ލަފްޒު 2

- by - 49- November 5, 2019

އަހަރެން ރަޝީދާ ޔާއިނީ ހަމައެކަނި އަހަރެންގެ މަންމަގެ އުފަލަށް. ރަޝީދާ ދެކެ ލޯތްބަކުންނެތްނޫން. ” ޖަލާލް ރަޝީދާގެ މޫނަށް ބަލާލަމުން ބުންޏެވެ. ރަޝީދާ ކަރުނުން ފުރިފައިވާ ދެލޯ މަރާލިއެވެ.
” އެހެންވިއްޔާ . އެހެން ވިއްޔާ މިދަރިފުޅަކީ …. ޖަލާލް ލޯބިން އަހަރެންނާ ގުޅިގެން ހޯދި ދަރިއެއް ނޫންތާ. އެރޭގެ އެގުޅުމަކީ ޖަލާލް މަޖުބޫރުން އަހަރެންނާއި ގުޅުނު ގުޅުމެއްތާ…. ސުބުހާނަށްﷲ. ” ރަޝީދާ އަށް ގިސްލެވެންފެށިއެވެ. ޖަލާލް ކުޑަދަރިފުޅު ގެންގޮސް ރަޝީދާގެ އުނގަށް ލިއެވެ. އަދި ނިކުންނަދޮރާއި ދިމާއަށް ހިނގައިގަތެވެ.
” މިމަޖުބޫރު ދިރިއުޅުން އުޅޭކަށް އަހަރެން ބޭނުމެއްނޫން. ގަދަބާރުން ޖަލާލްގެ ލޯބި ހޯދާކަށް އަހަރެން ބޭނުމެއްނޫން. މިބަދެވުމުގައި އުޅެންޏާ. މިކަހަލަ އެތައް އޮޅުވާލުންތަކެއް ޖަލާލް އަހަރެން ނަށް އޮޅުވާލާނެ. އަހަރެން ދެކެ ލޯބިނުވާ މީހަކު އަހަރެންގެ ހަށިގަނޑުގައި ބީހޭކަށް އަހަރެން ބޭނުމެއްނޫން. ކައިވެންޏަކީ ލޯތްބާއި އޯގާތެރިކަމާއި އިތުބާރައި ޔަގީންކަމާއި އެކީގައި ދެމެހެއްޓޭނެ އެއްޗެއް. އެއިތުބާރާއި ޔަގީންކަން ނުވަންޏާ އުޅުމުގެ ބޭނުމަކީ ކޮބާ؟ ލޯތްބާއި އޯގާތެރިކަން ނުވާ ތާކު ދިރިއުޅޭނީ ކިހިނެއް؟”
ރަޝީދާ ހިތްވަރު ކޮށްލާފައި ބުންޏެވެ. ޖަލާލް ރަޝީދާ އާއި ދިމާއަށް ބަލާލިއެވެ.
” ތިއީ ރަޝީދާގެ ނިންމުން ވިއްޔާ މައްސަލައެއް ނެތް. އަހަރެން ނެތް ނުހިފަހައްޓާނަން.
އަހަރެން ނަށް ވެސް ރަޝީދާ އާއި އެކީގައި އުޅޭކަށް ފަސޭހައެއްނޫން. ރަޝީދާ ބޭނުން ކަންތައް އަހަރެން ކޮށްދޭނަން. ” ޖަލާލް ބުންޏެވެ. އަދި ޖަލާލް ނިކުމެގެން ދިޔައެވެ. ރަޝީދާ ގިސްލާ ރޮމުން ދިޔައެވެ. ތުއްތު ދަރިފުޅު ރަޝީދާގެ އުނގުގައި ރޮއިލަ ރޮއިލާ އޮތެވެ.
ރަޝީދާ ދަބަހެއް ހިފައިގެން އައިސް ރަޝީދާގެ އަންނައުނުތައް އަޅަން އުޅުނެވެ. ހަލީމް ބޭރުން އައިސް ކޮޓަރިޔަށް ވަނެވެ. ހަލީމް އަށް އެމަންޒަރު ފެނުމުން ހައިރާންކަމާއި އެކިގައި އަހާލިއެވެ.
