Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޢުމުރަށް އެކީ ….

Mochicutie Level 1
September 22, 2021 9 Mins Read
0 Comments

 

” މައިހާ ބޭނުންވަނީ މިނިވަން ވާކަށްނު …. އަހަރެން މައިހާ މިނިވަން ކޮށްފިން ” ފޮއްޓަށް އެއްޗިހި އަޅަމުން ދިޔައިރުވެސް މައިހާގެ ކަންފަތުގައި ހަރުލާފައިވަނީ ނަދީމްގެ އެޖުމްލައެވެ. އޭރުވެސް މައިހާ ހީވަނީ ދެންމެ ދެންމެއަކު ފަޅައިގެން ގޮސްދާނެހެންނެވެ.

އެކަމަކު މައިހާ ރުއިންގަނޑު ހިފަހައްޓައިގެން ހުރެ ފޮއްޓަށް އެއްޗިހި އަޅަމުން ގެންދިޔައެވެ.

އެންމެ ފަހުން މޭޒުމަތީ ބަހައްޓާފަ ހުރި ނަދީމްއާ މައިހާގެ ފޮޓޯ ލޯގަނޑުވެސް ފޮއްޓަށް ލިއެވެ.

” ނިމުނީތަ؟ … މިހާރު ފެރީ ނައްޓާލާ ގަޑި ޖެހެނީ އެހެރަގެން ” ނަދީމް ކޮޓަރިއަށް ވަދެ ބުނެލިއެވެ. މައިހާ ފޮށި ދަމާފައި ބޭރަށް ނެރުނެވެ. ނަދީމް މައިހާ ފޮށިން ދޫކޮށްލުމުން ފޮށި ހިފައިގެން ސިޑިން ފައިބަން ފެށިއެވެ. މައިހާވެސް ނަދީމްގެ ފަހަތުން ފައިބަން ފެށިއެވެ. އެވަގުތު މައިހާގެ ހަނދާނަށް އައީ މައިހާ އެންމެ ފުރަތަމަ އެގެއަށް އައި ދުވަހެވެ. އެދުވަހު މައިހާ އައީކީ އަނބުރާ ދާގޮތަކަށް ނޫނެވެ. އެކަމަކު އެންމެ ފަހުން ކަންތައް މިވީ ހީކުރި ގޮތާ މުޅިން އިދިކޮޅަށެވެ.

ބަސް ނައްޓާލުމާއެކު މައިހާ އެމީހުން ދިރިއުޅުނު އިމާރާތަށް ބަލާލިއެވެ. ދެން ފެންނާނެ ދުވަހެއްވެސް ނޭނގޭތީއެވެ. ބަހުގައި ދެމީހުން ތިބީ ޖެހިޖެހިގެން ހުރި ދެގޮނޑީގައެވެ. އެކަމަކު ކޮންމެ މީހަކުވެސް ބަލަނީ އަނެކަކުގެ ގައިގައި ހެދުމުގެ ތަންކޮޅެއް ވެސް ނުޖައްސާ ވޭތޯއެވެ. ދެމީހުން އެހާ ގާތުގައި ތިބިއިރުވެސް ހީވަނީ ބޮޑު ފާރެއް އެދެމެދަށް ހުރަސް އަޅާހެންނެވެ. އޭރު ގަޑިން މެންދަމު 12 ޖަހަނީއެވެ. ރޭގަނޑުގެ ތެތްފިނި ވައިރޯޅިތައް ބަހުގެ ކުޑަ ދޮރުން އައިސް މައިހާގެ ހަށިގަނޑުގައި ބީހެމުން ދިޔައެވެ. މައިހާ ހީކަރުވާ ގޮތްވިއެވެ. އެކަމަކު ކުރާނެ ކަމެއްނެތެވެ. މިއަދު ޖެހޭނީ ކެތްކޮށްލާށެވެ. މައިހާގެ ހަނދާނަށް އަންނަމުން ދިޔައީ އެމީހުންގެ ކައިވެނީގެ ކުރީކޮޅެވެ. ހުޅުމާލޭގެ އެރީތި ދޮންވެލި ތުނޑިއެވެ. ހަމަ މިކަހަލަ ތެތްފިނި ވައިރޯޅިއެވެ. ހަމަހިމޭންކަން ކަނޑުވަން މަސައްކުރަމުން ދާ ކުދިކުދި ރާޅުތަކެވެ. ރޭގަނޑުގެ ހަމަ މިގަޑިއެވެ. އެކަމަކު އޭރު ފިނިވެގެން ހީކަރުވައިގެން އުޅޭކަން ނުޖެހެއެވެ. އެފިނިކަމުން މައިހާ ޙިމާޔަތް ކޮށްދޭން ނަދީމް ހުއްޓެވެ. މިހާރުވެސް ނަދީމް އެބައިނެވެ. މައިހާއާ އެންމެ ގާތުގައެވެ. އެކަމަކު ފިނިވަނީތޯ އަހާވެސް ނުލައެވެ.

