މިހިތުގެ ލޯތްބޭ ތީ… 1
“އަނޫޝާ…!”
އަނޫޝާ ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ލޯ ފޮހެލިއެވެ.
“ދާން ވެއްޖެ… ދޫކޮށްލާ…” އަނޫޝާ ބުންޏެވެ.
ޒިހާން އެއްޗެއް ނުބުނެ އަނޫޝާގެ އަތުގަ ހިފަހައްޓައިގެން އިން ގޮތަށް ދިނެވެ.
“ޒިހާން، ޕްލީޒް…” އަނޫޝާ ދޮރާ ދިމާއަށް ބަލާލިއެވެ.
“ދުވަހަކުވެސް މިހެން ދެތިން މިނެޓަށް ވުރެ ގިނައިރު ވަންދެން އަހަންނަށް އަނޫއާ ވާހަކަ ދައްކާލަން ޗާންސެއް ލިބޭނެތަ؟” ޒިހާން އަހާލިއެވެ.
“އަހަރެން ކީށް ކުރާނީ؟ ޒިހާންއަށް އެނގޭނެ—”
“އަނޫޝާ!” ދޮރުގެ އަނެއް ފަރާތުން އަޑު އައެވެ. އަނޫޝާ ސިހިފައި ޒިހާންއާ ދިމާއަށް ބަލާލީ ބިރުން އިނދެއެވެ.
ޒިހާން އަނޫޝާ އަތުން ދޫކޮށްލިއެވެ. އަނޫޝާ އަވަސް އަވަހަށް މޫނު ފޮހެލަމުން ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.
“ދެބަސް ބުނާ އިރަށް ކޮޓަރިއަށް ވަދެ ކީށްތަ ތިކުރަނީ؟ މިވަރަށް ގޮވާ އިރު އަޑުވެސް ހަމަ ނީވޭތީތަ އަނގައިން ނުބުނެ ތިއޮންނަނީ؟ ކީށްތަ ތިކުރަނީ؟” އަނޫޝާ ނިކުތް އިރަށް ޝަރީފާ ހަޅޭ ލަވަން ފެށިއެވެ. ކޮޓަރި ތެރޭ އިން ޒިހާންއަށްވެސް އަޑު އިވުނެވެ.
“އަހަރެން—” އަނޫޝާ އެއްޗެއް ބުނަން އުޅުނެވެ.
“މިރެއަށް ކުރަން ހުރި މަސައްކަތެއް އަނޫޝާއަކަށް ނޭނގޭތަ؟ ކޮޓަރި ތެރެއަށް ވަދެ އޮތީމަ ކާކު އެހުރިހާ ކަމެއް ކުރާނީ؟” އަނޫޝާ ބުނާ އެއްޗެއް އަޑު އަހާކަށްވެސް ޝަރީފާ ބޭނުމެއް ނޫނެވެ.
އަނޫޝާ އިތުރަށް ވާހަކަ ނުދައްކާ ޝަރީފާއާ އެކީ ތިރިއަށް ފޭބިއެވެ. އިރުކޮޅެއް ފަހުން ޒިހާންވެސް ކޮޓަރިން ނިކުމެ ތިރިއަށް ފޭބިއެވެ. އަނޫޝާއާ މެދު ވިސްނަމުން ސިޑިން ފައިބަމުން ދިޔައިރު މައްޗަށް އަރައިގެންއައި ޝިޔާޒް ޒިހާންއަކަށް ނުފެނެއެވެ.
“ޒިހާން…” ޝިޔާޒްގެ ކައިރިން ލާފައި ފައިބަން އުޅުނު ޒިހާންގެ އަތުގަ ހިފާ ހުއްޓުވަމުން ޝިޔާޒް ގޮވާލިއެވެ.
“ޝިޔާޒް…” ކުރިމަތިން ޝިޔާޒް ފެނުމުން ޒިހާންއަށް ބުނެވުނެވެ.
“ކޮން ހިޔާލެއްގަ ހުރެގެންތަ ކުރިމަތިން އަހަރެން އައިތަންވެސް ނުފެނުނީ؟” ޝިޔާޒް އަހާލިއެވެ.
