މެންދުރުގެ ބާރުގަދަ އަވި މަޑުވަމުންގޮސް ހަވީރު އަތަށް އަޅަައިފިއެވެ. ހިސާބަކަށް މަގުތަކުގައި ދުއްވާ އެއްޗެހީގެ ކާރޫ ބާރޫ ބޮޑެވެ. އެއީ އަތޮޅުގެވެސް އެންމެ ބޮޑު އަދި އެންމެ ތަރައްޤީރަށެވެ. އެހެނަސް މަލަމަތި ފެހިވެފައި ހިތްގައިމު އެތައް ގުދުރަތީ މަންޒަރުތަކެއް ބަލައިލަން ލިބޭނެ ރަަށެކެވެ.
ރަށުގެ އިރުމަތި ދެކުނުގައި އެންމެ ވަލާއި ގާތުގައި ތެޅިގަލުން ރާނާފައި، ހިސާބަކަށް ސިމެންތި ޖަހާފައި ހުރި ވާރޭވިލާ ގެއިން ނުކުމެ މިރާން އެރީ ބޮޑު ބަނބުކެޔޮ ގަސްދޮށުގައި ހުރި ސައިކަލަށްށެވެ. ފެއްސާއި ކަަޅުގެ ގޮޅިޖެހި ގަމީހާއެކު ލާފައި ހުރީ އައިސް ބުލޫ ޖިންސެކެވެ. ޖިންސުއަރަނީ ތަނބިކަށްޓާ ހަމައަށެވެ. ރީތި ސޫރައެއްގެ މިރާން ހުރީ ކުރުކޮށް ކޮށާފައިވާ ބޮލާއި މާދިގު ނޫން ތުނބުޅިއެކެވެ.

ބާކުލަ ޖެހިފައިވާ އެސައިކަލު ސްޓާޓް ކޮށްލުމާއެކު ކުޑަކުޑަ ޕަރީއެއްފަދަ ހަތް އަހަރުގެ އަޝްބާ ގެއިން ނުކުތެވެ. އަސުރުމާ ކުލައިގެ ހެދުމެއްގައި އޭނާ ހުރިއިރު ފެންނަން ހުރީ ހަމަ ޔަޝްފީގެ ސިފަތަކެވެ.
ކޮނޑުގައި ކޭއްތޭ ބުޅި އިސްތަށިކޮޅާއި، ދޮންދޮން ވަށް މޫނު، ފުށްކޮޅެއް ފަދަ މަޑު ދެކޯ އަދި މަޑު އަޅި ކުލައިގެ ރީތި ކަޅިއާއި ބޮޑު ދެލޯ ފެނުމުން ހީވަނީ ޔަޝްފީ ހަމަ ދެންމެ ދެންމެ ދިރިގެން އައިސްފާނެ ހެންނެވެ.

ޔަޝްފީ މިދުނިޔެއާ ވަކިވިތާ ފަސްއަހަރު ވީއިރުވެސް އެހަނދާން ތަކާއި ދުރަށް އެންމެ ހިނދުކޮޅަކަށްވެސް މިރާނަށް ނުދެވެނީ ކުރިމަތީ މި ހުންނަ ސޫރައިގެ ސަބަބުންނެވެ.
މިރާން ޚިޔާލުގައި ހުއްޓައި އަޝްބާ ހިނިތުންވެލާފައި އައިސް ސައިކަލަށް އަރާ ބައްޕަގެ ފަހަތުން ބައްދައިލިއެވެ.
މިރާންވެސް ހިނިތުންވަމުން ސައިކަލު ދުއްވާފައި ގޮސް ގޯތީގެ ތިރި ވަށާފާރުލީ ދޮރުން މަގުމައްޗަށް ނުކުތެވެ.

