*****ދޮންބެގެއީމެއިލް******
“އިނާޒްއެވެ. ދޮންބެ މިވާހަކަ ކިޔައިދޭން މާލަސްވެއްޖެކަންވެސް ގަބޫލުކުރަމެވެ. މާލެއައި ފުރަތަމަ ދުވަހުންސުރެވެސް ދޮންބެހުރީ މިވާހަކަ ކިޔައިދޭން ބޭނުންވެފައެވެ. ނަމަވެސް އެހައި ހިތްވަރު ދޮންބެއަށް ނުލިބުނީއެވެ. އެކަމަކު ދެން މިވާހަކަ ނުކިޔައިދީފިނަމަ ދިރިއުޅުމުގައި މިފަދަ ފުރުސަތެއް ލިބޭނެ ކަމެއްވެސް ނޭނގެއެވެ.
އިނާޒްވެސް ހަނދާންހުންނާނެ ފަދައިން ދޮންބެ އިނާގޮވައިގެން ލަންކާއަށް ދިޔައީމެއްނޫން ހެއްޔެވެ؟ އެދަތުރުގައި ދޮންބެވެސް މާބޮޑަށް ވަރުބަލިވެ ލޮޑުވާތީ ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރ ގެ ލަފާގެމަތިން ހެދި ޓެސްޓްތަކުގެ ނަތީޖާ ނަގަން ދޮންބެދިޔައީ އެއްވެސް ހާސްކަމެއް އަދި ބިރުވެރިކަމެއް ނެތިއެވެ. އެކަމަކު އެނަތީޖާ ލިބުމުން ދޮންބެއަށް ހީވީ ދުނިޔޭގެ ހިނގުންވެސް ހުއްޓުނު ހެންނެވެ. ޑޮކްޓަރ ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި އެތައް އިރަކު ހުރެވުނެވެ. އެއީ ބިރުވެރި ހުވަފެނަކަށް ވީނަމައޭވެސް ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް ތަޤުދީރުގައި ލިޔެ ނިމިފައިވާކަމެއް ބަދަލެއް ނުވާނެތާއެވެ.
ޑޮކްޓަރ ބުނިގޮތުންނަމަ ދޮންބެއަށް ހުރީ ލޭގެ ކެންސަރު ޖެހިފައެވެ. އަދި އޭރުހުރީ އެބަލީގެ ދެވަނަ ސްޓޭޖުގައެވެ. ބަލީގެ ފުރަތަމަ ސްޓޭޖްގައި އެއްވެސް އަލާމާތެއް ނުފެނިހުރެދާނެ ކަމަށްވެސް ޑޮކްޓަރ ބުންޏެވެ. ގިނަމީހުންނަށް ބަލީގެ ކުރީކޮޅުގައި ފަރުވާ ނުހޯދޭ ސަބަބަކީވެސް އެއީއެވެ. ވަގުތުން ހޮސްޕިޓަލްގައި އެޑްމިޓް ވުމަށްވެސް ޑޮކްޓަރ ލަފާދިނެވެ. ނަމަވެސް އެގޮތަށް ދޮންބެ ބޭނުންނުވީއެވެ. އިނާއަށާއި އާއިލާއަށް އެކަން އަންގަން ބޭނުންނުވާތީއެވެ. އެމީހުން ދެރަވާނެ ވަރު އަހަރެންނަށް އަންދާޒާ ކުރެވޭތީއެވެ. ވީއެންމެ އަވަހަކަށް އެނބުރިލަންކާއަށް ދިއުމަށް އަޒުމު ކަނޑައަޅައިގެންހުރެ ދޮންބެ މާލެއައީއެވެ.
ދޮންބެގެ ބޮސްއާއި ވާހަކަ ދައްކައިގެން ޗުއްޓީގެ ކަންތައް ވީއެންމެ އަވަހަކަށް ހަމަޖެއްސީމެވެ. ނަމަވެސް ދޮންބެ އެކަނި ދާކަން އެނގިގެން ދޮންބެއާއެކު، ދޮންބެގެ ބެސްޓް ފުރެންޑް ނާޒިމްވެސް ދާގޮތަށް ހަމަޖެއްސިއެވެ. އާއިލާމީހުންނަށްވެސް އެންގުމަށް ބޮސް ވަރަށް ބާރުއެޅިއެވެ. ނަމަވެސް ދޮންބެއާދޭސް ކުރިވަރުން ބޮސް އެގޮތާއި އެއްބަސްވީއެވެ. އަދި އޭނަ މެދުވެރިވެގެން ސަރުކާރުގެ އެހީވެސް ހޯދައިދިނެވެ. އޭގެ އިތުރުން ރަށްޓެހިންގެ ފަރާތުންވެސް ވަރަށް ބޮޑަށް އެހީތެރިކަން ލިބުނެވެ. އެހެންކަމުން އެއްވެސް ދަތިކަމެއްނެތި ލަންކާގައި ބޭސްކުރެވޭނެގޮތް ދޮންބެއަށް ހަމަޖެހުނެވެ. އިތުރު އެހީއެއް ބޭނުން ވެއްޖެނަމަ ބައްޕައަށްވެސް އަންގަންވެސް ދޮންބެހުރީ ނިންމައިގެންނެވެ. އައްޑުއަށް ކަމުގައި ބުނެ ދޮންބެ އަނެއްކާވެސް ދިޔައީ ލަންކާއަށެވެ. ނަމަވެސް ދޮންބެ އެކޮޅުގައިވެސް ބޭނުންކުރީ މިހާރުވެސް ބޭނުންކުރާ މޯބައިލް ނަމްބަރު ރޯމިން ހަދައިގެންނެވެ.
