ޤަބޫލްކުރަންދަތި ހަޤީޤަތް..؟؟؟ ބާރަވަނަބައި
“..ތީ ކޮންކަހަލަ ސަމާސާއެއް..ކިހިނެއް ވެގެންތަ ތިއުޅެނީ…” ނަޢުމާ ނިޝްވާގެ އެޢަމަލުފެނިފައި ބިރުގަތް ނަމަވެސް ވާހަކަ ދެއްކުނީ ބާރަށެވެ. އޭނާއަށް ފެންނަމުން އެދާކަންތައް ޤަބޫލްކުރަންވެސް ދަތިވިއެވެ.
“….މީ ތިކަހަލަ ގޮތެއް ފޮތެއްނެތް މުޑުދާރު އަންހެނުންނަށް އޮތް ހައްޤު އަދަބު..” ނިޝްވާ ނަޢުމާއަށް އިތުރު އެއްޗެއް ބުނާކަށް ފުރުޞަތެއްވެސް ނުދިނެވެ. ދިޔަ ބާރުމިނުގަ ދިޔަގޮތަށް ގޮސް ނަޢުމާގެ ބަނޑަށް ވަޅިކޮށްޕާލިއެވެ.
ސިހިފައި ނިޝްވާއަށް ހޭލެވުނެވެ. މީހާ އޮތީ ދާހިތްލާފޯވެފައެވެ. މަޑުމަޑުން ދޮންތައަށް ގޮވާލެވުނެވެ. ހަމަ އެސިކުންތުގައި ފެނުނީ ހުވަފެނެއްކަން އެނގުމުން މޭމަތީ އަތް އަޅާ ހަމަޖެހުމުގެ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. ހުވަފެނަކަށް ވީކަން ނަސީބެކޭ ހިތަށް އެރިއެވެ. އޭނާ ނަޢުމާދެކެ ހިތްހަމަނުޖެހި ރުޅިއައިނަމަވެސް އެކަހަލަ ފާފައަކަށް އަރައިގަންނަ ބޭނުމެއް ނުވެއެވެ. އެއްގޮތަކަށްވެސް ދޮންތައަށް އަނިޔާއެއް ދޭކަށް ބޭނުމެއް ނުވެއެވެ. ހިތުގެ ކޮންމެސް ހިސާބެއްގައި އަދިވެސް ލޯބި އެކުލެވިފައި ވާކަހަލައެވެ. އެހިތުގަ އަދިވެސް ރިހުމެއް އެކުލެވިގެން ވަނީ އެހެންވެއެވެ.
***********
މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތެވެ. އޭޑީކޭ ހޮސްޕިޓަލަށް ދިޔުމަށްޓަކައި މަޖީދީމަގުން ހިނގަމުން ދިޔަ އިޙްސާން ގޯޅި އަކަށް ވަނީ އެ ހޫނަށް ކެތް ނުވެގެންނެވެ. މިހާ ވަނީ ދާހިތްލާ ފޯވެފައެވެ. ލައިގެން ހުރި ހުދުކުލައިގެ ޓީޝާޓް ހުރީ ބުރިކަށިމަތިން ގައިގާ ތަތްލާފައެވެ. ނިތްކުރި މަތިންނާއި ކަނދުރާއިން ދާތިކިތައް އޮހެމުން ދިޔައެވެ. މަޖީދީމަގުން ހިނގާފައި ދިޔުމަށްވުރެ ގޯޅިން ހިނގާފައި ދިޔުމުން ހޫނު މަޑުވާނެތީ އޭނާ ބޭނުންވީ އެގޯޅިން ލާފައި ދިޔުމަށެވެ. އިޙްސާން ދެއަތުން ގަޔަށް ވިހެލަމުން ކުރިޔަށް ހިނގައިގަތެވެ. ހަމައެޔާއެކު ކުރިޔަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައީ ކުރިމަތިން ފެނުނު ދެމީހެއްގެ ސަބަބުންނެވެ. އެމީހުންނާ އިޙްސާންއާ ދެމެދު ގާތްގަނޑަކަށް 40 ފޫޓްގެ ދުރުމިނެއްހުއްޓެވެ. އެގޯޅީގައި އެދެމީހުންނާ އިޙްސާން ފިޔަވައި އިތުރުމީހަކު ނެތެވެ. އެދެމީހުންގެ ބޮލެކޭ ކުޅަނދުރު ހަތަޔެކޭ އެއްގޮތް އިރު ލައިގެން ހުރި ޖީންސްގެ ކައްގަނޑު އޮތީ ކަކުލާހަމާގައެވެ. ކަރުގަޔާ އަތުގައި އެއްޗެހި އަޅާ ފުރާފައިވާއިރު އެތަނުން އެކަކުގެ އަތުގައި ވަޅިއެއްވެސް އޮތެވެ. އިޙްސާންގެ ކަޅި ހުއްޓިފައިވަނީ އެމީހާ އަތުގައި އޮތް އެވަޅިއަށެވެ. އެމީހުން ހިނގަމުން އައީ އިޙްސާންއާ ދިމާލަށެވެ. އިޙްސާން އެނބުރި އައިކޮޅަށް ހިނގައިގަތީ އެހެން ދިޔުމުން ނަފްސަށް ލިބޭ ގެއްލުން ބޮޑުވެދާނެކަމަށް ވިސްނުމުންނެވެ.
