” މިރާން ޕްލީޒް ހަމަޖެހިލާފަ އަހަރެން މިދައްކާ ވާހަކަ އަޑުއަހާފާނަންތަ؟…” އީޝާ ލޯމަރާލާފައި ހިންދިރުވާލަމުން ބުނެލިއެވެ. ” މަސައްކަތުން ބޭރު އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނޫން…އަޑުއިވިއްޖެ…” މިރާން ގޮސް ނުހަނު އަވަހަށް ގޮނޑީގައި އިށީންނެވެ. އެވަގުތު މޭޒުމަތީ އޮތް ފޯނު ރިންގުވާން ފެށިއެވެ. މިރާން ފޯނުނެގުމުން އެކޮޅުން ވާހަކަ ދެއްކީ ޒާލިފެވެ. “މިރާން.. މިރޫމަށް ޖައްސާލަބަ…އެބައިން ކުރިއަށް އިން ޕްރެޖެކްޓަކާއި ގުޅޭގޮތުން މަޝްވަރާކޮށްލަން..” ޒާލިފް ބުނެލިއެވެ. ” އާން..މިދަނީ..” މިރާން ފޯނުބޭއްވިއެވެ. މިރާން އެ ކޮޓަރިން އަވަސްވަަހަށް ނުކުމެގެން ދިޔައީ ކުށްވެރިޔަކަށް ބަލާނެ ނަޒަރަކުން އީޝާއަށް ބަލާލާފައެވެ. އީޝާއަށް ބޮލުގައި އަތްޖައްސާލަމުން ގޮނޑީގައި އިށީންދެވުނެވެ. އެވަގުތު އޭނާގެ ފޯނަށް ޖުނާނު ގުޅަމުން ދިޔައެވެ. ” ނުގުޅާށޭ ބުނީމަވެސް މީނަވެސް ހަމަ ކޮންމެ ދުވަހަކު އެބަ ގުޅައޭ….ބޯފަޅައިގެން ދާވަރުވޭ…” އީޝާ ފޯނު ކަނޑާލަމުން ޝަކުވާކުރިއެވެ.
***
އޮފީސް ނިމުނީ އީޝާ އުންމީދު ކުރިގޮތަކަށް ނޫނެވެ. މަސައްކަތް ތައް އެހާ ގިނަ އިރު މިރާން އޮފީހަށް ވަނުމުން އިތުރަށް ބޮލުގައި ރިއްސާލިއެވެ. ގެއަށްގޮސް އަޞްރު ނަމާދުކޮށްލައިގެން ނީލަމަށް ގުޅައިލީ އަޝްބާއާ ވާހަކަ ދެއްކޭނެ ގޮތެއް ވޭތޯއެވެ. ނަމެވެސް އޭރު މިރާންވީ އަޝްބާ ގޮވައިގެން ވާހަކަ ދެއްކުމުގެ ތެރެޕީއެއް ނަގަން ކުލާހަކަށް ގޮސްފައިކަމުގައި ނީލަމް ބުންޏެވެ. މާޔޫސްވެގެން ފޯނު ބޭވުމަށްފަހު ބަނޑަށް ކާއެއްޗެއް ގަދަކަމުން ލައިގެން އައިސް ލެޕްޓޮޕް ހުޅުވާލައިގެން އޮފީހުގައި ނުނިމި ހުރި ބައެއް މަސައްކަތްތައް ގޭގައި އޭނާ ނިންމާލިއެވެ.

” ސަނީ އެންޓަރޕްރައިސް” އައީ އިޔާދާއި ޖުނައިދު ހިއްސާވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުންޏެކެވެ. ތަކެތީގެ ވިޔަފާރިއަށް ވުރެ ބޮޑަށް އެކުންފުނި މަޝްހޫރީ ރިޒޯޓާއި ގެސްޓްހައުސް ހިންގުމުގެ ދާއިރާއިންނެވެ. މިހާރު ކުންފުނީގެ ސީއީއޯ އަކީ އިޔާދެވެ. އޭނާގެ ދަށުން ޖުނައިދާއި އޭނާގެ ދެ ފިރހެން ދަރިން ކަމުގައިވާ ޖައިލަމާއި ޖުނާން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ޖައިލަމަކީ ކުންފުނީގެ ގިނަ މަސައްކަތްތައް ހިންގާ ޤާބިލު ޑިރެކްޓަރެކެވެ. އުމުރުން ތިރީސް ފަހަކަށް ވުރެ މައްޗަށް ގޮސްފައިވާ އިރު މޫނުމަތިން ހަރުދަނާ ކަމާއި ރިވެތި ޝަޚްސިއްޔަތެއް ފެންނަން ހުރެއެވެ. ޅައުމުރުގައި ޖަހައިލި ކައިވެނީގެ ގޮށް ދާދި އަވަހަށް މޮހިގެން ދިޔަގޮތަށް އަދި އިތުރު ފުރުސަތެއް އެފަދަ ގުޅުމަކަށް ނުދެއެވެ.