ބަސް ގޮސް ފެރީ ގިމަތަ ކައިރިއަށް ހުއްޓުމާއެކު އެންމެން ފޭބިއެވެ. ނަދީމް ޓިކެޓް ކައުންޓަރު ކައިރިއަށް ގޮސް ޓިކެޓް ނެގިއެވެ. އޭރު ފެރީ ނައްޓާލަން ގިމަތައިގެ ދޮރު ހުޅުވާލައިފިއެވެ. ނަދީމް މައިހާއަށް ވުރެ ކުރިން ފެރީއަށް އެރިއެވެ. މައިހާއަށް ހުރެވުނީ ނަދީމް އަތް ދިއްކުރާނެ ކަމަށެވެ. އެކަމަކު ފޮށި ހިފައިގެން އެދިޔަ ގޮތަށް ނަދީމް ދިޔައީއެވެ. މައިހާ ވެސް މަޑުމަޑުން ފެރީއަށް އެރިއެވެ. ނަދީމް ގޮސް އިށީނީ ފެރީގެ އެންމެ ފަހަތު ޝީޓުގައެވެ. މައިހާވެސް ގޮސް ނަދީމް ގާތުގައި އިށީނެވެ. އެންމެ ފަހު ވަގުތުވެސް ނަދީމްއާ ވީހާވެސް ގާތުގައި އިންނަން މައިހާ ބޭނުންވާތީއެވެ. ފެރީ ނައްޓާލުމާއެކު އަނެއްކާވެސް ރޭގަނޑުގެ ފިނިކަން މައިހާއަށް އިޙްސާސް ވާން ފެށިއެވެ. ނަދީމަށް އެކަން އެނގުނެވެ. އެހީއެއް ވެދެވޭނެ ނަމައޭ ނަދީމްގެ ހިތަށް އެރިއެވެ. އެކަމަކު މައިހާ ހިތްހަމަ ނުޖެހިދާނެތީ ނަދީމަކަށް ނުކެރުނެވެ. ދަތުރުގެ މެދަކާ ހިސާބަށް ދިޔަތަނާ މައިހާގެ ފޯނު ރިންގުވާން ފެށިއެވެ. ނަދީމަށް އެންމެ ރީތި ރާގުންނެވެ. ” ތިޔަރީތި މޫނު ލޯބިން އެދި އެދި ހޯދީމޭ ” މައިހާއަށް ނަދީމްގެ މޫނަށް ބަލާލެވުނެވެ. އޭރު ނަދީމްވެސް ހުރީ މައިހާގެ މޫނަށް ބަލާށެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވި ގޮތަށް ހުއްޓުން އަރާފަ ތިބެވުނީއެވެ. ފުނަދޫ ކައިރި ކުޑަކޮށް ގަދަކަމުން ކުއްލިއަކަށް ދޯނި އަރިއަޅާލިއެވެ. މައިހާއަށް ބޭއިޚްތިޔާރުގައި ނަދީމްގެ އަތުގައި ހިފާލެވުނެވެ. އަދި ވަރަށް އަވަހަށް އަތުން ދޫކޮށް ވެސް ލެވުނެވެ. އޭރުވެސް މައިހާގެ ފޯނު ރިންގުވަމުން ދިޔައެވެ.

” ސޮރީ ” މައިހާއަށް ބުނެވުނެވެ.

” ފޯނު ” ނަދީމް ބުނެލިއެވެ.

” ހަލޯ ” މައިހާ ފޯނު ނެގިއެވެ.

” މީނީ ފެރީގަ …. ފަހުން ގުޅާލާނަން ” މައިހާގެ އެޖުމްލައިން ނަދީމަށް އަނެއްކާވެސް ޝައްކުވިއެވެ. މައިހާއަށް އެހެން މީހަކު ފެނުނީ ބާއޭ ހިތަށް އެރިއެވެ. ނަދީމް ނިންމީ މައިހާ އެއްކޮށް ނަދީމް މަތިން ފޫހިވީ ކަމަށެވެ. ނަދީމަށް ހިތުން ރޮވުނެވެ. އެކަމަކު ބޭރުފުށުން ވަރަށް ދެރަ ނުވާކަން ދައްކައިގެން އިނީއެވެ. އެއީ ފިރިހެނުންގެ ވައްތަރެވެ. އެމީހުން ވެސް ދެރަވާނެއެވެ. އެކަމަކު އެކަން ބޭރަކަށް ނުދައްކާނެވެ. ހިތްފަޅައިގެން މަރުވާއިރުވެސް ތިމާވަރުގެ ހިތްވަރު ގަދަ މީހެއް ނެތްކަމަށް ހެދިގެން އުޅޭނެއެވެ.

ޓެކްސީ އައިސް މައިހާމެންގޭ ދޮރުމައްޗަށް މަޑުކޮއްލުމާއެކު މައިހާ ފައިބައިގެން ހިނގައިގަތެވެ. ނަދީމްވެސް މައިހާގެ ފަހަތުން އެތެރެއަށް ހިނގައިގަތެވެ. މައިހާ ގޭގެ ބެލް ޖަހާލުމަށްފަހު ދޮރު ހުޅުވަންދެން މަޑުކޮށްލިއެވެ. އިރުކޮޅަކުން މައިހާގެ ބޭބެ ނާޒިމް އައިސް ދޮރު ހުޅުވާލިއެވެ.

” އަނހާ ކޮއްކޮ .. މިއޮއް ދަންވަރު ” ނާޒިމް ސުވާލު ކޮއްލިއެވެ. މައިހާ އެއްވެސް އެއްޗެކޭ ނުބުނެ އެތެރެއަށް ވަނެވެ. ނަދީމް ވެސް މައިހާގެ ފޮށި ގޭތެރޭގައި ބެހެއްޓުމަށް ފަހު ނިކުމެގެން ހިނގައިގަތެވެ. ނާޒިމް ހުރީ ވާނުވާ ނޭނގިފައެވެ. ނަދީމްވެސް އެއްވެސް އެއްޗެކޭ ނުބުނީމައެވެ. މައިހާ އެދިޔަ ގޮތަށް ގޮސް ދެވަނަ ބުރިއަށް އަރާ ބެލްކަނީގައި މަޑުކޮށްލިއެވެ. ނަދީމާ ދިމާލަށް އެންމެ ފަހު ފަހަރަށް ބަލާލުމުގެ ނިޔަތުގައެވެ. ނަދީމް އިސްދަށަށް ޖަހައިގެން ގޮސް ޓެކްސީއަށް އެރިއެވެ. މައިހާއަށް އަތް ހިތްލާލެވުނެވެ. އަދި މަޑުމަޑުން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރީ ދޮރު ލެއްޕުނުކަން ނޭނގި މައިހާ ހިފަހައްޓައިގެން ހުރި ކަރުނަތައް އެރީތި ކޯތާފަތް ހުރަސް ކުރަން ފަށައިފިއެވެ. މައިހާ ބޭނުންވީ ހިތްފުރެންދެން ރޯލާށެވެ. އެކަމަކު ނާޒިމް އައިސް ދޮރުގައި ތަޅާވަރުން މައިހާ ދޮރުހުޅުވާލިއެވެ. އަދި ރޮމުން ނާޒިމްގެ ގައިގައި ބައްދާލިއެވެ.