” ދަރިފުޅާ ރަޝީދާ. ތަނަކަށް ދާންތަ ތިއުޅެނީ؟ ” ހަލީމް އަހާލިއެވެ. ރަޝީދާ އެއްވެސް
ޖަވާބެއްނުދީ ހަލުވިކަމާއި އެކީގައި ދަބަހަށް ހެނދުންތައް އަޅަމުން ދިޔައެވެ. ހަލީމް އަތުގައި އޮތް ދޮންކެޔޮ ކޮތަޅު މޭޒުމަތީގައި ބޭއްވިއެވެ. އަދި ކުޑައެނދުގައި ނިދާފައި އޮތް ކުޑަދަރިފުޅަށް ބަލާލިއެވެ.
” ބައްޕަ މިއައީ 7 ދުވަސް ވީމައި ކައްކަން ދަލޭކައްތަގެ ގާތުގައި ބުނެފައި. ދަލޭކާއްތަ ބުނީ ކުކުޅަކަށް ވުރެން ރަނގަޅުވާނީ ބަކައްޓެއް ކަތިލިއްޔާއޯ. ބައްޕަ އަށް ވެސް ފެންނަނީ އެގޮތް. މިހާރު މިމަންޖެ އަށް ކިޔާނެ ނަމެއް ހޯދާފިންތަ؟ ” ހަލީމް ރަޝީދާ އާއި ވާހަކަ ދައްކަމުން ދިޔައެވެ. ރަޝީދާ އެއްވެސް ޖަވާބެއް ނުދީ އެކިތަންތަނުން އެކި އެއްޗެހި ހޯދައިގެން އައިސް ދަބަހަށް އަޅަމުން ދިޔައެވެ. އެވަގުތު ރަޝީދާގެ މަންމަ ޒުލޭޚާ އައިސް އެތެރެއަށް ވަނެވެ. ހަލީމް އަށް ޒުލޭޚާ ފެނުމުން ހައިރާންވިއެވެ.
” އަނހާ ޒުލޭޚާ. ކޮންއިރަކު މާލެ އައީ؟ ” ހަލީމް ޚާއިރާން ކަމާއި އެކީގައި އަހާލިއެވެ.
” ރޭދަންވަރު. ސަކީނާ ނިޔާވިހަބަރު ލިބުނީމައި އަވަހަށް މިއައީ. ” ޒުލޭޚާ ބުންޏެވެ. ހަލީމް ދެރަވިއެވެ. ރަޝީދާ ޒުލޭޚާ އަށް ބަލާލިއެވެ.
” މަންމާ މިހިރީ ނިމިފައި ހިނގާދާން. ” ޒުލޭޚާ އަށް އިތުރަށް އެއްޗެއް ނުބުނެވެނީސް ރަޝީދާ ބުންޏެވެ.
” ދަރިފުޅު ކޮންތާކަށް ދާން ތިއުޅެނީ؟ ” ހަލީމް އަހާލިއެވެ.
” އަހަރެންގެ ގެޔަށް. ބައްޕަގެ ކާފަ ދަރިޔަށް ބައްޕަ ނަންކިޔާ. އެކަމުގައި އަހަރެން ބައިވެރި ކުރަން ނުހަނދާ. ” ރަޝީދާ ހަރުކަށި ރާގެއްގައި ބުންޏެވެ.
” ރަޝީދާ.” ޒުލޭޚާ ރުޅިއައިސް ފައި ރަޝީދާ އަށް ގޮވާލިއެވެ.
” އަހަރެން އެހެން ބުނީމައި މަންމަ އަށް ކަނބޮޑުވީ. އަހަރެން ނަށް ޖަލާލް ހެދި ގޮތުން މަންމަ ކަނބޮޑެއް ނުވޭދޯ. ” ރަޝީދާ ޒުލޭޚާ އަށް ބުންޏެވެ.
” ކިހިނެއް ހެދީތަ ޖަލާލް.؟” ހަލީމް އަހާލިއެވެ.
” ކިހިނެއް ނުހަދަނީ؟…. ކޮންމެ ގޮތެއް ވިޔަސް ވަރިހަމަ އަހަރެން ދެން އިތުރަކަށް މިގެޔަކު ނީންނާނަން. ” ރަޝީދާ ދޮރާއި ދިމާއަށް ހިނގައިގަތެވެ.