އިޙްސާން މިދުނިޔެމަތިން އެއްޗެއް ފެނިގެން ޖެހިލުންވާ އެކައްޗަކީ ވަޅިއެވެ. ދެން އެގޮތަށް ޕާޓޭ ހެދިފަ އުޅޭ މީހުންނެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެވެ. މީގެ ހަތަރުމަހެއްހާ ދުވަސް ކުރިން އޭނާގެ ކަޒިން ކޮއްކޮއެއް މިދުނިޔެއިން ނެތި ދިޔަގޮތް އަދިވެސް އިއްޔެ ވީ ކަމެއްހެން އޭނާ ހަނދާނުގައި އެބަހުއްޓެވެ. ކޮއްކޮ މިދުނިޔެއާ ވަކިވާން ޖެހުނީ ޕާޓޭއެއްގެ ރަހުމްކުޑަ ހަމަލާތަކެއްގެ ޝިކާރައަކަށް ވެގެންނެވެ. އަދި ހުރިހާކަމެއް ހިނގާ ދިޔައީވެސް އޭނާގެ ލޯ ކުރިމަތީގައެވެ. އެމީހުން ފެނުމުން ޖެހިލުންވެ ބިރުގަތީ އެހެންވެއެވެ. އެ ހަނދާންތައް އާވުމުންނެވެ.
“..އޭ ބުރޯ ބުރޯ.. މަޑުކޮށްލަބަ…” އިޙްސާން ހިތްބާރަށް ތެޅެންފެށިއެވެ. ކުރީގެ ހާދިޘާ ތަކުރާރުވެގެން ދަނީބާއޭ ހިތަށްއެރިއެވެ. ނަމަވެސް އޭނާ ފިޔަފަޅުތަކަށް ހުއްޓުމެއް ނުގެނެސް އަވަސް އަވަހަށް ފިޔަވަޅު އަޅަމުން ދިޔައެވެ. މަޖީދީ މަގަށް ނުކުމެ ހެންވޭރާ ވީކޮޅަށް މިސްރާބުޖެހިއެވެ. ބައެއް ފަހަރުން ފަހަތުން އެމީހުން އަންނަހެންވެސް ހީވެޔެވެ. އޭނަޔާ އަރާ ހަމަކުރާހެންވެސް ހީވެޔެވެ. ބިރުން ހުރީމަ ހީވާ ހީވުމަކަށްވެސް ވެދާނެއެވެ. އިޙްސާން އަޅަމުން ދިޔަ ފިޔަވަޅުތަކަށް ކުއްލި ހުއްޓުމެއް އައީ ފަހަތުން މީހަކު އޭނާ ކޮނޑުގައި ހިފެހެއްޓުމުންނެވެ. ބޭއިޚްތިޔާރުގައި ދެލޯ ބޮޑު ކޮށްލެވުނެވެ.
“..ދުވެފަ ކޮންތާކަށްތަ ތި ދަނީ؟.. ގަޔަށް ރެވެނީތަ؟…” އިވިގެން ދިޔައީ ޝަހީންގެ އަޑެވެ. އިޙްސާން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލިއެވެ.
“..ހެހެހެ…ޖޮގިން އެއްގަތަ؟ މިއޮއް ހޫނު ގަދަ ގަޑީގަވެސް..” ޝަހީން ހިނިގަނޑެއް ޖަހާލަމުން އަނެއްކާވެސް ދިމާކޮށްލިއެވެ. އިޙްސާން އެމީހުން ފެނޭތޯ ފަހަތް ބަލާލިއެވެ. އެއިން އެކަކުވެސް ފެންނާކަށް ނެތެވެ. އޭރު ޝަހީން ހުރީ އިޙްސާން އާ އެއްހަމައެއްގައެވެ. އޭނާ ހުރީ ހެވިފައެވެ. ކައިރީގައި އިޝާންވެސް ހުއްޓެވެ. އިޙްސާން އެއްވެސް ޖަވާބެއް ނުދީ ހީލިއެވެ. ތިން މީހުން އެކީ ހިނގައި ގަތެވެ.