****
ރޭގަނޑު ކެއުމަށް އިންސާފު ކުރެވެމުން ދިޔައިރު އިޔާދުގެ އެދުމަށް އީޝާވެސް ކެއުމުގައި ބައިވެރިވިއެވެ. ކިތައްމެ ނުރުހުންވެފައި އިންނަމަވެސް ބައްޕަ އެދުމަަށް ކޮޅުފައިން ޖަހާކަށް އޭނާއަކަށް މިފަހަރު ނުކެރުނެވެ. ” ދަރިފުޅާ!..ބައްޕަމެން ގޮތެއް ނިންމައިފިން…” އިޔާދު ބުނެލިއެވެ. އީޝާއާއި ޔާސްމީނު އެކަކު އަނެކަކަށް ބަލަން ތިބީ އިޔާދު ކިޔަން މިއުޅެނީ ކީކޭބާއޭ ހިތަށް އަރާ ހާލުގައެވެ. ” ކޮންބައެއް؟…ކޮންގޮތެއް؟…” އީޝާ ބަތްތަށި ހާވަން އިނދެ އަހާލިއެވެ. ” ބައްޕައާ ޖުނެއިދު…އެރަށަށް ގޮސް އީޝާ މިރާން ގާތުން ވަރިވޭ…އަދި ބައްޕަ ބޭނުން މީހަކާއި ކައިވެނި ކުރޭ…ބައްޕަ ނޫޅެން ޖުނާން ދަރިފުޅުގެ ޙަޔާތަށް ގެންނާކަށް…މިފަހަރު ދަރިފުޅު ހިތްހަމަ ނުޖެހޭ މީހެއް ދަރިފުޅުގެ ޙަޔާތަަށް ނުގެންނާނަން…އޭ ދަރިފުޅަށް ވަރަށް ކަމުދާނެ ޒުވާނެއް.. ” އިޔާދު އިއްވި ބަސްތަކުން އީޝާއަށް ނިތްކުރީ ހިފަހައްޓާލެވުނެވެ.
” ކީއްވެތަ ތިހާވަރަކުން ވަކިމީހަކާއި އަހަރެންގެ ކައިވެނި ނުކިރެވިގެން ތިމީހުން ތި އުޅެނީ…ހެޔޮނުވާނެ…އަހަރެން ހާލަށް އަހަރެން ދޫކޮށްލަ ފާނަންތަ؟…” އީޝާ ދެރަވިވަރުން އަޑު ތުރުތުރުލިއެވެ.
” މިއީ ދަރިފުޅުގެ ހަޔާތަށް އުފާވެރިކަން ގެނެސް ދޭނެ ބައިވެރިއެއް…ގާބިލު ޒުވާނެއް…ޖުނައިދުގެ ޖައިލަމް…” އިޔާދު އިއްވާލި ނަމުން އީޝާއަށް ހައިރާންވެގެން ބަލަން ހުރެވުނެވެ. ” ބައްބަ އޮންނާނީ ބުނެފަ ޖައިލަމް ކައިރީ ދަރިފުޅާ ބައްދަލުކޮށް އެވާހަކަ ދައްކާށޭ…އެ މިރާން ކައިރިން ވަރިވޭ…އިނަފް އިޒް އިނަފް..ކިހާވަރަކަށްތަ ބައްޕަ އިންސަލްޓް ކުރަންތަ ތިއުޅެނީ؟..އެ އޮފީހުން ކެނޑިގެން ބައްޕަގެ ވިޔަފާރިއާވެސް ގުޅެންވީ..އަދި ޖައިލަމްއާ ކައިވެނި ކުރޭ…ނޫނީ ގަދަކަމުން ވިޔަސް އަނެއްކާވެސް ފޮނުވާލާނީ ބޭރަށް ކިޔަވަން….” އިޔާދު ރުޅިއައިސްގެން ނެޕްކިންވެސް ހޫރާލަފައި ތެދުވެގެން ދިއުމުން ޔާސްމީނު އައިސް ރޮވިފައި އިން އީޝާގެ ބޮލުގައި ފިރުމާލިއެވެ. ” އައި ކާން ގޯ އެގެއިން މޯމް…އެފަހަރުވެސް ކިޔަވަން ދިޔައީ މަޖުބޫރުކޮށްގެން…އައި އެމް ޓަޔަރޑް…” އީޝާބުނެލީ ރޮވިފައެެވެ.
