އެނގުމެއްނެތި…7

- by - 53- January 10, 2019

ހެނދުނު ހޭލިގޮތަށް ފޯނު ބަލައިލި އަލީޝާގެ ބޮލުގައި ފުރަތަމަ ޖެހުނީ ސުވާލުމާކެކެވެ. އެއީ ނުދަންނަ ނަންބަރަކުން ފޮނުވާފައިވާ ފޮޓޮއެކެވެ. ފޮޓޯގައި އިނީ ސެޓްފިކެޓެކެވެ.

“އެޑޮޕްޝަން ސެޓްފިކެޓް؟… ތޫބާ ހަނީފް؟!” އަލީޝާގެ ދެ ބުމަ ގޮށްޖެހުނެވެ.

*************************

ލައިބްރަރީގައި އިން ތޫބާއަށް އިސްއުފުލައި ބަލައިލެވުނީ ކުރިމަތީ ކުއްޖަކު އިށީނުމުންނެވެ. ސީދާ އޭނާއަށް ބަލަހައްޓައިގެން ހީލާފައި އިން އަލީޝާ ފެނުމުން ތޫބާގެ ހިތަށް އެތަކެއް އިހުސާސުތަކެއް އަރައި ފައިިބައިފިއެވެ. އަލީޝާއަށްޓަކައި އޮތް އިތުބާރު މުޅިންހެން ގެއްލިފައިވީ ނަމަވެސް އެއީ އެއް އިރެއްގައި އޭނާގެ ރޯލް މޮޑެލްއެވެ.

“ތޫބާ މިއަދު ހެނދުނު މަށަށް މެސެޖެއް ފޮނުވިންތަ؟” ބޭކާރު އަނގައެއް ތެޅުމަކާއިނުލައި އަލީޝާ ފެށީ އަހަން ބޭނުންވި ސުވާލުންނެވެ. ތޫބާއަކަށް އޭނާ ކީ އެއްޗެއް ނުވިސްނުނެވެ. ދެ ފަރާތަށް ބޯ ހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. އަލީޝާ ފޯނު ހުޅުވާފައި ހެނދުނު ލިބުނު ފޮޓޯ ތޫބާއަށް ދައްކައިލަން އުޅުނެވެ. ނަމަވެސް އެކަން މެދުކަނޑައިލީ ދެމެދަށް އައިސް މޭޒުގައި ދެއަތް ވިއްދައިލި އީތަންއެވެ.

“މާ ސީރިއަސްކޮށް، ކޮން ވާހަކައެއް މި ކުރިއަށްދަނީ؟” ވަރަށް ހެވިފައި އީތަން އަހައިލީ ނޭންގޭތީކީ ނޫނެވެ. އަލީޝާއަށާއި ތޫބާއަށް އެއްފަހަރާ އީތަންއާއި ދިމާއަށް ބަލައިލެވުނެވެ. އަލީޝާގެ މޫނުމަތީ އަސަރެއް ނެތް ނަމަވެސް ތޫބާގެ ދެ ކޯ ވަގުތުން ރަތްވެއްޖެއެވެ. އީތަން ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހަނދާނަށް އަންނަނީ އީތަން އޭނާގެ މޫނާއި މޫނު ގާތްކޮށްލާފައި އަތުގައި ހިފައިލި މަންޒަރެވެ. ތޫބާގެ މޫނަށް ބަލާލާފައި އެއްމިޔަކަނުން ހީލަމުން އަލީޝާއަށް އީތަން ބަލައިލިއެވެ.

“މަ ވެއްޖޭ ކަލޭ ފްރެންޑް އިރުކޮޅަކަށް ބޮރޯކޮށްލަން.” ތޫބާގެ ކޮނޑުގައި އަތް އަޅުވައިލަމުން އީތަން ބުންޏެެވެ. އަލީޝާގެ ދެބުމަ ގޮށްޖެހުނެވެ. ތޫބާއަށް އަނެއްކާ އުނދަގުލެއްކުރަން އުޅޭ ކަމުގެ ބިރުހީވިއެވެ.

