ޤަބޫލްކުރަންދަތި ހަޤީޤަތް…؟؟؟ ސާދަވަނަބައި
ދެމިގަންނަ އުޅެ އުޅެވެސް ހިފަހައްޓާފައިވާލެއް ބާރުކަމުން ސަލާމަތްވާގޮތެއް ނުވިއެވެ. އިޙްސާން ނަޢުމާ ތުންފަތުގައި ބޮސްދެވޭތޯ އުޅުނެވެ. ނަޢުމާ ދެއަތަށް ދެއަތަށް ބޫހުރުވާތީ އެކަން ނުވީއެވެ. ނަޢުމާގެ ހިތް ބާރު ބާރަށް ތެޅެމުން ދިޔައީ އެހެން މީހަކު އައިސް ދޮރު ހުޅުވަފާނެތީއެވެ. ކުއްލިއަކަށް ނަޢުމާގެ މޫނުމަތީ އިޙްސާންގެ ދެއަތުން ހިފަހައްޓައި ތިރީ ތުންފަތުން ފޮނި ރާހަތް ލިބިގަތެވެ. ނަޢުމާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ހަމައެޔާއެކު ދެލޯ ހުޅުވާލެވުނީ ކޮޓަރި ދޮރު ހުޅުވުނު އަޑަށެވެ. ދެލޯ ބޮޑުކޮށްލެވުނެވެ. ދޮރުމަތީހުރި ނިޝްވާ ފެނުމުންނެވެ. އަވަސް އަވަހަށް އިޙްސާން މޭ މަތީ ދެއަތުން އަޅާކޮށްޕާލެވުނެވެ. އިޙްސާން އަށް ނިޝްވާ ފެނުނީ އެވަގުތުއެވެ. ނިޝްވާއަށް ފެނުނު މަންޒަރުން ހަށިގަނޑުގައި ދައުރުވަމުންދާ ލޭތައް ކައްކުވާލިއެވެ. އަތްމުއްކަވާލެވި ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނެވެ. ދޮރުހުޅުވީ ފަހަރެއްގައިވެސް އެކަހަލަ ހުތުރު މަންޒަރެއް ފެނިދާނެކަމަށް ހީކޮށެއްނޫނެވެ. ޖެހިޖެހީނުން ބީތާ އަރުވާލަންވެސް އޭނާ ހިތަށް އެރިއެވެ. ނަމަވެސް އަތުންފައިން ގޯހެއްނުހަދައި ދޮރު ބާރަށް ޖެހުމަށްފަހު ދިޔައީއެވެ.
އިޙްސާން އަށް ނިޝްވާ ފެނުމުން ކޮންމެސްވަރެއްގެ ހާސްކަމެއް ކުރިމަތިވިއެވެ. އެވާހަކަތައް ޝަހީން އާ ހިސާބަށް ހިނގައިދާނެތީއެވެ. އެހެނަސް އޭނާ ހިތުގައި ވަރަށްބޮޑު ޔަޤީންކަމެއްވެސް އޮތެވެ. ނަޢުމާ އެކަންތައް ޝަހީންއާ ހަމަޔަށް ދިޔުމަށް ހުރި ހުރިހާމަގެއް ބަންދުކުރާނެކަމުގެ ޔަޤީން ކަމެވެ. އެހެނީ އޭނާއަށް އެނގިފައިވާ އެސިއްރަކީ ދުވަހެއްގެ ކޮޅުންވެސް އެހެންމީހަކަށް އެގެން ބޭނުންވާނެ ސިއްރެއް ނޫނެވެ. އެސިއްރު އިޙްސާންއަށް އެނގުންކަން އެއީ ނަޢުމާގެ ބަދު ނަސީބެވެ.
“..ދެންވެސް ހަނދާންކުރާތި.. މަށަށް މިގެޔަށް އަންނަން ނުޖައްސާތި..” ގަބުވެ ހުއްޓުން އަރާފައި ހުރި ނަޢުމާއާ ދިމާލަށް އިޙްސާން ބުންޏެވެ. “..ދޭ ގޮސް އޭނަ މައިތިރިކުރޭ.. ނަމަނަމަ އެއްވެސް ވާހަކައެއް ޝަހީން އާ ހިސާބަށް ގޮސްގެން ނުވާނެ.. ގޮސްފިނަމަ ވާނެގޮތް އިނގޭނުން..” އިޙްސާން ނިކުމެގެން ދިޔައިރުވެސް ނަޢުމާ އެއްވެސް އެއްޗެއް ނުބުނެ ހުރި ގޮތަށް ހުރީއެވެ.