” ކިހިނެއްވީތަ ކޮއްކޯ؟ ” ނާޒިމް ސުވާލު ކުރިއެވެ. އެކަމަކު ޖަވާބު ދޭނެހާ ހިތްވަރެއް މައިހާގެ ނެތެވެ.

” ދެން ނުރޮއި ހުއްޓާލާ … މިހާރު ދެން ނިދޭތޯ ބަލާ ” މައިހާ ޖަވާބެއް ނުދިނުމުން ނާޒިމް ބުނެލިއެވެ. އަދި މަޑު މަޑުން މައިހާ އެނދުގައި ބޭއްވުމަށް ފަހު، އެދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަރަށް އޯގާތެރިކަމާ އެކު ފޮހެލަދިނެވެ.

” ގުޑް ނައިޓް ” ނިދާބޮކި ދިއްލާލުމަށް ފަހު ނާޒިމް ނުކުންނަމުން ބުނެލިއެވެ. އެކަމަކު މައިހާއަކަށް ނިދޭ ގޮތެއް ނުވިއެވެ. ނަދީމް މަތިން ހަނދާން ވެފަ ހަމަ ރޮވެނީއެވެ.

ނަދީމްގެ ހާލަކީވެސް ހަމަ މިއެވެ. އެދެލޮލުން ކަރުނަ ނުފޭބިއަސް ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. އެސިކުނޑީގަ ވެސް ވަނީ މައިހާއެވެ. މައިހާގެ ހަނދާންތައް އޭނަ ހިތްދަތި ކުރުވަމުން ގެންދިޔައެވެ. މައިހާއަށް ނަދީމް ނުކޮށް ދެނީ ކޮން ކަމެއް ކަމެއް ނަދީމަކަށް ނޭނގެއެވެ. ނަދީމް ހުރިހާ ކަމެއް ވެސް ކުރަނީ މައިހާ އުފަލުގަ ބެހެއްޓުމުގެ ބޭނުމުގައެވެ. ނަދީމް ވެސް ގަބޫލު ކުރެއެވެ. ނަދީމަށް މައިހާއަށް ވަގުތު ދެވެނީ ވަރަށް މަދުންނެވެ. އެކަމަކު އެވަގުތު ނަދީމް ހޭދަކުރަނީ ސަކަރާތް ޖަހާ މަޖާ ކުރާކަށް ނޫނެވެ. މައިހާއާ ނަދީމްގެ ދިރިއުޅުން އުޖާލާ ކުރުމަށެވެ. މިދުވަސް އަންނަން އުޅޭ ކަމުގެ ކުޑަ ކުޑަ އިޝާރާތެއް ކުރިން ލިބުނު ނަމައޭ ވެސް ނަދީމްގެ ހިތަށް އަރަމުން ދިޔައެވެ. އެހެން ނަމަ އޮފީހުން ޗުއްޓީ ނަގައިގެންވެސް ނަދީމް މައިހާ ހިތްހަމަ ޖައްސަ ދިނީހެވެ. މައިހާއަށްޓަކާ ނަދީމްގެ މުޅި ދިރިއުޅުން ގުރުބާން ކުރަން ވެސް ނަދީމް ޖެހިލުމެއް ނުވެއެވެ. އެކަމަކު މައިހާ ވަކިވެގެން ދިޔައިރު ނަދީމް ހުންނަން ޖެހުނީ އެއްކަމެއް ވެސް ނުކުރެވިއެވެ. ނަދީމް ނިދޭތޯ ވަރަށް މަސައްކަތް ކުރަމުން ގެންދިޔައެވެ. އެކަމަކު ނަދީމްގެ ހަނދާނަށް އަންނަނީ އެރޭ މައިހާ ދެއްކި ވާހަކައެވެ.

” ބުނެބަލަ މިހާރު އަހަރެން މަތިން ފޫހިވީއޭ ” މައިހާ ބުންޏެވެ.

” ފޫއްސެއް ނުވޭ … ލޯބިވަނީ .. ކުރިއަށް ވުރެ މާބޮޑަށް މިހާރު ލޯބިވޭ ” ނަދީމް އައިސް މައިހާގެ އަތުގަ ހިފިއެވެ. މައިހާ އަތް ފޮޅުވާލިއެވެ. ރުޅިއައިއްސަ ހުރިވަރުން މައިހާއަށް ނަދީމް ދައްކާ އެއްވެސް ވާހަކަ އެއް ގަބޫލެއް ނުކުރެވެއެވެ.

” އަބަދު ބުނާނެ ލޯބިވެއޭ … އެކަމް ނަދީމަށް ދުވަހުގެ 42 ގަޑިއިރުން އެންމެ ސިކުންތެއް އަހަންނަށްޓާކާ ހުސްކުރެވޭތަ؟ ” މައިހާގެ ރުޅިގަނޑު އިތުރަށް ގަދަވަމުން ދިޔައެވެ.

” ލޯބީ … އަހަރެން މި މަސައްކަތް ކުރަނީ ހަމަ އަހަރުމެން ދެމީހުނަށްޓަކައެއް ނޫންތަ؟ ” ނަދީމް

މައިހާއަށް ވިސްނަދެވޭތޯ މަސައްކަތް ކުރިއެވެ.