“އޯކޭވާނެ…” އަލީޝާ ހުއްޓުވަން އުޅޭކަން އިނގުމުން ތޫބާ އިސްވެ ބުނެލިއެވެ. އަލީޝާ ޖެހުނީ ދިއްކުރި އަތް އަނބުރާ ގެންދަންށެވެ. ވަރަށް ހެވިފައި ތޫބާ ގޮވައިގެންދިޔަ އީތަންއަށް ބަލަން ހުރިއިރު ނުތަނަވަސްކަން ނޫން އިހުސާސެއް ނުވިއެވެ.

“ކިހިނެތްވީ؟” އޭނާ ގޮވައިގެން ކެންޓީނު ކުރިމަތީ އީތަން ހުއްޓުމުން ތޫބާ އަހައިލިއެވެ. މަޑުކުރާށޭ ބުނުމުގެ ގޮތުން އަތް ދައްކާލާފައި އީތަން ސަފަށް އެރިއެވެ. ދެ ތިން ހެދިކާއާއި ބޯނެ އެއްޗެއް ގަނެގެން އައިސް ތޫބާއާއިއެކީ އިށީނެވެ. އީތަން ރީތިކޮށް ކާންފެށުމުން ތޫބާ އިނީ ބަލަހައްޓައިގެންނެވެ. އަނެއްކާވެސް އޭނާ ގެނައި ސަބަބު އަހަން އަނގަ ހުޅުވައިލިތަނާ އީތަން މެދުކަނޑައިލިއެވެ.

“ނުކަންތަ؟” އަނގަ ފުރާ ސޭންޑްވިޗް ހުއްޓާ މަޖާގޮތަކަށް އީތަން އަހައިލިއެވެ. ތޫބާ ބޯ ޖަހައިލިއެވެ. ސޭންޑްވިޗްގެ އެއްބައި ފަޅިކޮށްފައި ދިއްކޮށްލުމުން ނުކައި އިންނާކަށް ތޫބާއަކަށް ނުކެރުނެވެ. ގަތް ހުރިހާ އެއްޗެއް ހުސްކޮށްފައި ފެން ފުޅި އަނގަޔަށް އަޅަމުން އީތަން ޖީބުން ފޯނު ނެގިއެވެ.

“މިކަން އިނގޭތަ ތޫބާއަށް؟” ވަރަށް އާދައިގެ ގޮތަކަށް އީތަން އަހައިލިއެވެ. ތުބާއަށް އެ ފޮޓޯގައި އިން ސެޓްފިކެޓް ދެ ފަހަރަކު ކިޔައިލަންޖެހުނެވެ. “މިއަދު ހެނދުނު ނުދަންނަ ނަންބަރަކުން ފޮނުވި އެއްޗެއް މީ. ކީއްވެ ކަމެއް ނޭންގެ…. އަނެއްކާ ތޫބާއަށްތަ އޮޅިގެން ފޮނުވުނީ؟” ތޫބާގެ ޖަވާބަކަށް މަޑުނުކޮށް އީތަން ދޮގު ހަދައިލިއެވެ.