ލަންކާއަށް އެނބުރި ދިޔައިރުވެސް ދޮންބެގެ ބަލި ވަރަށް ބޮޑުތަން ގޯސްވެފައިހުރިކަމުގައި ޑޮކްޓަރ ބުންޏެވެ. ނަމަވެސް އަދިވެސް ރަނގަޅުކުރެވިދާނެ ކަމުގެ އުއްމީދު އެބައޮތްކަމުގައި ބުނެ ކީމޯތެރަޕީ ދޭންފެށުނެވެ. އެފަރުވާދޭން ފެށުމުން ބަލީގެވޭންވެސް ރަނގަޅަށް އިހުސާސް ކުރެވެން ފެށިއެވެ. ފާޑުފާޑުގެ ތަފާތު އަލާމާތްތައްވެސް ފެންނަން ފެށިއެވެ. ބޮލުން އިސްތަށިފައިބާ މީހާގެ ސިފަޔަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފެށިއެވެ. އެފަރުވާއިން މާބޮޑުކާމިޔާބެއް ނުލިބުމުން ތަފާތު އެކިގޮތްގޮތަށް ފަރުވާތައް ދެވެން ފެށުނެވެ. ފަރުވާދީދީ ހުއްޓައިވެސް ބަލިދިޔައީ ބޮޑުވަމުންނެވެ. އެކަމުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ދޮންބެ އެކްޒާމިން ކުރިއެވެ. އެމީހުންނަށް ދެވެންހުރި އެންމެ ރަނގަޅު ފަރުވާވެސްދިނެވެ. އެކަމަކު ނަތީޖާ ހަމަސުމެކެވެ.
ދޮންބެގެ ބަލި ސީރިއަސްވަމުން ދިޔައީ ހީވެސް ނުކުރާހައި އަވަހަށެވެ. ހަށިގަނޑުގައި އަޅާވޭންތައް ދުވަހެއް ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ޑޮކްޓަރުންގެ އުއްމީދު ކަނޑާލުމުން ދޮންބެ ބޭނުންވީ މާލެއައުމަށެވެ. މާލެ އައުމަށްފަހު މެލޭޝިޔާއަށް ގޮސް ހަޔާތުގެ އެންމެ ފަހުދުވަސްތައް އާއިލާއާ އެކު ހޭދަކުރުމަށެވެ.
ދޮންބެ ހޮސްޕިޓަލްގައި ހޭދަކުރި ދުވަސްތަކުގައި ހަށިގަނޑުގައި އެޅިވޭނަށްވުރެ ހިތުގައި އެޅިވޭން މާގަދައެވެ. އަލަތު ކައިވެނިކުރެވި އޭގެ ފޮނިރަހަ ނުލިބި އުޅެނިކޮށް މިފަދަ ކަމެއް ކުރިމަތިވުމުން ވާނީވެސް އެހެންނެވެ. އިނާއަށް އެކަން އެނގުމުން ވާނެގޮތާއި މެދު ވިސްނިވަރަކަށް ހިތާމަތައްވީ އިތުރެވެ. މަންމަމެން ނަށް އެނގުމުން ކުރާނެ ހިތާމަ ހިތަށް އަރާފައި ލޮލަށް ނިދިވެސް ނާދެއެވެ.
ޑޮކްޓަރުންނާއި ނާޒިމްގެ ފަރާތުން އިންތިހާޔަށް އަޅާލުމާއި އެހީތެރިކަން ލިބުނެވެ. ނަމަވެސް އިނާގެ ހަނދާންތަކުން ހިތަށް ތަދުކުރަމުންދިޔައީ ކެތްވާވަރަކަށް ނޫނެވެ. އަމިއްލަ ހާލަށްވުރެ ބޮޑަށް، އަހަރެން މަރުވުމުން އިނާއަށް ވެދާނެގޮތަކާއިމެދު ވިސްނެމުން ދިޔައެވެ. އިނާއަށް ވިސްނައިދޭނެ ގޮތަކާއިމެދު ތާއަބަދު ޚިޔާލުކުރަމުން ދިޔައީމެވެ. ހޮސްޕިޓަލްއިން ދޫކޮށްލި ދުވަހު ޑޮކްޓަރ ވަރަށް ނަސޭހަތްދިނެވެ. ގަވާއިދުން ޑޮކްޓަރަށް ދައްކާ ޗެކްކުރުމަށްވެސް އެންގިއެވެ. ވަރަށް ބައިވަރު ބޭސްތައްވެސް ދިނެވެ. އަދިވީ އެންމެ އަވަހަކަށް އެނބުރިއައުމަށްވެސް އެތައް ފަހަރަކު އެދުނެވެ.