ނަޢުމާ ދެން ހަދާނެގޮތަކާމެދު ވިސްނަމުންދިޔައެވެ. އޭނާ އިނީ އެނދުމަތީ އިށީދެ ދެއަތުން ބޮލުގައި ހިފައްޓައި، އިސްޖަހާގެންނެވެ. އެހެން އިނދެ ބޮލުގައި އިރުއިރުކޮޅާ ޖަހާލައެވެ. ހަދަންވީގޮތެއް ނުވިސްނޭތީއެވެ. ނިޝްވާއާ ކުރިމަތިލާނެ ހިތްވަރެއް ނުލިބޭތީއެވެ. ދޭނެ ޖަވާބެއް ނުވިސްނޭތީއެވެ. ފެނުނު މަންޒަރުން ނިޝްވާ ހުންނާނީ އިންތިހާއަށް ރުޅި ގަދަވެފައިކަން ޔަޤީނެވެ. އެއީ ނަޢުމާ ނަމަވެސް ވާނެގޮތްކަން އޭނާއަށް ވިސްނެއެވެ. ނުވިސްނެނީ އެންމެ ކަމެކެވެ. ދެން ހަދަންވީ ގޮތެކެވެ. މަޖުބޫރުން ކުރާކަމެކޭ ބުނަން ބޭނުންވިޔަސް ބުނެވޭކަށް ނެތެވެ. ބުނެދީފިނަމަ ނިޝްވާގެ ރުޅި މައިތިރިވާނެއެވެ. އެހެނަސް އޭރުން އިތުރު ސުވާލެއް ކުރިމަތިވާނެއެވެ. ކީއްވެހެއްޔެވެ؟ ކޮން މަޖުބޫރެއް ހެއްޔެވެ؟ އެސުވާލަށް ނަޢުމާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ދޭ ޖަވާބެއްގެ ސަބަބުން ކުރިން އައި ރުޅި އައި ނަފުރަތު އަލުން އިޔާދަވާނެއެވެ. އޭރުން ދުވަހަކުވެސް އެނަފުރަތާ ރުޅި މައިތިރި ނުވާނެކަން ޔަޤީނެވެ. ޙުދު ނަޢުމާވެސް މިހާރު އަމިއްލަ ނަފުސުދެކެ ރުޅި އާދެވެއެވެ. މިއަދު އޭނާއަށް އެހާލުޖެހިފައި އެވަނީ އެކަމުގެ ސަބަބުންނެވެ. ވެނިމިފައިވާ ކަންތައް ބަދަލުކުރެވޭނެނަމަ އެކަން އޭނާ ބަދަލުކުރީހެވެ. ވިސްނާވިސްނާވެސް ހަދާނެގޮތެއް ނުވިސްނުމުން އޭނާ ނިންމީ ކޮޓަރިން ނުނުކުމެ އޮތުމަށެވެ.
ނިޝްވާ ކޮޓަރިއަށް ވަދެ އޭނާގެ ރުޅިގަނޑު ކޮޓަރީގައި ހުރި އެއްޗެއްސަށް ބާލަންފެށިއެވެ. މީހާ ހުރީ ރުޅިއައިސް ފުފިފައެވެ. ދެބުމަ ގޮއްޖެހިފައެވެ. ދެދަތްޕިލަ ޖައްސާގެން ހުރެ ބަރު އަޑަކުން ހަޅޭލަވަމުން އެނދުމަތީ އަތުރާފައިވާ ބާލިސްތައް ނަގާ އެތަން މިތަނަށް އުކަންފެށިއެވެ. އެނދުމަތީ އަޅާފައިވާ ބެޑްޝީޓް ދަމާ ބޮނޑިކޮށް ދޮރުބުޑަށް ޖެހިއެވެ. އެވަރުންވެސް ވީކީނޫނެވެ. ޑްރެސިން ޓޭބަލް މަތީ އަތުރާފައިވާ ރީތިވުމަށް ބޭނުންކުރާ ސާމާނުތައްވެސް އަތުން ޖެހިޖެހީނުން ވަރާލިއެވެ. އެނދުގެ ބޯލާކޮޅުގައި ހުރި ވާސް ނަގާ ފާރަށްޖެހި ޖެހީނުން ތަޅާލިއެވެ. އަދި އަޑުގެ ނެތްތަނަށް ދެއަތް ބާރަށް މުއްކަވާގެންހުރެ ހަޅޭލަވާގަތެވެ.
