” ރިޕޯޓްތައް ނޯމަލް..އެއްވެސް މައްސަލައެއް ނެތް…ސައިކޮލޮޖީ އަދި ފިޒިކަލް ޓެސްޓްތަކުންވެސް އެއްވެސް މައްސަލައެއް ނުފެނުން…” ޕޮލިސް އަންހެން މީހާ ބުނުމުން އީޝާއަށް ހިތަށް ލިބުނު ތަސައްލީއާއެކު ޖިސްލާ ރޯންފެށުނެވެ.

” މިރާން!..އައިއެމް ސޯ ސޮރީ….” އީޝާ މޫނުގައި ދެއަތް އަޅައިގެން ބުނަމުން ދިޔައިރު ޕޮލިސް މީހާ ހިތްވަރު ދޭފަދަ ގޮތަކަށް އީޝާގެ ބުރަކަށީގައި ފިރުމާލިއެވެ.

****

ޕޮލިސް ސްޓޭޝަނުން މިރާން ދޫކޮށްލުމުން އޭނާ ގެއަށްދާން ނުކުތުމާއެކު ލައްވައިލީ އިޔާދާއެވެ. އިޔާދު އަނގައިން ޗޮކުޗޮކު ލައްވައިލީ މަލާމާތުގެ ރާގެއްގައެވެ. ދަތްކުޑިވިކާލަމުން މިރާން ހުއްޓެލީ އަތްމުށްކަވާލާފައެވެ.

” ހީކުރީ ޔަޝްފީ ދިޔަނުދީ ހިފެހެެއްޓިހެން އީޝާވެސް ހިފެހެއްޓޭނެ ކަމަށްތަ؟..އޭނަ އެހެރީ ދާން ތައްޔާރަށް…” އިޔާދު މަލާމާތްކޮށްލިއެވެ. މިރާންގެ ލޮލުން އަލިފާން ކަނިބުރާލިފަދައެވެ. ކެތްތެރިކަން ކޮޅުންލާވަރުވިއެވެ. ނަމަވެސް ކެތްކޮށްލަމުން ދާން ހިނގައިގަތެވެ. ” ކަލެއާ އީޝާ ކައިވެނި ކުރުވީވެސް އަޝްބާ ހޯދަން…އީޝާއާ އޭނަ ގާތްކުރަން..އީޝާވެސް އަހަރެންގެ ޕްލޭންގައި ބައިވެރިވެގެން…..ދެންބަލަމާ ހިނގާ އަޝްބާ ޚިޔާރުކުރަނީ ކާކުތޯ؟ ” އިޔާދު ބުނެލި ބަސްތަކުން މިރާނަށް ހުއްޓިލެވުނެވެ. މަގުގެ އަނދިރިކަން ފަނޑުކޮށްފައިވާ މަގުމަތީ ހޮޅިބުރީގެ އަލި އެވަގުތު ނިވިފައި ދެތިންފަހަރު ދިއްލުނެވެ. މިރާން އެނބުރި އިޔާދަށް ބަލާލިއެވެ. ” ކަލެއަށް ދުވަހަކުވެސް އަޝްބާއެއް އަތެއް ނުލެވޭނެ…އެނގިއްޖެތަ؟…” މިރާން އިޔާދުގެ ގާތަށްޖެހިލައި ދަތްކުޑިވިކާލަމުން ބުނެލިއެވެ. “ހެހެ..މި ހުރިހާ ކުޅިވަރެއް މިކުޅެން ޖެހުނީ އީޝާ ނުދާންވެގެން ގަދަހެދީމަ…މިހާރު އެހެރީ އީޝާ އެއްބަސްވެފަ…މިހާރު ދަބައްފާނަށް ދަބަރު ދަމާހެން އަޝްބާ އަންނާނެ އީޝާފަހަތުން…” އިޔާދު ދެއަތް ފުރަގަހަށް ލަމުން ބުނެލީ ޔަޤީންކަމާއެކުއެވެ. މިރާން މިފަހަރު މޫނުގެ ކުލަވަރު ބަދަލުކޮށްލީ މަލާމާތުގެ ހިނިތުންވުމަކުންނެވެ. އޭނާ ޖީބަށް އެއްއަތް ޖަހާލައި ހެވިފައި އެނބުރި ދާންފެށުމުން އިޔާދަށް ދަތްކުޑިވިކާލެވުނެވެ.

***

ނިދާފައި އޮތް އަޝްބާ އުނދަގުލާއެކު އުރައިގެން ގޮސް ކޮޓަރީގެ އެނދުގައި ބާއްވާލާފައި އީޝާ ބޮޑު ރަޖައެއް އަޅާ ފިނިވެފައި އޮތް އެއެކުއްޖާ ފޮރުވައިލިއެވެ. މޫނުގައި ދެއަތުން އަތް އުނގުޅާލަމުން ކޮޓަރިން ބޭރަށް ނުކުތްއިރު އަދިވެސް މިރާން އައިހެން ހިޔެއް ނުވެއެވެ.