“ތި… ތީ ކޯޗެއް؟” ތޫބާގެ އަޑު ތުރުތުރުލިއެވެ. އީތަންއަށް ތޫބާގެ މޫނުގެ ކުލަވަރު އޮއްސިފައިވާތަން ނުފެންނަ ކަހަލައެވެ. ފޯނަށް ބަލައިލާފައި އޭގައި ހުރި އެއްޗެހި އަޑު ހަރުކޮށް ކިޔަންފެށިއެވެ. ތޫބާގެ ލޮލުން ކަރުނަތައް ނީރާލިއެވެ. އެއީ އޭނާއަށް ދުވަހަކުވެސް ކުޑަވެސް ފަހުމެއް ވެފައިވީ ކަމެއް ނޫނެވެ. އޭނާއަކީ، ހަނދާނުގެ ކޮޅުން ފެށިގެންވެސް ބަލާ ބޮޑުކުރި މަންމައާއި ބައްޕަގެ ދަރިއެއް ނޫންކަން އިނގުމުން ހިތުގައި ނެގީ ދިލަ ރިހުމެކެވެ. މިއޮތްހާ ދުވަހު އޭނާއަށް އެކަން ސިއްރުކުރި މަންމައާއި ބައްޕައަށް ކުރާނެ ސުވާލުތައް ބޮނޑިވިއެވެ. އިން ތަނުން ތެދުވެ ބާރުބާރަށް ގޮސް ގޭޓުން ނުކުތެވެ.

ގެއަށް ވަދެވުނުއިރު ތޫބާއަށް މާނޭވާލެވެއެވެ. ބާރުބާރަށް ގޮސް މަންމައާއި ބައްޕަގެ ކޮޓަރިއަށް ވަތްއިރު އެކަކުވެސް ނެތެވެ. ހުރިހާ ކަބަޑެއްގެ ވަތްގަނޑެއް ހުޅުވާ ބަލާފައި، މާ ވަށިގަނޑުން ތަޅުދަނޑި ނަގައި ބޮޑު އަލަމާރީގެ ތިރީ ވަތްގަނޑު ހުޅުވިއެވެ. ތަޅުދަނޑި އޮންނަތަން އިނގުނަސް އޭނާ ދުވަހަކުވެސް ހުއްދަނެތި ހުޅުވާފައި ނުވާ ވަތްގަނޑެވެ. ތަޅުލާފައި ހުރި ހަމައެކަނި ވަތްގަނޑެވެ، ފައިލުތައް ހާވައިލުމުން ބަލަން ބޭނުންވި އެތި ފެނިއްޖެއެވެ. އޭނާގެ އެޑޮޕްޝަން ސެޓްފިކެޓުގެ ކޮޕީއެވެ.

ކޮޓަރިއަށް ވަތް ހަމީދާއަށް ތޫބާ ބަލަން އިން އެތި ފެނިފައި ހެޔަށް ގޮތްނުވީ ކިރިޔާއެވެ. ލޯބިވާ އަންހެންދަރީގެ ލޮލުން އޮހެރެމުން ދިޔަ ކަރުނަތައް ފެނި މައިލަގޮނޑިއަކަށް ކެތެއްް ނުވިއެވެ.

“ދަރިފުޅާ…” މަންމަގެ ކުރެކިފައިވީ އަޑަށް ތޫބާ ބަލައިލިއެވެ. އޭރު ހަމީދާގެ ލޮލުގައިވެސް ތެތްކަމެއް ހުއްޓެވެ. “މަންމައަށް މާފުކުރޭ… މިކަން ފޮރުވައިގެން އުޅެވުނީ… ބުނަން ނުކެރުނީ… އުފަން މައިންބަފައިން ނޫންކަން އިނގުނީމަ ދަރިފުޅު މަންމަމެން ދޫކޮށް ގޮސްފާނެތީ….” ހަމީދާ ތޫބާ ގަައިގައި ބައްދައިލަމުން ބުުންޏެވެ.

“އަޅުގަނޑު ކީއްވެ މަންމަމެން ދޫކޮށްފަ ދާންވީ؟ ތިއަށްވުރެ ރަނގަޅު މަންމައަކާއި ބައްޕައެއް ދެން ކާކަށް ލިބޭނީ.” ތޫބާ ކަރުނަ ފުހެލާފައި ހީލަމުން ބުންޏެވެ. ހަމީދާ ހީކުރި ގޮތާއި ހިލާފަށް ތޫބާ އެކަން ހަޖަމުކުރީ ވަރަށް ފަސޭހައިންނެވެ. އެހާ ހެޔޮ ދަރިއަކު ލިބުނީތީ މާތް ރަސްކަލާނގެއަށް ހަމީދާ ޝުކުރުކުރި އެއީ ފުރަތަމަ ފަހަރެއް ނޫނެވެ.