” ކޮންމެހެން އަހަންނަށްޓަކާ މަސައްކަތް ކުރާނެ ކަމެއްނެތް … އަހަންނަށް ރަނގަޅީ އަހަރެން އަމިއްލަ ޙާލަށް ދޫކޮށްލިއްޔާ ” މައިހާގެ އެޖުމްލަ ނަދީމްގެ ހިތް ކަތިލައިފިއެވެ. އެދެމީހުންނަކީ ކުރިން ކިހާ އުފަލުގަ އުޅުނު ދެމީހުން ހެއްޔެވެ؟ ކާވެނީގެ ކުރީކޮޅު ދުވަހަކު ވެސް މައްސަލައެއް ނުޖެހެއެވެ. ދެމީހުން އެކީ ނުދާ ރެސްޓޯރެންޓެއް މާލޭގަ މަދުވާނެއެވެ. ” ރުޅި ” މިލަފްޒު ދުވަހަކުވެސް އެކެއްގެ އަނގައިން ވެސް ބޭރެއް ނުވެއެވެ. އަބަދުވެސް ތިބެން ޖެހެނީ އުފަލުންނެވެ.

މައިހާއަށް ހޭލެވުނީ ހެނދުނުގެ އަލިކަން ކޮޓަރިތެރޭ ރަސްކަން ކުރަން ފެށުމުންނެވެ. މައިހާ މަޑު މަޑުން ލޯ ހުޅުވާލިއެވެ. ރޮއެ ރޮއެ މީހާ ވަނީ އެއްކޮށް ވަރުބަލިވެފައެވެ. އެވަރުބަލިކަން ހޭލީމާވެސް އިހްސާސް ވަމުން ދިޔައެވެ. މައިހާއަށް އަވަސް އަވަހަށް ބަލާލެވުނީ ފޯނަށެވެ. ނަދީމް ގުޅާފަ އޮވެދާނޭ ހިތަށް އަރާފައެވެ. އިތުރަށް މާޔޫސްވެ އޮވެ މައިހާ މޭޒުމަތީ ފޯނު ބޭއްވިއެވެ.

” ކޮއްކޯ ” ނާޒިމް އައިސް ދޮރުގައި ޓަކި ޖަހަމުން ގޮވާލިއެވެ.

” ހޭލެވިއްޖެ ” މައިހާ ނިދި އަޑަކުން ބުނެލިއެވެ.

” އާދޭ ސައިބޯން ” ނާޒިމް ބުނެލިއެވެ. މައިހާގެ އާއިލާގެ ހުރި ހަމަ އެކަނި މީހަކީ ނާޒިމެވެ. މަންމައާ ބައްޕަވަނީ ނިޔާވެފައެވެ. މައިހާ ތައްޔާރުވެގެން ސައިބޯން ދިޔައެވެ. ބޭބެގެ ސުވާލުތައް އަމާޒުވާނެ ކަން ވެސް އެނގިހުރެއެވެ.

” ކިހިނެއްތަވީ ކޮއްކޮމެން ދެމީހުނަށް ؟ ” މައިހާ ގޮނޑީގައި ހަމަ ޖެހިލުމާއެކު ނާޒިމް ސުވާލު ކުރިއެވެ. މައިހާ އެއްވެސް އެއްޗެކޭ ނުބުނެ އިސްދަށަށް ޖަހާލިއެވެ.

” ދެމީހުން މައްސަލަ ޖެހުނީ ކީއްވެތަ؟ ” ނާޒިމް އެކި ގޮތްގޮތަށް ސުވާލު ކުރަމުން ގެންދިޔައެވެ. މައިހާ އިނީ ވާހަކަ ފަށާނެ ގޮތެއް ނޭގިފައެވެ. މައިހާ ގަބޫލު ކުރާގޮތުގައި އެކަމުގަ ކުށްވެރިވަނީ މައިހާއެވެ. މައިހާއަށް މާބޮޑަށް ރުޅި އާދެވުނީއެވެ. މައިހާ ކަންތައް ވީގޮތް ނާޒިމްއަށް ކިޔައިދިނެވެ.

” ކޮއްކޮ ނަދީމަށް ގުޅަންވީނު އެހެން ވީމަ … ގުޅާފަ މާފަށް އެދޭނީ ” ނާޒިމް ޚިޔާލެއް ދިނެވެ.

” ނޫން .. ނުކެރޭނެ … ނަދީމް ހުންނާނީ އަހަރެން ދެކެ ރުޅި އައިއްސަ … ހިއެއްނުވޭ އޭނަ މާފް ކުރާނެ ހެނެއްވެސް ” މައިހާ ބުނެލިއެވެ.

” ބޭބެ ގުޅަންތަ؟ ” ނާޒިމް އަނެއްކާވެސް ސުވާލު ކުރިއެވެ.

” ނޫން … އަހަރެން ދެން ނަދީމް ގާތަށް ދާކަށް ބޭނުމެއް ނޫން ” މައިހާ ހިތާ ދެކޮޅަށް ބުނެލިއެވެ.

ނަދީމް މިއަދު އޮފީހަކަށް ވެސް ނުދެއެވެ. ހެނދުނު ހޭލައްވާނެ މީހަކު ނެތީމައެވެ. ސައިހަދައިދޭނެ މީހެއް ވެސް ނެތެވެ. ގަމީސް ވެސް އޮތީ އިސްތިރި ނުކޮށެވެ. ގުޅޭނެ ޓައިއެއް ވެސް ނަދީމަކަށް ނޭނގެއެވެ. މުޅިގެ އެއްކޮށް އޮތީ ފަޅުވެފައެވެ. އެހެން ނޫނީ ހެނދުނު ލަވަ ޖަހާއަޑު ވެސް އިވޭނެއެވެ. މައިހާ ބަދިގޭގަ އުޅޭއިރު ލަވަ ޖަހާނެއެވެ. ނާޒިމް ބަދިގެއަށް ވަދެ ކާއެއްޗެއް ހެދޭތޯ އުޅުނެވެ. އެކަމަކު ބިސްގަނޑެއް އަޅާލުން ނޫން އެހެން ކަމެއް ނާޒިމަކަށް ނޭގުނެވެ. އެންމެ ކުޑަމިނުން ސައިތަށީގެ ފޮނިރަހަ ހެޔޮވަރު ކުރަން ވެސް ނޭގުނެވެ. އެޅުނު ބިސްގަނޑުގަ ރަހަޔަކުން ކުރެ ރަހައެއް ލަނީކީ ނޫނެވެ. ނަދީމަށް ހޮޑު ނުލެވުނީ ކިރިޔާއެވެ.

