އެވަގުތު ނާލާވެސް ދެޑީ ދެޑީ ކިޔަމުން އީޝާގެ އުނގުން ފައިބައިގެން ޒާލިފާ ދިމާލަށް ދިޔައެވެ. މިރާން ހަމަޖެހިލަން މަސައްކަތް ކުރަމުން ދަނިކޮށް އަޝްބާ ދުވެފައި ގޮސް އީޝާގެ ގައިގައި އޮޅުލައިގަނެފައި ރޯންފަށައިފިއެވެ. އީޝާއަށްވެސް ވީ އެވަރެވެ. ނީލަމާއި ޒާލިފް ތިބީ ހައިރާންކަމެއްގެ ކަނޑެއްގައި ފީނާށެވެ. އަޝްބާ އަތުގެ ހަރަކާތުން ހަނދާންވާ ވާހަކަ އަންގައިދީ އީޝާގެ ކޮލަށް ދޮނެއް ދިނެވެ. މިރާނަށް އެމަންޒަރު ބެލުންވީ ދަތިކަމަކަށްށެވެ. ” މިރާން؟..ކިހިނެތް ދަރިފުޅު އީޝާ ދަންނަނީ؟..” ޒާލިފްމެން އަދިވެސް ތިބީ ދޮރުމަތީގައެވެ. އޭނާ ސުވާލުކުރީ ހަމައެއްގޮޔަކަަށްވެސް ވެގެން މިއުޅެނީ ކީއްކަން ނޭންގޭތީއެވެ. ” ފަހުން ކިޔާދޭނަން…އަހަރެންގެ ސިކުނޑި މިވަގުތު އެކަމަަށްތަނެއް ނުދެ…” މިރާން ދިޔަގޮތަށްގޮސް އަޝްބާ އީޝާގެ އުނގުތެރެއިން ނެރުނެވެ. ” މިރާން!..ޕްލީޒް ލިސެންޓް މީ..” އީޝާ ތެދުވެ ރޮވެމުން ބުނެލިއެވެ. ” އަޝްބާ ގައިގަ ދެން އަތްނުލާތި…އަޑުއިވިއްޖެތަ؟.އްމްމް!!..” މިރާން ޝަހާދަތް އިނގިލި ދިއްކޮށް ދެލޯ ބޮޑުކޮށްލަމުން އިންޒާރު ދީފައި ގޮސް ކޮޓަރިއަށް ވަދެ ދޮރުޖަހައިފިއެވެ. އީޝާ ތުންފަތުގައި ދަތްއަޅާލައިގެން ހިތްވަރު ކުރަމުން ދިޔައިރު ނީލަމަށް ވެެގެން އުޅޭގޮތް ޔަޤީންވެއްޖެއެވެ.