“ހިޔާލޭ… ޝިޔާޒްއަށްވެސް އެނގޭނެ އަހަރެން ކުރާނެ ހިޔާލު” ޒިހާން ބުންޏެވެ.
“ދެންމެތަ ތިއައީ؟” ޝިޔާޒް މައްޗަށް އަރަމުން އަހާލިއެވެ.
“އަދި ނުވޭ ގިނަ އިރެއް…” ޒިހާން ޖަވާބު ދިނެވެ.
“އަނޫ ކޮބާ؟” ޝިޔާޒް އަނޫޝާއާ ނެހޭ ގޮތުން އެހިއެވެ.
ޒިހާން އެއްޗެއް ނުބުނެ ކޮނޑު އަރުވާލިއެވެ.
“ހަމަ ޗާންސެއް ނުލިބޭ ދޯ!” ޝިޔާޒް ކުރީ ސުވާލެއް ނޫނެވެ.
“ދެންމެވެސް އަހަރެން އައި އިރު އަނޫ އޮތީ ރޯން… އަހަންނަށް ކިހިނެއްތޯ ވީ އަހާނުލެވިގެން އުޅެނިކޮށް ޝިޔާޒް މަންމަ އައިސް ހަޅޭ ލަވަލަވާފަ އަނޫ ގޮވައިގެން ގޮއްސި” ޒިހާން ކިޔާދިނެވެ.
“މަންމަދޯ! އަހަރެން ހިތަށް އަރާ މަންމަ ކީށްވެބާއޭ އެހެން ހަދަނީ… ހާދަ ވަރަކަށް މަސައްކަތް ކޮށްފީމޭ މަންމައަށް ވިސްނައި ދެވޭތޯ… އެކަމަކު… ބައްޕަ ނިޔާވި ފަހުންނޭ އަދި މާކަންތައް ބޮޑު ވެގެން މިއުޅެނީ” ޝިޔާޒް ފުން ނޭވައެއް ދޫކޮށްލިއެވެ.
“ޒިހާން އެވާހަކަ ދެއްކިންތަ އަނޫއާ؟” މިނަޓެއްހާ އިރު ފަހުން ޝިޔާޒް އެހިއެވެ.
“ކިހިނެއް ބުނާނީ؟ މިވީ ދެމަހެއްހާ ދުވަސް ތެރޭގަ ނޭނގެ އަހަރުމެންނަށް ބައިގަޑިއެއްހާ އިރުވެސް ވާހަކަ ދައްކާލެވުނު ކަމެއް… ދެން ކިހިނެއް އެކަހަލަ ވާހަކައެއް ދައްކާނީ؟” އިސްތަށިގަނޑުގައި އަތް ހިންގާލަމުން ޒިހާން ބުނެލިއެވެ.
“ދެން އަނޫ ކައިރީގަ ނުބުނެ ވިޔަސް ހުރިހާ ކަމެއް ހަމަ ޖައްސަންވީނު؟” ޝިޔާޒް ހިޔާލެއް ދިނެވެ.
“އެހެން ކިހިނެއް ހަދާނީ؟ ރައްޓެހި ވިޔަސް އަހަންނަކަށް ނޭނގެ އަނޫ ގަބޫލު ވާނެ ކަމެއްވެސް… ހަމަ ގައިމުވެސް އަހަރެން ވަރަށް ލޯބިވޭ، މިއަދުވެސް އިންނަން ބޭނުން… އެކަމަކު އަނޫގެ ހިޔާލުވެސް ހޯދައިގެނެއްނު އެވަރުގެ ކަމަކާއިގެން އުޅެވޭނީ؟” ޒިހާން އޭނައަށް ފެންނަ ގޮތް ޝިޔާޒްއާ ހިއްސާ ކުރިއެވެ.
