!މިއީ ދުނިޔެއޭ
އޭއަޙާއެވެ. ކުޑަ ހިނދުކޮޅަކަށް ކެތްކޮށްލާށެވެ. މިއީ ދުނިޔެއެވެ. ނެތިފަނާވެދާނޭ ދުނިޔެއެވެ. މިއީ ދާޢިމީ ގޮވައްޗެއް ނޫނެވެ. އެއްވެސް ހިތާމައެއް، އެއްވެސް އުފަލެއް މިތާނގައި ދާއިމަށް ދެމި ނޯންނާނެވެ. އުފަލާއި އަރާމަށްފަހު ވޭނާއި ކެކުޅުންވެސް ވާނޭކަން ޤަބޫލުކުރާށެވެ. އެއީ ދުނިޔޭގެ ހަޤީޤަތެެވެ. މި ހަޤީޤަތް ޤަބޫލުނުކުރާހާ ހިނދަކު ތިބާގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ﷲ ގެ މިންވަރުފުޅަށް އިމާންވާށެވެ. އެކަލާނގެ އުފަލާއިއެކު ހިތާމަ ލެއްވީ މި ދުނިޔޭގެ އަވައިގައި ތިބާ ނުޖެއްސެވުމަށްޓަކައެވެ. މިއީ ކެހިވެރިކަމުން ފުރިފައިވާ ތަނެކަން ހަނދުމަކޮށްދިނުމަށެވެ. ތިބާގެ ހިތް މި ދުނިޔޭގެ ދަޅައަށް ހެލިދާނެކަމަށްޓަކައެވެ. ތެދުމަގުގައި ސާބިތުވަމަށް، މިތަނަކީ އިންތިހާއަށް އުނދަގޫ ތަނެކެވެ. ނަމަވެސް އެއީ މި ދުނިޔެއަށް ދުނިޔެއޭ ކިޔުނު އަސްލު ސަބަބެވެ. ދުނިޔެއަކީ ހުސް އުފަލާއި އަރާމުން ފުރިފައިވާ ތަނެއްނަމަ ޖަންނަތުގެ އަގަކީ ކޮބައިތޯއެވެ.؟ ކަރާމާތުން ފުރިފައިވާ އެ ތަނުގެ ހިތްގައިމުކަން ފަނޑުވާނެ ނޫންތޯއެވެ.؟
އޭ އަޙާއެވެ. މި ދުނިޔޭގައި އެތަށް ކަމަކާއި ކުރިމަތިލާން ޖެހޭނެއެވެ. އެއް ދުވަހަށް ވުރެ އަނެއް ދުވަސް މާ ބަނަހެން ހީވެދާނެއެވެ. ގޮސް ހުސްވެ ގެއްލިފައިވާކަމުގެ އިހްސާސް ކުރެވޭ ދުވަސްތައްވެސް އަންނާނެއެވެ. ނިދިން ހޭލުމަށްފަހު ދުވަސް ފެށުމަށް ހިތްބިރުގަނެ، ދުނިޔެއާ ކުރިމަތިލާން ޖެހިލުންވުންވެސް އެކަށީގެންވެއެވެ. އެކުވެރިއެއް ނެތްކަމުގެ އިހްސާސް ކުރެވޭނެއެވެ. ވެރި ރައްބާ ކުއްތަންވާން ބޭނުންވާ ވަގުތުތަކުގައި، ތިބާގެ ނަފްސު ހެޔޮ ޢަމަލުތަކާއި ދުރަށްދާންވެސް އުޅޭނެއެވެ. ހިތް މާޔޫސްކަމުން ފުރި، ހެޔޮ ޢަމަލެއް ކުރިޔަސް، ހެޔޮ ބަދަލެެއް ނުފެންނާނެކަމަށް ހިތް ބުނެ، މާޔޫސްކަމުގެ ސާލެއް ވަށާލާފައިވާ އިހްސާސްކުރެވި ހެޔޮ މަގެއް ދުވަހަކުވެސް ނުފެންނާނެހެން ހީވެދާނެއެވެ.
ނަމަވެސް..