ދޮންބެ މާލެއައުމަށް އެއާރޕޯޓަށް ގޮސްއިންދައި އެރޭ އެއީ އިނާގެ އުފަންދުވަސް ފާހަގަ ކުރާރޭކަން ހަނދާންވީ ކުއްލިއަކަށެވެ. އެހެންވެ ދޮންބެ ބޭނުންވީ ސަޕްރައިޒް އަކާއެކީ އިނާއާ ބައްދަލު ކުރާށެވެ. ނޫންނަމަ ދޮންބެ ފެނުމުން އިނާކުރާނެ ސުވާލުތަކައް ޖަވާބު ނުދެވިދާނެކަން ދޮންބެއަށް އެނގުނެވެ. ނަމަވެސް އެރޭގެ ސަޕްރައިޒްވީ ހަގީގަތުގައި ދޮންބެއަށްވެސް ލިބުނު ސަޕްރައިޒް އަކަށެވެ. އިއްތިފާގުން ދޮންބެ ބޭނުންވި ގޮތަށް ކަންތައްތައް ތައްޔާރު ކުރިނަމަވެސް، އެކަންތަކުގެ ފުރިހަމަކަމުން ދޮންބެގެ ހިތުގައި ސުވާލު އުފެދުނެވެ. ނަމަވެސް ކޮއްކޮ ކޮއްދިން ކަންތަކަށް ދޮންބެ ޝުކުރުވެރިވީ ހިތުގެ އަޑިންނެވެ. އެހާމެ އުފާވެސް ވިއެވެ. އިނާ ފެނުމުން އެހެންކަމަކާމެދު ވިސްނާނޭ ފުރުސަތެއް ދޮންބެއަކަށް ނުލިބުނެވެ.
އެރޭގެ ސަޕްރައިޒްގެ ފުރިހަމަކަމާއި ގިފްޓްގެ އަގުބޮޑުކަމާއި މެދު ދޮންބެއަށް ވިސްނޭވަރުވީ ތަންކޮޅެއް ފަހުންނެވެ. އަދި ކޮއްކޮގެ މިޖާޒަށާއި އިނާއަށްވެސް އަންނަމުންދިޔަ ބަދަލުތައް މަޑުމަޑުން ވިސްނެން ފެށިއެވެ. ތިދެމީހުންގެ މެދުގައި ނުތަނަވަސްކަމެއް އުފެދިފައިވާކަން އެނގުނުނަމަވެސް އަސްލު ސަބަބަކީ ކޮބައިކަން ދޮންބެއަށް ވިސްނައިގަންނާކަށް ނޭނގުނެވެ. އެޔަށްވުރެ ދޮންބެގެ ސިކުނޑީގައި ހިނގަމުންދިޔަ ހައިޖާނުމާ ބޮޑެވެ. އަދި ނުބައިގޮތަކަށް ތިދެމީހުނާއިމެދު ވިސްނާވަރަށްވުރެ ދޮންބެގެ ހިތް ތިދެމީހުންގެ މައްޗައް ސާފެވެ.
ނަމަވެސް ހަގީގަތަކީ ދޮންބެ މާލެއައި އިރު ހުރިހާކަމެއްވަނީ ބަދަލުވެފައެވެ. ހާލަތުވަނީ ބަދަލުވެފައެވެ. އިނާއާއި އިނާޒްވެސްވަނީ ބަދަލުވެފައެވެ. މަޑުމަޑުން ކަންތައްތައް ރޭކާލަމުން ދިޔަނަމަވެސް އަހަރެންގެ ހިތް އެގޮތަށް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. ތިދެމީހުން އަހަރެންދެކެ ވާލޯތްބަށް ޝައްކު ކުރަން ބޭނުން ނުވީއެވެ. ކިތަންމެ ނޭނގޭ ކަމަށް ހަދައިގެން ހުރިނަމަވެސް ދޮންބެއަކީވެސް އިންސާނެކެވެ. ތަފާތު އެކިއެކި ވަސްވާސްތަކުން ހިތް ނުތަނަވަސް ވަމުންދިޔައެވެ. ހުއްޓުމެއްނެތި ކަމުންދިޔަ ބާރުގަދަ ބޭސްތަކުގެ ސަބަބުން ހަށިގަނޑުގައި އަޅާވޭނަށް ކެތްކުރަމުން ދިޔަނަމަވެސް ހިތުގައި ހިނގާ ޝުއޫރުތަކުން ކެތްކުރަން ދަތިވަމުންދިޔައެވެ. ގެއިންބޭރުގައި ގިނަވަގުތު ހޭދަކުރަމުން ދިޔައީވެސް އެސަބަބަށްޓަކައެވެ. ދޮންބެގެ ހާލަތު ތިދެމީހުންނަށް ހާމަކުރުމަށްވުރެ ، ތިދެމީހުންގެ ހާލަތު އެނގެން ދޮންބެހުރީ ބޭނުންވެފައެވެ.