“ޝިޔާޒް ބުނެބަލަ… އަނޫގެ ކުށެއްތަ އޭނަގެ މަންމައާ ބައްޕަ މަރުވުން އެއީ؟ އެކަމުން އެންމެ ބޮޑު ހިތާމައެއްވެސް ލިބުނީ ހަމަ އަނޫއަށް… ޝިޔާޒް މަންމައަށް އަނޫ ބަލަން ޖެހުމަކީ އަނޫ ކުރާނެ ކަމެއްތަ؟ އެހެރީ އޭނަ އުޅޭ ގޮތް… އެކަމަކު އަބަދުވެސް އިވޭނީ އޭނައާ ދިމާއަށް ހަޅޭލަވާ އެއްޗެހި ކިޔާ އަޑު… އެއްފަހަރުވެސް ހިތަކަށް ހަމަ ނާރާތަ އެއީވެސް އިންސާނެކޭ؟ އޭނަގެ ހިތަށްވެސް އަސަރު ކުރާނެޔޭ؟ އަހަންނަށް ވާނެ ނަމަ ދެން އެންމެ އިރުކޮޅަކުވެސް އަނޫ މިގެޔަކު ނުބަހައްޓާނަން… މިއަދުވެސް އިނދެގެން އަހަންނާ އެކީ ގެންދަން ތައްޔާރަށް މިހިރީ، އެކަމަކު އެކަންވެސް ނުވެގެން މިއުޅެނީ”
ޒިހާންއަށް އަނޫޝާ އެހެން އުޅޭތަން ދެކެން އުނދަގޫ ވާވަރު ޒިހާންގެ ވާހަކައިންވެސް ޝިޔާޒްއަށް ވިސްނުނެވެ. ކޮންމެ ގޮތަކުން ވިޔަސް އަނޫޝާއަށާ ޒިހާންއަށް އެހީ ވާން އެވަގުތު ޝިޔާޒް އަމިއްލަ ނަފްސަށް ވައުދު ވިއެވެ.
އަނޫޝާއަކީ ޝިޔާޒްއާ ދެބޭންގެ ދެދަރި ކުއްޖެކެވެ. ޝިޔާޒްގެ ބައްޕަ ލަތީފްއަކީ އަނޫޝާގެ ބައްޕަ ނައީމްގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އަނޫޝާގެ އުމުރުން 11 އަހަރުގައި ނައީމްއާ އަނޫޝާގެ މަންމަ އާމިލާ ވަނި ނިޔާ ވެފައެވެ. އޭގެ ފަހުން މިވީ 7 އަހަރު އަނޫޝާ ހުންނަނީ ބޮޑުބޭބެ ކައިރީގައެވެ. އަނޫޝާ ފުރަތަމަ އެގެޔަށް އައި ދުވަހުން ފެށިގެންވެސް ޝަރީފާ އަނޫޝާ ދެކެ ވަރަށް ރުޅި އާދެއެވެ. ލަތީފަކީ މާގިނައިން ވާހަކަ ދައްކާ ނޫޅޭ ބަސްމަދު މީހެއް ކަމުން ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތާ ނުރުހުނު ނަމަވެސް ގިނަ ފަހަރަށް އެއްޗެއް ނުބުނެ ދޫކޮށްލަނީއެވެ. ލަތީފުގެ ދުނިޔޭގަވެސް ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރަމުން އައި ގޮތަށް ބަދަލެއް ނައިސް އެކަންތައް އޭރަށް ވުރެ ގޯސް ވީ 4 އަހަރު ފަހުން ލަތީފުވެސް ނިޔާ ވުމުންނެވެ.
ޝިޔާޒް ކިތަންމެ ވަރަކަށްވެސް ޝަރީފާއަށް ވިސްނައި ދެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތަކަށް ބަދަލެއް ގެނައުމުގައި ކާމިޔާބެއް ނުވިއެވެ.
އަނޫޝާއަކީ އަބަދުވެސް ވަރަށް މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ. ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތާމެދު ދުވަހަކުވެސް އަނޫޝާ އެއްޗެއް ނުބުނެއެވެ. ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކޮށްފަވެސް ޝަރީފާ އެއްޗެހި ކިޔުމުންވެސް އަޑު އަހަން ހުންނަނީއެވެ. ލަތީފު ހުރި އިރުވެސް އަދި އޭގެ ފަހުންވެސް އަނޫޝާގެ އެންމެ ބޮޑު ހިމާޔަތްތެރިއަކީ ޝިޔާޒްއެވެ. ގިނަ ފަހަރަށް ޝަރީފާގެ ވިހަ ބަސްތަކުން އަނޫޝާ ދިފާއު ކުރަނީ ޝިޔާޒްއެވެ. ޝިޔާޒްގެ އިތުރުން ޝިޔާޒްގެ ކޮއްކޮ ޝައުފާވެސް ޝަރީފާ އަނޫޝާއާ މެދު ކަންތައް ކުރާ ގޮތުން ހިތްހަމަ ނުޖެހި ޝަރީފާއަށް ވިސްނައިދެވޭތޯ ބަލައެވެ.