” ދަރިފުޅާ. ރުޅިމަޑުކޮށްބަލަ. ހަމަޖެހިބަލަ. ޖަލާލް އެއްޗެއް ބުނީތަ؟ ” ހަލީމް ދެރަވެފައި އަހާލިއެވެ.
” އެއްޗެއް ބުނީހޭ. ” އެވަގުތު ޖަލާލް އައިސް ކޮޓަރިޔަށް ވަނެވެ. ” އެހެރީ ތިބުނާ ޖަލާލް. އޭނަ ކުރެން އަހާބަލަ. ” ރަޝީދާ ރުޅިއައިސްފައި ޖަލާލް އަށް ބަލަމުން ބުންޏެވެ.
” ދަރިފުޅާ. ޖަލާލް. ކިހިނެއްވިތަ؟ ރަޝީދާ އެހާރުޅިއައިސްގެން ގެޔަށް ދާން އެއުޅެނީ ކީއްވެގެން؟” ހަލީމް ޖަލާލް ކުރެން އަހާލިއެވެ. ޖަލާލް އެއްވެސް ޖަވާބެއް ނުދީ އިސްޖަހާލިއެވެ.
” އެއްޗެއް ބުނެވޭނީ އެއްޗެއް ބުނެވޭވަރުގެ މީހުންނަން. މިހާރު ޖަލާލް އަށް ވެސް އަހަރެން ހިފެހެއްޓުމުގެ ބާރެއް ނޯންނާނެ. އަހަރެން ނަކަށް ޖަލާލްގެ އެއްވެސް ހައްގެއް ނޯންނާނެ. އަހަރެން ނަކީ ޖަލާލް އާއި ބެހޭ މީހެއްނޫން. ބެހެވޭނީ އަންބެއްނަމައެއްނު. ” ޒުލޭހާ އާއި ހަލީމް ސިހިފައި ރަޝީދާ އަށް ބަލާލިއެވެ. ރަޝީދާ ގެ ދެލޯ ފެންކަޅިވަމުން ދިޔައެވެ.
” ރަޝީދާ. ތިކިޔޭ އެއްޗެއް އެނގޭތަ؟ ” ހަލީމް ހަރުކަށި ރާގެއްގައި އަހާލިއެވެ. ރަޝީދާ އެއްވެސް ޖަވާބެއް ނުދީ ދަބަސް ހިފައިގެން ނިކުންނަ ދޮރާއި ދިމާއަށް ހިނގައިގަތެވެ.
” ދަރިފުޅާ އަދި އެއްފަހަރު ވިސްނާލާ. ” ޒުލޭހާ ދެރަވެފައި ބުންޏެވެ.
” މަންމަ އަދިވެސް ތިބުނަނީ އަހަރެން ކައިރީގައި ވިސްނާށޭ. ކިހާ ދުވަހެއްވަންދެން މަކަރުވެރި ދިރިއުޅުމެއްގައި އަހަރެން އުޅެންވީ. ޖަލާލް އަހަރެން ނަށް އޮޅުވާލިކަން މަންމަ އަށް އެނގެއެއްނު. އަހަރެން ވިސްނާކަށް ބޭނުމެއްނޫން. ކޮންމެ މީހަކު ވެސް ވިސްނަން ތިބުނަނީ އަހަރެން ކައިރީގައި. ކުއްވެރި ތިކުރަނީ އަހަރެން. ގުރުބާން ވާންވީ އަހަރެން. އެއްފަހަރުވެސް އެކަކުވެސް ޖަލާލް ކުރެން މިއިންކަމަކަށް އެނދުނުތަ؟ ނޫނީ ޖަލާލް ސުއްލަހަ ދިރިއުޅުމެއް އުޅެން ބޭނުންވިތަ؟ އަހަރެން ނަށްޓަކާ ސަމީރާ ދޫކޮށްލިތަ؟ ނުކުރޭ.
އެކަމަކު ސަމީރާ އަށް ޓަކާ އަހަރެން ދޫކޮށްލީ. އެކަން އެއްވެސް މީހަކަށް ފެނުތަ؟ ” ރަޝީދާ އަށް ރޮވުނެވެ.