ނިދީގައި އޮތް އަލީޝާ ދެ ކޮޅަށް ބޯ ހަަލުވަމުންދިޔައެވެ. މީހާ އޮތީ ދާހިތްލާ ފޯވެފައެވެ. ފާޑެއްގެ ހުވަފެނެއް އޭނާއަށް އުނދަގޫކުރަމުންދިޔައެވެ. ވިނަގަނޑެއް މަތީ އޮތްއިރު ފެންނަމުން ދިޔައީ ކައިރިއަށް އައި ޖާނުން ވަރުގަދަ ފިރިހެނެއްގެ ބޮޑު ދެ ފައިތިލައެވެ. އެ ދެ ފައިތިލަ އައިސް ކައިރި ވީ ވީހެން ގައިގެ ތުރުތުރުލުން ގަދަވަމުން ދިޔައެވެ. ފަައިތިލަ އައިސް ކިރިޔާ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓި އެ މީހާ އަލީޝާއާއި ދިމާއަށް ތިރިވާން ފެށިއެވެ.

ދެ ލޯ ތަންމިނަށް ހުޅުވައިލެވުނުއިރު އަލީޝާ އޮތީ ނޭވާލާންވެސް ހަނދާންނެތިފައެވެ. ހިނދުކޮޅަކަށް ގުޑިވެސްނުލެވި އޮވެފައި އެއް ފަަޅިއަކަށް މަޑުމަޑުން އެނބުރިލިއެވެ. އެ ހުވަފެން ނުފެންނަތާ ހާދަ ދުވަހެއް ވެއްޖެއޭ އޭނާގެ ހިތަށް އެރިއެވެ.

ހަމަޖެހިލެވުމުން ފާރުގައި އިން ގަޑިއަށް ބަލައިލިއެވެ. ގަޑިން މެންދަމުން އަނބުރައި ބާރަޖެހީއެވެ. އެނދުން ތެދުވެގެންގޮސް ނައިޓްސްޓެންޑުން އަލީޝާ ނެގީ ފޮޓޯ ފްރޭމްއެކެވެ. އޭގައި އިނީ އޭނާއާއި އެހެން އަންހެންކުއްޖެއްގެ ކުޑައިރުގެ ފޮޓޯއެކެވެ. އޭގައި އިން އަނެއް އަންހެންކުއްޖާގެ ހަނދާނެއްވޭތޯ އޭނާ ކުރާ މަސައްކަތް ކޮންމެ ފަހަރަކުވެސް ދަނީ ފެނަށެވެ.

“ހެޕީ ބާރތްޑޭ” އަލީޝާ ކިޔައިލިއެވެ. ފޮޓޯ ފްރޭމް އަނބުރައި ވަތްގަނޑަށް ލުމަށްފަހު އޮށޯވެ، އަލުން ނިދޭތޯ ލޯ މަަރައިލިއެވެ.

ސްކޫލު ގޭޓުުން ވަނީންސުރެ އުފަންދުވަހުގެ ތަަހުނިޔާ އަރިސްކުރަމުންދިޔަ ކޮންމެ މީހަކަށްވެސް އަލީޝާ ހިނިތުންވުމާއިއެކު ޝުކުރުއަދާކުރަމުންދިޔައެވެ. ކުލާހަށް ވަތްއިރު އީތަން އޭނާގެ ސީޓުގައި އިނެވެ. ގަޑި ނުޖެހި އަންނަން މިހާރު އާދަވެއްޖެ ކަންނޭންގެއެވެ.

“މަގޭ ފަރާތުން އިނގޭ މިފަހަރު އެންމެ ފައްކާ ބާރތްޑޭ ގިފްޓް ލިބޭނީ.” އީތަން ބުނެލިއެވެ.