” އަހަންނަކަށް މައިހާއާ ވަކިންނެއް ނޫޅެވޭނެ … ހެޔޮނުވާނެ މައިހާ، އަދި އެއްފަހަރު އައިސްބަލަ … އަހަންނަށް އެކަނި އުޅޭކަށް ނޭނގެއޭ … މައިހާއާ ނުލާ އަހަރެން ފުރިހަމައެއް ވެސް ނުވާނެ .. އަހަރެން މިއުޅޭ ޙާލު އެނގޭނަމަ ޔަގީން މައިހާ ދެރަވާނެކަން … މައިހާ ބުނީމެއްނު ދުވަހަކު ވެސް ބަދިގެއަށް ވަދެ ކަމެއް ކުރާކަށް އަހަންނަކަށް ނުޖައްސާނަމޭ … ދުވަހަކު ވެސް އަހަރެން ދެރަކޮށެއް ނުލާނަމޭވެސް … ދެން އަހަރެން އެކަނި ކޮށްފަ ތިދިޔައީ ކީއްވެތަ؟ … ތިނޫން އެހެން އެއްވެސް މީހެއް އަހަރެންގެ ނެތޭ ” ނަދީމް މައިހާގެ ފޮޓޮއަކަށް ބަލަން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.

” ތިހެން ދާން ބޭނުންވާއިރު އަހަރެން ގާތަށް އައީ ކީއްކުރަންތަ؟ ” ނަދީމް މޮޔައަކުހެން އިނދެ ފޮޓޮޔާ ސުވާލު ކުރަމުން ގެންދިޔައެވެ.

ދުވަސްތައް ފާއިތުވަމުން ގޮސް ހަފްތާއެއް ވީއިރު ދެމީހުންވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިއްޖެއެވެ. އެކަމަކު ނަދީމް ފެނުމުން ކޮންމެ މީހަކުވެސް ސުވާލެއް ކޮށްލައެވެ. ގަމީހުގެ ރޫނުފިލާ ހުންނާތީއެވެ. ތުނބުޅި ދިގުވެފަ ހުންނާތީއެވެ. މޫނުމަތީގެ އެއްވެސް އުޖާލާ ކަމެއް ނުހުންނާތީއެވެ. މިކަހަލަ ކޮންމެވެސް ކަމަކާ ބެހޭ ގޮތުންނެވެ. ނަދީމް އެއްވެސް މީހަކަށް ޖަވާބެއް ނުދެއެވެ. ދޭނެ ޖަވާބެއް ނުވެސް ނެތީއެވެ. އެންމެ ފަހުން އެސުވާލުތައް އުފެދުނީ މައިހާގެ ހިތުގައެވެ. ވަރި ސާބިތު ކުރަން ކޯޓަށް ދިޔަ ދުވަހުއެވެ. ނަދީމް ފެނުމުން މައިހާއަށް ވަކި ކުރަންވެސް ނޭގުނެވެ. މީހާ ހީވާނީ އާވާރާވެފަ ހުރި މީހެއް ހެންނެވެ.

” މައިހާ ކިހިނެއް؟ ” ނަދީމް މައިހާ ފެނުމުން ސުވާލު ކޮށްލިއެވެ. ލޯކަޅު އައިނެއް އަޅައިގެން ހުރުމުން ނަދީމްގެ ދެލޮލުގައިވާ ހިތާމަ މައިހާއަށް ވަނީ ފޮރުވިފައެވެ.

” މިހިރީ އަހަރެންގެ ހާލު ފެންނާކަށްނު ” އެހެން ބުނެފާނަމޭ މައިހާގެ ހިތަށް އެރިއެވެ.

” ނަދީމް މިހާރު ހާދަ ތަފާތޭ ” މައިހާ ބުނެލިއެވެ. ނަދީމް ހީލަމުން އެތެރެއަށް ވަދެގެން ހިނގައިގަތެވެ. އަވަގުތު ނަދީމް ހުއްޓުވަން ވެސް މައިހާގެ ހިތަށް އެރިއެވެ. އަދި އެއްފަހަރު ނަދީމްގެ މީހަކަށް ހަދައިދޭތޯ އާދޭސް ކުރަންވެސް ހިތަށް އެރިއެވެ. އެކަމަކު ނަދީމް ބޭނުން ނުވެދާނެތީ މައިހާއަށް ނުކެރުނީއެވެ. ކޯޓުން ނިކުމެގެން އައިސް ސައިކަލަށް އަރަމުން ދަނީއޭ ނަދީމް ބުނެލިއެވެ. ލިފްޓެއް ލިބިދާނެތޯ އަހާލާނަމޭވެސް މައިހާގެ ހިތަށް އެރިއެވެ.

” މައިހާ އަބަދުވެސް އުފަލުގަ އުޅެއްޗޭ ” ސައިކަލް ނައްޓާލަމުން ނަދީމް ބުނެލިއެވެ. މައިހާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ކުރިން މައިހާ ހީކުރީ ނަދީމް ސްޓައިލް ބަދަލު ކޮއްލީ ކަމަށެވެ. އެކަމަކު ނަދީމްގެ އެޖުމްލައިން ނަދީމް ދެރަވެފައި ހުރިކަން މައިހާއަށް އެނގުނެވެ.