އެވަގުތު ގޯތިތެރޭ އަޑެއް އިވޭހެން ހީވެގެން ބޭރަށް ނުކުތްއިރު ވަޑާންގެ ދިއްލާފައި ހުއްޓެވެ. ތަނެއްގައި މީހަކު ތަޅާކަހަލަ އަޑެއް އެދިމާއިން އިވިއިވި ހުއްޓެވެ. އީޝާ މަޑުމަޑުން ގޮސް ވަޑާންގެއަށް ބޯދިއްކޮށްލާ ބަލާލިއިރު ހައިރާންވެގެން ދެލޯ ބޮޑުވިއެވެ. މުޅިތަން އެފުށް މިފުށަށް ޖަހާފައި އޮތް އިރު މިރާން ހުރީ ވަޑާންގޭގެ އެޅިގަލުން ހަދާފައިވާ ބިތް ކައިރީގައެވެ. އަނެއްބައި ހުރީ ފިލައާއި ބާޓިނުން ހަދާފައެވެ.

” މިރާން!…” އީޝާ ގޮވާލުމާއެކު މިރާން ބަލާނުލާ ފާރަށް ގޮށްމުށުން އެތިފަހަރެއް އަޅައިފިއެވެ. އީޝާ ސިހިގެން ގޮސް ދެލޯބޮޑުކޮށްލަމުން މިރާންގެ އަތާއި ފާރަށް ބަލާލެވުނީ ދެނެވެ. ފާރުގައި ލޭގެ އަސަރު ހުރިއިރު ދެއަތްތިލައިގެ ބޭރުފުށް ހުރީ ލެއިން ތަތްތެޅިފައެވެ. އަނެއްކާވެސް މިރާން ހަމަ އެގޮތަށް ފާރަށް އެތިފަރެއް ވިއްލައިލިއެވެ. ” މިރާން…ޑޮންޓް ޑޫ ދިސް…” އީޝާ ދުވެފައި ގޮސް މިރާންގެ އަތުގައި ހިފަހަށްޓަން އުޅުނެވެ. މިރާން އެއަތް ފޮޅުވާލާ ބޮކްސިންތަޅާ މީހެއް ފަދައިން ފާރަށް ޖެހިޖެހިގެން ދެހަމަލާ ދިނެވެ. އީޝާ އަށް ކެތް ނުވެގެން ރޮއެގެންފައި މިރާންގެ ގައިގައި ބައްދައިގަތެވެ. ނަމަވެސް މިރާން އީޝާ ދުރަށް ޖައްސާލީ ނުހަނު އަވަހަށްށެވެ. އަދި އެހާމެ އަވަހަށް އީޝާގެ ކަރުގައި ހިފާ ބާރުކޮށްލަމުން ހަލުވިކަމާއެކު ފާރުގައި ތަތްކޮށްލައިފިއެވެ. މިރާންގެ ރަތްވެފައިވާ ދެލޮލުން އަލިފާން ނަޒަރަކުން އީޝާއަށް ބަލަމުން ދިޔައިރު ކަޅު އެސްފިޔަތަކުގައި ކަރުނައިގެ އަސަރު ހުއްޓެވެ. އީޝާގެ ހާލު މާބޮޑެވެ. މިރާންގެ ނުފެންނަ ނުރައްކާތެރި އެޢަމަލުގެ ސަބަބުން ބިރާއި ސިހުން ލިބި ތުރުތުރު އަޅައިގަތެވެ. ކަރަށް ފިތިފައިވުމުން ހާސްވަމުން ދިޔަ ނޭވާ އުނދަގުލާއެކު ބޭރުކުރަމުން ދިޔައިރު މޫނަށް ވަނީ ލޭ ޖަމާވެ ރަތްވެފައެވެ.

” އިޔާދާއި އީޝާގެ މަކަރުވެރިކަމަށް މީހަކު ސާބަސްދީ ތަޢުރީފު އޮއްސިޔަސް އެވަރުން ނުފުދޭނެ…ވާއު…ހާދަ މޮޅު ޕްލޭނެކޭ ދޯ…އޮޅުވާލައިގެން އަހަންނާ އިނީ އީޝް އަހަރެން އަތުން އަތުލަން ކަމަށްތަ؟…މިފަދަ ބޮޑު އިލްޒާމެއް އަހަރެންގެ ބޮލުގަ އަޅުވަން ކެރުނީ ކިހިނެތް އޭން؟…އީޝްއަކީ އަހަރެންގެ ދެދޮލުގެ ނޫރުކަން ނޭންގޭތަ؟…” މިރާން ދަތްކުޑިވިކައިގެން ހުރެ އީޝާގެ ކަރަށް ފިތާލުމަށްފަހު ދޫކޮށްލައި ދުރަށް ޖެހިލިއެވެ. އީޝާއަށް ލިބުނު ލުޔާއެކު ނޭވާ ހަމަ ކުރަން ކެއްސަމުން ފުންނޭވާތަކެއް ލަމުން ދިޔައީ ކުޑަކޮށް ގުދަށް އޮވެއެވެ.