“.ކޮންތާކަށް ހޭ ތި ދަނީ..އަވަސް ހިންޏެއް ހެން..” ޝަހީން ކުރި ސުވާލުގެ ޖަވާބު ނުލިބުމުން އަނެއްކާވެސް އެހިއެވެ.
“..މިދަނީ ތިގެޔަށް..” އިޙްސާން ދިމާވި ކަންތަކުގެ ސަބަބުން އޭޑީކޭއަށް އައި އައުމެއްކަންވެސް ހަނދާންނެތުނެވެ. “..އަވަހަށް ދެވޭނީ ބާރަށް ހިނގީމަ ދޯ؟ ..”
“..ކަލޭ ތިއުޅެނީ މަށަށް އޮޅުވާލަންތަ؟..ހެހެހެ..” ޝަހީން ސުވާލުކުރީ ހުރިހާކަމެއް އެނގިހުރެއެވެ. “…އިޝާން ބުނަން މީ ހަމަ އަންހެނެއް.. މިގޮލާ ދުވެފަ އެދަނީ ދެންމެ އަހަރުމެންނަށް ފެނުނެއްނުން ދެ ޕާޓޭ އެދެމީހުން ފެނިގެން..މަށަށް ހަމަ ޔަޤީން..ހިތުން ގައްޑާވެފަ އުޅުނަސް މީ ވަރަށްބޮޑު ފިނޑިއެއް.. ހެހެހެ..” ޝަހީން މަޖާވެފައި ވާހަކަ ދެއްކި ގޮތުން އިޝާންއަށްވެސް ހެވުނެވެ. އިޙްސާން ޝަހީން އާ ދިމާލަށް ބަލާލިއެވެ.
“..ކަލޭ މެނަށްވެސް މަށަށް ދިމާވި ކަހަލަ ކަމެއް ދިމާވީމާ ވިސްނޭނީ..” އިޙްސާން އެކަމާ ދެކޮޅު ހަދާކަށް ނޫޅުނެވެ. އޭނާ ވާހަކަ ދެއްކިއިރު އަޑުގައި ސީރިއަސްކަން ހުއްޓެވެ. އެކަން ޝަހީންއަށްވެސް ފާހަގަވިއެވެ.
“..ބުރޯ އެމަޖަލޭ..” ޝަހީން ކުޑަކޮށް ސީރިއަސްވެލިއެވެ. “..ތެދެއް އިޝާން މީނަގެ ކޮއްކޮ އެއްގެ މީނަ ކުރިމަތީ ވަޅިން ޒަހަމްކޮށް މަރާލާފަ ވަނީ.. ކީއްވެގެންކަން އެނގޭތަ؟ ފެގެއް ދޭށޭ ބުނީމަ ނުލިބޭނޭ ބުނެގެން..މިހިރީ ދެން މިޒަމާނުގަ ކަންތައްތައް ހުންނަގޮތް.. އޭގެ ފަހުން އެބިރުވެރިކަން ނުފިލާގެން އެއުޅެނީ.. އެކަހަލަ ގުރޫޕްތައް އުޅޭ މަގަގުން ނުވެސް ހިނގާނެ.. ވަޅިއެއް އޮތިއްޔާ އަމުދުން ކައިރިނުވާނެ.. މަ ބުނެފިން މީނަ ކައިރީ އެހެން ނަހަދާށޭ.. ކެރިގެން ކުރިމަތި ލާށޭ.. ބިރު ކެނޑޭނެޔޭ.. އިޝާން ބުނެބަލަ ދޮގެއްތަ މިބުނީ.. ”
“..ތެދު ވާހަކައެއް.. ތިހެން އުޅެން ހަދައިގެން ތިކަންތައް ނަފްސާނީ ބޮޑު ބައްޔަކަށްވެސް ވެދާނެ..” އިޝާން ޝަހީން އާ އެއްބައިވެލިއެވެ.