” އޯގޯޑް…މީ ތަ އެ މިރާން؟..އިޝީ ޕްލީޒް ޑޯންޓް ކްރައި…” ނީލަމް އީޝާގެ ބުރަކަށީ ފިރުމާލިއެވެ. ” މިރާނާތަ އީޝާ އިނދެގެން އުޅެނީ…؟” ޒާލިފްވެސް އެކޮޅަށް އައިސް އަހާލީ ނާލާ އުރައިގެން ހުރެއެވެ. އީޝާ ބޯޖަހާލިއެވެ. ” ކީއްވެ މިރާން މިގޭގަ އެ އުޅެނީ..؟.” މީހާ ހަމައަކަށް އަޅުވާލަމުން އީޝާވެސް އެއްސެވެ. ” އޭ ޒާލިފްގެ ފްރެންޑެއް…އަޝްބާ ޑޮކްއަށް ދައްކަން އައިސް އެ އުޅެނީ…” ނީލަމް ޖަވާބުދިނެވެ. ” އަހަރެން މިވަގުތު ދަނީ އިނގޭ ލަމް…ވަރަށް ބޮޑަށް ބޮލުގައި ރިއްސަންފަށައިފި…” އީޝާ ބޭނުންވީ އަވަހަށް އެތަނުން ފިލާށެވެ. މީރާންގެ އެ އަޅައިލުން ކުޑަކަމަށް ކެތްތެރިވެގެން ހުރުމަކީ ކުޅަދާނަކަމެއް ނޫނެވެ.
*****
” ބައްޕީ އެއީ އީޝްގެ މަންމިއޭ…ވަރަށް ހަނދާންވޭ…ޕްލީޒް އީޝް މަންމި ކައިރިއަށް ފޮނުވާ….” އަޝްބާ އަތުން ބުނެލިއެވެ. މިރާން އިނީ އެނދުމަތީ ބޮލަށް އުނދަގޫވެފައެވެ. އަޝްބާގެ އެ ވާހަކަތަކަށް ޖަވާބު ދީދީ ވަރުބަލިވެއްޖެއެވެ. ” އީޝް!..އެއީ ދަރިފުޅު މަންމިއެއް ނޫން…ކިތައް ފަހަރު ބައްޕި ބުނެދޭންވީ…އެއީ ނުބައި ނިޔަތެއްގައި އީޝްގެ ދިރިއުޅުމަަށް ވަދެ އީޝްއަށް މަންމައެއްގެ ހުވަފެން ދައްކާފައި ގެއްލުނު މީހެއް….” މިރާންގެ އަތަށް އެނދުގެ ބެޑްޝީޓް ބޮނޑިވެގެން ދިޔައެވެ. އަޝްބާގެ އުމުރު ހަގުކަމުން މާބޮޑަކަށް ބައްޕަ ކީއެއްޗެއް ފަހުމެއް ނުވެއެވެ. ” ޕްލީޒް ބައްޕީ…މަންމި ދެކެ ރުޅިނުވެބަލަ….” އަޝްބާ މިރާން މޫނުގައި އަތްޖައްސާލުމުން މިރާން އެ ދަރިފުޅުގެ މޫނަށް ބަލަން އިނީ ގޮސްހުސްވެފައެވެ.
****
ގޭޓު ކައިރިއަށް ކާރު މަޑުކޮށްލުމުން އީޝާ ފޭބިއިރު ފޭބުނީ އެތާ މަޑުކޮށްގެން އޮތް އަނެއްކާރުން ފޭބި އިޔާދާ އެކުއެކީއެވެ. އިޔާދު ފެނުމުން އީޝާގެ ފިޔަވަޅުތަކަށް ހުއްޓުން އެރި ނަމަވެސް ނުރުހުންތެރި ނަޒަރެއް ހަދިޔާކޮށްފައި އީޝާ ވަނީ ގޭޓުން އެތެރެއަށްށެވެ. ” އީޝް…ވެއިޓް…” އިޔާދު ގޮވަމުން ފަހަތުން ދިޔައެވެ. ގޭތެރެއަށް ވަދެވަދެ އޮއްވައި އިޔާދު އީޝާގެ އަތުގައި ހިފެއްޓިއެވެ. ” އީޝް ދަރިފުޅާ…ކިހާ ދުވަހެއް ވަންދެންތަ ތިހެން ޑޭޑް އިންގްނޯ ކުރާނީ..” އިޔާދު ދެރަވެލާފައި ބުނެލިއެވެ. ” އަހަރެން ރުޅިއައިސްފައެއްނޫން…ކޮންމެ ގޮތެއްވިޔަސް ތީ އަހަރެންގެ ޑޭޑް…ބޭނުންވިޔަސް ވާހަކަ ނުދައްކައެއް ނުހުރެވޭނެއެއްނު…” އީޝާ ބުނެލިއެވެ. ” ބައްޕައަށް މާފްކުރޭ…ބައްޕަގެ ހުރި ހަމަ އެކަނި ދަރިފުޅު ގެއްލެން ނޭދޭތީ ކުރެވުނު ކަމެއް އެއީ…އެންމެ ބޮޑު މިސްޓޭކަކީ އޭނަޔާ ދަރިފުޅު އިނުވުން…ބޯ ހަރު މީހެއްނު އޭ….އެވަރުންވެސް ބޭނުމެއް ނުވިތާ އީޝް ވަރިކުރާކަށް….” އިޔާދު ބުނެލިއެވެ. ” ޑޭޑް ޕްލީޒް..އައި ހެވް ނޯ ޓައިމް ޓު ޑިސްކަސް ދިސް!!…” އީޝާ އަވަސްއަވަހަށް ހިނގައިގަތީ މައްޗަށް ގޮސް ކޮޓަރިއަށް ވަނުމަށެވެ. ހިތައި ސިކުނޑި ގޮވަމުން ދިޔައީ އަޑުވިއްލާ ރޮއެލުމަށެވެ.
އެރޭ ހަތަރު ދަމު ވިސްނާފައި އީޝާ ނިންމީ މިރާން ރަނގަޅަށް އެކުގައި އުޅެން ބޭނުން ނޫންނަމަ އޭނާވެސް އެ ދިރިއުޅުމުގައި ހުރުމުގެ ބޭނުމެއް ނެތްކަމެވެ. ނީލަމް ބުނިފަދައިން މިރާން ގާތުން ވަރިއަަށް އެދެންވީއެވެ. އޭރުން މިރާންގެ “އީގޯ” ވެސް ފިލައިދާނެއެވެ. އީޝާ އެރޭ ނިދީ މިރާނާއި އެކަމާމެދު ވާހަކަ ދައްކަން ނިންމައިގެންނެވެ.