“ޔަގީންތަ ހުސް ފޮނިއަނގަ ނޫންކަން ތި ތެޅެނީ؟” އެއްބުމަ ހިއްލައިލަމުން އަލީޝާ އަހައިލިއެވެ.

“ދެން އެއެއް ފެންނާނެ ދޯ. ކުޑަ އިންތިޒާރެއްކޮށްލާ.” އީތަން ހީލާފައި ބުންޏެވެ.

ހުން އައިސްގެން ސްކޫލަށް ނުދެވުނީތީ ތޫބާ އޮތީ ވަރަށް ފޫހިވެފައެވެ. ހަމީދާ ދޮރު ހުޅުވާފައި ބޯ ދިއްކޮށްލީ ލޯބިވާ ދަރީގެ ހާލު ބަލައިލުމަށެވެ. ހިފައިގެން އައި މޭވާ ތަށި ނައިޓް ސްޓޭންޑް މަތީ ބެހެއްޓުމަށްފަހު ބޮލުގައާއި ކަރުގައި އަތް ޖައްސައި ހުން ގަދަތޯ ބަލައިލިއެވެ.

“މިހާރު ހުން މަޑުވެއްޖެ ދޯ. ތެދުވެ މީގެ އޮރެންޖުކޮޅެއް ކާލަބަލަ.” ހަމީދާ ބުންޏެވެ. ތޫބާ ތެދުވެ އެނދުގެ ފަޑީގައި ލެނގިލައިގެން އިނދެ ކާންފެށިއެވެ. ހަމީދާ އެނދުގެ އެއް ކައިރީގައި އިށީންދެލައިފައި ތޫބާގެ ބޮލުގައި ފިރުމައިލިއެވެ.

“މަންމާ…” ތޫބާ ގޮވައިލުމުން ހަމީދާ ހޫނ ކިޔައިލިއެވެ. “އަޅުގަނޑުގެ އަސްލު މަންމަމެން އިނގޭތަ؟” ތޫބާ ކޮށްލި ސުވާލުން ހަމީދާ ހައިރާނެއް ނުވެއެވެ. ކޮންމެވެސް އިރަކުން ކުރާނެކަން އިނގޭ އެ ސުވާލަށް ހަމީދާ އިނީ ތައްޔާރުވެގެންނެވެ. “އެ މީހުން ކައިރިއަށް ދާކަށް ކޮންމެހެން ނޫޅެން. ކޮން ބައެއްބާއޭ ހަމަ ހިތަށް އަރަނީ.”

“ދަރިފުޅުގެ އަސްލު މައިންބަފައިން މިހާރު މި ދުނިޔެއަކު ނެތް. ހަނީފު މާލޭގަ އަލިފާން ނިވާ މީހަކަށް އުޅުނުއިރު އަލިފާން ރޯވި އެޕާޓްމެންޓަކުން ދަރިފުޅު ސަލާމަތްކުރީ. އޭރު ދަރިފުޅުގެ އުމުރުން ދެ އަހަރު. އެ އެޕާޓްމެންޓްގަ ދެން އުޅުނީ ހަަމައެކަނި ދެމަަފިރިން. އެ ދެ މީހުން ނިޔާވީ. އެއީ ދަރިފުޅުގެ އަސްލު މަންމައާއި ބައްޕަ.” ދުރު ބަލަހައްޓައިގެން އިނދެ ހަމީދާ ކިޔައިދިނެވެ. “އެ ދެމަފިރިން ފިޔަވައި ދަރިފުޅުގެ އާއިލާ އެއްވެސް އިތުރު މީހަކު ނެތީމަ މަންމަމެން ދަރިފުޅާ ހަވާލުވީ.” އުފަން މަަންމައާއި ބައްޕަ ދުނިޔޭގައި ނެތް ކަމުގެ ހަބަރު ލިބުނީތީ ތޫބާ ހިތާާމަކުރިއެވެ. ނަމަވެސް މިހާރުގެ މައިންބަފައިންނަށްޓަކައި އޮތް ލޮއެއްބާއި ގަދަރުވީ އިތުރެވެ. އަޅައިލާނެ ޔާރެއް އިޔާރެއް ނެތުނު ދުވަހު އޭނާ ބެލެހެއްޓީތީއެވެ. އެ ހެޔޮ މައިންބަފައިންނަށް އޭނާ އިތުބާރުކުރީ ޝައްކަކާއި ނުލައެވެ.