“..ބައްޔަކަށް ވާކަށް ނެތް ވެއްޖެ.. މިހާރުވެސް އެއިން މީހަކު ވަޅިއެއް ހިފައިގެން ހުއްޓާ ފެންނައިރަށް ހާސްވެ އޮއްދާ ހިއްލާނެ.. އެއިން މީހަކު ވަޅި ދިއްކޮށްލާފަ ބުނެބަ ލައިގެން ހުރި ބޮކްސާ ދޭށޭ.. ވަގުތުން ދޭނެ..” ޝަހީން ހެވިފައި ހުރެ ބުންޏެވެ. ޝަހީން އެހެން ބުނުމުން އިޙްސާން އަށް ހެވުނެވެ. އިޝާން ހޭން ނުކެރިގެން އަޑިޔަށް ހިންދާލީއެވެ.
“..ދެން ތިވާހަކައެއް ނޫނޭ..” ކޮއްކޮ މަތިން މާބޮޑަށް ހަނދާންވާތީ އިޙްސާން އެ މަޢުލޫއަށް އިތުރަށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. “..ކަލޭމެން ކޮންތާކުންތަ ތި އަންނަނީ..”
“..މަ މިސްކިތުން ފައިބެގެން އަންނަނިކޮށް މަގުމަތިން މިސޮރު ފެނިގެން ގެޔަށް ކާން މިގެންދަނީ.. ގޭ ކުއްޖެއް ވިޔަ ދޯ؟ ގެންދަންވާނުން..ކިޔަވާ ނިމުންފަހުން މި ސޮރު ވަގުފަތްވެސް ފަޅާފި ވިއްޔާ..” އިޝާން އެއްވެސް އެއްޗެއް ނުބުނެ ހީލީއެވެ. އޭރު ސޯސަންމަގާ އަރާހަމަވަނީއެވެ. އިޙްސާންއަށް އޭޑީކޭ ހޮސްޕިޓަލް ފެނުމުން ހެންވޭރަށް އައި ބޭނުން ހަނދާންވީ އެވަގުތުއެވެ.
“..އޭ މި ޖެހުނު ކަމެއްގެ ސަބަބުން ހަނދާންވެސް ނެތިފައޭ މިހުންނަނީ.. އަސްލު މިކޮޅަށް މިއައީ ހޮސްޕިޓަލަށް މީހަކަށް ލޭ ދޭންވެގެން..” އިޙްސާން މިހާރު ހުރީ ވަރަށް ހަމަޖެހިފައެވެ.
“..ސާބަސް ކަލެޔަށް..” ޝަހީން އިޙްސާން ކޮނޑުގައި ޖަހާލިއެވެ. “..ނަސީބެއްނުން ހަނދާންވިކަންވެސް.. އެހެންވީމަ ތިކަން ނިންމާލާފަ އާދޭ ގެޔަށް އަހަރުމެން މަޑުކުރާނަން..އޯކޭ..”
“..ޔާ އޯކޭ..” އިޙްސާން އޭޑީކޭއާ ދިމާލަށް މިސްރާބުޖެހިއެވެ. އިޝާން އާއި ޝަހީން ގެޔަށް ދިޔުމަށް ހިނގައިގަތެވެ. ހިނގަމުން ދިޔައިރު އިޝާން ހިތަށް އަރަމުން ދިޔައެވެ. އިޙްސާން ވާހަކަ ދެއްކުމުގައި ހިތްހެޔޮކަން އެބަހުއްޓެވެ. ފެންނަފެނުމަށް އިނޮސެންޓް ކަމަށް ދައްކައެވެ. ޝަހީން އާ ދެމީހުން ދެމެދުގައިވެސް އޮތީ ގާތްގުޅުމެކެވެ. އެކަކަށް އަނެކަކުގެ ވާހަކަތައް އެނގެއެވެ. ހީ ސަމާސާކޮށް ސަކަރާތް ޖަހާ ހަދައެވެ. ދެން އެކުވެރިޔާގެ އަންހެނުން ޖަހާގަންނަން އުޅެނީ ކީއްވެ ހެއްޔެވެ؟ ދެންހުރީ ދޮންތައެވެ. ވަފާތެރި ފިރިއަކު ލިބުނީމަވެސް އެހެން ފިރިހެނުން ފަހަތުން ދުވަނީ ކީއްވެ ހެއްޔެވެ؟ ޝަޙީން އަށް އެކަންތައް އެނގުމުން އޭނާއަށް އެކަންތައް ޤަބޫލްކުރަން އުނދަގޫ ވާނެކަން ޔަޤީނެވެ. ޚުދު އިޝާންއަށް ވެސް ޤަބޫލްކުރަން އުނދަގުލެވެ. އެހެނަސް އެއީ ޤަބޫލްކުރަން ދަތި ހަޤީޤަތެކެވެ.