ރަށުތެރޭ ދުއްވާލާފައި އައިސް މިރާން މަޑުކޮށްލީ ގޭ ހުންނަ ފަރާތު އަތިރިމައްޗަށްށެވެ. އެތާހުރި ތަނަކުން އައިސްކޯނު ގަންނަން މިރާން މަޑުކޮށްލުމުން އަޝްބާ ދުއްވައިގަތީ ދޮންވެލިގަނޑާ ދިމާއަށްށެވެ.
*****
އެއްވެސް މިސްރާބެއް ނެތި އީޝާ ހިނގަމުން ދިޔައީ މަންޒިލް ގެއްލިފައިހުރި މީހަކު ފަދައިންނެވެ. ފަން ދިގު އިސްތަށިގަނޑު އުނަގަނޑުގައި ކޭއްތޭ އިރު އެ އިސްތަށިގަނޑުގައި ހުރީ ކަޅުކުލައެވެ. ޖެހޭ މަޑު ވައިރޯޅިން އިރުއިރުކޮޅާ އިސްތަށިގަނޑު ވިހުރިގަނެއެވެ. ބްރޭންޑެޑް އަތްދިގު ޓީޝާޓަކާއި ސްކިނީ ޖިންސެއްގައި ހުރިއިރު އީޝާގެ ހަށިގަނޑު ފުދޭވަރަކަށް ހިކި ނަމަވެސް މީހުންގެ ލޯތަކުގައި އަޅައި ގަންނަ ފަދަ ބައްޓަމެކެވެ. ދޮން މޫނުގައި މޭކަޕެއް ނެތްއިރު ނޭފަތް ތޮރުފާފައި ބޮޅެއްލައްފާފައި އިނެވެ. ދެކަންފަތުގައިވެސް ބޮޅުލާފައި ހުރިއިރު އެއްކަންފަތުގައި ފަސްވަރަކަށް ބޮޅު ނެތްކަމެއް ނޭންގެއެވެ. ރީތި ސޫރައެއް ނަމަވެސް، ރީތިވަރަކަށް ބޮޑު، ދެ ކޮލުގައި މަދުމަދުން ބިހި ޖަހާފައި މޫނުގެ ދޮން ކުލައަށްވުރެ ބިހީގެ ކުލަ ރަތްވެ ފާޅުވެފައި ހުއްޓެވެ.
އީޝާ އަތިރިމަތި ވެލިގަނޑުގައި ހުރި ދިގު ގޮނޑީގައި އިށީނެވެ. ވަށައިގެންވާ މާހައުލުގައި ދެތިން މީހަކު ނޫނީ މީހެއްގެ ހިލަމެއް ނެތެވެ. އަދި އެހާ ހަވީރު ނުވާތީކަމަށްވެސް ވެދާނެއެވެ. އެވީވެސް ރަނގަޅަށްށެވެ. މީހުން މަދުވުމުން ހިތުގެ ޝަކުވާތައް އެތަނުގައި އިނދެ ބޭރުކޮށްލަން ފަސޭހަވާނެ ނޫންހެއްޔެވެ؟

އޭނާ ދުރުދުރަށް ފެތުރިފައިވާ ކަނޑަށް ބަލައިލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. އޭނާއަށްވުރެ ހިތާމަވެރި އިންސާނެއް ދެން މިދުނިޔޭގައި ނެތްފަދަ ޚިޔާލުތައް ހިތަށް ވެރިވިއެވެ. ހުރިހާ ދިމާއަކުންވެސް ފެންނަނީ ހިތާމަވެރި އަސަރުތަކެވެ. ހަމަހިމޭން މާހައުލު އިތުރަށް އީޝާގެ ތަބީޢަތު ގޯސްކޮށްލިއެވެ. ކީއްވެތަ ހުރިހާ އެއްޗެއް ހުރެމެ އެކައްޗެއްވެސް ނެތީ….؟ އީޝާ ބުނެލީ ޚިޔާލުގައި އިނދެއެވެ. ފައިސާ ހުރެގެން ލޯބި ހާސިލް ވާނެ ނަމަ އޭނާ މިއަދު އެކަން ކުރީހެވެ. އެހެން ނޫންނަމަ ހިތުގައި އެ އިޙްސާސްކުރާ ހުސްކަމެއް ނުވާނެ ނޫންހެއްޔެވެ؟ ނަމަވެސް ހިތި ޙަޤީޤަތަކި ލޯތްބަކީ ފައިސާ ހުރެގެން، މުއްސަނދި ދިރިއުޅުމެއް ލިބިފައި ވުމުން ހާޞިލްވާނެ އެއްޗެއް ނޫނެވެ.