” ދެން ބައްޕަ ބުނާގޮތް ހަދާބަލަ މިފަހަރު ދަރިފުޅާ…ބައްޕަވެސް ދަރިފުޅާމެދު އުންމީދުތަކެއް ކުރާނެއްނު…ޑޮކްޓަރަކަށް ދަރިފުޅު ހެދުމުގެ ހުވަފެންވެސް ވިއްސިވިހާލިވީ…..ޑޭޑްއާ ޖުނައިދުގެ ގުޅުން ހަރުދަނާ ވާނެކަމަށް އުންމީދުކޮށްގެން ތިއްބައި ޖުނާން އެހެން ހެދީ….އަނެއްކޮޅުން ތި ކައިވެނި…މަމްވެސް ނުބުނަން ޑޭޑް މިސްޓޭކެއް ނުހަދައެކޭ…އެކަމަކު މިރާންވެސް ކަންކުރީ ރަނގަޅަކަށް ނޫން…އެހާ ގޮތް ދޫނުކުރާ މީހަކާ ކީއްކުރަން އިނދެގެން ހުންނަނީ….ޕްލީޒް އެއްބަސްވޭ…އެރަށަށް ގޮސް އެއްބަސް ނުވިނަމަ ކޯޓަށް މައްސަލަ ލާނީ….” ޔާސްމީނު ބުނެލިއެވެ.
އީޝާ ރޯންފެށީ ގިސްލަގިސްލާފައެވެ. މިރާންމެން މާލޭގައި ތިބި ވާހަކަ ބުނަން ބޭނުންވިޔަސް އީޝާއަކަށް އެވާކައެއް ނުބުނެވުނެވެ.
***
މަސްދުވަސް ފާއިތުވެގެން ދިޔައިރުވެސް އޮފީހުގައި މިރާނާއި އީޝާއާ ދެމެދު މާބޮޑު ވާހަކައެއް ނުދެކެވެއެވެ. މަސައްކަތާ ގުޅޭގޮތުން ބުނެލަން ބޭނުންވާ އެއްޗެއް ފިޔަވައެވެ. ގިނަވަގުތު މިރާން ހޭދަކުރަނީ ޒާލިފްގެ ރޫމްގައެވެ. މިރާންގެ މޮޅެތި ޚިޔާލާއި ހުނަރުވެރި ކަމުން ޒާލިފް ކޮންމެ ކަމެއްގެ މަޝްވަރާއަށް މިރާންގެ ފަރާތުން އެދެއެވެ. މަސައްކަތް އެތައް ތަނެއް ލުއިވެ ބޮޑެތި އެތައް ޕްރޮޖެއްޓެއް ކޮމްޕެނީއަަށް މިރާން ހޯދަދެމުން ދިޔައެވެ.