ޖެހިގެން އައީ މިރާނަށް އުފާވެރި ދުވަހެކެވެ. މިއޮއް ހުރިހާ ދުވަހު ދެކުނު ހުވަފެން ކާމިޔާބުވެ މުސްތަޤްބަލަށްޓައި ފޮނި އުންމީދުތަކެއް އަނެއްކާވެސް ކުރެވުނު ދުވަހެކެވެ. ޑޮކްޓަރުގެ ލަފަޔާއެކު އަޝްބާގެ ކަންފަތުގެ ހާލަތާއި އެންމެ އެކަށީގެންވާ ހިޔަރިންއެއިޑެއް އަޝްބާގެ ކަންފަތަށް ޖެހުމުގެ ފުރުސަތު ލިބުނެވެ. އެންމެ ފުރަތަމަ އަޝްބާގެ ކަންފަތަަށް އިވުނީ މިރާންގެ އަޑެވެ. ” އީޝް ބައްޕަގެ ފުރާނަ..ބައްޕަގެ ކުޑަކުޑަ ޕަރީ…” މިރާން ބުނެލި އަޑާއެކު އަޝްބާވެސް އެބަސްތައް އައިބު ކަމާއެކު ދުލުން އިއްވާލިއެވެ. ” އީ..ޝް!!!!!ބައް…ޕަ…! ” އަޝްބާގެ އަޑުން އެގޮތަށް ފުރަތަމަ ފަހަރަށް އެހާ ރީތިކޮށް ބަހެއް ކިޔާލާ އަޑު އިވުމުން މިރާނަަށް އުފަލުން ރޮވުނެވެ. އަވަސް އަވަހަށް ދަރިފުޅުގެ ނިތްކުރިއަށް ބޮސްދިންއިރު ލޮލުން ކަރުނަ ފޭބިއެވެ. އެމަންޒަރު ފެނި ޑޮކްޓަރާއި ޒާލިފުގެ ހިތަށްވެސް އަސަރު ކުރިއެވެ.
****
“އަހަރެން ދެން މިދަނީ އޮފީހަށް….މިރޭ ޖެހޭނެ ކޮފީއަކަށް އަރަން އެބައިން ސަޅި އޮފާއެއް…” ޒާލިފް ކާރުގައި ގޭދޮށަށް މަޑުކޮށްލަމުން މިރާން ގާތު ބުނެލިއެވެ. ” މައްސަލައެއް ނެތް….” މިރާން ހެވިފައި ހުރެ ޖަވާބުއިއްވާފައި އަޝްބާ ގޮވައިގެން ފޭބިއެވެ. ކާރު ނައްޓާލުމުން އަޝްބާ ގެއަށް ލާފައި މިރާން ދިޔައީ މިސްކިތަށްށެވެ. ދިޔަމަގުމަތީ ފޯނަށް މެސެޖެއް އައިސްގެން ބަލާލިއިރު އީޝާގެ މެސެޖެކެވެ. ވާހަކައެއް ދައްކާލަން ބައްދަލު ކޮށްލެވިދާނެތޯ އަހާފައެވެ. މިރާން އާދައިގެ މަތިން ޖަވާބު ނުލިޔެ ފޯނު ވައްޓައިލީ ޖީބަށްށެވެ.
***
އޮފީސް މޭޒުމަތީ ހުރީ ލެޕްޓޮޕަށް ނަޒަރު ހުއްޓައިލައިގެން އިނެއްކަމަކު އީޝާގެ ޚިޔާލު ހުރީ މުޅިން އެހެން ދިމާއެއްގައެވެ. އިރުކޮޅަކުން ފޯނު ޗެކްކޮށްލީ މިރާންގެ ޖަވާބެއް އައިސް އިންތޯ ބަލާލާށެވެ. ” މިރާން!..ތިހާ ހާރޓް ކުރަންވާނެތަ؟…ތިހާ ގޮތްދޫ ނުކުރާ އިންސާނެއް އަހަރެން މުޅި ޙަޔާތުގަވެސް ނުދެކެން….” އީޝާއަށް ފޯނު މޭޒުމައްޗަށް ޖަހާލެވުނެވެ. ” އިޝީ..އިޝީ…ހާދަ ރުޅިގަދަވެފަ…ބޯއިފްރެންޑް ދެކެތަ؟…” އޮފީހުގެ އެގްޒެކެޓިވްގެ މަޤާމުގައި ހުރި ލިހަމް އައިސް ކޮޓަރިއަށްވަނީ ބޭރުގައި ހުރެ އީޝާގެ ހަރާކާތްތަކަށް އިރުކޮޅަކު ބަލަން އިނދެފައެވެ.