ނިޝްވާ ހަޅޭލަވާގަތް އަޑު ނަޢުމާއަށް އިވުމާއެކު ސިހިފައި ތެދުވެވުނެވެ. ކޮޓަރި ނުނިކުންނަށް ނިންމާގެން ހުރި ނަޢުމާއަށް ކޮޓަރިން ނިކުމެވުނީ ބޭއިޙްތިޔާރުގައެވެ. ވެދިޔަ ކަންތައް ހަނދާންނެތިފައިވާ ކަހަލައެވެ. ހާސްކަމާއެކު ބާރު ހިނގުމުގައި ގޮސް ނިޝްވާ ކޮޓަރި ދޮރު ހުޅުވާލިއެވެ.
“..ކޮއްކޯ… ކިހިނެއްވީ..؟” ހާސްވެފަހުރި ނަޢުމާ ކޮޓަރި ދޮރުހުޅުވާލިގޮތަށް ބުނެލިއެވެ. އަދި ދުވެފައިގޮސް އެނދުގެ އެއްކޮޅުގައި ބޯ އަޅާލާގެން ރޯން އޮތް ނިޝްވާ ތެދުކޮށްލަން ކޮނޑުގައި ހިފިއެވެ. ހަމައެޔާއެކު ނިޝްވާއަށް ފުންމާގެން ތެދުވިއެވެ. ހީވީ ކަރަންޓްގަ ޖެހުނުހެންނެވެ.
“..ތިމުޑުދާރު އަތުން މަގެ އަތުގަ އަތްނުލާތި..” ނަޢުމާ އާ ދިމާލަށް އިނގިލި ދިއްކުރަމުން ނިޝްވާ ދުރައްޖެހުނެވެ. “.. ކަލެޔަށް އަދިވެސް ވެގެން އުޅޭ ގޮތެއް ނޭގިގެންތަ ތިއުޅެނީ؟. މިތަނުންދޭ..ނުކުމޭ މިތަނުން..” ނަޢުމާއަށް ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. އެކިތަންތަނަށް އުކާލެވިފައިވާ ބާލީސްތަކާ ތަޅާލާފައިވާ ވާސްފެނުމުން ހުރިހާކަމެއް މަތިން ހަނދާންވެ ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެއީ އޭނާ ދެކެ ރުޅިއައިސްގެން ކޮށްފައި ހުރިކަންތައްކަން އެނގުނެވެ. އިސާހިތަކު ދެލޯ ކަރުނުން ފުރުނެވެ.
“..ކޮއްކޯ..ހަމަޖެހިބަލަ.. ރުޅިމަޑުކޮށްފަ ވިސްނާލަބަ..” ނަޢުމާގެ އެއްވެސް އިހްތިޔާރަކާނުލާ ކަރުނަތައް ބަންޑުންވަމުން ދިޔައެވެ. “..ތިހީކުރަނީ މުޅިން ގޯސްކޮންނޭ..”
“..ރައްކާވާށޭ މިތަނުން..” ނިޝްވާ ހަޅޭލަވާގަތެވެ. އޭރު އޭނާއަށް މާނޭވާ ލެވެމުން ދިޔައެވެ. “..ކަލޭ ދައްކާ އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫނޭ..”
“..ކޮއްކޯ..” ނިޝްވާ ވަމުންދާގޮތް ފެނުމުން ނަޢުމާ ހިތަށް އުނދަގޫވަމުން ދިޔައެވެ.
“..ކަލެޔަށް އަޑު ނީވެނީތަ..ކަލޭގޮސް އެއިޙްސާން ގައިގަ ތަތްވެގެން އޮވެބަލަ… މަގޭ ކުރިމައްޗަށް ނާންނާތި މީގެ ފަހުން..” ރޯންހުރި ނަޢުމާގެ ބުރަކަށީގައި ދެއަތުން އަޅާކޮޓަރިން ބޭރަށްކޮށްޕާލިއެވެ. އޭނާގޮސް ޖެހުނީ އަރީކާ ގައިގައެވެ. އަރީކާ ހަޅޭ ލަވާގަތެވެ.