އެންމެފަހުން އެދުވަސްވެސް އަތުވެއްޖެއެވެ. ތިދެމީހުން ސިޑިމަތީގައި ތިބެގެން ކިސްކުރަމުން ދިޔަ މަންޒަރު ފެނުމުން އިތުރު ތަފްސީލަކަށް ދޮންބެއަކަށް ބޭނުމެއްނުވިއެވެ. ފެންނަމުންދިޔަ މަންޒަރު އެއީ ހަގީގަތްކަމުގައި ހިތްގަބޫލު ނުކުރިނަމަވެސް ސިނކުޑިއަށް އެއީ ހަގީގަތްކަން ވަގުތުން ވިސްނުނެވެ. އެއީ ވޭތުވެދިޔަ ދުވަސްތަކުގައި ތިދެމީހުންގެ ހަރަކާތްތައް ހުރިގޮތުންނެވެ.
އެއްވެސް ފިރިޔަކަށް އޭނަގެ ލޯބިވާ އަނބިމީހާ އެހެން ފިރިހެނެއްގެ އަތުތެރޭގައިވަނިކޮށް ފެނުމަކީ ކެތްވާނެ ކަމެއްނޫނެވެ. އަދި އަމުދުން ތިމާގެ އަނބިމީހާ ޚުދު ތިމާގެ އަމިއްލަ ކޮއްކޮއާއެކު އެފަދަ ހާލަތެއްގައި ވަނިކޮށް ފެނުމުން ހިތައް ކުރާނޭ އަސްރު އިހުސާސް ކުރެވޭ ހެއްޔެވެ؟ އެމަންޒަރު ފެނުމުގެ ކުރިން ދޮންބެ މަރުވިނަމައޭ އެވަގުތު ދޮންބެގެ ހިތަށް އެރިއެވެ. ހިތަށް ކުރިއަސަރުން ވަގުތުން ހަށިގަނޑުގެ ހުރިހާ ހަކަތައެއް ދޫވިއެވެ. އަވަސް އަވަހަށް ގޮސް ސޯފާގައި އިށީނީ ހުރިތަނަށް ވެއްޓިދާނެހެން ހީވުމުންނެވެ. ކެހިވެރި ލޯބިވެރިޔާއާއި މަކަރުވެރި ކޮއްކޮގެ އެއަމަލުން ދޮންބެގެ ހިތް ކަތިލެވިގެންދިޔައެވެ. ދިރިހުރުމުގެ އުއްމީދު ކެނޑިފައިވަނިކޮށް، ލިބުނު ސިހުމުން ދިރިހުރުމުގެ މުހިއްމުކަމެއް ނެތްކަމުގައިވެސް ވަގުތުން ގަބޫލުކުރެވުނެވެ. މަރަށްވުރެ ބޭނުން އެއްޗެއްވެސް އެވަގުތަކު ނެތެވެ.
ދެމީހުންގެ ހަގީގަތް ލޮލުންދެކެ އަތުން ހިފުމުންވެސް އެހަގީގަތާއި ކުރިމަތުލާހައި ހިތްވަރެއް ދޮންބެއަކަށް ނުލިބުނެވެ. ފުރަތަމަ ފަހަރަށް ތިދެމީހުނާއި މެދުގައި ހިތުގައި ރުޅިވެރިކަން އުފެދުނެވެ. ނަމަވެސް ހިތުގައި ގިނި އަނދަމުން ދިޔަހާލުގައިވެސް ކެތްކުރެވޭތޯ މަސައްކަތްކުރީމެވެ. ދެން އިތުރަށް ދޮންބެގެ ހާލަތު ތިދެމީހުންނަށް އަދި އިތުރު މީހަކަށްވެސް އަންގާކަށް ބޭނުމެއްނުވިއެވެ. ދެންވެސް ކަނުމީހަކުފަދައިން އެއްކަމެއްވެސް ނުފެންނަކަމުގައި ހެދިގެން އުޅުމަށް ނިންމީމެވެ. ތިދެމީހުންގެ ބޭވަފާތެރިކަން އެއީ ތަގުދީރުގައިވާގޮތް ނަމަ އެގޮތާއި ރުހި ގަބޫލުވީމެވެ. ނަމަވެސް ތިދެމީހުންގެ މެދުގައި އެފަދަ ގުޅުމެއް އުފެދުމަށް މެދުވެރިވީ ދޮންބެގެ ސަބަބުންކަމުގައި ދޮންބެއަށް ގަބޫލުކުރެވުނެވެ. އަދި ދޮންބެއަކީ ކުޑަ ދުވަސްކޮޅެއްގެ މެހެމާނަކަށްވީ ހިނދު އިނާއަށްވެސް އެންމެ ރަނގަޅުވާނީ އިނާޒްފަދަ ބައިވެރިއަކު ކަމުގައި ގަބޫލުކުރެވުނެވެ.