ބުރަ ދުވަހަކަށް ފަހު މިރާން ގެއަަށް ދިޔައިރު އަޝްބާ އިނީ ކުޑަ މޭޒެއް ކައިރީ ފޮތެއް ލިޔާށެވެ. މިހާރު އަޝްބާ ކިޔަވަނީ މާލޭގެ އެންމެ ނަން ހިނގާ ސްކޫލުތަކުގެ ތެރެއިން ސްކޫލެއްގައެވެ. ” ބައްޕިގެ ޕްރިންސެސް…ވާރކް ނިންމާލަނީތަ؟..މާޝާ ﷲ.. ހާދަ ބަސްއަހާ ކުއްޖެކޭ..ކޮބާ ނާލާކޮއްކޮ..؟ ” މިރާން ސުވާލުކޮށްލީ މަޑުނޫކުލައިގެ ގަމީހުގެ އަތްކުރި އުނޅަބޮއްޓާ ހަމައަށް އޮޅާލުމަށްފަހު ޒިންކު ކައިރިން އަތް ދޮވެލަން ހުރެއެވެ. އޭނާ ގޮސް އަޝްބާ ގާތު ސޯފަގައި އިށީނެވެ. ” ރޫ..މް ގަ..ވީ ނާލާކޮ…” އަޝްބާ ހިސާބަކަށް ކޮށިގޮތަކަށް ބުނެލިއެވެ. އަދި އެހާ ރީތިކޮށް ބަސްތައް އަމުނާލާކަށް އަޝްބާއަކަށް ދަހެއް ނުވެއެވެ. މިރާން ދަރިފުޅުގެ ބޮލަށް ބޮސް ދީފައި މޭގައި ލައްކޮށްލިއެވެ. ” މިރާން!…ކޮފީހަދަންތަ..ހުންނާނެ ވަރަށް މީރުކޮށް ކުޅިބޯކިބާ ހަދާފަ…ކޮބާ ޒެލް ނާދޭތަ؟..ބުނި އަންނަނީއޭ….” ނީލަމް ނާލާ އުރާލައިގެން ކޮޓަރިން ނުކުތެވެ. މިރާން ތެދުވެގެން ގޮސް ނާލާ އުރާލިއެވެ. ” ޒެލް އިނީ ކްލައިންޓަކާއެކު….މިހާރު އޮފީހުން ނުކުމެދާނެ…ހެލޯ..ދޫނީ…” މިރާން ނާލާ ގޮވައިގެން ސޯފާގައި އިށީންދެ ނާލާއާއި ސަމާސަކުރަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އަޝްބާވެސް އެ ސަކަރާތުގައި ބައިވެރިވަމުން ދިޔައެވެ.

ބަދިގެ ތެރޭ ނީލަމް ކޮފީހަދަމުން ދަނިކޮށް މީހަކު ދޮރުގައި ބެލް އަލާލިއެވެ. ” މިރާން ދޭބަލަ….ޒެލްތަ؟..ކީއްވެ ބެލް އެޅީ..” ނީލަމް ބުންޏެވެ. މިރާން ނާލާ އުރާލައިގެން ގޮސް ދޮރުހުޅުވި އިރު އީޝާ ހުރިތަން ފެނިގެން މޫނުން ނުރުހުމުގެ ކުލަވަރު ފެނުނެވެ. ” ކާކު މިރާން…؟” ނީލަމް ގޮވައިލިއެވެ. ” މިރާން ދެބުމަ ކައިރިކޮށްލައިގެން ހުރެ ވަންނަން ތަންދިނެވެ. ” އިޝީ…ސުބުހާނަ ﷲ ..ހާދަ ދުވަހެއް ފަހުންނޭ ތި ޖައްސާލީ…ކަމް ޑިއަރ….” ގޭތެރެއަށް ވަތް އީޝާ ފެނިގެން ނީލަމް އައިސް ބައްދާލިއެވެ. އީޝާގެ ނަޒަރު އޭރު އަޝްބާއަށް ދަތުރު ކުރަމުން ދިޔައިރު ލަހެއް ނެތި އަޝްބާވެސް ދުވެލާފައި ކައިރިއަށް އަޔެވެ. ” މަން..