ވަކިވެ ދިޔަޔަސް އަދު މިދުނިޔެއިން (7ވަނަ ބައި)

- by - 0- October 22, 2014

ޖެހިގެންއައި ބުދަ ވިލޭރެއެވެ. ލަޔާލްއާއި އޭނާގެ ޓީމް ތިބީ އެއަތޮޅު މަރަދޫގައެވެ. އެމީހުން ތިބީ ރުޝްދީގެ ގޭދޮށުގައި ފާރައަށެވެ. ރުޝްދީ އޭނާ ގެންގުޅޭ ބުދު ހިފައިގެން އައިސް ސިޓިން ރޫމުގައި ބޮޑު އަލިފާންގަނޑެއް ޖެހިއެވެ. އަދި އެއަށްފަހު އެތާ އިށީންދެ އިނދެ ކޮންމެވެސް އެއްޗެއް ކިޔަވާފައި އަލިފާންގަނޑަށް ފުމެލިއެވެ. އަދި އިރުކޮޅަކު އެހެން ކަންތައް ކުރުމަށް ފަހު ތެދުވިއެވެ. ” މަސީހް މިރޭމި ކަލޭގެ ރޭ…އަހަރެންގެ ކޮއްކޮއަށް އަނިޔާތަކެއް ދީފަ ކަލެއަށްވަކި ސަލާމަތެއް ނުވެވޭނެ..ކަލެއަށްވެސް ޖެހޭނީ މަރުވާން..” އޭނާގެ އަޑު ގަދަވިއެވެ. އެތަންވަޅު ބަލައި ލަޔާލްއާއި އޭނާގެ ޓީމު އެތެރެއަށް ވަނެވެ. ” ރުޝްދީ! ކަލޭ ތިހުރީ އަހަރެމެންގެ އަތްދަށުވެފަ…” ލަޔާލް ރުޅިވެރިކަމާއި އެކު ރުޝްދީއާއި މުޚާތަބު ކުރިއެވެ

ރުޝްދީ ހުރީ ވަރަށް ހަމަޖެހިލައިގެންނެވެ. އޭނާގެ މޫނު މަތިން ހާސްކަމުގެ އަސަރު އެއްގޮތަކަށްވެސް ފެންނާކަށް ނެތެވެ. އޭނާ އެ ހުރި ތަނުން ގުޑުވައިލާކަށްވެސް ނޫޅެއެވެ. އެފަދަ ވަގުތެއްގައި އޭނާ އެހާ ހަމަޖެހިލައިގެން ހުރުމުން ލަޔާލް ހައިރާންވިއެވެ. ” ރުޝްދީއާއިއެކު މިގޭގައި އިތުރު މީހަކު އުޅޭތަ؟” ލަޔާލު އަހާލިއެވެ. ” ނޫޅޭ” އޭނާގެ ޖަވާބު ކުރެވެ. ” ދޮގު ނުހަދައްޗޭ!” ލަޔާލް ރުޅިވެރިގޮތް ދައްކާލަމުން ބުންޏެވެ. ” ކުރިން ބައްޕަ އުޅުނު..ނަވާ އާއި މެދު ކަންތައް ވީގޮތުން އެކަމާ ހިތާމަކޮށް ބައްޕަ ނިޔާ ވެއްޖެ.” ރުޝްދީ ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ

