭނާ އެވަރުންވެސް އާއިލާގެ މީހުން ދެއްވި ނަސޭހަތް ގަބޫލު ކުރާކަށް ނެހެދިއެވެ. އެއާއިއެކު އެ މީހުންގެ ބަސް އަހަން އޭނާ ބޭނުން ނުވުމުން ހިތުހުރި އެއްޗެއް އެމީހުންނާއި ދިމާލަށް ކިޔާލައެވެ. ހަޑިހުތުރުބަސްތަކުން މުއާމަލާތު ކުރެވެން އޭނާއަށް ފެށުނެވެ. ކުރިން ގެންގުޅުނު ރިވެތި އާދަތަށް ކެނޑުނެވެ. ބޮޑެތި މީހުންނަށް ކުރަމުން އައި އިޚްތިރާމް ވެސް ގެއްލިގެން ދިޔައެވެ. އޭނާގެ ކަމަކީ ގެއަށް ނުވަދެ ބޭރު ތެރޭގައި އުޅުމެވެ. ގިނަރޭރޭ ގެއަށް ނިދަން ވެސް ނުވަންނަނީ އެވެ.
ޒަމާން ބަދަލުވެފައި ވާކަމަށް އެއްވެސް ވަރަކަށް ޖައިޝަމް ނުވިސްނައެވެ. އަދި މަސްތުވާތަކެތީގެ އަވައިގައި ދުވާލެއް ރޭގަނޑެއް ވަކިވާވަރެއް އޭނާއަކަށް ނުވެއެވެ. ހަވާ ނަފްސަށް އޭނާ ގެއްލިފައި ވީ މާ ބޮޑަށެވެ.
ހާލަތާއި ވަގުތާއި އެއްވަރަށް ދުވަސްތަށް ފާއިތު ވަމުން ދިޔައެވެ. އެއްރެއެއްގެ މެންދަމުގެ ވަގުތެއެވެ. ޖައިޝަމް އާއި އޭނާގެ އެކުވެރިން ތިބީ މަސްތުވާ ތަކެތި ބޭނުންކޮށްގެން އޭގެ އަވައިގައި ޖެހިފައެވެ. ކައިރި ހިސާބެއްގައި އުޅޭ ބަޔަކު އެމީހުން އެތާނގައި މަސްތުގެ ހާލަތުގައި ތިބިކަން އެނގުމުން ލަސްތަކެއް ކުރުމެއްނެތި ފުލުހުންނަށް މައްސަލަ ހުށައެޅިއެވެ.
ވަގުތު ބޭކާރު ކުރުމެއްނެތި އިސާހިތަކު އެތަނަށް ފުލުހުން އަތުވެއްޖެ އެވެ. އަދި ޖައިޝަމް އާއި އޭނާ އާއި އެއްކޮށް އެތާނގެ އެތެރޭގައި ތިބިހާ ބަޔަކު ހައްޔަރުގެ ދަށަށް ގެންދެވުނެވެ. ސަލާމަތްވާން އެއްވެސް ވަގުތުއެއް އޭގެން އެކަކަށް ވެސް ނުލިބުނެވެ. އެކަމުގައި އެމީހުން ބެދި ހުކުމް އެޅުވުނެވެ.
އާއިލާއާއި ދުރަށް ޖައިޝަމް ގެންދެވުނެވެ. ވަގުތު ފާއިތު ވީ ފަހުން އޭނާއަށް ލޯ ހުޅުވާލެވުނެވެ. ފަނޑުކޮށް ނަމަވެސް ކަން ހިނގައި ދިޔަގޮތް ހަނދާން އާ ވުމުން އޭނާގެ ހިތަށް އަސަރު ކުރިއެވެ. އެކަމުން ސަލާމަތް ވާން އޭނާ ބޭނުން ވިއެވެ. މީހާރު އޭނަ ބޭނުން ވަނީ ކުރީގައި އުޅެމުން އައި އުފާވެރި ދިރިއުޅުމެވެ. އާއިލާ އާއި އެކު ހޭދަކުރެވުނު މަޖާ ވަގުތު ތަކުގައި އުޅެލަން އަނެއްކާވެސް އޭނާ ބޭނުން ވިއެވެ. ދެމަގެއް އިޚްތިޔާރު ކުރެވެން އޮތް އިރު އޭނާއަށް ހިނގައި ގަނެވުނީ ނުބައި މަގުންނެވެ.
ތައުބާ ވަމެ، ތައުބާ ވަމޭ،
މިއަޅާ ކުށަށް ތައުބާ ވަމޭ،
ދެރަ ވަމޭ، ލަދުވެތި ވަމޭ،
މިއަޅާ ކުށަށް ތައުބާ ވަމޭ،
ޔާ ރައްބު ޔާ ﷲ، ޔާ ރައްބު ޔާ ﷲ،
ތިޔައީ ދީލަތި ވަންތަ އިލާހޭ،
ފާފަތަށް ދުއްސަވާ ދީލަތި ވަންތަ އިލާހޭ،
މާޔޫސް ކަމުގާ މިއަޅާ ރޮމޭ، މަދަދު އެދެމޭ،
ތައުބާ ވަމޭ، ތައުބާ ވަމޭ، މިއަޅާ ކުށަށް ތައުބާ ވަމޭ…
ކުރެވުނު ކުށަށް ތައުބާވެ ޖައިޝަމް މިހާރު ބޭނުން ވަނީ އޭނާގެ އާއިލާގެ ރުހުމާއި މައާފެވެ. އެ ދުވަހަކަށް އޭނާ އިންތިޒާރު ކުރާނެއެވެ.
~ ނިމުނީ ~