މީ!…” އަޝްބާގެ ދުލުން އެހެން ބުނި އަޑު އިވިފައި އީޝާގެ އިޙްސާސްތައް ކޮޅުން ލިޔެވެ. ހެވެމުން ރޮވެމުން އަޝްބާގެ މޫނަށް ބޮސްދިނެވެ. އަދި ބައްދާލަމުން ލޯމަރައިލީ އޭނާގެ މަޖުބޫރީ ހާލަތު ހިތަށް އަރާފައެވެ. މިރާން އެވަގުތު އައިސް އަޝްބާ އީޝާގެ ގައިން ދުރުކޮށްލައިފިއެވެ. އީޝާ ހުރީ މިރާން ހެދިގޮތުން ހައިރާންވެ އަންތަރީސްވެފައެވެ. އެއީ މައިވަންތަ ކަމުގެ އިޙްސާސްތައް ދެނެގަންނަން ނޭންގޭ އިންސާނެއްބާއޭ ހިތަށް އެރިއެވެ. ” ވާވަރު ވެއްޖެއްނު…ދެން ދޭ މިތަނުން…” މިރާން އަޑު ބާރުކޮށް ބުނެލީ އީޝާގެ ރޮވިފައިވާ މޫނަށް ރަޙްމެއް ނެތް ގޮތަކަށް ބަލާލަމުނެވެ. ” މިރާން…! އަޝްބާ އެބަހުރި..ކާރމް ޑައުން….” ނީލަމް ބުނެލިއެވެ. “ނުދާނަން…މިއީ މިރާންގެ ގެއެއް ނޫން….އަޑުއިވިއްޖެތަ؟…” އީޝާ ރޮމުން ބުނެލިއެވެ. އެބަސްތައްވީ މިރާންގެ ހުޅު ފަދަ ރުޅިގަނޑަށް ކަރާސީނު އަޅާލި ބަސްތަކެއް ކަމުގައެވެ. ” ނީލަމް…ހެޔޮ ނުވާނެ އަޝްބާ އެން ނާލާ ގޮވައިގެން ކޮޓަރިއަށް ދެވިދާނެތަ؟…އަހަންނަށް މި އަންހެނާ ބަރުދާސްތު ކުރާހާ ކެތްތެރިކަމެއް ނެތް!…” މިރާން ޝަހާދަތް އިނގިލި ދިއްކޮށްލައިގެން އަތް މައްޗަށް އުފުލާލާފައި ތިރިކޮށްލީ އަތް މުށްކަވާލައިގެންނެވެ. ދަނޑިވަޅުގެ ނާޒުކުކަން ހިތަށް ވަދެގެން ނީލަމް ދެކުދީން ގޮވައިގެން އަވަހަށް ވަނީ އެތެރެއަަށްށެވެ.
” ކިތައް ފަހަރު ބުނީ…އަހަރެމެން މިގޭގައި ތިއްބާ ގެއަށް ނުވަންނާށޭ…އެހެން ކޮންމެ ގަޑިއެއްގައި އަޔަސް މަށަށް ހެވޭ….މަސައްކަތުން ބޭރުން ވާހަކަ ދައްކަންޖެހޭ އަދި މަޝްވަރާ ކުރަންޖެހޭ އެއްވެސް ގުޅުމެއް އަންނާ އީޝާއާ އަކާ ނުއޮންނާނެ…ކޮންމެހެން އަޝްބާ އިމޯޝަނަލީ އީޝާއާ އެޓޭޗްކުރަން އުޅޭނެކަމެއް ނެތް!…” މިރާން އީޝާގެ ގާތަށް ޖެހިލީ އަލިފާން ބެލުމަކުން ބަލައިލަމުންނެވެ.