ރަޝީދާ ނިކުމެގެން ދިޔައެވެ. ޖުލޭހާ ދެރަވެގެން އިސްޖަހާލިއެވެ. ހަލީމްވެސް ފެންކަޅިވެފައިވާ ދެލޯ މަރާލިއެވެ. ޒުލޭހާ ގޮސް ނިދާފައި އޮތް ކުޑަދަރިފުޅު ނެގިއެވެ.
” އެމަންޖެ ގެންދާނެ ކަމެއް ނެތް. ” ޖަލާލް ބުންޏެވެ. ހަލީމް ސިހިފައި ޖަލާލް އަށް ބަލާލިއެވެ. ޒުލޭޙާ ވެސް ހައިރާންވިއެވެ.
” ކީކޭ؟ ” ހަލީމް އަހާލިއެވެ.
” ރަޝީދާ ދިޔަޔަސް ހެޔޮ. އެކަމަކު ކުޑަމީހާ ނުގެން ދެވޭނެ. ” ޖަލާލް ބުންޏެވެ.
” މޮޔަވީތަ؟ މިއީ އަދި 7 ދުވަސް ނުވާ ކިރުބޯ ޅަދަރިއެއް. މައިމީހާ އާއި ވަކިން މިދަރިފުޅު ދުނިޔޭގައި އޮންނާނެތަ؟ ” ޒުލޭޙާ ހިތްހަމަ ނުޖެހިފައި ބުންޏެވެ.
” ކީއްވެ ނޯންނަންވީ؟ މަންމަ މަރުވެފައި ތިބިކުދިން ދުނިޔެއަކު ނުތިބޭތަ؟ “ޖަލާލް ޒުލޭޙާ އަށް ބުންޏެވެ.
” ޖަލާލް. ބަލަ އެއީ ކިރުބޯޅަދަރިއެކޭ…. އެދަރިފުޅަށް މިހާރު ބޭނުންވާނީ ރަޝީދާގެ ގާތުން ދޭ ކިރު. ތިހެން ކަންތައްކުރީމައި ދަރިފުޅަ އެލިބެނީ ކިހާ ބޮޑު ގެއްލުމެއް. ” ހަލީމް ޖަލާލް އަށް ވިސްނާދޭން އުޅުނެވެ.
” ކޮން ގެއްލުމެއް ލިބޭނީ. ރަޝީދާގެ ގާތުން އެދަރިފުޅަށް ކިރުނުދިނަސް މަރެއްނުވާނެ. ބަނޑުހައި ވަންޏާ ކާންދޭނެ އެއްޗެހި މިހާރު ބާޒާރުން ލިބެން ހުއްނާނެ. ގާތުން ކިރުނުދިނަސް ކިރުވެސް އެދަރިފުޅަށް ދެވޭނެ. މިތާގައި ރަޝީދާ ނެތަސް އެއްވެސް ކަމެއް އުންޏެއް ނުވާނެ. ” ޖަލާލް އެއްވެސް ޖެހިލުމެއް ނެތި ބުންޏެވެ. ޒުލޭޙާ އާއި ހަލީމް ޙައިރާން ވިއެވެ. ޖަލާލް އަށް އައިސްފައިއެވާ ބަދަލަށް ވިސްނާލަން ހަލީމް އަށް މަޖުބޫރުވިއެވެ.
” ހަލީމް . ކަލޭގެ ދަރިފުޅު އެހެރީ ހަމަބުއްދި ފިލައިގެން ގޮސްފައި. ކިޔޭ ނުކިޔޭ އެއްޗެއް އޭނަޔަކަށް ނޭނގޭ. ލަސް ނުވަނީ ކަމެއް ކުރަން އުޅޭ. އެހެން ނޫނީ ފަހުން ހިތާމަ ކުރަން ޖެހިދާނެ. ” ޒުލޭޙާ ކުޑަދަރިފުޅު ނަގައިގެން ހިނގައިގަތެވެ.