އޭ އަޙާއެވެ. ތިމާގެ ނަފްސަށް ވިސްނައިދޭށެވެ. މިއީ ދުނިޔޭގެ ފާލަން ކަމެވެ. ފައިވާނުގެ ވަދު ކަނޑައިގެން ދިއުމުން ފެށިގެން ގާތް ފަރާތެއްގެ މަރާއި ދޭތެރޭގައި ހިނގާ ކުދި ބޮޑު ކޮންމެ ކަމަކީ އިމްތިހާނެކެވެ. ހިނިތުންވުމަކަށްފަހު މާ ގިނަ އިރުތަކެއް ނުވެ އެތަށް ކަރުނައެއް ބޭރުކުރަން، ޖެހުމަކީ މި ދުނިޔޭގެ އުސޫލުކަން ހަނދާންކުރާށެވެ. ނަމަވެސް މިއީ “ޑިޕްރެސިންގެ” ޙިޔާލުތަކެއް ނޫނެވެ. މަރާއި މެދު ވިސްނުމަކީ ހިތް މަރާލާ ކަމަކަށް ވެގެން ނުވޭނެއެވެ. ފުރިހަމަ މުއުމިނަކަށް މި ޙިޔާލުތަކަކީ އިތުރު ހިތްވަރެކެވެ. ދިރިހުރުމުގެ މަޤްސަދު ހަނދާންވުމުން އެ އަޅާއަށް ލިބޭނީ ހިތް ހަމަޖެހުމެވެ.
އޭ އަޙާއެވެ. ތިބާގެ މަޤްސަދު ހަނދާން ނެތުނީތޯއެވެ؟ ގިނިކަންޏާ ތިބާ މި ދުނިޔެއަށް ފޮނުއްވެވި ރައްބުލް ކާއިނާތުގެ ބަސްފުޅުތައް ހަނދާން އާކޮށްލަމާ ހިނގާށެވެ. ސޫރަތުލް ހަދީދްގެ 20 ވަނަ އާޔަތުގައި ޢާލަމްތަކުގެ ވެރި އިލާޙް ވަހީ ކުރައްވާފައިވެއެވެ.
ٱعْلَمُوٓا۟ أَنَّمَا ٱلْحَيَوٰةُ ٱلدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌۢ بَيْنَكُمْ وَتَكَاثُرٌ فِى ٱلْأَمْوَٰلِ وَٱلْأَوْلَـٰدِ ۖ كَمَثَلِ غَيْثٍ أَعْجَبَ ٱلْكُفَّارَ نَبَاتُهُۥ ثُمَّ يَهِيجُ فَتَرَىٰهُ مُصْفَرًّا ثُمَّ يَكُونُ حُطَـٰمًا ۖ وَفِى ٱلْـَٔاخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ ٱللَّهِ وَرِضْوَٰنٌ ۚ وَمَا ٱلْحَيَوٰةُ ٱلدُّنْيَآ إِلَّا مَتَـٰعُ ٱلْغُرُورِ
ތިޔަބައިމީހުން ދަންނާށެވެ.! ދުނިޔޭގެ ދިރިއުޅުން ވާކަން ކަށަވަރީ ކުޅިވަރެއް ކަމުގައެވެ. އަދި މަޖަލެއް ކަމުގައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެއް ކަމުގައެވެ. އަދި މުދާތަކާއި ދަރިންނާއި މެދު އެކަކު އަނެކަކަށްވުރެ ގިނަކަމަށްބުނެ މޮޅުވާހަކަ ދެއްކުމެއް ކަމުގައެވެ. ވާރޭ ފެނުގެ މިސާލުގައެވެ. އެ ފެނުން ފެންލިބި ފެޅި ގަސްތަކެއް ދަނޑުވެރިން ޢަޖާއިބު ކޮށްފައިވެއެވެ. ދެން އެ ގަސްތައް ހިކިދެއެވެ. ދެން އެ ގަހުގެ ފަތްތައް ރީނދޫވެފައިވަނިކޮށް ތިބާއަށް ފެންނާނެއެވެ. ދެން އެ ހިކި ހުއިތަކަކަށް ވެ ދެއެވެ. އަދި އާޙިރަތުގައި ވަނީ ގަދަފަދަ ޢަޒާބެވެ. އަދި ﷲ ގެ ހަޟްރަތުން ލިބޭ ފާފަ ފުއްސެވުމަކާއި ރުއްސެވުމެކެވެ. “ކެހިވެރިކަމުގެ ވަގުތީ އުފަލެއް ދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ހަޔާތް ނުވެއެވެ.”