“..އަހަ މަގު އޮޅިގެންތަ މިގެޔަށް މި އައީ..” ޝަހީންގެ ފަހަތުން ގެޔަށް ވަން އިޝާން ފެނުމުން ނަޢުމާ ބުންޏެވެ. ފެންނަ ފެނުމަށް ނަޢުމާ ހުންނަނީ ވަރަށް ހަމަޖެހިފައެވެ. މޫނު މަތިން އުފާވެރިކަން ފެނެއެވެ. އޭނާގެ ހަޤީޤަތް ނޭގޭ މީހަކަށް އޭނާއަށް ބަލާފަ ހިތާމަ ކުރާ ހެނެއް ހިޔެއް ނުވާނެއެވެ. އެއީ އޭނާގެ ކުޅަދާނަކަމެވެ. ސިނކުޑީގައި ކިތަށްމެ ބޮޑު ތޫފާނެއް އެކުލެވިފައިވިޔަސް ހިތުގައި ރިހުންތައް އެކުލެވިފައިވިޔަސް އޭނާގެ މޫނު މަތިން އެހެންމީހުންނަށް ދައްކަނީ އުފާވެރިކަމެވެ.
“..މަގު އޮޅޭނެތަ.. މަގު އޮޅުވާލާގެން ގެނެސްފަ އެހުރީ..” ޝަހީން މިހެން ބުނުމުން ތިން މީހުން އެކީ ހޭން ފެށިއެވެ. ޝަހީން އާއި އިޝާން ގޮސް ސޯފާގައި އިށީނެވެ.
“..އަދި އިށީނީތަ.. ދެމީހުން ކާން އަންނަން ވީނުން..” ކާން ތައްޔާރުކޮށްލަމުން ނަޢުމާ ބުންޏެވެ.
“..އިއްސެ އެބަ އާދޭ.. އޭނަ އައިމަ ފަށާނީ..” އިޙްސާންގެ ނަން ބުނުމުން ނަޢުމާގެ މޫނުމަތި ބަނަވެގެން ދިޔައެވެ.
ހަމީހުން އެކީ މެންދުރު ކެއުމަށް އިންސާފުކުރަމުން ދިޔައެވެ. އެއްފަރާތުގައި ތިބީ އިޝާން އާއި ނިޝްވާ އާއި އަރީކާއެވެ. އަނެއް ފަރާތުގައި އިޙްސާން އާއި ޝަހީން އާއި ނަޢުމާއެވެ. އެއްމެން އެއްސުފުރާ މައްޗަށްއަރާ ކެއުމަށް އިންސާފުކުރުން އެއީ ޝަހީން ބޭނުންވިގޮތެވެ. ނިޝްވާވެސް އިޝާން ގޮވާފައި ކާން އައުމަށް ބުނުމުން އައީ އެވެ. އޭނާ އެތާ އިނީ އިންނަހިތަކުން ނޫނެވެ. ކުރިމަތީ އިން ނަޢުމާ އާއި އިޙްސާން ފެންނަ ކޮންމެ ފަހަރަކު ފޫހިކަން އިތުރުވަމުން ދިޔައެވެ. ދެން އިނީ ނަޢުމާއެވެ. އޭނާވެސް އެތާ އިނީ އެނޫން ގޮތެއް ނެތީމައެވެ. އޭނާ މޫނުމަތީގައިވާ ބަނަކަން މާޔޫސްކަން ދެނެގަންނަ އެނގެނީ އަރީކާއަށާ އިޙްސާންއަށް އެކަންޏެވެ. އެހެން އެންމެނަށް އޭނާ ފެންނަނީ ވަރަށް ހަމަޖެހިފައި އިންދައެވެ. މެންދުރު ކެއުމަށް ހުރީ ފުރައިޑް ރައިސް ހަދާލާފައެވެ. އެއްމެން ދިޔައީ ކެއުމަށް އިންސާފުކުރަމުން އެކި އެކި ވާހަކަ ދައްކަމުންނެވެ.
“..އޭ އިއްސޭ މަ މިހުންނަނީ އަދި ހަނދާންނެތިފައޭ.. ޗުއްޓީ ހަމަ ޖެހޭނެ ވަރަށް އަވަހަށް.. އިއްސެއަށް ދެވޭނެތަ؟..” ޝަހީން ދުރު ހަނދާނެއް ކުރަމުން އެހިއެވެ.
“..ކޮންތާކަށް..” އިޙްސާންއަށް ޝަހީން ދައްކާ ވާހަކައެއް ނޭގުނެވެ.