“..ތީތަ މަޔަކާނުލާ ބޮޑުކުރީމާ ވާހަކަދައްކަން ޖެހޭ ގޮތަކީ.. އެއީ ނިޝްވާގެ އެއްބަނޑު އެއްބަފާ ދައްތައޭ..” ނިޝްވާ ވާހަކަ ދެއްކިގޮތުން އަރީކާ ހިތްހަމަނުޖެހުނީއެވެ. އޭރު ނަޢުމާ އިސްޖަހާލައިގެން ހުރެ ރޮމުންދިޔައެވެ.
“..އޭނަ މަ ދައްތައަކަށް ވީތީވެސް މަ ލަދުގަނޭ.. އެއީ ވަރަށްގޮތެއް ނެތް ލަދު ކުޑަ އަންހެނެއް..” އެހެން ބުނުމުން ނަޢުމާ ރޮމުން ރޮމުންގޮސް ކޮޓަރިއަށް ވަނެވެ. ނިޝްވާ ކޮޓަރި ދޮރުލައްޕަން އުޅުނެވެ. ނަމަވެސް އޭގެކުރިން އަރީކާ ދޮރުގައި ހިފެހެއްޓިއެވެ. އަދި އެތެރެއަށް ދޮރުކޮށްޕާލަމުން އެތެރެއަށް ވަދެ ދޮރު ލެއްޕިއެވެ.
“..ނުފެނޭތަ ދޮންތައަށް ވެފަ ހުރިގޮތެއް…” އަރީކާ ނިޝްވާ އަތުގެ މުލައްދަނޑީގައި ހިފިއެވެ. އޭނާ ހުރީ ހިތްހަމަނުޖެހިފައެވެ. “..ނުފެނޭތަ ލޮލުން އެފައިބަމުންދާ ކަރުނަތަކެއް.. އެކަރުނަތަކުގަ ފޮރުވިފަ ސިއްރެއްވާކަމެއް ނޭގޭތަ.. ދޮންތަ މޫނުމަތިން ފެންނަ މާޔޫސްކަން ނުފެންނަނީތަ..” ނިޝްވާ އަރީކާގެ އަތް ފޮޅުވާލިއެވެ.
“..އެއީ އޭނާ ކުރާ އެކްޓް..” ނިޝްވާ އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ. “..މަށަށް ފެނުނޭ އޭނާއާ އިޙްސާން އާދެމީހުން ގެސްޓްހައުސްއަށް ވަދެގެން ދިޔަތަން.. މަށަށް ފެނުނޭ ތެމީހުން ތަތްވެގެން މިގޭ ކޮޓަރީގަ ތިއްބަ… އެއީ މަށަށް ފެންނަ މަންޒަރުތައް އަޑުއިވިއްޖެތަ..”
“..އެއީ އެއިޙްސާން ގަދަކަމުން ކުރުވާކަންތައް.. އޭނަ އެއީ ރަނގަޅު މީހެއް ނޫންކަން އެނގޭނުން..” އަރީކާ ބޭނުންވީ އޭނާއަށް އިނގޭ ވަރަށް ހުރިހާ ހަޤީޤަތެއް ކިޔާދޭށެވެ. އޭރުން ނިޝްވާގެ ރުޅި ގަނޑު މައިތިރިވެ ދޮންތައަށް އެހީ ވާނެކަން ގައިމެވެ. “..އަންހެންކުދިންނާ މޮޔަވެފަ ހުންނަ މީހެއްކަން އިނގޭނުން..ދޮންތަ ކުރާކަމެއް ކުރަނީ..”
