އިތުބާރު
މުޅިން އައު ދުވަހަކަށް މަރުހަބާ ކިޔަމުން, އިރު ދުނިޔެ މައްޗަށް ފައުޅުވިއެވެ. އެނދުމަތީގައި ނިދާ ހެދުން ލައިގެން ފޯން ކުޅެން އޮތް ލަޔާ އޮތީ އޭނާގެ އަމިއްލަ ދުނިޔޭގައެވެ. އިރު އިރު ކޮޅާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލައެވެ. މޫނަ ގެންނަ ހަރަކާތް ތަކުން އެއިނީ ވަރަށް އުފާވެފައިކަން ދޭހަވެއެވެ. އަތުގަ އޮތީވެސް އެންމެ ފަހުގެ އައިފޯން އެކެވެ.
” ދަރިފުޅާ! އަދިވެސް ނިދަނީތަ! ލަޔާ! ތެދުވެބަލަ” ޝަރީފާ ދޮރުގާ ތަޅަންފެށީ ނިކަން ބާރަށެވެ. ފޯނަ ގެއްލި ހުސްވެފައިން ލަޔާ ދިޔައީ ސިއްސާގެންނެވެ. މޫނު ކުނިކޮށްލަމުން ތެދުވެގެން ގޮސް ދޮރުހުޅުވާލިއެވެ. މަންމަ ފެންނަން ނެތުމުން ދެކޮނޑު އަރުވާލަމުން ލަޔާ ކޮޓަރީގެ ދޮރު ޖަހައި ލިއެވެ. ފާހަނަޔަށް ވަދެ ފެންވަރާގެން ރީތިވެގެން ލަޔާ ސައިބޯން ބަދިގެޔަށް ވަންއިރު މަންމަ ކަރާ ކޮޅެއް ކޮށަން އިނެއެވެ.
ލަޔާ އަކީ އުމުރުން އެންމެ 16 އަހަރުގެ ކުއްޖެކެވެ. ޢޯލެވެލް ހެދުމަށް ތައްޔާރުވަމުން ދާއިރު ލަޔާ ކިޔަވަން މަސައްކަތެއް ކުރާތަނެއް އުޅުމަކުން ނެއް ނުފެނެއެވެ. ގެންގުޅޭ ފޯނަށް ދެވިހިފާފައިވުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ. ކުރިން ލަޔާ އަކީ އަޙްލާގު ރަނގަޅު ކިޔެވުމަށް މޮޅު ކުއްޖެކެވެ. ނަމަވެސް މިހާރު ޝައިހާގެ އުޅުން ބަދަލުވެފައިވަަކަން މައިންބަފައިންނަށް ފާހަގަ ނުކުރެވެނީ ދިރިއުޅުން ހުންނަ ގޮތުން, އުޅެންޖެހޭލެއް ބުރަކަމުން ކަމަށް ވެސް ވެދާނެވެ. ގިނަ ވަގުތު އެ މީހުން ހޭދަކުރަނީ ވަޒީފާގައެވެ.
ލަޔާގެ ކަމަކީ އަބަދު ފޯނާއި ކުޅުމެވެ. ވައިފައި ރޯޓަރެއް ހުރުމުން އިންޓަނެޓް ބޭނުންކުރެވެއެވެ. ވައިބަރ އާއި މެސެންޖާ ބޭނުންކުރެއެވެ. އިންސްޓަގްރާމާއި އެފްބީގައިވެސް އަމިއްލަ އެކައުންޓެއް ހުރެއެވެ. ފެންނަހާ މީހަކަށް ފޮލޯ ކުރެއެވެ. އަންނަހާ ފްރެންޑް ރިކުއެސްޓްްތައް އެކްސެޕްޓް ކޮށްލަނީ ކާކުތޯ ބެލުމެއް ނެތިއެވެ. މީހުންނަށް ރިކުއެސްޓުތައް ފޮނުވާލަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ.
