ކާމިޔާބުގެ ސިއްރު (ކުރުވާހަކަ)
އެއީވެސް ހަމަ މިފަދަ ދުވަހެކެވެ. މޫސުން ރީތި ދުވަހެކެވެ. ވައި ޖެހޭލެއް މަޑެވެ. ކަނޑުވެސް ގަދައެއް ނޫނެވެ. މޫސުމީ ގޮތުން އެދުވަހާ އެއްގޮތް ކަމެއް ހުއްޓަސް މީގެ 3 އަހަރުކުރިން “ނިއާމަ” ބޯޓުގައި މާލެދާން ފުރި ދުވަހު ސަނާއަށް ކުރެވުނު އިހުސާސް ވަރަށް ތަފާތެވެ. އުފަންރަށާއި މައިންބަފައިން ދޫކޮށް، އެދުވަހު ދަތުރަށް ފުރި ފުރާހިތަކުން ނޫނެވެ. ނަމަވެސް މިއަދު މާލެއިން އުފަން ރަށަށް ދާން އެ ފުރަނީ ވަރަށް ފުރާހިތުންނެވެ.
ސަނާ އޭނާގެ ދަބަސްތަށް ބޯއްޓުގެ ފަޅުވެރިޔަކާއި ހަވާލުކުރުމަށްފަހު އޭނާގެ ކަޅުކުލައިގެ އަތްދަބަސް ހިފައިގެން ބޯއްޓަށް އަރައި ގޮނޑިއެއްގައި އިށީނެވެ. އެއަށްފަހު އެނާގެ ކަޅުކުލައިގެ އަތްދަބަހުގެ ތެރެއިން އެންމެ ފަހުގެ އައިފޯން 12 އެއް ނަގައި އެއަށް ހެޑްސެޓް ގުޅައިލިއެވެ. އަދި ފޯނުން ‘ވާނަން އުމުރަށް’ ލަވަ ޖަހައިލުމަށްފަހު ލޯމަރައިލައި، ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އެވަގުތުކޮޅު ތެރޭގައި ސަނާގެ ލޯމައްޗަށް އޭނާގެ މާޒީގެ ސަފްހާތަށް ނިއުޅުނެވެ.
ސަނާގެ އާއިލާއަކީ އެހާ ފުދުންތެރި އާއިލާއެއް ނޫނެވެ. ސަނާއަކީ އާއިލާގެ އެންމެ ކުޑައަށް ހުރި ކުއްޖާގެ އިތުރުން ހަމައެކަނި އަންހެން ކުއްޖާއަށް ވުމުން ސަނާގެ މައިންބަފައިންނާއި ދޮއްޓަށް ތިބެ ބޭބެއިން ސަނާދެކެ ވަރަށް ލޯބިވެއެވެ. ސަނާއާއި މެދު އެތަށް ހުވަފެންތަކެއް ދެކެއެވެ. ސަނާގެ މަންމަ އަބަދުވެސް ސަނާ ކައިރީގައި ކިޔަވައި މޮޅު މީހަކަށްވުމަށް މަސައްކަތް ކުރުމަށް ބުނެއެވެ. އެއީ ސަނާ ގްރޭޑް 10 ގައި އުޅުނު އަހަރެވެ. ސަނާ ދިޔައީ އޯލެވެލް އިން ރަނގަޅު ނަތީޖާއެއް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރަމުންނެވެ. ރޭގަނޑު ރަނގަޅަށް ނުނިދައި ނުކައި ނުބޮއި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ ސަނާއަށް އޯލެވެލް އިން ދުނިޔެއިން، އަދި ރާއްޖެއިންވެސް އެއްވަނަ ލިބުމެވެ. ނަމަވެސް އެދުވަސް ވީ ސަނާ އެންމެ ހިތާމަ ކުރި ދުވަހަށެވެ. ލޯބިވާ އާއިލާ ދޫކޮށް މާލެ ދާން ޖެހުމުންނެވެ. އެ ދުވަހު ސަނާ ވަރަށް ދެރަވިއެވެ. އަދި މަންމަގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ވަރަށް ރުޔެވެ. ނަމަވެސް މުސްތަގުބަލަށް ވިސްނައިފައި ސަނާ ނިންމީ މާލެ ދާށެވެ. އޭނާގެ އުންމީދުތަށް ފުރިހަމަ ކުރުމަށެވެ.
ސަނާގެ ހިޔާލުތަކުގެ ވާފަށް ކެނޑުނީ ބޯއްޓުގެ ފަޅުވެރިޔަކު އޭނާއަށް ގޮވައިލައިފައި ރަށަށް ލެފިއްޖެކަމަށް ބުނުމުންނެވެ. ސަނާ އަކީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެފައި ހުރި ޒުވާނެކެވެ. އެނާ އެހުރީ މޮޅު ޑަކްޓަރަކަށް ވެގެން އަމިއްލަ ރަށަށް ހިދުމަތްކުރަން އައިސްފައެވެ. ސަނާއަށް އެދުވަހު ބަނދަރުމަތިން ފެނުނު ކަރުނަވީ ލޯތަކުގެ ބަދަލުގައި ސަނާއަށް މިހާރު ފެންނަމުން ދަނީ އުފަލުން ފޮޅިފައިވާ މޫނުތަކެވެ. ސަނާ ޑަކްޓަރަކަށް ވުމުގެ އުފަލުގައި ސަނާގެ މުޅި އާއިލާ ބަނދަރުމަތީގައި އޮތެވެ. އަދި ސަނާ އަށް މަރުހަބާ ކިޔުމަށް ރަށުގެ ގިނަ ބަޔަކުވެސް އައިސްފައި ހުއްޓެވެ. ސަނާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނާގެ މަންމަގެ ގައިގައި ބައްދައިލިއެވެ. މަންމަ ވަރަށް އުފަލުން ހުރެ ތިއަކީ ސަނާ ހިއްވަރާއިއެކު މަސައްކައް ކުރުމުގެ ނަތީޖާއޭ ބުނެލިއެވެ. ސަނާ ވެސް އުފަލުންހުރެ އޭނާގެ ދަބަސްތަށް ހިފައިގެން ގެޔާއި ދިމާލަށް މިސްރާބު ޖެހިއެވެ.
One Comment
Comments are closed.


Nice