އިނާޒް މެލޭއަށް ދިއުމުން ދޮންބެވެސް ހުރީ އިނާގޮވައިގެން މެލޭއަށް ދާން ނިންމައިގެންނެވެ. އަދި ކޮންމެ ގޮތަކަށް ކަންތައްވީނަމަވެސް އެންމެ ފަހުދުވަސްތައް އާއިލާއާއެކު ހޭދަކޮށްލަން ދޮންބެ ބޭނުންވީއެވެ. ނަމަވެސް އިނާޒް ދިޔަތަނެއް ނޭނގި ކުއްލިއަކަށް ގެއްލުމުން ދޮންބެގެ ހިތުގައި ސުވާލުތައް އުފެދެން ފެށިއެވެ. އާއިލާގެ އެއްވެސް މީހަކަށް ނޭނގި ފިލައިގެން ދިޔައީ ކުރެވުނު ކަންތަކަށް ލަދުންކަމުގައިވެސް ބައެއްފަހަރު ހިތައް އަރައެވެ. ހިތުގައި ރުޅިވެރިކަން އުފެދިފައިވީ ނަމަވެސް އެގޮތަށް އިނާޒް ދިއުމުން ދޮންބެ ވަރަށް ދެރަވިއެވެ.
އިނާޒްގެ ޚަބަރެއްނުވެ ގިނަދުވަސްވާން ފެށުމުން ހިތުގައި ބިރުވެރިކަންވެސް އުފެދުނެވެ. މަންމައާއި ބައްޕަ ގުޅަގުޅާފައި ރޮއެ ހަދައެވެ. ސަބަބު އޮޅުން ފިލުވަން މަސައްކަތް ކުރަމުން ދިޔައެވެ. އާތިފްއަށްވެސް ގުޅައިގެން ޚަބަރެއްވޭތޯ ބެލީމެވެ. ނަމަވެސް އާތިފްގެ ފަރާތުންވެސް އެކައްޗެއްވެސް ނޭނގުނެވެ. ނަމަވެސް އާތިފްއަށް އެނގޭނެ ކަމުގައި ދޮންބެގެ ހިތްބުނަމުން ދިޔައެވެ.
އެކި އެކި ވިސްނުމާއި ފިކުރުކުރުމުގައި ހިތަށް ހަމަޖެހުމެއް ނުލިބި ދުވަސްތައް ހޭދަވަމުންދިޔައެވެ. އެގޮތުން އެއްދުވަހަކު ދޮންބެގެ ހާރޑުގައި ހުރި ލިޔެކިޔުންތަކެއް ބޭނުންވެގެން ހާރޑް ހުޅުވާލީމެވެ. އެއާއެކު ދޮންބެއަށް ލިބުނީ ޝޮކެކެވެ. އެއީ ދޮންބެގެ ހާރޑްނޫންކަން އެނގުނު ނަމަވެސް އެޕާސްވޯޑުން ހުޅުވުމުން ދޮންބެ ހައިރާންވިއެވެ. އަދި ހާރޑްގައިވާ ފައިލްތައް ކިޔާލީ ފަހަރެއްގައިވެސް އިނާޒް ދިޔަތަނެއް އެނގިދާނެ ކަމުގެ އުއްމީދުގައެވެ. ހާރޑްގައިވާ ބައެއް ލިޔެކިޔުންތަކުން އިނާޒް ދިޔައީ އޮސްޓްރޭލިޔާއަށްކަން ދޮންބެއަށް ޔަގީންވިއެވެ. އަދި އޭގައިވާ ޑައިރީ ކިޔާލުމުން އިނާޒް އެތަނަށް ދިޔަ ސަބަބުވެސް އެނގުނެވެ.
ހަގީގަތް އެނގުމުން ދޮންބެގެ ހިތުގައި އުފެދިފައިވާ ކުއްހީތަކާއި ރުޅިވެރިކަންވެސް ވަގުތުން ފިލައިގެންދިޔައެވެ. އިނާއާއި އިނާޒްގެ ދެމެދުގައި ހިނގާފައިވާ ހާދިސާތަކާއި އިނާޒްގެ ހިތުގެ އުދާސްތައް ވަރަށް ރަނގަޅަށް ދޮންބެއަށް އެނގިގެންދިޔައެވެ. އިނާޒްގެ ނަފްސު ކޮންޓްރޯލް ކުރަމުންދިޔަވަރާއި ތިދެމީހުންގެ ދެމެދުގައި ނުބައި ގުޅުމެއް ހިނގާފައި ނުވާކަންވެސް އެނގި ޔަގީންވިއެވެ. އުފަންދުވަހުގައި ކަންތައް ހިނގާދިޔަ ގޮތުގެ ހަގީގަތްވެސް އެނގިގެންދިޔައެވެ. އިނާގެ ހިތުގައިވާ އެއްޗެއް އިނާޒްއަށް ނޭނގޭކަންވެސް ޔަގީންވިއެވެ. އެޑައިރީކިޔުމުން ހަގީގަތުގައިވެސް އިނާޒްއާ މެދު ދޮންބެ ފަޚުރުވެރިވިއެވެ.