އީޝާއަކީ ރާއްޖޭގެ ނަން މަޝްހޫރު ވިޔަފާރި ވެރިއެއްގެ އިތުރުން އެދާއިރާގެ މެންބަރު އިޔާދުގެ ދެކުދީންގެ ތެރެއިން ހަގު ކުއްޖާއެވެ. އީޝާގެ އަތުގައި ނެތް އެއްޗެއް ނެތެވެ. އެންމެ ކުޑަ އިރުއްސުރެ ބޭނުން ކޮންމެ އެއްޗެއް ލިބެއެވެ. ކުޅޭ އެއްޗެހިން ކޮޓަރި އޮންނަނީ ފުރިފައެވެ. އަލަމާރިތައް ފުރެންދެން ހެދުމާއި ގަހަނާ އަދި ފައިވާނާއި ދަބަހެވެ. އަގުބޮޑެތި މޭކަޕެވެ. ބޭނުން ކޮންމެ އެއްޗެއް ބޭނުން ކޮންމެ ވަގުތަކު ކާންލިބެއެވެ. ފުރާވަރަށް އެޅީއްސުރެ ތަނަވަސް ކަމުގައި މުޅި ދުނިޔޭގައި އުދުހެނީއެވެ. ބޭނުން ނަމަ ރައްޓެހިންނާއެކު ލަންޑަނުގައެވެ. ނުވަތަ ޔޫރަޕުގައެވެ. އެމެރިކާގައެވެ. ނޫނީ ރާއްްޖޭގައި ބައްޕަގެ ރިޒޯޓްތަކުގައެވެ.
****
” އައި މިސް ޔޫ ޖުނާން.. ކީއްވެ ބޭވަފާތެރިވީ؟.. ކީއްވެ މެރީ ކުރީ..؟ ވީ ވަރ އިން ރިލޭޝަންޝިޕް ފޮރ ސިކްސް އިޔާރޒް.. އަހަންނަށް މިޑެޕްރެޝަން އިން އަރައި ނުގަނެވުނު.. ކިހާ ނަސީބު ދެރަ؟.. ޑޭޑްވެސް އަހަންނާހެދި އެހުރީ ގޮތް ހުސްވެފަ؟.. އައި އިވެން ޓްއިޑް ޓު ސުއިސައިޑް!.. ޑު ޔޫ ހިޔަރ މީ…؟” އީޝާ ރޮމުން ގިސްލާން ފެށިއެވެ. އެންމެ ފަހަރަކު އެޝަކުވާތައް އެ މުއްސަނދި ބޮޑާ ޒުވާނާއަށް އިވޭނެ ނަމައެވެ.

މަޑުމަޑުން އެގޮނޑީގައި އިށީން އަޝްބާ ގޮނޑީގެ އެކޮޅުގައި ރޯން އިން އަންހެން ކުއްޖާއަށް ބަލާލިއެވެ. އެއްގަމުގައި ތަންކޮޅެއް ދުރުގައި އައިސްކްރީމް ގަންނަން ހުރި ބައްޕަ މިރާނަށް ވެެސް އޭނާ ބަލައިލިއެވެ.