“ކީކޭ؟ ތޫބާއަށް އިނގުނީއޭ؟! އެހެންވިއްޔާ އެ މީހުންގެ ވާހަކަވެސް….” ހަނީފުއަށް މި ހަބަރު ލިބުމުން ހީވީ ފައިދަށުން ބިންގަނޑު ދަމައިގަަތްހެންނެވެ. ހަމީދާ އަވަސްއަވަހަށް ހަނީފުގެ ޖުމުލަ މެދުކަނޑައިލިއެވެ.

“އަޑުގަދަ ނުކޮށްބަލަ! އަހަރެން މީ މޮޔައެއް ނޫނޭ. އެމީހުންގެ ވާހަކަ ދެން ބުނާނެތަ؟ ހަމަޖެހޭ! އަހަރެން ބުނީ މަރުވި ދެމަފިރިންނަކީއޭ އަސްލު މައިންބަފައިން. ދެން އިތުރު އާއިލާއެއްވެސް ނެތޭ ބުނެފިން. މިހާރު އެ ކަންތައް ހަަމައަކަށް އެޅިއްޖެ. ދެން އެ މަންޖެވެސް އިތުރު ސުވާލެއް ނުކުރާނެ.” ހަމީދާ ވައިއަޑުން ކިޔައިލިއެވެ. އިތުރު އެއްޗެކޭ ނުބުނިނަމަވެސް، އެނދުމަތީ އިށީންދެ ބޮލުގައި ދެއަތް އަޅައިލި ހަނީފުގެ ހިތުގައި އޮތް ނުތަނަވަސްކަމަކަށް ލުޔެއް ނުލިބުނެވެ. ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާސް ހިތަކުން ނުފޮހެލެވުނެވެ.

ދޮރުގައި ޓަކި ޖަހައިލިއަޑަށް އީތަން ބަލައިލީ އިންތިޒާރުގައި އިން ފަދައިންނެވެ. އަވަސްއަަވަހަށް ކުޅެން އިން ގޭމުގެ ސެޓިންގްއަށް ވަދެލާފައި ކޮންސޯލް ރިމޯޓް ބާއްވައިފައި ގޮސް ދޮރު ހުޅުވައިލިއެވެ. ކުރިމަތީ ހުރީ އޭނާ އިންތިޒާރުކޮށްކޮށް އިން ފަރާތެވެ.

“އިތަން؟…” ދޮރުމަތީ ޗުވިންގަމެއް ހަފަ ހަފައި ހުރި ޒުވާނާ އަހައިލިއެވެ.