އަޙާއެވެ. ހަޤީޤަތަކީ މިއީއެވެ. މި ދުނިޔެއިން ތިބާއަށް ފެންނަނީވެސް މި ހަޤީޤަތް ނޫންތޯއެވެ.؟ ﷲ ތަޢާލާ ޖެއްސެވި މިސާލު ކިހާ ފުރިހަމަ ނޫންތޯއެވެ.؟ ދުނިޔެއަށް ފޮނުއްވުމަށްފަހު އަހަރުމެންވެސް ނެތި ފަނާވެދަނީ އެ ގަސްފަދައިންނެވެ. ކަށްވަޅަށް ދިއުމަށްފަހު ޗަކަ ވެއްޔަށްވެދަނީ އެ ގަސްތައް ހުޔަށް ވާ އުސޫލުންނެވެ. ނަމަވެސް ތަފާތަކީ، ހިތަމާއި އުފަލުގައި އަހަރުމެންގެ ހަށިގަނޑާއި ބައިވެރިވި މި ފުރާނާ ﷲ ގެ ހަޟްރަތައް އުފުލިގެން ދާކަމެވެ. ޢަޒާބުގެ ގޮވައްޗަށެވެ. ނުވަތަ ނިޢުމަތްތަކުން ފުރިގެންވާ ގޮވައްޗަކަށެވެ.
މިއީ އާޙިރަތެއް ނޫނެވެ. މިއީ ހަމަ ޔަޤީނުންވެސް ދުނިޔެއެވެ. ކާފަރުންވެސް ޤަބޫލުކުރާ ހަޤީޤަތަކީ ހަމަ މިއީއެވެ. އަޙާއެވެ. މި ނަސޭހަތް ހިތަށް ނަންގަވާށެވެ. މި ނަސޭހަތުގެ މަތީގައި ދިރިއުޅުން ބިނާކުރަން މަސަތްކަތް ކުރާށެވެ. އަޅުގަނޑުގެ ނަސޭހަތް ވަކި މާ ފުރިހަމަ ވީމަކާ ނޫނެވެ. ނަމަވެސް މިއީ އެ ބިންގަލެއްގެ މަތީގައި ރަސޫލުންނާއި ނަބިއްޔުންވެސް ދިރިއުޅުން ބިނާކުރެއްވި ބިންގާ ކަމަށްވާތީއެވެ.
ކޮންމެ ދުވަހަކުމެ ތިބާއަށް ދެލޯ ހުޅުވާލެވޭ ދުނިޔެއާ ކެރިގެން ކުރިމަތިލާށެވެ. މޭ ފުއްޕާފައި ޖައްބާރުވެގެނެއް ނޫނެވެ. ނަމަވެސް ﷲގެ މަގުގައި އަމިއްލަ ނަފްސާއި ޖިހާދުކުރަން ކެރިގެންނެވެ. މި ދުނިޔޭގެ އިމްތިހާނުތަކާއި ކުރިމަތިލާން ކެރިގެންނެވެ. އަމިއްލަ ނަފްސުގެ ޖައްބާރުކަމާއި ދަހިވެތިކަމުގެ މައްޗަށް މަޑުމައިތިރިކަމާއި ރަހުމް އިސްކުރާށެވެ. މި ޖުމްލަ ހިތުގައި ބިންވަޅުނަންގަވާށެވެ. “ހަޤީޤީ ހިތްވަރަކީ ހިތްތިރިކަމެވެ.” ތިމާގެ ހަށިގަނޑުގައި ބާރު ހުއްޓަސް ނެތަސް މައްސަލައެއް ނޫނެވެ. ހުރިހާ ބާރެއް މިލްކުވެގެންވަނީ ﷲއަށް ނޫންތޯއެވެ.؟ އެކަލާނގެ ހަޟްރަތުން ވާގި އެދޭށެވެ. ޔަޤީންކުރާށެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ، އެއްވެސް އަޅެއް ދޫކޮށް ނުލަައްވާނެއެވެ. އެކަލާނގެ މަގަށް ކާފިރުވާ އަޅާ މެނުވީއެވެ. އެކަލާނގެ މަގުގައި ތިބާ ހުރިހައި ހިނދަކު ދެގޮތެއްނުވެ އެކަލާނގެ ތިބާއާއި އެކު ވޮޑިގެންވާނެއެވެ.
އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެއެވެ. ތިބާ ފާފަ ކުރާ ހިނދުވެސް މެއެވެ. އެކަލާނގެ ތިބާއަށް އިންތިޒާރު ކުރައްވައެވެ. ‘ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ގޮއްވާލާނެ އިރަކަށެވެ.’ ތިބާ އެންމެ ފަހަރަކު “ޔާ ﷲ” އޭ ދުލުން ބޭރުކޮށްލުމުން އެކަލާނގެ ސަތޭކަ ފަހަރު ޖަވާބުދާރީވެ ވޮޑިގެންވެއެވެ. ‘ތިމަން އިލާހުގެ އަޅާ، ތިމަން އިލާހުގެ ހަޟްރަތުން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ” ސުބްހާނަﷲއެވެ. އޯގާތެރިކަމުގެ ދެވަނަ މިސާލެއް ނުވާ މިފަދަ ލޮބުވެތި ރައްބެއްގެ އަޅައަށް ތިބާވީއިރު ތިބާ ތިޔަ މާޔޫސްވަނީ ކޮންކަމަކާ ހެއްޔެވެ.؟ އެއްވެސް އަގެއްނެތް ދުނިޔެއަށް ތިބާ މަޔޫސްކޮށްލުމުގެ ފުރުސަތު ތިޔަ ދެނީ ކީއްވެހެއްޔެވެ.؟ މި ދުނިޔެއަކީ އެ ކަލާނގެ މިލްކެއް ކަމަށް ވާއިރު ދުނިޔޭގެ ވެރި ރައްބުގެ މަގުގައި ތިބާ ހުރިހައި ހިނދަކު މި ދުނިޔެ ތިބާއަށް ގެއްލުމެއް ދޭނޭހެން ހީވޭހެއްޔެވެ؟
ފުންކޮށް ވިސްނާލާށެވެ. ދުނިޔޭގެ މާޔޫސްކަމުގައި ގެނބި ، ﷲ މަގުން އެއްކިބާ ވެވުނު ކޮންމެ ފަހަރަކާއި މެދު ވިސްނާލާށެވެ. އަދި މިއަދު އުންމީދު އާކޮށް އަލުން ތެދުވާށެވެ. ﷲ އަކްބަރޭ ބުނުމަށްފަހު ތެދުވެ ސީދާވާށެވެ. ސީދާ މަގުގައެވެ. މި މަގުގައި، މި ދުނިޔޭގައި ތިމާއާއި ކުރިމަތިވެދާނޭ ހުރިހާ މުސީބާތަކަށްވުރެ ﷲގެ މަތިވެރިކަން މާ ބޮޑުވެގެންވެއެވެ. އެކަނިވެރިކަމުގެ ވަގުތުގައި އެކަލާނގެ ތިބާއާއެކުވެއެވެ. ފާފައެއް ކުރެވި އީމާންތެރިކަން ދަށަށްގޮސް މަގު ގެއްލޭ ހިނދުގައި އެކަލާނގެ ތިބާއަށް މަގު ދެއްކެވުމަށްޓަކައި އެންމެ ގާތުގައި ވޮޑިގެންވެއެވެ. އަލިމަގެއް ނުފެނި ހަޔާތުގެ ނައު ކޮޅިގަނޑެއްގައި ޖެހުނުނަމަވެސް އެކަލާނގެ ވަނީ ހަމަ ތިބާއާއެކުގައެވެ. ތިބާގެ ކެތްތެރިކަން އިމްތިހާން ކުރައްވަވާ ތިބާއަށް ސާބިތުކަން ދެއްވެވުމުގައެވެ. ދުނިޔޭގެ ކަންކަމުގައި މަސްއޫލުވެ އެކަލާނގެ މަތިން ތިބާ ހަނދުމަ ނެތުނުނަމަވެސް އެކަލާނގެ ތިބާގެ މަތިން ހަނދުމަނެތިވޮޑުގެންނުވެއެވެ.