އެދުވަހު ގެއަށް ގޮސް ނަދީމަށް ގުޅަން އެތަށް ފަހަރަކު މައިހާގެ ހިތަށް އެރިއެވެ. އެކަމަކު އެހާ ހިތްވަރެއް މައިހާގެ ނެތެވެ. އެހެން ކަމުން ހިތްހަމަ ޖައްސާލަން ރޯލަން ބޭނުން ވިއެވެ. ނާޒިމަށް އެކަން އެނގިގެން އެރޭ މައިހާ ގޮވައިގެން އައިސްކޮރީމް ބޯންދިޔައެވެ. އެކަމަކު މައިހާއަށް އެންމެ މީރު ޗޮކޮލެޓް އައިސްކޮރީމް ވެސް އެރޭ ނުބައެވެ. ތަށީގެ ތިންބައި ކުޅަ އެއްބައިވެސް ހުސް ނުވަނީސް ދެން ނުބޮވޭނޭ ބުންޏެވެ. ނާޒިމް މައިހާ އުފާކޮށްދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެކަމަކު އެހިތަކަށް އެއްވެސް ހަމަ ޖެހުމެއް ނުލިބެއެވެ. ގެއަށް ގޮސް ބެލްކަންޏަށް ނުކުމެ މައިހާ ވިސްނަން އިނެވެ. ނަދީމް މިހާރު ކީއްކުރާނީބާއޭ މައިހާގެ ހިތަށް އަރަމުން ދިޔައެވެ. ނަދީމް ވެސް ގޭގެ ބެލްކަންޏަށް ނުކުމެ މަތި ބަލަން އިނެވެ. ހަނދު ހީވަނީ އަލިގަދަ ބޮތްކެއް ހެންނެވެ. މުޅި ހިސާބަށް ހަނދުވަރު ދީފައެވެ. އުޑުމަތީގައި އެކަތި އަނެކެއްޗާ ސަލާންކުރަމުން މަދު ވިލާކޮޅެއް ދެކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. އެއިން ވިލާކޮޅަކާ ޙަވާލުކޮށް އެހިތުގެ އަޑު މައިހާއަށް އިއްވޭނެ ނަމައޭ ނަދީމްގެ ހިތަށް އެރިއެވެ. މައިހާވެސް އިނީ ހަނދަށް ބަލާށެވެ. އެއީ ހަމަ އެންމެ ފުރަތަމަ އެދެމީހުން ބައްދަލު ކުރިރޭ ވެސް ދީފަ އޮތް ހަނދުވަރެވެ. އެރޭ އެދެމީހުންވީ ހުރިހާ ވައުދެއް އެހަނދު ހެކިވާނެއެވެ. އެރޭގެ އުފާތަކުގައި އެންމެ ގާތުން ބައިވެރިވީ އެހަނދެވެ. މިރޭވެސް އެހަނދެވެ. އެދެމީހުންގެ ހިތާމަ ތަކުގައި އެއްވަރަކަށް ބައިވެރިވެއެވެ. އެއްވެސް ކޮޅަކަށް ބުރަނުވެ ހަމަ ހަމަ އަށެވެ. އެއްވެސް މީހަކު އެކަނި ކޮށެއް ނުލައެވެ.

 

” ދިޔަ މީހަކު ދިޔައީނު .. ދެން އެމީހެއްގެ ހަނދާނުގަ މީހާއެއްކޮށް ހަލާކުވެގެން ދާންވީކީ ކީއްކުރަންތަ؟ ” ނަދީމްގެ ރަހުމަތްތެރި ސައީދު ނަދީމަށް ވިސްނަދޭން މަސައްކަތް ކުރަމުން ދިޔައެވެ.

” ތިހެން ނުބުނޭ ސައީދު … އެއީ އަހަރެންގެ ދިރިއުޅުން … އެއީ އަހަރެންގެ ހިތް …. ކިހިނެއް އިންސާނަކު އޭނަގެ ހިތާނުލާ އުޅޭނީ ” ނަދީމް އެއަށްވުރެ މާބޮޑަށް މައިހާ ދެކެ ލޯބިވެއެވެ.

” އެކަމަކު ބަލާބަލަ ނަދީމް މިހާރު ޖަހާ ވައްތަރު … ތިހެން އާވާރާއެއް ހެން ހުރީމަ މައިހާ އެނބުރި އާދޭތަ ؟ ” ސައީދު އަނެއްކާވެސް ބުންޏެވެ.

” މައިހާ އަޔަސް ނަޔަސް މިހިތުގައި މައިހާ އަށް ދެވިފައިވާ މަގާމް އޮންނާނީ ހަމަ މައިހާއަށް … އެކަމަކު އަހަރެންގެ ހިތްބުނޭ އަދިވެސް މައިހާ އަންނާނޭ ” ނަދީމް އުއްމީދު ކަނޑާ ނުލައެވެ.

” ނާންނާނެ … އެއީ އަންހެނުންގެ ވައްތަރު … މައިހާވެސް އެއީ އަންހެނެއް ” ސައީދު މަލާމާތުގެ ރާގެއްގަ ބުނެލިއެވެ.

” ސައީދު ” ނަދީމަށް ވަރަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. މައިހާއަށް ބުރަބަހެއް ބުނާއަޑު އަހާކަށް ނަދީމަކަށް ކެތެއް ނުވާނެއެވެ. ނަދީމް ރުޅިއައިސްގެން އެދިޔަގޮތަށް ދިޔައީއެވެ.

” މިރޭ ހިނގާ ފިލްމަކަށް ދާން ” ނާޒިމް މައިހާއާ ސުވާލު ކޮށްލިއެވެ.

” ބޭބެ ދޭ އަހަރެން ގޭގަ މަޑުކޮށްލާނަން ” މައިހާ ބުނެލިއެވެ.