ރޭގަނޑުގެ ވަގުތެވެ. ނިދަން އަރާ އޮށޯވެގެން އޮވެ ލަޔާ ފޯނު ބަލާލާނަމޭ ހިތާ ލޮކް ކޯޑް ޖެހިމަށްފަހު ފޯނު ހުޅުވާލިއެވެ. ވައިފައި އޮންކޮށްލުމާއެކު ފުލުފުލުން ނޮޓިފިކޭޝަންތައް ސްކްރީނަށް އަރަމުން ދިޔައެވެ. ފަހަރަކު އެއްޗެއް ބަލަމުން ދަނިކޮަށް އެންމެ ފަހުން ލޮލުގައި އަޅައިގަތީ އެފްބީއިން މީހަކު “ހައި” ޖަހާފައި އިންދައެވެ. ޕްރޮފައިލްގައި އިނީ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާގެ ފޮޓޯއެކެވެ. އައިޑީ ހާވާލުމުން އެއަކުން މާކަބޮޑު އެއްޗެއް އެނގޭކަށް ނެތެވެ. ހަމައެކަނި އެނގުނީ އެއީ 17 އަހަރުގެ މީހެއްކަމާއި ނަމަކީ ނާއިލް އަލީކަމެވެ. އެމީހާ އޮންލައިންގައި އިންތަން ފެނުމުން ލަޔާވެސް “ހައި” ޖަހައިލިއެވެ. މާކަ ގިނައިރު ތަކެއް ނުވެ ނާއިލްވެސް މެސެޖް ކުރިއެވެ. ދެމީހުންވެސް ވާހަކަ ދައްކަން ފެށީ އެހާ ހިސާބުންނެވެ. ލަޔާގެ ހުރިހާ ވާހަކަތަކެއް ނާއިލް އާއި ހިއްސާކުރެއެވެ. ދެމީހުންގެ ދެމެދުގައި އެކުވެރި ކަމުގެ ގުޅުމެއް އުފެދިގެން ދިޔައެވެ.އަދި ނުވިތާކަށް ލަޔާގެ އެކި އެކި ފޮޓޯތައްވެސް އޭނާއަށް ފޮނުވައެވެ. ނަމަވެސް ނާއިލްގެ އެއްވެސް ފޮޓޯއެއް ލަޔާއަކަށް ނުފެނެއެވެ. ހުންނަގޮތެއްވެސް ނޭނގެއެވެ. އެ ނުދަންނަ މީހާއަށް ލަޔާ ވަރަށް ބޮޑަށް އިތުބާރު ކުރެވުނެވެ.
އޭގެ ދެ ހަފްތާއެއް ފަހުން ނާއިލް ބައްދަލުކުރަން އެދުނެވެ. ލަޔާގެ ހިތް އުފަލުން ނަށައިގަތެވެ. ރޭގަނޑު 8 ޖެހިއިރު ގޭ ދޮރުމަތީގައި ހުރެވުނީ ނާއިލް އަންނާނެކަމަށް ބުނެފައިވާ ގަޑި ކަމަށްވާތީއެވެ. އިރުއިރުކޮޅާ ގެއާ ވީފަރާތަށް ލޯ އުކަމުން ދިޔައީ ގޭގެ މީހަކަށް ފެނިދާނެތީ ހިތް ބިރުގަނެފައި ވީވަރުންނެވެ. ކުއްލިއަކަށް ކުރިމަތީގައި ޖެހިގެން ހުރި ގޯތީ އާދަމްބެ ގެ ފާރިޝް ހުރިތަން ފެނުމުން ހަޅޭލަވައިނުގަނެވުނީ ކިރިޔާއެވެ. ފާރިޝް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ނާއިލްގެ ނަމުގައި ލަޔާއަށް މެސެޖުކުރަނީ ފާރިޝް ކަމާއި، ފާރިޝް ލަޔާ ދެކެ ލޯބިވާކަމަށް ވެސް ބުންޏެވެ. ފާރިޝްގެ ދެ ދަރިން ތިބޭއިރު ފާރިޝް އިދެގެން އުޅެނީ ލަޔާގެ މަންމަ ގެ ހަމަ އެކަނި ކޮއްކޮ ޝެރީން އާއެވެ. ފާރިޝް އާ ރައްޓެހި ވުމަށް އެދުނެވެ. އަދި ރައްޓެހި ނުވާނަމަ ފާރިޝް ބުނާވަރަށް ރުފިޔާ ދިނުމަށް އެދުނެވެ. އެއްވެސް މީހެއް ކައިރީ އެވާހަކަ ބުނެފިނަމަ ފޮޓޯތަކާއި މެސެޖުތައް ލީކުކޮށްލާނެކަމަށް ބުނެ ބިރުދައްކައި އިންޒާރު ދިނެވެ.