ފަހަކަށް އައިސް ކުރިއަށް ވުރެން ބޮޑަށް ޝަރީފާ އަނޫޝާ ދެކެ ރުޅި އަންނަކަން އަނޫޝާއަށް ވަނީ ފާހަގަ ކުރެވިފައެވެ. އަނޫޝާގެ އިތުރުން ގޭ އެހެން މީހުންނަށްވެސް އެކަން ފާހަގަ ކުރެވެއެވެ. ކުރިއަށް ވުރެން ބޮޑަށް ޝަރީފާ އަނޫޝާ ދެކެ ރުޅި އަންނަން ވީ ސަބަބެއް އަނޫޝާއަކަށް ނުވިސްނެއެވެ. ނަމަވެސް އެހުރިހާ ކަމަކަށް އަނޫޝާ ކެތްތެރި ވަނީ ޒިހާން މަތިން ހަނދާން ކުރަމުންނެވެ. ޒިހާންގެ ލޯތްބަށް އިތުބާރު ކުރެވޭތިއެވެ.
ޝަރީފާގެ މިޒާޖު އެހާ ބަދަލު ވި ސަބަބު އަނޫޝާއަށް ނޭނގުނު ނަމަވެސް އެކަން ޝިޔާޒްއަށް އެނގެއެވެ. އެހުރިހާ ކަމެއްގެ ފަހަތުގައި ވަނީ ޝިޔާޒްގެ ކޮއްކޮ އަދި ޝަރީފާގެ އެންމެ ހަގު ދަރިފުޅު ޝަމްހާއެވެ.
ޒިހާންއަކީ ޝިޔާޒްގެ ވަރަށް ގާތް ރައްޓެއްސެކެވެ. އަބަދުހެން ޝިޔާޒްމެން ގެޔަށްވެސް އައިސް އުޅޭނެއެވެ. އަނޫޝާއަށް ފުރަތަމަ ޒިހާން ފެނުނު ދުވަހުން ފެށިގެންވެސް އަނޫޝާ ވަނީ ޒިހާންއަށް ހިތް ހަދިޔާ ކޮށްފައެވެ. ނަމަވެސް އަނޫޝާ އެކަން އެއްވެސް މީހަކަށް ނާންގައެވެ.
ޒިހާންއަށް އަނޫޝާއާ މެދު ވިސްނެން ފެށީ ޝިޔާޒްގެ ސަބަބުންނެވެ. ޝިޔާޒްމެން ގެޔަށް އަނޫޝާ އައި ދުވަހުން ފެށިގެންވެސް އަނޫޝާ ކުރާ ހިތާމަ ޝިޔާޒްއަށް ސިއްރެއް ނުވެއެވެ. އެއްވެސް މީހެއް ކައިރީގައި އެވާހަކަ ނުދެއްކި ނަމަވެސް އަނޫޝާ ހުންނަނީ އުފަލުން ނޫންކަން ޝިޔާޒްއަށް އެނގެއެވެ. އެކަމާ ބެހޭ ގޮތުން ޝިޔާޒް އެންމެ ގިނައިން ވާހަކަ ދައްކަނީ ޒިހާންއާއެވެ. އެވާހަކަތައް އަޑު އަހާފައި ޒިހާން އަނޫޝާއާ މެދު ހަމްދަރްދީ ވިއެވެ. މަދުމަދުން އަނޫޝާއާ ވާހަކަ ދައްކަން ޒިހާން މަސައްކަތް ކުރީ އަނޫޝާ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ކޮންމެވެސް ކަމެއް ކޮށްދިނުމަށް ޓަކައެވެ. ކުޑަކުޑަ އުފަލެއް ނަމަވެސް އަނޫޝާއަށް ހޯދައި ދެވޭތޯއެވެ.