” ހޫ ސެޑް އައި ހެވް އެ ބޯއީ ފްރެންޑް…” އީޝާ ބުނެލީ ހިސާބަކަށް ފޫހިވެފައި އިނދެއެވެ. އެ އޮފީހާ ގުޅުނީއްސުރެ ލިހަމް ހީވަނީ އޭނާއާއި އަޅައިގަނެގެން އުޅޭހެންނެވެ. ވީހާވެސް ވާހަކަ ނުދައްކައި ދުރުގައި އުޅެވޭތޯ ބެލި ނަމަވެސް ދަނޑިވެޅެއް ހޯދައިގެން ލިހަމް އޭނާއާއި ބައްދަލުކުރެއެވެ. އަންހެން ކުދިން އަޅައިގަންނަ ފަދަ ސިފަތަކެއް ލިހަމްގެ ގައިގައި ހުރެއެވެ. ފުދޭވަރަކަށް ވަރުގަދަ ހަށިގަނޑަކާއި ރީތި ސޫރައެކެވެ. ތުނބުޅި މަތިމަސް އަބަދުމެ އޮމާންކޮށްލާފައި ހުންނައިރު ބޮލުގެ އިސްތަށިގަނޑު މައްޗަށް ތަތްކޮށް ސްޓައިލްކޮށްލާފައި ހުންނަނީ މޮޑެލެއް ފަދައިންނެވެ. ހަށިގަނޑު އިސްތިހާރުކުރަން އުޅޭ މީހަކު ފަދައިން ގަޔަށް ބާރު ގަމީސްތަކާއި ފަޓުލޫނުތައް ލުމުން އޮފީހުގެ އަންހެން ގިނަ މުއަައްޒަފުން ތިބެނީ ދީވާނާވެފައެވެ. އެކަމަކު އެ ހުރިހާ އަންހެން ކުދިންތަކުގެ ތެރެއިންވެސް ލިހަމްގެ ހިތް ދެވުނީ އީޝާއަށެވެ. ” ތިބުނީ ނުހުރެއޭތަ؟..އެބައޮތް ދޯ އެހެންވީމަ އަހަންނަށް ފުރުސަތެއް…” ލިހަމް މޭޒުގައި ފޫކޮޅުޖައްސައި ލަމުން އިށީނުމުން އީޝާ ތުން އަނބުރައިލިއެވެ. ” ޔޫ އަރ ޑިފަރެންޓް…” ތޫނު ނަޒަރެއް ލިހަމް އީޝާއަށް ދެމުން ބުނެލިއެވެ. ” ކީއްވެ؟…ލިހަމް އިގްނޯ ކުރާތީ ހާރޓްވީތަ؟…” އީޝާ ހިނިތުންވަމުން އެއްސެވެ. ” ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅު މިކަހަލަ އާދައިގެ ކުންފުންޏެއްގައި މަސައްކަތް ކުރާތީ…އެންޑް ޔޫއަރ ރައިޓް…އެފޯޓެއް ލައިގެން ނޫނި ހިޔެއް ނުވޭ ތިހިތް މިލްކުރެވިދާނެ ހެނެއް…” ލިހަމް އެއްލޯ މަރައިލުމުން ވީފޫހިން އޭނާ އަކީ މީހެއްގެ އަންބެކޭ ބުނެލަން އީޝާ ބޭނުންވިއެވެ. އެހެނަސް އަނެއްކާ އިތުރު މައުލޫމާތަށް ލިހަމް އެދިދާނެތީ ޖެހިލުންވިއެވެ.
****
ވަޅުފެހި ކުލައިގެ ގޮޅިޖެހި އަތް ދިގު ގަމީހަކާއި ޖިންސެއްގައި މިރާން އިންއިރު މޭޒުގެ އަނެއްފަޅީ އިނީ ޒާލިފެވެ. ބީޗްކެފޭގައި ތިބެ ދެމީހުން ކޮފީބޮމުން ދިޔައިރު މިރާން އިނީ ތުނބުގައި ސިނގިރޭޓެއް ޖަހާލައިގެންނެވެ. ޒާލިފް އޭނަށް ބަލަން އިންއިރު އެއްޗެއް ބުނެލަން އުޅޭފަދައެވެ. ” ކުރިންވެސް ބޮންތަ؟…” ޒާލިފް ސިނގިރޭޓު ދައްކައިލިއެވެ. ” ދެމަސް ކުރިން ފެށީ…މާބޮޑަށް ސްޓްރެސްވީމަ ފެށުނީ…މިއުޅެނީ ހުއްޓާ ނުލެވިގެން…” މިރާން އަޅިކެނޑިއަށް ސިނގިރޭޓު ޖަހައިލިއެވެ.