” ނުވާނެ އެހެނެއް.” ލަޔާ ރޮވުނެވެ.
އޭގެ ފަހުން ލަޔާއަށް ފާރިޝްގެ ފަރާތުން އެކި އެކި އުނދަގޫތައް ކުރިމަތިވިއެވެ. ބުނާ ކޮންމެ ކަމެއް ކުރަން ޖެހުނީ އިތުރު އެހެން ގޮތެއް ނެތިގެންނެވެ. ގިނަ ފަހަރު ފާރިޝް ބުނާނީ ފައިސާ ދިނުމަށެވެ. ގޭ މީހުން ރައްކާކޮށްފައިވާ ފައިސާތަކާއި އެހެނިހެން އެއްޗެހި ދީ ހަދައެވެ. އެކަމުގެ ސަބަބުން ގޭގަ ޒުވާބުތައް ކުރުން ގިނަވިއެވެ. މިހެން އުޅޭތާ މަސްދުވަސް ވެއްޖެއެވެ. މައިންބަފައިންނާއި އެ ވާހަކަ ހިއްސާކުރަން ލަޔާ ޖެހިލުންވިއެވެ. އެހެނީ ފާރިޝް އަކީ ދައްތަގެ ފިރިމީހާއަށް ވީމެވެ. މީހުންގެ ތެރޭގައި ރަނގަޅު މީހަކަށްވެގެން އުޅޭ ނުބައިމީހުންވެސް އުޅޭ ކަމަށް ލަޔާ ގަބޫލުކުރިއެވެ. ގޮސް ފާރިޝްގެ ގަޔަށް ވަޅި ހަރާލަފާނަމޭވެސް ލަޔާގެ ހިތަށް އަރަނީ މަދުން ނަކުން ނޫނެވެ. އެންމެ ފަހުން ލަޔާ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. ނުދަންނަ މީހަކަށް މެސެޖާއި ފޮޓޯތަކާއި އެއްޗެހި ފޮނުވުނީމައެވެ. ބާރަކަށް އަތަށް ވަޅި ހަރާލެވުނީ އެކަހަލަ އެއްޗެހި ހިތަށް އެރުމުންނެވެ. އިސާހިތަކު އަތުން ލޭ ވެރެން ފެށިއެވެ. މޮޔައަކުހެން ޝައިހާ އަތަށް ބަލަންހުރެފައި އަނެއްކާވެސް ވަޅި ހަރާލީ އަދި ހިތްފުރޭވަރު ނުވުމުންނެވެ. ލޭތައް ފެނި ބޯ އަނބުރައިގެން ގޮސް ތަޅުންގަނޑު މައްޗަށް ބާރަށް ޖެހުނެވެ.
ހޭއެރިއިރު އޮތީ ސިއްޚީ މަރުކަޒު ތެރޭގައެވެ. އަތުގައި ބެންޑޭޖްތަކެއް އަޅާފައިވީ ނަމަވެސް އަތަށް ތަދުވެއެވެ. ލޯ ހުޅުވާލެމާއެކު އެންމެން އައިސް ސުވާލު ކުރަން ފެށިއެވެ. ބޮލަށް ނުކުޅަދާނަ ވީވަރުން ލަޔާ ރޮއިގަނެފައި ހުރިހާ ވާހަކައެއް ކިޔާދިނެވެ. އެންމެ ފަހުން ފާރިޝްއަށް ހައްޤު އަދަބު ލިބުނެވެ. މައިންބަފައިންގެ މިންނެތް މަސައްކަތާއެކުގައެވެ. ލަޔާގެ ހިތަށް ތަސައްލީއެއް ލިބުނަސް ދެން ދުވަހަކުވެސް ފެންނަހާ މީހަކަށް އިތުބާރެއް ނުކުރާނެއެވެ. ރަނގަޅު ކުއްޖަކަށްވެ އިސްލާހުވާން ލަޔާގެ ހިތުގައި ޢަޒުމް ކަނޑައެޅިއެވެ.
* މިއީ އަޅުގަނޑު ވާހަކަ . ކޮމަށް ލިޔެފައި ވާހަކަ އެކެވެ. މި ވާހަކައިގާ ކުށް ހުރުން އެކަށީގެންވެއެވެ.