“..މަބުނީ މެއްނުން ޗުއްޓީ ނަގައިގެން ނަޢުގެ ރަށަށް ދާ ވާހަކަ..” ޝަހީން ހަނދާންކޮށްދިނެވެ.
“..އާން އެވާހަކަ ދޯ.. މަށަށް..”
“..ޝަހީން ދެން މިފަހަރު ރަށަށް ނުދާނީ ދޯ.. ކުޑަ މީހާ ސުކޫލު ދުވަސްވަރެއްނުން..އަދި އަލަށް މިވެއްދީވެސް.. މިއުމުރުގަ ފަރުވާކުޑަކޮށްލާފިޔާ ކަމަކު ނުދާނެ..” ނަޢުމާ އިޙްސާންގެ ވާހަކަ މެދު ކަނޑާލަމުން ބުންޏެވެ. އޭނާ ބޭނުންވީ އިޙްސާން ދާކަމުގައި ވާނަމަ އެދަތުރު ކެންސަލްކޮށްލާށެވެ.
“..ޝަހީން މަވެސް ބުނަން މި އުޅެނީ މަށަށް ދެވެންނެތްވާހަކަ..” އިޙްސާން އޭނާ ވާހަކަ ފުރިހަމަކޮށްލިއެވެ. އޭނާ މޫނުމަތީ ދުވެލީ މަލާމާތުގެ ހިނިތުން ވުމެކެވެ. ނަޢުމާ އާއި އިޙްސާން އެހެންބުނުމުން ރަށަށް ނުދާ ގޮތަށް ޝަހީން ނިންމިއެވެ. ނަޢުމާއަށް ދެން އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އެޅުނު ޅަ އެއްޗެއްގެ ސަބަބުން ނެވެ. ނިޝްވާ އިނީ އެމީހުންގެ ކުޅިވަރުފެނި އަތުން ގޮނޑީގައި ހިފައި ބާރުކޮށްލައިގެންނެވެ. އޭނާއަށް ވިސްނުން ގޮތުގައި އިޙްސާންއަށް ނުދެވޭތީ ނަޢުމާ ރަށަށް ދާން ބޭނުން ނުވީއެވެ. ނިޝްވާ އަތުގައި އިޝާން ހިފާލިއެވެ. ދެމީހުން ދެމީހުނަށް ބަލާލިއެވެ. އިޝާން ހަމަޖެހޭށޭ ބުނާ ކަހަލަގޮތަކަށް ލޮލުން އިޝާރާތްކޮށްލިއެވެ.
“..ޝަހީން ކޮން އިރަކުން ޑިއުޓީ އޮތީ ދެން..” ކައި ނިމިގެން އަތް ދޮންނަމުން ދިޔަ އިޙްސާން އަހާލިއެވެ.
“..މި އަދު އޮފް.. ދެން ދާންޖެހޭނީ މާދަމާރޭ 8 އަށް..” ޝަހީންވެސް ގޮނޑިން ތެދުވިއެވެ.
“..އެހެން ވީމާ މާދަމާ ރެޔަށް ރެޑީވާންވީ..” ނުލަފާ ހިނިތުން ވުމަކާއެކު އިޙްސާން ބުންޏެވެ. ޝަހީންއަށް އޭނާ އެބުނި އެއްޗެއް ނުވިސްނުނަސް ނަޢުމާއަށް ވިސްނުނެވެ. ނަޢުމާއަށް އިޙްސާންއާ ދިމާލަށް ބަލާލެވުނީ އެހެންވެއެވެ. ނިޝްވާއަށް އިތުރަށް އެތާ އިންނާނެ ހިތްވަރެއް ނުލިބުނެވެ. ކުއްލިއަކަށް ތެދުވެ އަތް ދޮވެލާގެން ގޮސް ކޮޓަރިއަށް ވަނެވެ.
އިޝާން ނިޝްވާ ކޮޓަރިއަށް ވަން އިރު ނިޝްވާ އިނީ އެނދުމަތީގައެވެ. ދެއަތުން އެނދުމަތީ ބެޑްޝީޓާ ގޮދަޑި އާއެކީ ބާރަށް ހިފަހައްޓައިގެންނެވެ. ރުޅި އައިސް ރަތްވެފައެވެ.
“..ނިޝް ޕްލީޒް..” އިޝާން ގޮސް ނިޝްވާ ކައިރީ އިށީނެވެ.