ދެމީހުންގެ މެދުގައި އުފެދިފައިވާ ވަރުގަދަ ގުޅުމާއި އެކުވެސް އިނާޒް ކެތްކުރަމުންދިޔައީ ދޮންބެގެ ހައްޤުގައިކަން އެނގުމުން ދޮންބެ ވަރަށް އުފާވިއެވެ. އަމިއްލަ ނަފްސު ކުށްވެރިކޮށް ދޮންބެގެ ކިބައިން މާފަށް އެދެން ބޭނުންކަމުގައި ލިޔެފައި އޮތުމުންވެސް އިނާޒްގެ ހިތުގައި ދޮންބެގެ މައްޗަށް އޮތްލޯބި ހާމަވެގެން ދިޔައެވެ. ލޯބިވެވުނީތީ ހިތާމަކުރާ ވާހަކަ ލިޔެފައި އޮތުމުން ދެރަވެސްވިއެވެ. އެކަމަކު ބުނަން ހެއްޔެވެ؟ ލޯތްބަކީ ކުށެއްނޫނެވެ. އަދި ފާފައެއްވެސް ނޫނެވެ. އިނާޒްވެސް އިނާދެކެ ވީ ސާފުތޯހިރު ލޯބިކަމަށް ދޮންބެ ގަބޫލުކުރަމެވެ. ވަގުތާއި ހާލަތުގެ ގޮތުން ތިލޯބި ބަލައިގަނެވެން ނެތީއެވެ.
އެކަމަކު މިހާރު މިވަނީ އަނެއްކާވެސް ހާލަތު ބަދަލުވެފައެވެ. ދުވަސްކޮޅެއްފަހުން ތިލޯތްބަކަށް އެއްވެސް ހުރަހެއް ނޯންނާނެއެވެ. އިނާޒް ފަދައިން އިނާވެސް އިނާޒް ދެކެ ލޯބިވާކަން ދޮންބެއަށްވަނީ އެނގިފައެވެ. އެދުވަހު ސިޑިމަތީ ކިސްކުރިއިރުވެސް އެކަން ދޮންބެއަށް އެނގުނެވެ. ނަމަވެސް އެކަން ޔަގީންވީ އިނާގެ ފޯނުގައިވާ ކޯލް ރިކޯޑިން އެއް އަޑު އިވުމަށްފަހުގައެވެ.
އިނާޒް އިނާއަށް ގުޅާފާނެކަމަށް ބަލާފައި އިނާއަށް ސިއްރުން އޭގައިވާ ކޯލް ރިކޯޑުތައް ދޮންބެ އަޑުއެހީމެވެ. އޮސްޓްރޭލިއާގެ ނަމްބަރަކުން ގުޅާފަ އޮތުމުން އެއީ އިނާޒްގެ ކޯލެއް ކަމަށް ހީކޮށް އަޑުއެހިއިރު އެއީ ޔާޝާގެ ކޯލެކެވެ. އަދި އެއީ އިނާޒް ދިއުމުގެ ކުރިން ކޮށްފައިވާ ކޯލެއްކަންވެސް އެނގުނީ މާފަހުންނެވެ. ތިދެމީހުންވެސް އެކަކު އަނެކަކަށް ބޭނުންވާ ވަރު އެނގުނީ އެކޯލް އަޑުއެހުމުންނެވެ. އިނާގެ ދުލުން އެހެންމީހަކު ދެކެލޯބިވާ ވާހަކަ އަޑު އިވުމުން ހިތަށް ތަދުވިއެވެ. ނަމަވެސް އެނަސީބުވެރިޔަކީ ކޮއްކޮކަމަށް ވީތީ އުފާކުރީމެވެ.
ކޮންމެއަކަސް މިހާރު ދޮންބެއަށް ހުރިހާކަމެއްވެސް ސާފުވެއްޖެއެވެ. އަދި ތިދެމީހުންގެ މައްޗަށް ހިތްވެސް ސާފުވެއްޖެއެވެ. ހާލަތާއި ވަގުތުގެ ސަބަބުން ވިޔަސް ތިދެމީހުންނަށް މެ ތިތިބީ ލޯބިވެވިފައެވެ. ހަގީގަތަކީ އެއީއެވެ. އަދި ދޮންބެ މިހާރު މިހުރީ ނުލާހިކު އުފަލުންނެވެ. ދެން ހިތްހަމަ ޖެހިގެންވާ ހާލު މަރުވެސް ވެވިދާނެއެވެ. އިނާޒްވެސް ތިތާ ފިލާހުރުމުގެ ބޭނުމެއްނެތެވެ. އެކަމަކު އަދި ދޮންބެވެސް ތިދެމީހުންގެ ކިބައިން މާފަށް އެދެންޖެހޭ އެއްކަމެއް އެބައޮތެވެ. އެއީ އިނާއަށް ހުރާއިން ފެނިގެން ލޯބިވެގެން ފޯނުގެ ޑިސްޕްލޭއަށް ފޮޓޯ ލައިގެން އުޅުނީ ދޮންބެގެ ނޫންކަން މެރީކުރުމުގެ ކުރިންވެސް ދޮންބެއަށް އެނގެއެވެ. އިނާ އެހައި ވަރަށް ހޯދަމުން ދިޔައީ ކާކުކަންވެސް ދޮންބެއަށް އެނގެއެވެ. ފުރަތަމަ އިނާ އެވާހަކަ ކިޔައިދިން ދުވަހުވެސް އެއީ އިނާޒްކަން ދޮންބެއަށް އެނގުނެވެ. ނަމަވެސް ދުވަހަކުވެސް އިނާޒްގެ ފަރާތުން އިނާގެ ވާހަކަ އަޑުއަހާފައި ނުވާތީއާއި އަދި އިނާއަށް އަހަރެމެން ދެމީހުން ވަކިކުރަން ނޭނގުމުން ދޮންބެވެސް ހަގީގަތް ހާމަ ނުކުރީއެވެ. ހަގީގަތް އެނގުނުނަމަ އިނާ ވަރަށް ދެރަވީސްކަން ޔަގީނެވެ. ސަބަބަކީ އިނާޒް އިނާދެކެ އޭރު ލޯބިނުވާތީއެވެ. އެހެން ނޫނަސް ދޮންބެ އިންތިހާއަށް އިނާދެކެ ލޯބިވެއެވެ.