” އެމަންޖެ މިގޭން ރަޝީދާ ގެން ދިއުމަށްފަހު އަހަރެންގެ އެއްވެސް އެހީއެއް އެމަންޖެއަކަށް ނޯންނާނެ.” ޖަލާލް ފުރަގަސް ދެމުން ބުންޏެވެ. ޒުލޭޙާ ހިނގުން ހުއްޓާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އެއްވެސް ޖަވާބެއްނުދީ ދަރިފުޅު ގޮވައިގެން ހިނގައިގަތެވެ. ހަލީމް ގެ ދެލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އަންނަން ފެށިއެވެ. ހަލީމް ވެސް މަޑުމަޑުން ނިކުމެގެން ދިޔައެވެ. ޖަލާލް މަޑުމަޑުން ފަސް އެނބުރި ބަލާލިއެވެ.
ޖަލާލް އަށް ވެސް ވަނީ ރޮވިފައެވެ.
އެނދުގައި އޮވެގެން ކުޑަދަރިފުޅު ރޮމުން ދިޔައެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެގޮތައް ރޮއިރޮއި އޮވެ ވަރުބަލިވެގެން ނިދުނެވެ. ނިދީގައިވެސް ގިސްލެވެމުން ދިޔައެވެ. …. އެގޮތައް އިރުކޮޅަކު ނިދިފައި އޮތުމަށްފަހު އަނެއްކާވެސް ހޭލެވިގެން ރޯންފެށިއެވެ. އެކުޑަދަރިފުޅުގެ އަޑު އަހާލާނެ އެއްވެސް މީހަކު އެތާކުނެވެ. މިސްކިތުވަލުދޮށުން ފެންހިފައިގެން ޒުޅޭޚާ އާއި ނަޖުމާ އައިސް ވަނެވެ. ޒުލޭޚާ އަށް ކުޑަދަރިފުލުގެ ރުއިމުގެ އަޑު އިވުމުން އަވަސްއަވަހަށް ބަނޑިޔާ ޖެހުނު ތަނެއްގައި ބަހައްޓާފައި ރަޝީދާގެ
ކޮޓަރިޔާއި ދިމާއަށް ދިޔައެވެ. ކޮޓަރިތެރެއަށް ވަދެފައި އަވަސް އަވަހަށް އެނދުގައި އޮތް ކުޑަދަރިފުޅު ނެގިއެވެ.
” ރަޝީދާ. ރަޝީދާ. ” ޒުޅޭޚާ ކުޑަދަރިފުޅު ނަގައިފައި ކޮޓަރިތެރެއަށް ބަލާލަމުން ގޮވާލިއެވެ.
” މަންމާ ރަޝިއްތަ ގެޔަކު ނެތް. ” އެތެރެއަށް ވަންނަމުން ނަޖުމާ ބުންޏެވެ.
” ބަދިގެފަރާތުގައިވެސް ނެތްތަ؟ ” ޒުލޭޚާ އަހާލިއެވެ.
” އާން. ނެތް. ބޭރު ގިފިއްޔަކުވެސް ނެތް. އެތެރެ ވަޅުކޮޓަރިއަކުވެސް ނެތް. ” ނަޖުމާ ބުންޏެވެ.
” އެހެންތަ؟ ކުޑަމީހާ ނިންދަވާފައި އެދިޔައީ ކޮންތާކަށް؟ މިމަންޖެ ބަނޑުހައިވެގެން ކިރަށް މިރޮނީ. ” ޒުލޭޚާ ކުޑަމީހާ އަށް އޯގާތެރިކަމާއި އެކީގައި ބަލާލިއެވެ. އެކުޑަ ދަރިފުޅުގެ މައުސޫމް މޫނު ފެނުމުން ޒުލޭޚާގެ ހިތުގައި މައިވަންތަކަމުގެ ލޯބި އުތުރިއަރައިގެން ދިޔައެވެ. އޯގާތެރިކަމާއި ކުލުނާއި ލޯބި އުފެދުނެވެ. ކުޑަދަރިފުޅުގެ
ކޮލަށް ދޮނެއްދިނެވެ. ޒުލޭޚާ އުރާލުމުން ކުޑަދަރިފުޅު ރުއިން ހުއްޓާލިއެވެ. އެކަމަކު ގިސްލެވެމުން ދިޔައެވެ.
” ނަޖުމާ. ދޭ ކޮއްކޮ ފެންވަރުވާލަން ފެންކޮޅެއް ހޫނުކޮށްލަން. ” ޒުލޭޚާ ބުންޏެވެ.