ޒިހާންއާ ވާހަކަ ދައްކާލެވުމުން އަނޫޝާގެ މޫނު މަތިން ފާޅުވާ ހިތްހަމަ ޖެހުމާ އުފާ ފެނުމުން ޒިހާންގެ ހިތަށްވެސް ލިބެނީ އުފަލެކެވެ. ޒިހާންއާ ވާހަކަ ދައްކާ އިރު އަނޫޝާގެ މޫނު މަތިން ފެންނަ ހިނިތުންވުން ޒިހާންގެ ހިތުގައި ފޮޓޮއެއްހެން ކުރެހިގެން ދިޔައެވެ. ގިނަ ގިނައިން އަނޫޝާއާ ވާހަކަ ދައްކާ ހިތްވާން ފެށުމުން އެކުރެވޭ އިހުސާސްތަކާ މެދު ވިސްނަން ޒިހާންއަށް މަޖުބޫރު ވިއެވެ. މިވެވެނީ ލޯބިކަން ޒިހާންއަށް ވިސްނުނީ ދުވަސްކޮޅެއް ފަހުންނެވެ.
އަނޫޝާ ޒިހާންއާ މެދު ދެކޭ ގޮތް ޒިހާންއަށް އެނގުނީ ޝިޔާޒްގެ ކޮއްކޮ ޝައުފާގެ ފަރާތުންނެވެ. އެކަން އެނގުމާ އެކު ޒިހާން އަނޫޝާއަށް ލޯބި ހުށަހެޅިއެވެ. އަނޫޝާވެސް އެލޯބި ވަގުތުން ގަބޫލު ކުރީ ޒިހާން އަނޫޝާ ދެކެ ލޯބިވާކަން ޔަގީން ވާތީއެވެ. ދެމީހުންގެ ގުޅުން ފެށުނީ އެހިސާބުންނެވެ. ޒިހާންގެ ފަރާތުން އަނޫޝާއަށް ލިބޭ އަޅާލުމާ ލޯބި ފެނުމުން ޝިޔާޒްއާ ޗައުފާވެސް އުފާ ވިއެވެ.
ނަމަވެސް އެކަމާ ޝަމްހާ ހިތް ހަމައެއް ނުޖެހުނެވެ. އެތައް ދުވަހެއް ވަންދެން ޒިހާންއަށް ފާރަލަމުން ދަނިކޮށް ޒިހާންއާ އަނޫޝާ ރައްޓެހިވި ކަން އެނގުމުން ކުރިންވެސް އަނޫޝާ ދެކެ ރުޅި އަންނަ ޝަމްހާ ވަކިން ބޮޑަށް އަނޫޝާ ދެކެ ރުޅިއައެވެ.
އެރުޅީގަ ޝަމްހާ އެހުރިހާ ކަމެއް ޝަރީފާއަށް ކިޔާދިނެވެ. ޝަރީފާވެސް އަނޫޝާ ދެކެ އަންނަމުން ދިޔަ ރުޅި އެތައް ގުނައެއް އިތުރުވީ އަމިއްލަ ދަރުފުޅަށް ނުލިބުނު އެއްޗެއް އަނޫޝާއަށް ލިބުމުންނެވެ. އެކަން ހުއްޓުވަން ވެގެން ޝަރީފާ އެވާހަކަ ދެއްކީ ޝިޔާޒްއާއެވެ.
ގެޔަށް އަންމަ މީހުންނާ އެކު އަނޫޝާ ބާއްވަން ނުޖެހޭ ގުޅުން ބާއްވާތީ އެކަން ހުއްޓުވާށޭ ބުނެ ޝިޔާޒް ގާތު ޝަރީފާ ވާހަކަ ދެއްކީ އެކަން ޝިޔާޒްއަށް ނޭނގޭ ކަމަށް ހީކޮށެވެ. އަދި އެކަމަށް ޝިޔާޒް ހުރަސް އަޅާ އަނޫޝާ ހުއްޓުވާނެ ކަމުގެ އުންމީދުގައެވެ.
ނަމަވެސް ޝިޔާޒް އެކަމުގައި ޝަރީފާއާ އެއްކޮޅަކަށް ވާހަކައެއް ނުދެއްކިއެވެ.