ދޮންބެ ހަގީގަތް ފޮރުވީ ނުބައި މަގުސަދެއްގައެއް ނޫނެވެ. އެވެސް ހާލަތާއި ވަގުތުގެ މަޖުބޫރެވެ. ނަމަވެސް ތަޤުދީރު ދެކެބަލާށެވެ. އަނެއްކާވެސް ތިދެމީހުން ބައްދަލު ކުރުވައި ހިތުގައި ލޯބިވެސް އުފައްދައިފިއެވެ. ދޮންބެއަކީ ހަމައެކަނި ކުޑަދުވަސް ކޮޅަކަށް އިނާގެ ހަޔާތައް އައި މެހެމާނެކެވެ. ދޮންބެގެ ވަގުތު ހަމަވުމުން މިދަނީއެވެ. ބާކީ އޮތްދުވަސްތައް އިނާ ހޭދަކުރަންޖެހޭނީ އޭނާގެ ހަގީގީ ލޯބިވެރިޔާއާއި އެކީގައެވެ. އިނާޒްއާއެކީގައެވެ.
ވީމާ ތިތާ ފިލާހުރުމުގެ މާނައެއް މިހާރަކު ނެތެވެ. އަވަހަށް އަންނާށެވެ. ދޮންބެއާއި ވަދާއީ ސަލާންވެސް ކުރަން ޖެހޭނެ ނޫންހެއްޔެވެ؟ އިނާޒްނެތި ދޮންބެގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. ތީއަބަދުވެސް ދޮންބެގެ “ބެސްޓްބަޑީ”އެވެ. ދޮންބެއަށް ހަގެއްދޭން އަވަހަށް އަންނާށެވެ. ދޮންބެއަށް މަޑުކުރެވޭކަށް ނެތެވެ. ދެން އިތުރަށް ލަސްކޮށްފިނަމަ ވަގުތު ފާއިތުވެދާނެއެވެ. ދޮންބެ އަބަދުވެސް ކޮއްކޮދެކެ ވަރަށް ލޯބިވަމެވެ. އަންނާނެ ދުވަހަކަށް ކެތްތެރިކަމެއްނެތި އިންތިޒާރުކުރަމެވެ.
***********
ދޮންބެގެ އީމެއިލް ކިޔާނިމުނުއިރު އަހަރެންނަށް ހުރީ ހަމަރަނގަޅަށް ވެސް ރޮވިފައެވެ. ހުރިހާ ހަގީގަތެއް އެނގުމުން ދޮންބެގެ ހިތަށް ކުރާނޭ އަސަރު އަންދާޒާ ކޮށްލަންވެސްއަހަރެންނަށް އުނދަގޫވިއެވެ. ދޮންބެ ފަދަ ރަނގަޅުމީހަކަށް އެފަދަ ނުބައި ބައްޔެއް ޖެހުނީ ކީއްވެގެން ހެއްޔެވެ؟ އެބަލިވެސް އަހަރެންނަށް ޖެހުނުނަމަ މާރަނގަޅުވީސް ނޫންހެއްޔެވެ؟ އެހިތްދަތިހާލުގައި ދޮންބެ އެކަނިމާއެކަނި ހުރިހާ ވޭނެއް އުފުލިއިރު އަހަރެންނަށް ނޭނގުނީ ކީއްވެގެން ހެއްޔެވެ؟ މިހާރު ދޮންބެގެ ހާލަކީވެސް ކޮބައިބާއެވެ؟ އެއީމެއިލް އަކީ އޭގެ ދިހަދުވަސް ކުރީގެ އީމެއިލް އެކެވެ.
އަހަރެން އަވަސް އަވަހަށް އެންމެފަހުން އަހަރެންނަށް އާތިފް ފޮނުވާފައި އޮތް މެއިލް ހުޅުވާލީމެވެ. އޭގައިވަނީ ވީހާވެސް އަވަހަކަށް އަހަރެން ސިންގަޕޫރަށް ދިއުމަށް އެދިފައެވެ. އަދި ހޮސްޕިޓަލެއްގެ އެޑުރެހާއި ގުޅޭނެ ފޯން ނަމްބަރެއްވެސް އޮތެވެ. އަހަރެން ބަލާކަށް ނުހުރެ ފޯނުހޯދައިގެން އެނަމްބަރަށް ޑައަލް ކޮށްލީމެވެ. ރިންގްވިހެނެއް ހިޔެއްނުވެ ފޯނުނަގައިފިއެވެ.