” އައިއެމް..ސޯ ލޯންލީ…މުޅިންއެކަނި ވެއްޖެ…” އީޝާ ރޮމުން ދިޔައިރު މީހަކު ކައިރީ އިންކަން ފާހަގަވެގެން ބަލައިލިއިރު ބުދެއް ފަދަ ކުޑަ ކުޑަ އަންހެން ކުއްޖެއް ދެރަވެފައި ބަލަން އިނުމުން ހައިރާންވިއެވެ. އެ ކުޑަކުއްޖާ ދެކޮޅަށް ބޯ ހޫރާލަމުން ގާތްވެލާފައި އީޝާގެ ލޯ ފުހެދިނުމުން އިތުރަށް އީޝާއަށް ރޮވުނެވެ.

” އައި އެމް ސޯ ލޯންލީ އެންޖެލް…ކީއްވެތަ އޭނަ އެހެންހެދީ…؟.” އީޝާ އަޝްބާގެ މޫނަށް ބަލައިލަމުން ސުވާލުކުރީ ދަންނަ މީހަކު ކައިރީ އަހާލާ ފަދައިންނެވެ.

އަޝްބާވެސް އިނީ ބަލާށެވެ. ” ނޯ ބޮޑީ އެކްޗުއަލީ ކެއަރ ފޮރ މީ….ނޯބޮޑީ ލަވްސް މީ..އެއްވެސް މީހަކު އަހަރެން ދެކެ ލޯތްބެއް ނުވޭ….” އިސްޖަހާލަމުން ބުނެފައި އީޝާ އަޝްބާގެ މޫނަށް ބަލައިލިއިރު އެ ކުއްޖާ އިނީ ހިނިތުން ވެލައިގެންނެވެ. އުޑަށް ޝަހާދަތް އިނގިލި ދިއްކޮށްލާފައި މޭގައި ދެއަތް އަޅައިލިއެވެ. އީޝާ ހައިރާންވެފައި ބަލަން އިނުމުން އަޝްބާ އަނެއްކާވެސް ތަކުރާރުކޮށްލިއެވެ. އީޝާ އެއްޗެއް ހޯދާފަދައަކުން އުޑުގެ ކޮޅުކޮޅު ހޯދާލިއެވެ. ” ކާކު؟..ޔޫ ކެން ޓޯކްޓުމީ…އިޓްސް އޯކޭ!..” އަޝްބާ އަތުން ހަރަކާތް ކުރަންފެށުމުން އީޝާ ބުންޏެވެ.

މަންމަނު ބަސް ނޭންގުނަސް ދެން އަޝްބާ ހަރަކާތުން އެހަދާލިގޮތުންނާއި އަނގައިން ލައްވާލިއަޑުން އަޑުނީވޭ މަންމަނު ކުއްޖެއްކަން އީޝާއަށް އެނގުނެވެ. ހައިރާންވެގެން ބުނާނެ އެއްޗެއް ނޭންގިފައި އީޝާއަށް އިނދެވުނެވެ. ” އަހަރެން ކިޔާ އެއްޗެއް ކިހިނެތް އިންގެނީ…؟؟” އީޝާ އަނގަ ތައްމިނަށް ހުޅުވާލައިގެން ވާހަކަ ދެއްކިއެވެ. އަޝްބާ އަނގަމަތި ދައްކާލަމުން މީހުންވާހަކަ ދައްކާއިރު ބެލީމައި ބުނާ ބައެއް އެއްޗެހި އެނގޭވާހަކަ ބުންޏެވެ.

އިރުކޮޅަކު އީޝާއަށް ބަލަން އިނދެފައި އޭނާ ކުއްލިއަކަށް ވެލިގަނޑު މައްޗަށް ތިރިވިއެވެ. ހައިރާންވެފައި އީޝާވެސް ތިރީގައި އިށީންނެވެ. އަޝްބާ ފަރިތަކަމާއެކު ވެލިގަނޑުގައި ލިޔަން ފެށިއެވެ.” މީ އަޝްބާ..ކޮންނަމެއް ކިޔަނީ ދައްތައަށް؟..” އަޝްބާ ލިޔެލިއެވެ. ” އީޝާ..” އީޝާވެސް ލިޔުނެވެ. ” ދައްތަ މިރަށްތަ؟…” އަޝްބާ ލިޔެލިއެވެ. ” ބައްޕަ މިރަށް…އަސްލު ދައްތަ އުޅެނީ މާލޭގަ…” އީޝާ ލިޔުނެވެ.