” އައި އެމް ޔުއަރ ވައިފް…ޤަބޫލު ނުކުރަންޏާ ވަރިނުކުރެވިގެން ތިއުޅެނީ ކީއްވެތަ؟…އެހެން މީހަކާ އިނދެފާނެތީތަ؟….” އީޝާވެސް ދޫނުކޮށް ބުނެލިއެވެ. މިރާންގެ ޖަހައިލީ ހިނިގަނޑެކެވެ. މަށްޗަށް ނަޒަރު ހިންގާލަމުން ހިނިގަނޑު މައިތިކޮށްލާފައި އީޝާއަށް ބަލާލިއެވެ. ” އީޝާ ހީކުރީ އަހަންނަށް އީޝާ އެހެން މީހަކާ އެއްކޮށް އުޅޭތަން ބަލަން ކެތް ނުވާނެތީ ކަމަށްތަ ވަރިނުކޮށް މިހުންނަނީ…އެކްސްކިއުޒް މީ…ތި ޑްރީމުން ހޭލަބަލަ…އަހަރެންގެ ހިތުގައި ތި މަކަރުވެރި އަންހެނާއަށް ކުނޑިފުށެއްގެ މިންވަރުގެ ލޯތްބެއްވެސް ނެތް..ބިލީވްމީ..އޭގެ ބަދަލުގައި އަހަރެން ބޭނުމެއް ނުވޭ އަހަންނަށް ލަނޑުދީފައި އީޝާ ގޮސް އުފަލުގަ އުޅޭކަށް…އެންޑް އެކަން ވިޔަކަ ނުވެސް ދޭނަން…އަޑުއިވިއްޖެ…” މިރާން ބުނެލި ބަސްތަކުން އިޝާގެ ހިތުގައި އޮތް ކުޑަކުޑަ އުންމީދުގެ ހުޅުކޮޅުވެސް ނިވުނެވެ. ކަރުނައިން ބަންޑުންވަމުން ދިޔަ ލޮލުން މިރާނަށް ބަލަން ހުރިއިރު ހިތުގައި އޮތްހާ ޝަކުވާތައް ދުލާހަމައަކަަށް ނުގެނެވުނެވެ. ހިތަށް ވީ ފުންތަދު އިންސާނަކަށް ބަޔާންކޮށް ނުދެވޭނެއެވެ. މިރާނަށްވުރެ ހަޔާތުގައި ލޯބިވި އިންސާނެއް ނުހުންނާނޭ ކިޔާ ރޮއެ ހޭރިގަންނަން ބޭނުންވިއެވެ. މިރާނަށް ބަލަން ހުރި ދެލޮލުން ކަރުނަ ފައިބަން ފެށުމުން އަތުން ފޮހެލަމުން މޫނު އަނެއްކޮޅަށް އަނބުރާލި އިރުވެސް މިރާންގެ ހިތަށް އެއްވެސް އަސަރެއް ނުކުރާކަހަލައެވެ.
” އޯލް ރައިޓް…ދެން އަހަންނެއް ނާންނާނަން…ދެން މިގޮތަށް ބައްދަލުވާނީ ކޯޓުން…އެކުގައި ނޫޅޭނަމަ ކޯޓު މެދުވެރިކޮށް ވަރިވުމަކީ މާ ދަތި ކަމެއް ނޫން….މިރާން ކިތައްމެ ބޭނުން ނުވިއަސް އަހަރެން އަދި އުފަލުގަ އުޅޭނަން…އިންޝާ ﷲ ..އަހަރެންގެ ހަޔާތަކީ މިރާނަށް ބައްޓަން ކުރެވޭނެ އެއްޗެއް ނޫން… ﷲ ގެ ޙަޟްރަތުގައި މާ މޮޅު ޕްލޭނެއް އަހަންނަށްޓަކައިވޭ….ފޮޔުއަރ އިންފޮމޭޝަން…ޑޭޑް މެން މިހާރުވެސް ހުރީ އަހަންނާ ވަރަަށް އެކަށީގެންވާ ރަނގަޅު ހަރުދަނާ ޒުވާނެއް އަހަންނަށްޓަކައި ހޯދާދީފަ…ވަރިވެފަ އިއްދަ ހަމަކުރާގޮތަށް ކައިވެނި ކުރާނަން….” އީޝާ ހިތް ހަމައަކަށް އަޅުވާލަމުން ވާހަކަ ދެއްކިއެވެ. ” އަމިއްލަ ބައްޕަގެ ތައްޕާހުގައި އުޅޭ ޖުނާންތަ؟…ކަމެއް ކުރަން ނޭންގޭ…މަތީ މަޤާމެއްގައި އުޅުނަސް އެއްވެސް ޒިންމާއެއް ނެތި އުޅޭ މީހަކަށްތަ ހަރުދަނާއޭ ތިކިޔަނީ…؟؟” މިރާން މަލާމާތުގެ ހުނުމަކުން ހެމުން ޖީބަށް އަތްޖަހާލިއެވެ. މިރާން ޖުނާންގެ ފަތިފުށްވެސް ހޯދާލީހެއްޔެވެ؟. ފެށުނީއްސުރެ ޖުނާނަކީ މަސައްކަތަށް ކަންނެތް ބައްޕަގެ މުއްސަނދިކަމުގައި ދުނިޔޭގެ ދެކޮޅަށް އުދުހިލަ އުދުހިލާ ހުންނަ ހިތްވާ ޒުވާނެކެވެ. ކޯހެއް ހަދާފައި ހުރި ނަމަވެސް އެއީ ނަމެއްގައި ކުރި ކަމެކެވެ. ކިޔަވައިގެން ހާސިލް ކުރި ޑިގްރީއަކަށްވުރެ ބޮޑަށް ގަނެފައިވާ ސެޓްފިކެޓެކެވެ.