މަރުގެ ޙިޔާލުތަކުން އުންމީދު އާ ކުރާށެވެ. މި ދުނިޔެއަކީ ނިމޭނެ ތަނެކެވެ. ތިބާ ބޮލަށް ތަކްލީފަކަށްވެފައިވާ ހުރިހާ ކަމެއްވެސް ނިމިގެންދާނެއެވެ. ތިބާއާއި އެކުގައެވެ. ކެތްތެރިންނަށް އުފާވެރިކަމުގެ ޙަބަރު ހުއްޓެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ.
وَبَشِّرِ ٱلصَّـٰبِرِينَ
ކެތްތެރީންނަށް އުފާވެރިކަމުގެ (ސުވަރުގޭގެ) ޙަބަރު ހުއްޓެވެ.!
-ސޫރަތުލް ބަޤަރާ 155-
إِنَّمَا يُوَفَّى ٱلصَّـٰبِرُونَ أَجْرَهُم بِغَيْرِ حِسَابٍ
ކެތްތެރީނަށް އެއުރެންގެ ދަރުމަ (ތިމަންއިލާހު) ދެއްވާހުށީ ހިސާބެއް ނެތިއެވެ.
-ސޫރަތުއް ޒުމަރް 10-
އެއުރެންނީ ކެތްތެރިކަމާއި ނަމާދުން ވާޤި ހޯދާ މީހުންނެވެ. ދުނިޔޭގެ ހޭދަކުރާ ކޮންމެ ދުވަހަކުމެ، ތަފާތު ކަންކަމުގައި، ތަފާތު އިހްސާސްތަކާއި އެކު އުޅެންމުންވެސް އެއުރެންގެ ވެރި ރައްބު އެއުރެންނަށް ދުވާލަކު 5 ފަަހަރު ގޮވާލެއްވުމުން އުފަލާއެކު އެއުރެން އެ މަސަތްކަތްތަކުން އެއްކިބާވާތަން ފެންނާނެއެވެ. ހިތަށް ހަމަޖެހުން ލިބި ހިތުގެ ތެޅުން އަވަސްވެ އުފަލުން އުތުރު އަރާ ހާލު ނަމާދަށް އެއުރެން އަވަސްވެގަންނާނެއެވެ.
ވާނީވެސް އެހެންނޫންތޯއެވެ؟ އެއުރެން އެތިބަ ދަނީ އެންމެ ލޯބިވާ ފަރާތާއި ބައްދަލުކުރަންށެވެ. މުޅި ދުވަހު ރުއިމުގައި ހޭދަކޮށްފައިވިޔަސް އެކަލާނގެ ގޮވާލެއްވުމުން އެއުރެން ހިނިތުންވާނެއެވެ. އެކަލާނގެއަށް ހަމްދާއި ތަޢުރީފުކޮށް އެކަލާނގެ ހަޟްރަތުގައި ހިތުގެ ހުރިހާ އެދުމެއް އެއުރެން ދަންނަވާނެއެވެ. ސަޖިދައަށް ތިރިވާ ހިނދު މުޅި ދުނިޔެމަތިން އެ އުރެން ހަނދާން ނެތޭނެއެވެ. އެދި އެދި ތިބޭނީ ޖަންނަތުގެ ފޮނި ކަމަށެވެ. އެކަލާނގެ ހުސްތޯޙިރުވަންތަކަމަށް ހެކިވަމުން ސަޖިދައިގައި ތިބެ އެއުރެން އެކަލާނގެ ހަޟްރަތުގައި ޖަންނަތައް އެދި ދަންނަވާނެއެވެ.