” އެކަކު ލޯބި ނުވިޔަސް ﷲ ސުބުޙާނަހޫ ވަތަޢާލާ ލޯބި ވާނެ…ހީވިލް ނެވަރ ފޮގެޓް ޔޫ…ނެވަރ ލޫޒް ހޯޕް!..ބައްޕަ ބުނާނެ އަބަދުވެސް މިހެން…އަޝްބާ ހިތްވަރު ހޯދަނީ އެހެން…” އަޝްބާ ސްޕެލިންގް ނުބައިކޮށް ލިޔެފައި ހުރި އިނގިރޭސި ބަސްތައް ކިޔާފައި އީޝާއަށް އެ ލޯބި މައުސޫމު މޫނަށް ބެލުނެވެ.
އޭނާއަށް ﷲ މަތިން މީގެން ޒަމާނެއްގައިވެސް ހަނދާން ނުވެއެވެ. ނަމާދެއް އެންމެ ފަހުން ކުރީ މީގެ އެތައް އަހަރެއް ކުރިން ރޯދަ މަހެއްގައެވެ. އޭގެ ފަހުން އެތައް ރޯދަމަހެއް ފާއިތުވެ ދިޔައިރުވެސް ރޯދައެއްހާ ހިސާބުވެސް ނުހިފައެވެ. ” ދައްތައަށް އިނގޭތަ އަޝްބާގެ މަންމަވެސް ނުހުރެ…އެކަމަކު އަޝްބާ ވަރަށް ހިތްވަރު ކުރަމެއްނު؟..” އަޝްބާ އަނެއްކާވެސް ލިޔެލިއެވެ. ” ކޮބާ މަންމަ؟..” އީޝާވެސް ލިޔުމުން ސުވާލުކުރިއެވެ. ” މަރުވެފަ…” ލިޔެލާފައި އީޝާއަށް ބަލާލި ބޮޑު ދެލޮލުން ފެނުނު ކަރުނައިން އީޝާއަށް ގިސްލާ ރޯން ފެށުނެވެ. މި ކުޑަ ކުޑަ ކުއްޖާވެސް އޭނާއަށްވުރެ ހިތްވަރު ގަދަތާއެވެ.
***
“އީޝް..!! ” ފަހަތުން ފިރިހެން ބަރު އަޑަކުން ޒުވާނަކު ގޮވާލުމުން އީޝާ ބަލައިލީ ހައިރާން ކަމާއެކުއެވެ. ފަހަތުގައި ދެއަތުން ދެއައިސް ކުރީމް ހިފައިގެން ފަތިހަށި، އިސްކޮޅުން އެހާމެ ދިގު ޒުވާނެއް ހުއްޓިލައިގެން ހައިރާން ކަމާއެކު ހުއްޓާ ފެނުނެވެ.

” އީޝް!..” އެއީ އީޝާއަށް އޭނާގެ ބައްޕަވެސް ލޯބިން ގޮވާލާގޮތެވެ. އީޝާ ފަހަތް ބަލަން ހުރުމުން އަޝްބާ ފަހަތް ބަލާލާފައި ބައްޕަ ފެނުމުން ދަތްތައް ފެންނަވަރަށް ހީލަމުން ދުވެފައިގޮސް މިރާންގެ އުނަގަނޑާ ހަމައިގައި ބައްދާލިއެވެ.

” އީޝް ކާކު އެއީ؟..” މިރާން ސުވާލުކުރިއިރު އަޝްބާ ހުރީ މިރާންގެ ތުންފަތް ހަރަކާތްކުރާ ގޮތަށް ބަލާށެވެ. އަތުގެ ހަރަކާތުން އެއީ ދައްތައެއް ކަމަށް ބުނެދިނެވެ. ވަރަށް ލޯބި ދައްތައެކޭވެސް ބުނެލިއެވެ.