” ބޭބެ ދާނީ ކޮއްކޮ ދަންޏާ … އެހެންނޫނީ ބޭބެ ވެސް ނުދާންނަން … ކޮއްކޮ ގޮވައިގެން ދާން ވެގެންނޭ ބޭބެ މިއުޅެނީ … ކޮންމެހެން ބޭބެ މާ ފިލްމް ބަލާ ހިތްވެގެންނެއް ނޫނޭ ” ނާޒިމް ބުނެލިއެވެ. އެންމެފަހުން ނާޒިމް ހިތްހަމަ ނުޖެހިދާނެތީ މައިހާ ފިލްމަށް ދާން އެއްބަސްވިއެވެ. ފިލްމް ފެށުމާއެކު ވެސް މައިހާގެ ބޮލުގައި ރިހުމެއް އުފެދުނެވެ. އެކަމަކު މައިހާއަކީ ކުރިން ފިލްމަށް ވަރަށް ވަރު ހުންނަ މީހެކެވެ. ފިލްމުގެ ފުރަތަމަ ލަވަ އަންނަން ފެށުމުން މައިހާގެ ހިތަށް އަސަރު ކުރަން ފަށައިފިއެވެ. ހީވަނީ ހަމަ މައިހާއަށް ހަދާފައޮތް ލަވައެއް ހެންނެވެ.

” މިލޮލުގައި ވަނީ ކަލާއެވެ. މިނޭވައިގައި ވެސް ވަނީ ކަލާއެވެ. އަހަރެންގެ ހުވަފެނަކީވެސް ކަލާއެވެ. މިމޭގައި ތެޅެމުން މިދާ ހިތަކީ ކަލާގެ މިލްކެކެވެ. ” މައިހާގެ ލޮލުން ކަރުނަ ހިލުނެވެ.

” އަހަންނަކީ ޖިސްމުކަމުގައި، ކަލާއަކީ ފުރާނަކަމުގައި ވީ ހިނދު، ކަލާޔާ ނުލާ އަހަރެން ވާނީ ކޮންތާކު ހެއްޔެވެ؟ ކަލާގެ މަންޒިލަށް ދާ ރާސްތާއަށް އެޅޭ ކޮންމެ ހުރަހެއް ހިނދުކޮޅެއްގެ ތެރޭގައި އަހަރެން ދުރުކޮށްދޭނަމެވެ. ކަލާގެ ލޮލުން ވިދަމުން ތިދާ ކޮންމެ ކަރުނަތިއްކެއް ފޮހެދޭން އަހަރެން ހުންނާނަމެވެ. ތިހުރިހާ ހިތާމަ ތަކެއް ތިހަޔާތާ ވަކިކޮށްލާނަމެވެ. އަހަރެންގެ ލޯތްބަކީ ކޮބައިކަން ކަލާއަށް އެނގޭހެއްޔެވެ؟ އެއީ ހަމައެކަނި ކަލާ ދެކެ ލޯބިވުމުގެ އިހްސާސެވެ. މިހިތުގެ ތެޅުމުގައި އަބަދުވެސް ވަނީ ކަލާއަށް އެދުމެވެ. ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް އަހަރެން ވަމުން މިދާ މޮޔަކަން ކަލާއަށް އެނގޭ ހެއްޔެވެ؟ ” ލަވަ ނިމުނު އިރު މައިހާއަށް ރަނގަޅަށް ރޮވިއްޖެއެވެ. އެހީ ހަމަ މައިހާގެ ހިތުގެ އަޑެވެ. އެކަމަކު އެއަޑު ނަދީމަށް އިއްވާނެ ގޮތެއް މައިހާއަކަށް ނޭނގެއެވެ.

ފިލްމް ނިންމާފައި ގެއަށް އައި އިރު އުޑުމަތި ބަނަވެ ވިއްސާރަ ވާން އުޅޭ ކަހަލަ ކުލަވަރެއް ދައްކަން ފަށައިފިއެވެ. މައިހާމެނަށް ގެއަށް ވަދެވުނު ކަމެއް ނޭގެއެވެ. ބޯކޮށް ވެހެން ފަށައިފިއެވެ. މައިހާ ގޮސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ރަނގަޅަށް ރޯން ފެށިއެވެ. މައިހާގެ ހިތާމައިގައި މުޅި ދުނިޔެވެސް ބައިވެރިވެ ރޮނީއެވެ. މައިހާ ތެދުވެގެން ގޮސް ބެލްކަންޏަށް ނުކުތެވެ. ވާރޭގެ ހިމަތިކިތައް މައިހާގެ ގައިގައި ބީހެން ފެށުމުން ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް މައިހާއަށް އިޙްސާސްވާން ފެށިއެވެ. މައިހާ އެތާ ހުރެ އެއްކޮށް ތެމިއްޖެއެވެ. އޭރުވެސް އެދެލޮލުން ކަރުނަ ނުހިކެއެވެ. ވާރެއާ އެއްވަރަށް ލޮލުން ވެސް ކަރުނަ ފައިބަމުން ދިޔައެވެ. ހީވަނީ ވާދަޔަށް އުޅޭ ހެންނެވެ. މައިހާ ތުރުތުރު އަޅަން ފެށިއެވެ. އެކަމަކު ވެސް ހިޔާވާކަށް ބޭނުމެއް ނުވިއެވެ. ބޭނުންވަނީ އެފިނީގައި ނިމިގެން ދާށެވެ. މިއަނިޔާވެރި ދުނިޔޭގެ އަނިޔާތަކަށް އިތުރަށް ކެތްކުރާނެހާ ހިތްވަރެއް މައިހާގެ ނެތެވެ.

” ކޮއްކޯ ” ނާޒިމަށް އައިސް މައިހާގެ ކޮޓަރީ ދޮރުހުޅުވާލެވުނީ އެވަގުތުއެވެ.