އީޝާ ހުރި ހާލާމެދު ހިތަށް އުނދަގޫތަކެއް ވީނަމަވެސް މިރާން ގޮތްދޫކުރާކަށް ގަސްތެއް ނުކުރިއެވެ. ” މިރާން!…ކޭން ޔޫ ޕްލީޒް ލިސެންޓް މީ ވަންސް…ޕްލީޒް…” އީޝާ ރޮމުން ބުންޏެވެ. މިރާން ހުރީ އީޝާއަށް ނުރުހުންތެރިކަމާއެކު ބަލާށެވެ. ” ބައްޕަގެ ޕްލޭނަކީ އޭކަމުގައި ވިޔަސް، އަހަރެން މެރީ ހުރީ ޖުނާންއަށް ދައްކާލަން…ބަޓް ފަހުން ހަމަ މިރާން ދެކެ ލޯބިވެވުނީ…މިއީ ތެދު…ތިޔައްވުރެ ބޮޑަށް ދުވަހަކުވެސް މީހަކު ދެކެ ލޯބި ނުވެވޭ..އެގޮތަށް ޑޭޑް އެއުޅެނީ ދޮންތަ ހެދިހެން އަހަރެން ނުގޮސްފާނެތީ…އެހެންވެ މިރާންގެ ބޮލުގައި އެހާބޮޑު އިލްޒާމެއް އެ އެޅުވީ… ﷲ ގަންދީ ހުވާކޮށްފަ މިބުނީ އަހަރެން މިއަދު މި ހިނގި އެއްވެސް ކަމެއްގައި ބައިވެރިއެއް ނުވަން…އަހަަންނަށް އިނގޭ މިރާންއަށްވުރެ ބޮޑަށް އީޝް ދެކެ ލޯބިވާނެ އެއްވެސް އިންސާނަކު މި އުޑުދަށުގައި ނުވާނެކަން….” އީޝާ މަޑުމަޑުންގޮސް މިރާންގެ މުލައްދަނޑީގައި ހިފާލިއެވެ. މިރާން އަތް ދުރަށް ޖައްސާލާފައި އީޝާގެ މުލައްދަނޑީގައި ހިފާ ކައިރިއަށް ދަމައިގަތެވެ. ” ފިލުމުކުޅެން ދާންވީނު…ފަހަރެއްގައި ހޮލީވުޑުންވެސް ޗާންސެއް ލިބިދާނެ…އެކަހަލަ މުޑުދާރު ޢަމަލު ހިންގާ މީހުންގެ ތެރޭ ރަނގަޅަށް ފިޓުވާނެ…” މިރާން ދަތްކުޑިވިކާލިއެވެ. އީޝާގެ ހިތަށް ކުރި އަސަރުން ލޯމަރާލެވުނެވެ. ” އަހަރެން ބޭނުމީ ވަރިވާން….މިރާންއާ އީޝްއަށް އަހަރެންގެ ފަރާތުން އިތުރު ހިތްދަތިކަމެއްް ލިބޭކަށް ބެނުމެއް ނޫން…އަހަރެން ވަރިކޮށްދީ…އޭރުން އަހަރެން ބައްޕައާއެކު ހިނގައިދާނަން…” އީޝާ ހިތް ފަޅައިގެންދާ ހާލު ބުންޏެވެ. ހިތް އެދި ގޮވަމުން ދިޔައީ މިރާން އޭނާ ދިޔަނުދީ ހިފެހެއްޓުމަށްށެވެ. ” ހެހެ..ހީ ކުރީ ތި ހުރިހާ ކުޅިވަރެއް ކުޅުނީމަވެސް މިތާ ބަހައްޓާނެކަމަށްތަ؟…ދެން ދުވަހަކުވެސް އީޝް ފެންނަ ހިސާބަށްވެސް އައިސްގެން ނުވާނެ….އަޑު އިވިއްޖެ…އަދި ބުނަން….ދުވަހަކުވެސް އަހަރެން އީޝާ ވަރިއެއް ނުކުރާނަން…އިޔާދާއި ދެމީހުން ދާނެތަނަކަށް ދޭ…ކުރާނެ ކަމެއް ކުރޭ…” މިރާން އީޝާ ފަހަތަށް ކުޑަކޮށް ކޮށްޕާލިއެވެ.

 

115

2 Comments

  1. Butterphly girl

    October 14, 2020 at 10:05 am

    Alhe haadha kurey mi part ves…🙄 But v v reethi…💯💯💯❤️❤️❤️ Plx miran n easha vakinokohlahchey…🙏ashba kihaa dheravaane eirun…😥 Waiting for next part…🤗🤗 V foohivey e iyaadh dheke…😠 Bappa akah fudhey meeheh nun eiee… 🤔

  2. bappi

    October 14, 2020 at 12:59 pm

    masha allah vrh reethi…

Comments are closed.