” އޯގޯޑް..ޑޭޑް ކަމަށް ހީކުރެވުނީ…އަޑުނީވޭ ކުއްޖަކަށް ދެން ކޮންމެހެން ގޮވަންޖެހޭތަ؟…މިރަށަށް އައިސް ޑޭޑްއާ އެހާ ފިލައިގެނޭ މިނުކުތީ..މޭގަނޑު އަނގަޔަށް ނައީ ކިރިޔާނު؟…” މޫދާ ކުރިމަތިލަމުން އީޝާ މަޑުމަޑުން ޒުވާނާއާމެދު ޝަކުވާ ކުރިއެވެ.

ކުއްލިއަކަށް އައިސްކޯނެއް ކުރިމަތިން ފެނުމުން ހައިރާންވެގެން ބަލައިލިއިރު އަޝްބާ ހެވިދިލިފައި ހުއްޓެވެ. ކައިރީގައި ނުވާކަމަށް ހެދިލައިގެން މިރާންވެސް ހުއްޓެވެ.

އީޝާ ނުހިފަން އުޅެން ފެށުމުން އަޝްބާ އަތް ތަޅުވާލާފައި ހިފަންވީކަން އަންގާލިއެވެ. ” ތީ އެމީހާއަށްވީ އައިސް ކޯނެެއްނު..؟” އީޝާ މިރާނަށް ބަލައިލިއެވެ.
” އީޝް އެހެރީ އަލަށް ދިމާވި ދައްތައާ މެދު ވަރަށް ގަޔާވެފަ..މައްސަލައެއް ނޫންކަމުގައި ވަނީނަމަ ހިފުން އެދެން..އަހަރެންގެ ދަރިފުޅުގެ މޫނުން ނުތަނަވަސްކަން ފެންނާކަށް ނޭދެން..” މިރާން ބުނެލީ ކަނޑަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. ބޮޑަށް ހީވީ ބުނެލި ބުނެލުމަކަށްވުރެ އިއްވި އަމުރެއް ހެންނެވެ. ” އޯޙް..އައިއެމް އިމްޕްރެސްޑް…ތޭންކްސް އީޝް..ވަރަށް ލޯބިވާ ބައްޕައެއް ދޯ…” އީޝާ ހީލުމުން ކޮލަށް އެޅުނު އަޑިކޮޅުން އެމޫނުގެ ރީތިކަން ފެނި މިރާން އަށް ބަލަން ހުރެވުނެވެ. ހަނދާންވީ ޔަޝްފީގެ ކޮލަށް އަރާ އަޑިކޮޅެވެ. މިރާން އަވަސް އަވަހަށް މޫނު އަނެއްފަރާތަށް އަނބުރައިލީ ޖީބަށް އަތްޖަހާލަމުން ފުންނޭވާއެއް ބޭރުކޮށްލަމުންނެވެ.

190

5 Comments

 1. Ram

  July 10, 2020 at 9:43 am

  Maasha allah vvv reethi mi vaahakaves girl haadha molhy maasha allah😍😍😍

 2. Shaiiii

  July 10, 2020 at 10:39 am

  Vvv salhi mi part ❣️🥀🌹
  Waiting for nxt part ♥️🦋💎

 3. Cutie🧡💛❤️

  July 10, 2020 at 11:28 am

  Varrah Salhiiii❤️❤️❤️❤️ can’t wait for next part🙂🙂🙂🙂

 4. Sadha

  July 10, 2020 at 12:01 pm

  Eeeenn … vrh vrh vrh vrh vrh vrh furihama girl….. ma sha allah….. ♥️♥️♥️

 5. Amaany

  July 10, 2020 at 7:10 pm

  V.v.reethi best of luck for the rest siss😊

Comments are closed.