ނަމާދު ނިންމާލުމަށްފަހުވެސް އެބައިމީޙުން މާޔޫސްނުވާނެއެވެ. ނަމަވެސް އިންތިޒާރު ކުރާނީ އަނެއްކާ އެކަލާނގެ ގޮވާލައްވާނެ އިރަކަށެވެ. އެ ވަގުތު ކޮޅު ޖެހެންދެން އެކަލާނގެއަށް ކިޔަމަންވުންމަތީ އެބައިމީހުން ތިބޭނެއެވެ. ހެދުން އެޅުމުއްގައްޔާއި، މީހުންނާ ވާހަކަ ދެއްކުމާއި، ހިނގާހިނގުމާއި، އަދި ކުރާ ކޮންމެ ކަމެއްގައިވެސް އެކަލާނގެއަށް ބޯލެނބުންމަތީ އެބައިމީހުން ތިބޭނެއެވެ. ވާނީވެސް އެހެންނޫންތޯއެެވެ. އެ ތޯހިރު ހިތްތައް އެދެނީ ދުނިޔެ ދޫކޮށް އެކަލާނގެއާއި ބައްދަލުވުމަށެވެ. އެކަލާނގެ ޖަންނަތަށެވެ. އެކަލާނގެ ރުއްސެވުމަށެވެ.
އަޙާއެވެ. މިފަދައިން ވަމާ ހިނގާތޯއެވެ. މިއީ ހަޤީޤީ ކާމިޔާބުގެ އަހުލުވެރީންނެވެ. މިއީ ތިބާއަށްވެސް ނުކުރެވޭނެކަމެއް ނޫނެވެ. ބޭނުންވަނީ ﷲއާއި މެދު ހެޔޮކޮށް ވިސްނާ ހިތެކެވެ. އެކަލާނގެ ހަޟްރަތުން އުންމީދުކަނޑާނުލާ ކުރިއަށް ދާން ތައްޔާރަށް އޮތް އިޙްލާސްތެރި ހިތެކެވެ. މި ދުނިޔޭގައި ފަޤީރަކަސް މުއްސަންޖަކަސް އަންހެނަކަސް ފިރިހެނަކަސް މި ނަސީބުގައި ހިފުމުގެ ފުރުސަތު އެބައޮތެވެ. މީހުން ތިބާއާއި މެދު ދެކޭ ގޮތާއި މެދު ނުވިސްނާށެެވެ. އެކަލާނގެ ދަރުބާރުގައި ތިބާ ޖަވާބުދާރީވާންޖެހޭ ދުވަހު އޭގެން އެއްވެސް ފަރާތެއް ތިބާއަށް މަދަދުވެރިއެއް ނުވާނެއެވެ. ދުނިޔެއަށް އައީވެސް ހުސް އަތާ ގިނިކަންޏާ ނޫންތޯއެވެ؟ ދުނިޔެއިން ނިކުމެގެން ދާންޖެހޭނީވެސް ހަމަ އެ ހާލުގައެެވެ. ދުނިޔޭގައި ހަމަޖެހުމެއް ކިރިޔާވެސް އޮތީ ﷲގެ މަގުގައި ސާބިތުވުމުންނެވެ.
ވީމާ، މާޔޫސް ނުވާށެވެ. މިއީ ތިބާގެ ތަނެއް ނޫނެވެ. މިތާނގައި ތިބާގެ މިލްކިއްޔާތުގައި އެކައްޗެއްވެސް ނުވެއެވެ. ޤަބޫލު ކުރިޔަސް ނުކުރިޔަސް ތިޔައީ ބީރައްޓެއްސެކެވެ. ދަތުރުވެރިއެކެވެ. މާދަމާވެސް އެނބުރި ހަޤީޤީ ގޮވައްޗަށް ދާން ޖެހިދާނެއެވެ. މިއަދު މި ދުނިޔޭގައި ތިބާ، ﷲ ގެ މަގުގައި ނަފްސާއި އެދުންތައް ޤުރުބާންކޮށްގެން ސާބިތުވުމުން ނޫނީ އެ ގޯތީގައި އުފާވެރިކަމެއް ނުވެއެވެ. ވިސްނާފައި ތިބާ ޙިޔާރުކުރާށެވެ.