“އާނ… ކޮބާ އޭތި؟” އީތަން އަހައިލިއެވެ. ޒުވާނާ އަތުގައި އޮތް ސިޓީއުރަ ދައްކައިލިއެވެ. އީތަންވެސް ޖީބުން ނެގީ ސިޓީއުރައެކެެވެ. ޒުވާނާއަށް ދިއްކޮށްލިއެވެ. ޒުވާނާ އީތަން ދިން އުރައިގައި ހިފައި އެތެރާގައި ހުރި ނޫޓުތައް ގުނައިލިއެވެ. އަދަދު ހަމަކަން ޔަގީންކޮށްފައި އޭނާ އަތުގައި އޮތް އަނެއް ސިޓީއުރަ އީތަން އަތަށް ދިނެވެ. އީތަން ދޮރު ލައްޕައިލިއެވެ. ކޮޓަރިއަށްވަަދެ ހަމަޖެހިލާފައި ސިޓީއުރަ ހުޅުވައިލި އީތަން އިނީ އޭގައި އޮތް ނަތީޖާ ބަލައިލުމަށް ކެތް މަދުވެފައެވެ. ދެ މީހެއްގެ ބޮލުން އިސްތަށްތެއް އުފުރައިލުން އޭނާއަށް މާ ބޮޑު ކަމަކަށް ނުވިއެވެ. ނަމަވެސް މާލީގޮތުން ތާށިވެފައިވާ އެ ދަނޑިވަޅުގައި މާލެއިން ޑީއެންއޭ ޓެސްޓެއް ހެދުވުމަށް ފުދޭވަރެއްގެ މަސައްކަތެއް ކުރަންޖެހުނެވެ. ލާރި ހަރަދުވިއެވެ. ޓެސްޓަށާއި ޑެލިވަރީއަށެވެ. ފޯރާ އާއިލާއަކަށް ނިސްބަތްވީތީ، އަގަށް ބޭނުންކޮށްލެވޭނެ އެކުވެރިން ދިމަދިމާލުގައި ތިބޭކަން އެއީ އޭނާގެ ނަސީބެވެ. ސިޓީއުރަ ހުޅުވާފައި ނެގި ގަނޑަށް ކަޅި ހިންގައިލިއިރު ޑީއެންއޭ ފަންސާސް ޕަސެންޓް ދިމާވާކަމަށް އިނުމުން އީތަންގެ ތުންފަތުގައި އޭނާގެ ހާއްސަ ހިނިތުންވުން ދުވެލިއެވެ.

ގޭގައި ހަދަން ދިން ފިލާވަޅުތައް ހަދަން އިނގެރޭސި ފޮތް ނެގިތަނާ ފޮތުގެ މެދުތެރެއިން ނުކުމެފައި އޮތް ސިޓީއުރަ އަލީޝާއަށް ފެނުނެވެ. ދެ ބުމަ ގާތްކޮށްލަމުން ފޮތްތެރެއިން ދަމައިގަތްފައި ނަގައި ހުޅުވައިލިއެވެ. އޭގައި އޮތީ ޑީއެންއޭ ޓެސްޓެކެވެ. ފުރަތަަމަ ވާނުވާއެއް ނޭންގުނެވެ. ދެން އަލީޝާ ބަލައިލީ ސިޓީއުރަ ތެރޭގައި އޮތް އަނެއް ގަނޑުކޮޅަށެވެ.

“ކުރީ ދުވަހު ފޮނުވި އެޑޮޕްޝަން ސެޓްފިކެޓް ހަނދާންވޭތަ؟ މިއީ އޭނައާއި ކަލޭގެ ޑީއެންއޭ ޓެސްޓު. ފަންސާސް ޕަސެންޓް ދިމާވީމަ އޭގެ މާނަ ދެން އިނގޭނެކަންނެ ދޯ ކޮންމެ ފަހަރަކު ސައިންސުން އޭ ޕްލަސް ގެންނަ މީހަކަށް.” އެ ގަނޑުކޮޅުގައި ލިޔެފައި އޮތެވެ.