” ޔޫވަރ ރޯންގް….ތިހުރީ މުޅިން އޮޅިފަ…އަހަރެން އިންނަން މިއުޅެނީ ޖުނާންގެ ބޭބެ ޖައިލަމްއާ….ހޭންޑްސަމް، ޑިސެންޓް، އިންޓެލިޖެންޓް، ޓެލެންޓެޑް، ކެއަރިންގް، އެންޑް މޯސްޓް އިމްޕޯޓެންޓްލީ ޑޭޑްގެ ވިޔަފާރި ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެންޑް ޑޭޑްގެ ހިތް ރުހުން ލިބިފައިވާ ސެކްސީ ފިރިހެނެް..” އީޝާ މިރާން ހިތް އަންދުވައިލުމުގެ ބޭނުމުގައި ޖައިލަމަށް ތަޢުރީފު އޮއްސާލިއެވެ. ވީވެސް އޭނަ ބެނުންވާ ގޮތަށެވެ. ޖުނާންގެ މައުލޫމާތު ހޯދިއިރު ޖައިލަމްގެ ވަނަވަރުވެސް ކޮންމެވެސް ވަރަކަށް މިރާނަށް އޮތީ އިނގެފައެވެ. އެއީ ޝަޙްސިއްޔަތުގައި ހަރުދަނާކަމެއް ހަޤީގަތުގައިވެސް ހުރި ޒުވާނެއްކަން މިރާނަށް ޔަޤީނެވެ. އީޝާއަށް މިރާންގެ ދެ ބުމަ ކައިރިވެ ދަތްތައް ޖައްސާ ބާރުކޮށްލިތަން ފެނުނެވެ. އީޝާ ލޯ އަޅާލަމުން ހިތް ހަމަ ޖެހިފައި ނުކުންނަން އުޅުނު ވަގުތު މިރާން އީޝާގެ އަތުގައި ވަރުގަދައަށް ހިފަހައްޓާލިއެވެ. “ލީވް މައި ހޭންޑް…” އީޝާ ވަގުތުން ބުނެލިއެވެ. މިރާން އީޝާގެ އަތުގައި ހިފާ ކައިރިއަށް ދަމައިގަތެވެ. އީޝާގެ ބުރަކަށި ތަތްވީ މިރާންގެ މޭ މަތީގައެވެ. ” މާ ފޮނި ހުވަފެންތަން ނުދެކޭތި…ހަމަ ފުނޑުފުނޑުވާނީ..!! އަހަރެން އެހެން މީހަކާ އިނދެގެން އިތުރު ޙަޔާތެއް ފެށިޔަސް އީޝާ ހުންނާނީ ހަމަ ތިހެން..ނުކުރާނަން ވަރިއެއް…ވަރި ވިޔަކަވެސް ނުދޭނަން…..އަހަންނަށް ލަނޑުދޭން އިނދެވުނީތީ މިހާރު ދެރަވެއްޖެ ދޯ…” މިރާން އީޝާ ކުޑަކޮށް ކޮށްޕައިލިއެވެ. ފުރަގަސް ދީގެން ހުރި އީޝާއަށް އަނގަމަތީ އަތްއަޅާލަމުން ލޯމަރާލެވުނީ ބާރަށް ރޮވިދާނެތީއެވެ. ދުވެފައި ގެއިން ނުކުތްގޮތަށް ބާރަށް ދޮރުޖަހާފައި ދޮރުގައި ލެނގެލެވުނު ކަމެއް ނޭންގެއެވެ. ބަޑިފަޅައިގެން ހިނގައްޖެއެވެ. އެތާ މަޑުކުރަން ނުހަދައި އީޝާ ލޯ ފުހެމުން ދުއްވައިވގަތެވެ.

0

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!