އަޙާއެވެ. ދާއިމަށް ދެމިހުންނަން ބޭނުމީ މި ކަނު އަނދިރި ދުނިޔެއަށްވުރެ އެތަށް ހާސް ގުނައެއް ބިރުވެރި، ކެހިވެރި އަދި އަނދިރިވެގެންވާ ނަރަކައިގައި ހެއްޔެވެ؟ ނުވަތަ ދުނިޔެއާއި ދުވަހަކު އަޅާވެސް ނުކިޔޭނޭ، ނިޢުމަތުން ފުރިގެންވާ ދާޢިމީ ޖަންނަތުގައި ހެއްޔެވެ.؟ އިތުރުކޮށްލާނަމެވެ. އެ ޖަންނަތައް ވަދެވުމާއެކު މި ދުނިޔޭގެ ހުރިހާ އުނދަގުލެއް ތިބާ ހަނދާން ނެތޭނެއެވެ. ހަމަ ޔަޤީނުންވެސް އަޅުގަނޑު އެދެނީ ޖަންނަތުން އަޙާއާއި ބައްދަލުވުމަށެވެ. އިންޝާ ﷲއެވެ.
ވަރަށް ފުރިހަމަ ޅެން ބައިތުތަކަކުން އަޅުގަނޑު ނިންމާލާނަމެވެ.
ވަގުތެއްގެ މީ މެހެމާނެކޭ، ދަތުރެއް ކުރާ އިންސާނެކޭ
ވަގުތައް ފުރައިގެން ދާންޖެހޭ، ދަތުރަށް މަ ފޮށި ބަންނަންޖެހޭ
ގަސްތައް ކޮށާ އަލިކޮށް ހަދާ، ދަތުރަށް ސަމާލު މަ ވާންޖެހޭ
މީ އިމްތިހާނެއްކަން ޔަޤީން، މިތަނުން ނަޖާ ވޭތޯ ބަލާ!
މީހެއްގެ ވަގުތެއް ނޭނގެޔޭ، މިކަމުން ފިލާވަޅު ހޯދަމާ
މީވެސް ހަޔާތުން ދުވަހެކޭ، ވާ ހެނދުނަކާއި ހަވީރެކޭ
މީ ދުނިޔެއޭ، މީ ދުނިޔެއޭ، ހިތަކަށް މަގޭ ލިބިފައިވެޔޭ
ޢާލަމްތަކުގެ ވެރި ރަަސްކަލާކޮ!! އިބައިލާހުގެ މަގުގައި އަޅަމެން ސާބިތުކުރައްވަވާ އަޅަމެންނަށް ނިމުމެއްނުވާ ހިދާޔަތު ދައްކަވާށިއެވެ.! އިބައިލާހީ އެންމެ އޯގާވަންތަ އިލާހެވެ. އިބައިލާހުގެ މިސާލެއްނުވާ ލޯބިފުޅުން އަޅަމެންގެ ހިތްތައް ފުރުއްވަވާ މަޑުމޮޅި ކުރައްވާށިއެވެ.! މި ދުނިޔޭގެ ދަޅަތަކުން އަޅަމެން އެއްކިބާ ކުރައްވަވާ އާޙިރަތުގެ މަގަށް އަޅަމެން ރުޖޫޢަ ކުރައްވާށިއެވެ.! މަޔޫސްކަަމަށް އަޅަމެން އެނބުރޭ ކޮންމެ ފަހަރަކުގެ އިބައިލާހުގެ ނޫރުފުޅުން އަޅަމެންގެ މަގަށް އަލިކުރައްވަވާ ޖަންނަތުގެ ފޮނިކަން އަޅަމެންގެ ހިތްތަކުގައި އާކުރައްވާށިއެވެ.! މަރަށް ތައްޔާރުވާ ބައެއް ކަމުގައި އަޅަމެން ލައްވަވާ، މިއަދަށް ވުރެ މާދަމާ އިބައިލާހުގެ ހަޟްރަތައް ކުއްތަންވުމުގައި އަޅަމެން ކުރިއަރުއްވާށިއެވެ.! ތަޤްވާވެރި، އިހްސާންތެރި، ސޯލިހް މުސާފިރުންގެ ތެރެއިން އަޅަމެން ލައްވަވާ އިބައިލާހާއި އަޅަމެން ބައްދަލުކުރަންޖެހޭ ދުވަހަކީ އަޅަމެންގެ ހަޔާތުގައި އެންމެ ހިތްގައިމު، އެންމެ އުފާވެރި ދުވަސް ކަމުގައި ލައްވާށިއެވެ.! އާމީން!