“..ދެން މަ ކިހިނެއްތަ ހަދަންވީ..” ނިޝްވާ އިޝާން އާ ދިމާލަށް ބަލާލަމުން އެނދުން ތެދުވިއެވެ. އެ ލޮލުގައި އަދަމުންދިޔަ އަލިފާން ގަނޑު އިޝާންއަށް ފެނުނެވެ. “..އިޝާން އަށް ފެނިއްޖެއްނުން އެމީހުންގެ ކުޅި ގަނޑު..އޭނާއަށް ނުދެވޭތީ އަނެކަކު ބޭނުމެއްނުވި ރަށަކަށް ދާކަށްވެސް.. ދެން އެތިބެނީ ފުރުޞަތެއް ނުލިބިފަ..ދޮންތަބޭ ޑިއުޓީއަށް ދާނެ އިރަކަށް ބަލަބަލާ..ހުއް..ލަދުނުގަންނަކަން..”
“..ނިޝް..ހަމަޖެހިބަލަ..” އިޝާން ނިޝްވާ ދެކޮނޑުގައި ހިފައި އޭނާއާ ދިމާލަށް އަނބުރާލިއެވެ. “..ތިގޮތަށް އެކަހަލަ މަންޒަރުތައް ފެނުނީމަ އެކަމަށް ފިލުމަށްވުރެ ރަނގަޅުވާނީ އެކަމަށް ކުރިމަތި ލިއްޔާ.. ރުޅިއަޔަސް އެހެންމީހުން ތިބޭ ތަންތާ ރުޅި ކޮންޓްރޯލްކޮށްބަލަ..”
“..ކިހިނެއްތަ ހުރިހާކަމެއް އެނގޭއިރުވެސް ހެވިފަ ހުންނާނީ..އިޝާން އަކަށް ނޭގޭނެ އަހަންނަށް ވާގޮތެއް.. އޭނަ ފެނުނަސް ރުޅިއާދެވޭ ނަފްރަތުވެސް ކުރެވޭ..ބިރުވެސް ގަނޭ..” ރުޅިއައިސްފައި ހުރި ނިޝްވާގެ ލޮލަށް ކަރުނަ ޖަމާވާންފެށިއެވެ. “..އިޝާންއަށް އެނގޭތަ ރޭގަވެސް ހުވަފެނުގަ އަހަންނަށް ފެންނަނީ ރުޅި ކޮންޓްރޯލް އިން ނެއްޓިގެންގޮސް ދޮންތައަށް ހަމަލަދޭތަން.. އަހަރެން ބިރު ގަނޭ އެކަހަލަ ކަމެއް ވެދާނެތީވެސް..”
“..ނިޝް އައި އޭމް ޝުއަރ ނިޝް އެކަހަލަކަމެއް ނުކުރާނެ..” އިޝާންގެ ދެއަތުން ނިޝްވާ މޫނުގައި ހިފަހައްޓާލިއެވެ. “..ރުޅިއައިސްގެން އެއްޗެއް ބުނެވުނަސް ނިޝް ދޮންތައަކަށް ގެއްލުމެއް ނުދޭނެ.. ތިހިތުގެ ކޮންމެސް ހިސާބެއްގަ އަދިވެސް ދޮންތަގެ މައްޗަށް ލޯބި އެބައޮތް.. އެލޯބީގެ ސަބަބުން ދޮންތައަށް ގެއްލުމެއްލިބެން ބޭނުން ނުވަނީ..އެހެންވެ އެކަހަލަކަމެއް ވެދާނެތީ ކުރިމަތިލާނެ ހިތްވަރު ނުލިބިގެން ތިއުޅެނީ.. ނިޝް ޓްރަސްޓް މީ.. އައި ނޯ ޔޫ ކޭން ޑޫ ދިސް..” ނިޝްވާ ރޮމުން އިޝާންގައިގަ އޮޅުލާގަތެވެ. އިޝާން ލޯތްބާއެކު ބޮލުގައި ފިރުމާލިއެވެ.
ނިޝްވާއަށް އިޝާން ދެއްކި ވާހަކަތައް ޤަބޫލްކުރެވުނެވެ. އޭނާ ހިތުގެ ކޮންމެސް ހިސާބެއްގައި ލޯބި އެކުލެވިފައިވާކަން ޤަބޫލްކުރެވުނެވެ. އެހެންކަމުން އޭނާ އެކަމަށް ކުރިމަތިލުމަށް ނިންމިއެވެ. އެހެންކަމުން އޭނާ އިންތިޒާރުކުރަމުންދިޔައީ ނަޢުމާއާ އެކަނި ބައްދަލުވާނެ އިރަކަށެވެ. ނިޝްވާއަށް އެކަހަލަ ފުރުޞަތެއް ލިބުނީ ޖެހިގެން އައި ދުވަހުގެރެއެވެ.