“އެއީ އަނޫގެ އަމިއްލަ ކަމެއް، އަހަރުމެން ކީށްކުރަން އެކަމާ ބެހެންވީ؟ އެހެން ނޫނަސް އެއީ މިހާރު ކުޑަ ކުއްޖެއްވެސް ނޫނެއްނު؟ ޒިހާންއާ ގުޅެން ބޭނުމިއްޔާ އަހަރުމެން އަނޫ ހުއްޓުވަން ވީ ކީށްކުރަން؟ އޭނަގެ އަމިއްލަ ދިރި އުޅުމުގަ އެކަހަލަ ކަންތައް ނިންމާނީ އޭން އަމިއްލައަކަށްނު؟” ޝިޔާޒް ޝަރީފާއަށް ދިން ޖަވާބަކީއެއީއެވެ.
“އަނޫޝާއަށް ނުފެނުނުތަ ޒިހާން ނޫން މީހަކު؟” ޝަރީފާއަށް އަހާލެވުނެވެ. ޝަރީފާގެ އެ ސުވާލުން ޝިޔާޒް ހައިރާން ވިއެވެ. ޒިހާންއަކީ ގޯސް މީހެއް ހެން މަންމައަށް ހީވަނީ ބާއެވެ؟
ނުނިމޭ
15 Comments!
Comments are closed.
v v salhi, avahah up konladeyti ,,
mi vaahaka araamgun keen…maashaa ge 3 vaahaka mihaathanah kiyaalevuny….hurihaa vaahaka eh ves inthihaa ah reethi……….konme vaahaka eh ves kiyaa nimey iru eyga ulhey firihen kujaa dheke mashah hunnany loabi vevifa…hehe…ehaa ves reethi hot kudhin viyya ulheny…kekeke………nehtha maashaa ge aa vaahaka eh…..varah beynun maashaage aa vaahaka eh kiyaalan…..
ވ ރިތި ވާހަކަ އެއް. މާސާގެ ‘ހިތް އެދެނީ’ ވ ކިޔާލާ ހިތުން މިހުންނަނީ. ޒިލާ ހީކުރަން އެވާހަކަ ކިޔަލަން ލިބޭނެ ކަމަށް. މާސާގެ ބްލޮކް ގަވެސް އިނީ އެވާހަކައިގެ އެބައި އެހެންވެ ވ ކިޔާހިތުން މިހުންނަނީ.
Reeti
އަވަހަށް އަޕްކޮށް ދެއްޗޭ…………………ވވވވ ރީތި
އަސްލު ހިތް އެދެނީ ވވވވވވ ބޭނުން ކިޔާލަން،،،،، ޙާއްސަކޮށް 12 ޕާރޓުން ފެށިގެން
Hiy edheny 12 aa hamayah blog ga inas…nimendhen araamaguga innaane…adhi bunelan mivaahaka mi site ga up koffa meeny marsha eh noon…marshage namuga ehen meehaku..mee varah hitjaamaveri kameh…
salhi..thankolheh kuree
Koba adhives up vaakah noolheytha mivaahaka?
🙂 .. mi story kiyai finn thann kolheh kurinn vess.. vv habeys story
ހާދަދުވަހެއް ވެެޔޭ ދޯ
Mivaahaka mi site ah laafa meeny marsha eh noon…kommes ehen meehaku miothy mikan koffa..mee varah hithaamaveri kameh..marshage nikumefa huri hurihaa vaahakaeh hunnaane araamaguga…mikan kuri faraathakah bunelan othy marsha ge huhdha nethi marshage namuga mikan nukoh huttaalaashey…adhi marshage vaahaka kiyan beynun vaa faraaithakah bunelan othy marshage nukumefa huri hurihaa vaahakaeh araamaguga hunnaane vaahaka…mikan kuri faraathakun dhen mikan nukuraane kamah ummeedhu kuran..
marsha ge blog ge link eh dhevidhaanetha?
ohh ehn tha
u are the real marsha right
hiyy edhenyy neh araamagu gaeh
v beynun e storyykiyaalan
aneh kaa kaakuba mikan kohgen mi ulhenyy
?mi vahaka kiyaa leveyne link eh konmeves kuhjaaku dheefaaanantha