“..ޝަޓް އަޕް. އަރީކާ..” އަރީކާ ދައްކަމުން ދިޔަ ވާހަކަތައް ނިޝްވާ މެދު ކަނޑާލިއެވެ. “..ތި ހީކުރަނީ މަމީ މޮޔައެއްކަމަށްތަ؟ ގަދަކަމުންނެއް ނޫން އޭނާ ގެސްޓް ހައުސްއަށް ދިޔައީކީ އޭނާ ރުހުމުގަ ދިޔައީ.. މިގެޔަށް ވަންރޭ ވެސް ވެއްދީ އޭނަ.. ތަޅުލާފަހުރިތާކަށް ނުވަދެވޭނެ ނުހުޅުވަނީހެއް..އެގޮތަށް ނޭގެ ކިތަށްރޭ ކަމެއްވެސް ވެއްދީކީ.. އަރީކާ ތީ މިގެޔަށް އޭނާ ކުރާ ކުށްތައް ފޮރުވައި، ސިއްރުކުރަން ގެނެސްފަ ހުރި މީހެއް ނޫނޭ.. އޭނާ އާ އެއްކޮޅަށް ވަކާލާތު ކުރަން ގެނެސްފަ ހުރި މީހެއްވެސް ނޫން.. އަރީކާއަށް ވެސް ފެނުނެއްނުން އިޙްސާން މިގެޔަށް ވަންރޭ.. އެފަހަރުވެސް އަރީކާ ދޮގުހެދީ.. ދޮންތަބޭ ކައިރީ ބުނަން ނުކެރެންޏާ މަ ކައިރީ ބުނެލަން އެންމެ ރަނގަޅެއްނުން.. އެކަމްމަށަށްވެސް ދޮގުހެދީ.. ހުރިހާކަމެއް އެނގިހުރެ ކީއްވެތަ ތިގޮތަށް ކަންތައް ތިކުރަނީ.. މަށަކަށް ނުހުރެވޭނެ އަރީކާ ތިހުންނަގޮތަށް ފެންނަ މަންޒަރުތައް ނުފެންނަކަމަށް ހަދާގެންނެއް.. އޭނަ ކުރާ މުޑުދާރު އަމަލުތައް ބަލާކަށް ހެވިފައެއް ނުހުރެވޭނެ..” ވާހަކަ ދައްކާ ނިމުންއިރު ނިޝްވާއަށް ރަނގަޅަށް ރޮވިއްޖެއެވެ.
“..ނިޝްއަށް ތި ހީކުރެވެނީ ރަނގަޅަކަށް ނޫނޭ..ހަޤީޤަތަކީ..”
“..ހަޤީޤަތަކީ އަރީކާވެސް އޭނާއަށް ހިތްވަރުދޭކަން..ދޭމިތަނުން..ދެން އޭނައާ އެއްކޮޅަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ..” ނިޝްވާ އަރީކާ އަތުގައި ހިފާ ކޮޓަރިން ނެރުނެވެ.
“..ނިޝް ޕްލީޒް.. އަޑުއަހާބަލަ..” އަރީކާ އާދޭހާއެކު ބުންޏެވެ.
“..ތި ސުޓޯރީތައް ކޮންމެސް އެހެން މީހަކަށް އިއްވާ..” ނިޝްވާ އަތުގަ ހުރި ބާރެއްލާފަ ދޮރު ޖެހިއެވެ.
އެދުވަހުގެ ފަހުން ނިޝްވާއާ ނަޢުމާ ދެމީހުން ދެ ހަތުރުންނަށް ވިއެވެ. އެއްބަނޑު އެއްބަފާކަމުގެ ގުޅުންވެސް ކަނޑާލިއެވެ. ނިޝްވާ ހެޔޮހިތުން ނަޢުމާ އާ އަނގައިން ނުބުނާތާގައި ބަލަނީ ނަޢުމާ ފެންނަފަށަށްވެސް ނައިސް އުޅެވޭތޯއެވެ. ނަޢުމާ ވާހަކަދައްކަން އުޅެފިނަމަ ނިޝްވާގެ ރަހުމެއް ނެތް ބަސްތަކުން ނަޢުމާގެ ރޮއްވާލައެވެ. ދެމީހުން އެއް ސުފުރާމައްޗަށް ކާން އަރަނީވެސް މަދު ފަހަރަކުއެވެ. އެވެސް ޝަހީން ގޭގައި އުޅޭނަމައެވެ. ކުރެވޭކަމެއްގެ ސަބަބުން ޝަހީންއަށް ހަޤީޤަތް އެގެން ބޭނުންނުވާތީ ނިޝްވާ ޝަހީން ކުރިމަތީ ހަމަޖެހިގެން އުޅެވޭތޯ ބަލައެވެ. ހަޤީޤަތް އެނގި އެކުޑަކުޑަ އާއިލާ ރޫޅިދާން ބޭނުންނުވާތީއެވެ. ނިޝްވާގެ އަމަލުތައް ކޮންމެގޮތަކަށްހުރި ނަމަވެސް ނަޢުމާ އިޙްސާންގެ ބޭނުންތައް ފުއްދާދެމުން ދިޔައެވެ. އެހާލުގައިވެސް އެއާއިލާ އެކީ ޝަހީން އާއެކީ އުޅެން ބޭނުންވާތީއެވެ. ރޮމުން ގިސްލަމުން އިޙްސާން ބުނިހާތަނަކަށް ދަނީ އެނޫން ދުވަހެއް ދެއްކުމަށް އެދި ދުޢާ ކުރާހާލުގައެވެ. އަރީކާއަށް މިހުރިހާ މަންޒަރެއް ފެނުނު ނަމަވެސް އެއްވެސް ވާހަކައެއް ނުބުނުމަށް ނަޢުމާ އެދިފައިވާތީ އާއި ނިޝްވާ އޭނާގެ ވާހަކަތައް ޤަބޫލް ނުކުރާނެތީ ފެންނަ މަންޒަރުތައް ނުފެންނަކަމަށް ހަދާލައިގެން ހުންނަނީއެވެ.