” ހީކަރުވައިގެން ތުރު ތުރު އަޅާއިރުވެސް ހަމަ ވާރޭގަ ” ނާޒިމް މައިހާ އެތެރެއަށް ވެއްދިއެވެ. އޭރު މައިހާ ހުރީ ވަރަށް ގަދަޔަށް ހުންވެސް އައިއްސައެވެ. ނާޒިމް ވަރަށް އަވަހަށް މައިހާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ޑޮކްޓަރު ބެލުމަށް ފަހު މައިހާ އެޑްމިޓް ކުރިއެވެ. ނާޒިމް މައިހާގެ އެނދުކައިރީ އިށީދެ އިނދެ މައިހާގެ ނިތްކުރީގައި ފިރުމަމުން ގެންދިޔައެވެ. މައިހާ އޮތީ ނިދިފައެވެ. އެކަމަކު ދެބަ ދޭތެރެއިން ވެސް ކިޔަނީ ނަދީމްގެ ނަމެވެ. ނާޒިމް މައިހާގެ ފޯނުން ނަދީމަށް ގުޅާލިއެވެ. ފޯނު ރިންގުވާން ފެށުމުން ނަދީމަށް ގަބޫލެއް ވެސް ނުކުރެވުނެވެ. މައިހާ ގުޅާފާނެއޭ ނަދީމްގެ ހިތަށް ނުވެސް އަރައެވެ. ނަދީމް ވަރަށް އަވަހަށް ފޯނު ނެގިއެވެ.

” މީ ނާޒިމް … ކޮއްކޮ ހޮސްޕިޓަލުގަ އެޑްމިޓް ކޮއްފަ … ހޭލެވޭ އިރަށް ނަދީމަށް ގޮވަނީ ” ނާޒިމް ހުރިހާ އެއްޗެއް އެއްފަހަރާ ބުނެލިއެވެ.

” ކީކޭ ؟… ކޮން އިރަކު އެޑްމިޓް ކުރީ …. އަހަރެން މިދަނީ ” ނަދީމް ފޯނު ބޭއްވިއެވެ. އަދި ވަރަށް އަވަސް ކޮށްލައިގެން މަލެއަށް އައިސް ހޮސްޕިޓަލަށް ދިޔައެވެ. މައިހާ އޮތް ވޯޑާ ހިސާބަށް ގޮސް ނަދީމަށް ހުއްޓުން އެރިއެވެ.

” މައިހާ ހަމަ އަހަންނަށް ގޮވާފާނެބާއެވެ؟ އޭނަ އަހަރެން ދެކެ ރުޅި އަންނާނެ ކަންނޭގެއެވެ. ” ނަދީމްގެ ހިތަށް އެރިއެވެ.

” ވަރިހަމައެވެ. ބަލިވެ އުޅެންޏާ އަހަންނަށް ގޮވާލަން އާދެވިދާނެ ނޫން ހެއްޔެވެ؟ ” ނަދީމް ހިތާ ހިތާ ބުނެލިއެވެ. ނަދީމް މައިހާގެ އެނދު ކައިރިއަށް ދިޔަ އިރު ވެސް މައިހާ ނަދީމަށް ގޮވަނީއެވެ. އޭރުވެސް މައިހާގެ ދެލޯ އޮތީ މެރިފައެވެ. ނަދީމް ދިއުމުން ނާޒިމް ބޭރަށް ނުކުތެވެ. ނަދީމް މަޑު މަޑުން މައިހާގެ އަތް ނަގާ އޭނަގެ އަތުތެރެއަށް ލިއެވެ. އަދި އަނެއް އަތުން މައިހާގެ އަތުގައި ފިރުމާލިއެވެ. މައިހާ އަށް ލޯހުޅުވާލެވުނެވެ. ނަދީމްގެ ބީހިލުން މައިހާއަށް ރަނގަޅަށް އިޙްސާސްވިއެވެ. ނަދީމް މައިހާއާ ދިމާލަށް ހީލިއެވެ. މައިހާ މަޑުމަޑުން ތެދުވެ ނަދީމްގެ ގައިގައި ބައްދާލިއެވެ. ނަދީމް މަޑުމަޑުން މައިހާގެ ބުރަކަށީގައި ފިރުމާލިއެވެ. އަދި ވެސް ނަދީމަށް އެ ޙައްޤު އެބަ އޮތެވެ. ޢިއްދާގައި އިންނަ އަނބިމީހާ ރުޖޫޢަ ކުރުމަކީ، ބަހުން ވިޔަސް ޢަމަލުން ވިޔަސް، ފިރިމީހާގެ ޙައްޤެކެވެ.

 

” ސޮރީ ” މައިހާއަށް ބުނެވުނެވެ.

” ކީއްކުރަން އަހަރެން އެކަނި ކޮށްފަ ދިޔައީ ؟ ” ނަދީމްވެސް ކުރަން ފެށީ ޝަކުވާއެވެ. އޭރު ދެމީހުންގެ ލޮލުންވެސް ކަރުނަ ފައިބަމުން ދިޔައެވެ.

” އަހަރެން މާބޮޑަށް އެކަނިވި ” މައިހާ ބަލި އަޑަކުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

” އެކަނި ވާނެ ކަން އެނގޭއިރު ދިޔައީ ކީއްވެތަ؟ ” ނަދީމް ސުވާލު ކުރިއެވެ.

” ނަދީމް އަހަރެން އެކަނި ދާން ދޫކުރާނެ ކަން އެނގޭނަމަ ދާކަށް ނޫޅުނީމުހޭ ” މައިހާ ބުނެލިއެވެ.

” ސޮރީ ލޯބީ … ދެން ދުވަހަކުވެސް އެހެންނެއް ނުހަދާނަން ….ދެން ދިޔަކަ ނުވެސް ދޭނަން …. ދެން އުޅޭނީ އަބަދުވެސް އެކީ ” ނަދީމް މައިހާގެ ނިތްކުރީގައި ބޮސްދިނެވެ.

” މުޅި ޢުމުރަށް އެކީ ” ދެމީހުނަށް އެއްފަހަރާ ބުނެވުނެވެ

Share Article

Follow Me Written By

Mochicutie

Level 1

Other Articles

Previous

ވެމްޕަޔާ 8

Next

ހީވޭ ކަލާވާހެން-12

Next
September 23, 2021

ހީވޭ ކަލާވާހެން-12

Previews
September 22, 2021

ވެމްޕަޔާ 8



All Right Reserved!