“..ދޮންތާ..ކޮންތާކަށް.؟؟” ގެއިން ނުކުންނަން ދިޔަ ނަޢުމާއަށް ގޮވާލަމުން ނިޝްވާ ބުންޏެވެ. އޭނާ އިނީ ސިޓިންގ ރޫމް ސޯފާގައެވެ. ނިޝްވާ އެހެންއެހީ އޭނާއަށް ނަޢުމާ ދާން އުޅޭތަނެއް ނޭގިގެނެއް ނޫނެވެ. އެވާހަކަތައް ފެށުމަށް މަގެއް ކޮށުމުގެ ބޭނުމުގައެވެ.
“..މިދަނީ ލައިލާ އާއެކު ޝޮޕިންއަށް..” ނަޢުމާ ހިނިތުންވެފައި ބުންޏެވެ. ނަމަވެސް އެއީ އޭނާގެ ބޭރުފުށުން ދައްކާލި ހިނިތުންވުމެކެވެ. ނިޝްވާގެ މޫނުމަތިން ހިންހަމަނުޖެހުން ފާޅުވިއެވެ.
“..ހާދަވަރަކަށް ޝޮޕިންއަށް ދަނީ..”
“..އާނ.. ލައިލާ އެއްޗެހިތަކެއް ގަނެލަން ބޭނުންވެގެން..އަދިވެސް ގަނެ ނުނިމޭ..” ނަޢުމާ މިހެން ބުނެފައި ގެއިން ނުކުންނަން ހިނގައިގަތެވެ. ނަޢުމާ ހަދާ ދޮގުތައް އަޑުއަހާނެ ހިތްވަރެއް ނިޝްވާއަކަށް ނުލިބުނެވެ.
“..މިރޭ ކޮން ގެސްޓް ހައުސް އަކުތަ ޝޮޕިން ކޮށްލާނީ..” ނިޝްވާ ރުޅިއައިސްފައި ބުންޏެވެ. ނަޢުމާ ކުރިއަށް އަޅަ އަޅާހުރި ފިޔަވަޅުތައް ކުއްލިއަކަށް ހުއްޓުނެވެ. ހީވީ ދެފައި ޓައިލްސްމަތީ ތަތްލިހެންނެވެ. ދެލޯވެސް ބޮޑުވެގެންދިޔައީ ބޭއިޚްތިޔާރުގައެވެ. (ނުނިމޭ)
ތޭރަވަނަބައިގެ ތެރެއިން:-
“..ހޭ އެންޖެލް..މަޑުކޮށްބަލަ..” ފަހަތުން އައިސް އިމާދު ނަޢުމާ އާ އެއްވަރު ކުރިއެވެ. “..ކަމެއް ނެތްތަ؟..” ނަޢުމާ ހާސްވެގެން މަގަށް ކަޅި އުކަންފެށިއެވެ. އޭނާ ދަންނަ މީހެއް މަގުމަތިން ފެނޭތޯ ބަލަން ފެށިއެވެ.
“..ކޮން ކޮން ކަހަލަ ކަމެއް..” ނަޢުމާގެ ހާސްކަން ފޮރުވަމުން ބުނެލިއެވެ. އޭރުވެސް އޭނަ ދިޔައީ ހިނގަމުންނެވެ. އިމާދުވެސް ނަޢުމާއާ އެއްވަރަށް ހިނގޭތޯ މަސައްކަތްކުރަމުން ދިޔައެވެ.
“..މަޑުކޮށްބަލަ..” އިމާދު ނަޢުމާ އަތުގައި ހިފަހައްޓައި މަޑުކުރުވިއެވެ.
“..އިނގޭނުން މިބުނި އެއްޗެއް..” އިމާދު މަސްތީ ނަޒަރަކުން ނަޢުމާއަށް ބަލާލަމުން ބޮޑުވާ އިނގިލި ތިރީ ތުންފަތުގައި ކާތަލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.





ސަޅި.ޕްލީޒް އަވަހަށް ނެކްސްޓް ޕާޓް އަޕް ކޮށްދެއްޗޭ…..
ޔާ..ޓްރައި ކުރަން އެބަ…ތޭންކްސް
ވާއު ….. ހަމަ ހަބޭސް …… މިއުޅޭ އިޙްސާން ވެސް ހާދައޭ ހަޔާތް ކުޑަ އީ ދޯ ހެހެހެހެހެހެ…… ވެއިޓިންގް ފޯ ދި ނެކްސްޓް ޕާޓް ………
ތޭންކްސް :ޕީ