*** ހަތަރުމަސް ފަސް ***
މިހާރު ނަޢުމާގެ ދިރިއުޅުމަށް އިތުރު ބަދަލެއް ވަނީ އައިސްފައެވެ. ކުރިން ނަޢުމާއަކީ ފިރިމީހާގެ އަޅާލުމާ ލޯބި ލިބުނު އަތްބެކެވެ. ފިރިމީހާ ފަޚުރުވެރިކަމާއެކު އެހެންމީހުންވެސް މިސާލަކަށް ނަގަންޖެހޭ ކަމަށް ބުނަމުން ދިޔަ އަންހެނެކެވެ. ޝަހީންއަށް ލެއްވި ނަސީބެއްކަމަށް ދެކުނު މީހެކެވެ. ނަމަވެސް މިއަދު ވަނީ އެކަންވެސް ބަދަލުވެފައެވެ. ނިޝްވާ އެކޭ އެއްގޮތަށް ޝަހީންވެސް ވަނީ އޭނާއަށް ނަފުރަތު ކުރަންފަށާފައެވެ. (ނުނިމޭ)
ފަނަރަވަނަބައިގެ ތެރެއިން:-
“..ކާން ވީނުން..” ނަޢުމާ އެހިއެވެ. ޝަހީން އޮތީ ނަޢުމާއަށް ފުރަގަސްވާ ގޮތަށެވެ. ނަޢުމާ އިނީ ދެފައިވައްކޮށްގެން އެނދުމަތީ އިށީނދެގެންނެވެ.
“..ނުކާނަން..” ޝަހީން ފަރުވާކުޑަގޮތަކަށް ބުންޏެވެ.
“..ޝަހީން އާދޭ އެނދަށް.. މަ އޮވެދާނަން ތިރީގަ..މީ ޝަހީންގެ ގެޔެއްނުން..” އިރުކޮޅަ މަޑުމަޑުން އިނުމަށްފަހު ނަޢުމާ ބުންޏެވެ. ޝަހީން ފުއްމާގެން ތެދުވިއެވެ. އަދި އެނދުމައްޗަށް އަރާ ނަޢުމާ އަނގަޔަށް ފިތާލިއެވެ.
“..ބުނަން ރަނގަޅު ވާހަކައެއް.. މާ ރަނގަޅު މީހަކަށްވާން އުޅޭނެކަމެއްނެތް..ކަލެޔަކަށް ދުވަހަކުވެސް މަ ހިތެއްހެވެއްނުވާނެ.. ދެނެއް..” ނަޢުމާ އެނދުމައްޗަށް ވައްޓާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.





މަށަށް ހީވަނީ ނައުމާގެ އެނެމީ އަކީ ނައުމާގެ ގާތް މީހެންހެން.އެނީވޭ ވާހަކަ ވ ވ ވ ރީތި
ހެހެހެ.. ފާތުން ތޭންކް ޔޫ.. ނަޢުމާގެ އެނެމީ އަކީ އިޙްސާންއެއްނުން..
ކީއްވެ ލަހުން އަޕްކުރަނީ އެސްފިޔަައަށް
މިހާރު ފަނަރަ ވަނަ ބައިވެސް އަރާމަގުން ކިއިއްޖެ……
ސޮރީ ފޯ ލޭޓް..
ވވވވވވ ސަޅި…. ފެށިގެން ނިމެންދެން ނޭވާ ހިފަހްޓާލައިގެން މި އިންނަނީ……..
ތޭންކް ޔޫ ނަފާ