ޝާހުއާއި ނާހިލް މަރައިލީ ކަލޭތަ؟” ލަޔާލް ރުޝްދީއާއި ސުވާލުކުރިއެވެ. ” އާން..އާން…އަހަރެން..އެއީ އިންސާނުންގެ ތެރޭ އުޅެން ހެޔޮވާވަރުގެ މީހުންނެއް ނޫން” ރުޝްދީގެ ގާތަށް ރުޅިއައެވެ. ” ކަލޭ އެމީހުން މަރަނީ ކިހިނެއް؟” ލަޔާލް އަނެއްކާވެސް ރުޝްދީއާއި ސުވާލު ކުރިއެވެ. ” ސިހުރު ހަދައިގެން” ރުޝްދީ ވަރަށް އާދައިގެ ގޮތަކަށް ބުނެލިއެވެ. އޭނާ އުޅުނު ގޮތުން އެއީ މޮޔައެއްހެން ލަޔާލްއަށް ހީވިއެވެ. ” ކަލޭ އެގޮތަށް މީހުން މަރާގޮތް އަހަރެމެންނަށް ދައްކާލަން ވީއެއްނު” ލަޔާލް ރުޝްދީގެ ގާތު ބުނެލިއެވެ. ” އަހަރެން ކީއްކުރަން ކޮންމެ ކޮންމެ މީހަކު މަރަންވީ..އަހަރެން މަރާނީ އަހަރެންގެ ކޮއްކޮގެ ދުޝްމިނުން” ރުޝްދީ ހަމަޖެހިލާފައި ބުނެލިއެވެ. ” އެހެންވިއްޔާ ދެން މަރަން ނިންމާފަ އޮތީ ކާކު؟” ލަޔާލް ބޭނުންވީ ރުޝްދީ ލައްވާ ވާހަކަ ދައްކުވާށެވެ. ” މަސީހު” ޖެހިލުމެއް ނެތި އޭނާ ބުނެލިއެވެ. ” ދެން އެހެންވީ އިރު މިހާރު އޭނާ މަރާލަބަލަ” ލަޔާލްއަށް އެއީ މޮޔައެއްހެން ހީވާންފެށިއެވެ. އެހެނަސް ރުޝްދީގެ ވާހަކަތައް ކިތަންމެހާވެސް ހަމަޖެހެއެވެ. ” އަދި ނުވޭ..ވަގުތު އައިސްޖެހުނީމަ އޭނަވެސް މަރާލާނަން..މި ބުދުގެ ބޯ ކަނޑައިލާފަ އަލިފާންގަނޑަށް އެއްލައިލާއިރަށް އޭނާ މަރުވާނެ” ރުޝްދީ އޭނާގެ އަތުގައި ފޮތިން ހަދާފައި އޮތް ބުދު ނަގާ ދައްކާލަމުން ބުނެލިއެވެ. ލަޔާލް ދެން އިތުރަކަށް އެއްވެސް ސުވާލެއް ނުކުރެއެވެ. އޭނާ ރުޝްދީ ގޮވައިގެން ގޮސް ޖިޕަށް އެރިއެވެ. މިފަހަރުވެސް ރުޝްދީގެ ފަރާތުން ފެނުނީ އާދަޔާޚިލާފު ގޮތްތަކެކެވެ. އޭނާ ގަދަހަދާކަށް ނޫޅެއެވެ. އިތުރު އެއްވެސް އެއްޗެއްވެސް ނުބުނެއެވެ. އޭނާ ހުރީ ވަރަށް ހަމަޖެހިލާފައެވެ

ރުޝްދީ ގެންދެވުނީ ހިތަދޫގެ ފުލުސް އޮފީހަށެވެ. އޭނާ މިހާރު ހުރީ ލަޔާލްމެންގެ ބެލުމުގެ ދަށުގައެވެ. ލަޔާލްއަށް މިހާރު އެއީ މޮޔައެއްކަން ޔަޤީން ވާކަހަލައެވެ. އެހެންކަމުން އޭނާގެ ޓެސްޓެއް ހެދުމަށް ޑޮކްޓަރެއްގެ އެހީ ހޯދަން ލަޔާލް ނިންމިއެވެ. ” ކަލޭމެން އަހަރެން މިތާ ބަންދުކޮށްފައި ބޭންދިޔަސް ސިހުރުގެ ބާރު އެމީހުންގެ މައްޗަށް ފޯރާނެ އިނގޭ!” ރުޝްދީ ލަޔާލްގެ މޭޒުކައިރީ އިނދެފައި ހަޅޭއްލަވައިގަތެވެ. ލަޔާލް އެކަމަކާ އަޅައެއް ނުލައެވެ. އަޑު އިވޭކަމަށްވެސް ހަދައިނުލައެވެ. ލަޔާލް އިނީ ރުޝްދީގެ ފައިލް ތައްޔާރު ކުރާށެވެ. އެހެން އިންދާ ފޯނު ރިންގުވާން ފެށިއެވެ. ” ލަޔާލް ސަރ..އަޅު..އަޅުގަނޑު މިއޮށް މަރުވަނީ…އަޅުގަނޑު ސަ..ސަ..ސަލާމަތް ކުރޭ” ފޯނު ނަގާ ކަންފަތުގައި ޖައްސާލުމާއެކު އެކޮޅުން އިވުނީ މަސީހުގެ އަޑެވެ. ” މަސީހު..މަސީހު..ކާކުތަ؟ ބިރު ނުގަނެ ބުނެބަލަ” ލަޔާލް އަވަސްއަވަހަށް އަހާލިއެވެ. އެހެނަސް އޭނާގެ ސުވާލުތަކަށް ޖަވާބު ނުލިބެނީސް ފޯނު ކެނޑިއްޖެއެވެ. ” އަހަރެން ބުނީމެއްނު!..އިރުތަކެއް ވެއްޖެއެއްނު!” ރުޝްދީ އިނީ ވަރަށް ހެވިފައެވެ. ” މީނަ ކައިރި އެއްބަޔަކު ތިބެއްޗޭ.އިރުކޮޅަކުން ޑޮކްޓަރ ފާއިޒް ދުރުވާނެ..ރާޝިދުއާއި ޒުހުރީ އާދޭ މަށާއެކު..” ލަޔާލް ގޮޑިން ތެދުވަމުން އޮފިސަރުންނަށް އެންގިއެވެ