” އެނގުނޭ…އެހާ ހާލުގައި އުޅޭ އިރު މިރާން ތިފަދަ ޚަރަދެއް ނުކުރާނެކަން….އީޝާއާ ހެދި ދޯ ފެށީ…މިރާން!..ބުނަން ތިއީ ވަރަށް ބޭކާރު ޚަރަދެއް…އަދި ހަށިގަނޑަށް ވަރަަށް ގެއްލުންދޭ އެއްޗެއް…އިނގޭތަ ބައްޕަ މަރުވީ އަނގައިގެ ކެންސަރުގަ…އޭގެ ފަހުން އަހަރެންވެސް ދޫކޮށްލީ ތިކަން…އާދަނުވަނީސް ދޫކޮށްލާ..” ޒާލިފް ބުނެލިއެވެ. ” އިނގޭ..ދީނުގައިވެސް ހުއްދަ ކަމެއް ނޫން…އީމާންތެރިކަން ބަލިކަށިވި ވަގުތު ޝައިޠާނާ ޖަހާލި މަޅީގައި ބެދުނީ…ބޭނުން ހުއްޓާލަން އީޝްއަށްޓަކައި… ﷲ އަށްޓަކައި…” މިރާން ބުނެލިއެވެ. ” ޔޫ ކެން ޑޫ އިޓް….އަހަރެން މިއަދު މިއުޅެނީ ވަރަށް ބޮޑު ހުށަހެޅުމެއް މިރާނަށް ހުށަހަޅަން…އަހަަރެމެންގެ ކޮމްޕެނީ ބޭނުންވޭ ޑެޕިއުޓީ ޑިރެކްޓަރެއް…ވާންވީނު..؟.” ޒާލިފް ހުށަހެޅި ހުށަހެޅުމުން މިރާނަށް ހެވުނެވެ. ” ހީވޭތަ އަހަންނަށް ތިހެން އިނދެ ކުރާ މަސައްކަތް ކުރެވިދާނެހެން…އެހެން ނޫނަސް އަހަރެންގެ ފެންވަރެއް ނެތް…ތިއިނގިރޭސި ލިޔެކިޔުންތައް ތައްޔާރުކޮށް ހަދާކަށް މަށަކަށް ނޭންގޭނެ..” މިރާން ބުނެލިއެވެ. ” ޔޫކެން ހަޔަރ އީޝާ އޭޒް އެ ސެކެޓްރީ…” ޒާލިފް ބުނިއެތިން މިރާންގެ މޫނުމަތިން ފެނުނީ ނުރުހުންތެރިކަމެވެ.

71

3 Comments

  1. Asra

    October 23, 2020 at 1:47 pm

    Avaha aneybay genas dheebala

  2. Noom

    October 23, 2020 at 3:13 pm

    oh no…vvv reethi mi part vs…v avahah up kohdhehcheyy…v kiyaa hithun mihuree….keep it up dear… Alhey Eesha nd Miraan dhuru nukurahcheyy…

  3. 💚Ishoo💚

    October 24, 2020 at 7:05 pm

    Varah reethi when next part ❤💙❤
    Stay safe sis oo💙❤💙

Comments are closed.