” މަންމާ ގެނޭ އަހަރެން ފެންވަރުވާލާނަން. މަންމަ އަދިވެސް މުޅިން ރަނގަޅެއް ނުވެއެއްނު. މިއަދު ފެންވެސް ތިގެނައީ މަންމަ. އެހެން ވީމައި ގެނޭ ކޮއްކޮ ފެންވަރުވަން އަހަރެންގެ އަތައް.” ނަޖުމާ ހިތްހެޔޮ ރާގެއްގައި ބުންޏެވެ.
” ނޫނޭ. މިއަދު ތުއްތުކަނބޮޅުފެންވަރާނީ މާމަ އާއި އެކީގައި ދޯ ދޫނީ. ” ހީލަމުން އޯގާތެރި ރާގެއްގައި ޒުލޭޚާ ބުންޏެވެ.
ނަޖުމާ ފެން ކޮޅެއް ހުނުކޮށްގެން ގެނުމުން ޒުލޭޙާ ކުޑަދަރިފުޅު ފެންވަރުވާލިއެވެ. އަދި ރީތިކޮށް މޫނުގައި ފުއްޖައްސާލިއެވެ. ޒުލޭޚާގެ ކައިރީގައި ނަޖުމާ އުފާވެރި ގޮތަކަށް ހެވިފައި އިނެވެ.
” އައްސަލާމް އަލައިކުމް. ” އެތެރެއަށް ވަންނަމުން ހަލީމް ސަލާމް ގޮވާލިއެވެ.
” ވައަލައިކުމުއްސަލާމް. ”ނަޖުމާ ސަލާމް ބަލައިގަތެވެ. ” މަންމާ ރަޝިއްތަބޭގެ ބައްޕަ. ” ނަޖުމާ ޒުލޭޚާ އަށް ބުންޏެވެ. ޒުލޭޚާ ދޮރާއި ދިމާއަށް ބަލާލިއެވެ.
” ހަލީމް. އާދޭ އެތެރެއަށް. ” ހަލީމް އެތެރެއަށް ވަދެގެން ދިޔައެވެ. ޒުލޭޚާގެ އަތުގައި އޮތް ކުޑަމީހާ އަށް ބަލާލިއެވެ. އަދި އަތުގައި އޮތް ބޮނޑިބަތް ދެތިންކޮތަޅު ނަޖުމާގެ އަތައް ދިނެވެ.
” ދޮންކިޔާލީތަ؟ ” ކުޑަމީހާ އަށް ބުންޏެވެ. ހަލީމްގެ ދެލޯ ފެންކަޅިވިއެވެ.
” ކަމަކުތަ؟” ޒުލޭޚާ އަހާލިއެވެ.
” އާން. މިއަދު މިއީ ކުޑަމީހާ އަށް ހަތް ދުވަސް ވީދުވަސް.” ހަލީމް ބުންޏެވެ.
” އާން. ދޮގެއްވެސް ނޫން. ” ޒުލޭޚާ އަށް ބުނެވުނެވެ.
” ޖަލާލް ހަނދާން ހުރިހެން ހިޔެއްނުވޭ. އަކަމަކު އަހަރެން ހަނދާނެއް ނުނެތޭ. އަހަރެން މިއައީ އަހަރެންގެ ކުޑަކުޑަ ކާފަ ދަރިފުޅަށް ނަންކިޔާފައި. ” ހަލީމް ކުޑަދަރިފުޅުގެ ބޮލުގައި އޯގާތެރިކަމާއި އެކީގައި ފިރުމާލަމުން ބުންޏެވެ.
” ކޮއްކޮއަށް ކީ ކޮންނަމެއް؟” ނަޖުމާ އަވަސް އަވަހަށް އަހާލިއެވެ.
” ލޫޝާ. ” ހަލީމް އުފާވެރި ރާގެއްގައި ބުންޏެވެ.
( ނުނިމޭ )

49

You may also like...

5 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Writer plx dont publish others works saying that its yours… i have already read this story… eventhough i dont remember the site from where i read… i have a copy of this story

    ⚠Report!

Leave a Reply to Yanaa Cancel reply

Your email address will not be published.