ލަޔާލްއާއި އޭނާގެ ޓީމަށް މަސީހުގެ ގެއަށް ދެވުނުއިރު އެ ގޭގެ މީހުން އޭނާގެ ފުރާނަނެތް މަސްގަނޑު ކައިރީ ރޮވިފައި ތިއްބެވެ. ” މިކަން ހިނގިއިރު ތިބޭފުޅުން ކޮބައިތޯ” ލަޔާލް ސުވާލުކުރީ މަސީހުގެ މައިންބަފައިންގެ ކައިރީއެވެ. ” އަޅުގަނޑުމެން ތިބީ ނިދާފަ. ކުއްލިއަކަށް ގަދަ އަޑެއް އިވުމުން އަޅުގަނޑުމެންނަށް ހޭލެވުނީ..އެއަޑު އައީ މަސީހުގެ ކޮޓަރިއާއި ދިމާއިން..އަޅުގަނޑުމެން ދޮރު ހުޅުވާލިއިރު މަސީހު އޮތީ މުށިގަނޑު މަތީ” މަސީހުގެ މަންމަ ރޮމުން ވާހަކަ ދެއްކިއެވެ. “އެކަމެއް ވުމުގެ ކުރިން އޭނަ އަޅުގަނޑުމެންނަށް ގުޅި..އެކަމަކު ރަގަޅަށް ވާހަކަ ނުދެއްކެނީސް ފޯނު ކެނޑިއްޖެ” ލަޔާލް އޭގެ ކުޑަ އިރުކޮޅެއްކުރިން ކަންތައް ހިނގިގޮތް އެމީހުންނަށް ކިޔައިދިނެވެ. ” ކަލޭމެން ތީ ކަމެއް ވާ ބައެއްތަ؟ މިގޮތަށް މަރާލި ތިންވަނަ ކުއްޖާ މިއީ..އަދިވެސް ކަލޭމެންނަށް އެމީހަކު އަތުނުވެއެއްނު” މަސީހުގެ ބައްޕަ ހުރީ ރުޅިގަދަވެފައެވެ. މިފަދަ ހާލަތެއްގައި އެއީ ވެދާނެ ގޮތެކެވެ

ލަޔާލް ގެއިން ބޭރަށް ނުކުތެވެ. އަތުގައި އޮތް ޓޯޗް ދިއްލާލަމުން އޭނާ އެސަރަހައްދަށް ނަޒަރު ހިންގާލިއެވެ. އެހިސާބުގަނޑުން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ކުއްލިއަކަށް އޭނާގެ ލޮލުގައި އަޅައިގަތީ ގޭގެ ގަސްތަކުތެރެއިން ފެނުނު އައްޔެކެވެ. އޭނާ މަޑުމަޑުން އެދިމާއަށް ދިޔައެވެ. ގަސްތައް ހުރި ހިސާބަށް ގޮސް އޭނާ ހުއްޓުނެވެ. އަދި މަޑުމަޑުން ގަސްތައް ފޭކޮށްލަމުން އެތަން ބަލައިލިއެވެ. ލަޔާލް ދިޔައީ ސިއްސައިގެންނެވެ. މަރުވެފައި އޮތް ކަޅު ބުޅަލުގެ ކައިރީ ދެލޯ ދިއްލައިލައިގެން އިނީ އިތުރު އެހެން ބުޅަލެކެވެ.ލަޔާލް އެތަނަށް އައުމުންވެސް އެބުޅާ ދާކަށް ނޫޅެއެވެ..މިއީ ކޮންފަދަ ސިހުރެއްހެއްޔެވެ؟ މަޑުމަޑުން އެ ބުޅާ ތެދުވިއެވެ. އަދި ގަސްތަކުގެ ތެރެއިން ނުކުމެ ދުއްވައިގަތެވެ. އަދި އެއަށްފަހު ވަކި ހިސާބަކަށް ގޮސް އެނބުރި ލަޔާލްއާއި ދިމާއަށް ބަލައިލިއެވެ. ލަޔާލް ހުރީ ބުޅަލުގެ މި އާދަޔާ ޚިލާފް ކަންތަކުގެ ސަބަބުން ހައިރާންވެފައެވެ

މަސީހުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ގެންދެވުނެވެ. ލަޔާލް އިނީ މި ކަންތައްގަނޑުގެ ސަބަބުން ބޯ ހާސްވެފައެވެ. ” ސަރ މިއީ އިންސާނެއްގެ ކަމެއް ނޫން…” ޒުހުރީ އައިސް ލަޔާލްގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. “މަށަށް ހީވާ އެއްޗެއް އެބައޮތް” ލަޔާލް ވިސްނަން އިނދެފައި ބުނެލިއެވެ. ” ކޮންއެއްޗެއްތޯ؟” ޒުހުރީ އިހުނަށްވުރެ މޭޒާއި ގާތްވެލަމުން އަހާލިއެވެ. ” ރުޝްދީ ބުންޏެއްނު އެބުދުގެ ބޯ ކަނޑައިލާއިރަށް އޭނަ އެބުނާ މީހަކު މަރުވާނޭ..އެކަމަކު ނިކަން ގޮސް ބަލައިލަބަލަ..އޭނާގެ އަތުގައި އެބުދު އޮތްގޮތަށް އެބައޮތް…އެހެން ނޫނަސް ކޮންމެ ފަހަރަކުވެސް އެކަމެއް އޭނާ ކުރަނީ އިރާކޮޅުކަމަށް ވަނީ..އެކަމު އެމީހުން މަރުވަނީ ރޭގަނޑު މެންދަމުގެ ވަގުތު ތަކުގައި” ލަޔާލް ވަރަށް ވިސްނާފައި ބުންޏެވެ.އަދި އެއަށްފަހު ފޯނުގެ އަތްގަނޑު ނަގައި ނަމްބަރަކަށް ގުޅައިލިއެވެ. ” ރުޝްދީގެ ރިޕޯޓުއް ދައްކަނީ ކިހިނެތްތޯ؟” ލަޔާލް ގުޅީ ޑޮކްޓަރ ފާއިޒަށެވެ.  ” އޭނާ އެއީ ސިކުނޑި ހަމަޖެހޭ މީހެއް ނޫން..އަޅުގަނޑު ވަރަށް ގިނަ ސުވާލުތައް އޭނާއާއި ކުރިން..އަޅުގަނޑު އެހިން އަލިފާންގަނޑުގެ ކައިރީ އިނދެގެން ކިޔަނީ ކީކޭތޯވެސް..އޭނާ ބުނި އެއްވެސް އެއްޗެއް ނުކިޔާކަމަށް..އިނދެގެން ތުން ތަޅުވަނިއްޔޯ..އަޅުގަނޑަށް ހީވަނީ އޭނާގެ ސިކުނޑިއަށް ލިބިފައިވާ ގެއްލުމަކީ ކުއްލި ޝޮކެއްގެ ސަބަބުން ލިބުނު ގެއްލުމެއްހެން” އެކޮޅުން ވާހަކަ ދެއްކީ ޑޮކްޓަރ ފާއިޒެވެ. ” އެހެންތޯ؟ ޝުކުރިއްޔާ ފާއިޒް” ލަޔާލް ފޯނު ބޭއްވިއެވެ. ” ކޮބާ އަހަރެން ބުނީމެއްނު..އަހަންނަށް ހީވިއޭ އެއީ މޮޔައެއްހެން…ޒުހުރީ…މަށަށް ހީވަނީ މިއީ އެހެން މީހެއްގެ ކަމެއް ހެން..ޝާއިން..ޔަޤީން މިއީ އޭނާގެ ކަމެއްކަން…އޭނާ ފިލައިގެން ހުރެ މިކަމެއް މިކުރަނީ..އެކަމަކު ކޮންތާކުބާ އޭނާ އެއުޅެނީ؟..މިއޮއް ބޮޑު ރަށުން ކިހިނެއް އޭނާ އުޅޭތަނެއް ހޯދާނީވެސް؟” ލަޔާލް އިނީ ހަދާނެގޮތް ހުސްވެފައެވެ. ” ވެދާނެއެއް ނޫންތޯ އޭނާ މަރަދޫ ނުވަތަ ފޭދޫގައި އުޅެފައި އުޅެފައި މިރަށަށް އައިސް އެކަމެއް ކޮށްފައި ދަނީކަމަށްވެސް؟” ޒުހުރީ އޭނާއަށް ހީވާ އެއްޗެއް ބުނެލިއެވެ. ” އެކަމަކު އޭނާ އެކަން އެކުރަނީ ކިހިނެއް ހެއްޔޭ އަހަރެންގެ ސުވާލަކީ…އެއްވެސް ހެއްކެއް އަތަކު ނުޖެހޭ ، އަނެއްކާ އޭނާ ތަންތަނަށް ވަދެ ނުކުމެ ހަދަނީ ކިހިނެއް ކަމެއް ނޭގެ” ލަޔާލްގެ ސިކުނޑިއަށް ބާރުކުރަން ފެށިއެވެ.( ނުނިމޭ

0

You may also like...

3 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ

Leave a Reply to yash Cancel reply

Your email address will not be published.