“ކުރީ ދުވަހު ފޮނުވި އެޑޮޕްޝަން ސެޓްފިކެޓޭ؟ ތޫބާގެ؟ އެހެންވީމަ މަށާ ތޫބާއާ އެއްބަނޑު އެއްބަފަޔޭތަ ބުނަން މިއުޅެނީ؟ މީ ކޮން ސަމާސާއެއް؟ އަނެއްކާ މިއުޅޭ އީތަންގެ ކަންތައްތަ؟ ހާދަ ދަށޭ ދޯ މިފަހަރު. މިކަހަލަ ސަމާސާއެއް އަހަރެން ގަބޫލުކުރާނެކަމަށްތަ ހީކުރީ؟” އެނދުމައްޗަށް ސިޓީއުރަ އެއްލާލާފައި ފިލާވަޅު ހަދަން އަލީޝާ އިށީނެވެ. މާ ގިނައިރެއް ނުވެއެވެ. ހީވީ ކުއްލިއަކަށް އެއްޗެއް ހިތަށްއެރިހެންނެވެ. އަލީޝާ ބަލައިލީ ނައިޓްސްޓޭންޑްއާއި ދިމާއަށެވެ. މިކަން ސަމާސާއެއްގެ ގޮތުގައި ބާއްވާނީތޯ، ނޫނީ އެ ހިތަށް އައި އެއްޗަކާއި ބެހޭގޮތުން އިތުރަށް ވިސްނަންވީތޯ ނޭންގިފައި އިނެވެ. މަޑުމަޑުން ތެދުވެގެންގޮސް ވަތްގަަނޑު ހުޅުވާލާފައި ފޮޓޯ ފްރޭމް ނެގިއެވެ.

“ނުވާނެ… ނުވާނެ އެހެނެއް…” އަލީޝާ އަމިއްލަނަފްސަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

(ނުނިމޭ)

53

You may also like...

41 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. Noon adhi nuliyey. Ethan ah kurinves adoption certificate ge copy oikan ingeythee ennu thooba men geah vanee foto nagan. So ingunu goi kudakoh kiyaidheynan adhi

   ⚠Report!
 1. What??? Thooba n Aleesha.. kihuneh Eethan ah engunee??? OMG.. When next part up kohdheynii.. Curiously waiting

  ⚠Report!
 2. Wow.. Nice coincidence 😯😯 varah reethi mi story dhaa goh.. 😘😘😘 when next part? Curiously waiting for it.. ❤️❤️❤️❤️

  ⚠Report!
 3. maadhan upkohdhecheyy brw since ur writing right now ❤❤❤❤❤❤💕💕💕 stry vrh salhi watta coincidence kae hama kuriah huriu baarah kuriah 😋😋😛 go go #NATUFAKKO

  ⚠Report!
 4. hey mi part vex vrh salhi ❤❤❤❤❤ sifakurun i rlly like loa kurimathin manzaru fennahen heevanee💝💝 jinni ge hurihaa stry ehves vrh intresting koh kiyaalevey you’ll be a successful writer in the future insha allah 😍😍😍

  ⚠Report!
 5. wow finally up vehjje dhww .
  really nice .couriously waiting for next part. btw what is “#NATUFAKKO”…???

  ⚠Report!
  1. is something pretty private and yes you may think it has something to do with ur username but if you think like dat dats totally wrong 😀😀😀😀

   ⚠Report!
  2. ei manthey ge friends nadhuhaa ya shifaan aa kiyaa bae ge ship eh. e meehun ves real life ga ulheynee aleesha ya ethan gothah varah jassaalaigen ehenve manthey kiyanee mi story ga ulhey aleesha akee nadhuhaa ey ethan akee shifaan ey although they r totally different natu=natuhaa(nadhuhaa’s nick name) fakko=shifakko(shifaan’s nick name)

   ⚠Report!
  3. nattu nubune ennu nattu ge username ge vaahaka eh someone. she just asked cause she was curious

   ⚠Report!
 6. i didnt even thought like that and i don’t wanna interfere in someone else’s private life sorry if i asked something really private

  ⚠Report!
  1. no s ok nattu s not that private public koshennu bunefa e othee manthey is a little bit wierd😆

   ⚠Report!
 7. This story is getting much more interesting… Literally love❤️❤️❤️ the way its going on….. Can’t wait for tmrw😶😶😶😶😶😘

  ⚠Report!

Leave a Reply to Nattu Cancel reply

Your email address will not be published.