“ހެލޯ އިނާޒްތަ؟ ކޮންތާކު ތިއުޅެނީ؟…..ހާލު ރަނގަޅުތަ؟ ބަޔަކު އިނާޒް ކިޑްނެޕްކުރީތަ؟…..އެކްސިޑެންޓްވީތަ؟….ނޫނީ ފޭރޭ ބައެއްގެ އަތްދަށުވީތަ؟…..ކިހިނެއްތަވީ؟….ހެލޯ…އިނާޒް!” އަހަރެންނަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ އާތިފް ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލިއެވެ. ހާސްވެގެންގޮސް އޭނާގެ އަޑުވެސް ތުރުތުރު އަޅައެވެ.
“އާތިފް ހަމަޖެހިބަލަ!…..އަހަރެން ހަމަރަނގަޅޭ….އަހަރެންނަށް އެއްކަމެއްވެސް ނުވޭ…..ގަދަވެ ސަލާމަތުން މިހުރީ…..އެކަމަކު ދޮންބެ ކޮބާތަ؟….ދޮންބެގެ ހާލު….” އެހިސާބަށް ވާހަކަ ދެއްކުނުއިރު އަހަރެންގެ އަޑުބެދިއްޖެއެވެ. ކިތަންމެ ހިތްވަރުކުރަން އުޅުނަސް އަހަރެންނަށް ރޮވެންވެސް ފަށައިފިއެވެ.
” ދޮންބެއޭ؟…..އަދި ކިރިޔާތަ ދޮންބެގެ ހާލު އަހާލެވޭވަރުވީ؟…..ކިހާދުވަހެއް ހުއްޓުމެއްނެތި އިނާޒް ހޯދަން މަސައްކަތް ކުރާތާ….ކިހާވަރަކަށް މެއިލް ކުރެވިއްޖެ……ކިހާއާދޭހެއް ކުރެވިއްޖެ…..އެކަމަކު އިނާޒްގެ ހިތަށް އެކައްޗެއްވެސް އެރިތަ؟……އެންމެ ފަހަރަކުވެސް ގުޅާލިނަމަ……އަހަރެން ހިޔެއް ނުކުރަން ތީތިހާ ހިތްހަރުމީހެއް ކަމަކަށް؟…..އަދި ހިޔެއް ނުކުރަން ތީތިހާ ފިނޑިމީހެއް ކަމަކަށްވެސް…….އެކަމަކުތީ ދުނިޔޭގަ ނެތްވަރުގެ ބޮޑު ފިނޑިއެއް…….ވާނެކަމެއްވެ ނިމުނީމަ ދުނިޔޭގެ އަނެއްބިތަށް ގޮސް ފިލައެއްނު ތިހުރީ………އިނާޒް ފިލާހުރީމަ ދުނިޔޭގެ ހިނގުން ހުއްޓޭނެތަ؟……ވީކަމެއް ނުވާކަމަކަށްވާނެތަ؟…….ދޮންބެގެ މޫނުދެކެން ބޭނުމިއްޔާ ދެންވެސް އެންމެ މިނެޓެއްވެސް ބޭކާރުނުކޮށް އާދޭ!…….އަހަރެންނެތް އިނާޒްއާ ދައްކާނެ އިތުރު އެއްވެސް ވާހަކައެއް….” ދައްކާނެ ވާހަކައެއް ދެއްކުމަށްފަހު އަހަރެންގެ ޖަވާބަކަށްވެސް އިންތިޒާރު ކުރުމެއްނެތި އާތިފް ފޯނު ކަނޑާލިއެވެ. ރުޅިއާއި ހިތާމައިން އާތިފްގެ އަޑު ތުރުތުރުލަމުން ދިޔައެވެ. އޭނާވަނީ ކެތްތެރިކަން ކޮޅުންލާފައެވެ. މީގެކުރިން އެފަދަ ގޮތަކަށް ދުވަހަކުވެސް އާތިފް އަހަރެންނާ ވާހަކަ ދައްކާފައެއް ނުވެއެވެ. އާތިފް ބުނީ ކިތަންމެހައިވެސް ބޮޑު ތެދެކެވެ. އަހަރެންނަށް ވަރުގެ ބޮޑު ފިނޑިއަކު ދުނިޔޭގައިވެސް ހުރިކަމެއް ނޭނގެއެވެ.
އާތިފްގެ ވާހަކަ ހުރިގޮތުން ދޮންބެގެ ހާލު ވަރަށް ސީރިއަސްކަން އަހަރެންނަށް އެނގުނެވެ. އަހަރެންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ. ދޮންބެގެ ފަރާތުން މާފަށްވެސް ނޭދެވެނީސް ދޮންބެމަރުވަނީ ހެއްޔެވެ؟ މީއަނެއްކާ އަހަރެންގެ ހަސަދަވެރިކަމުގެ ނަތީޖާ ހެއްޔެވެ؟ ދޮންބެގެ ނަސީބާމެދު ކޮންމެވެސް ވަރެއްގެ ހަސަދަވެރިކަމެއް އަހަރެންގެ ހިތުގައި އުފެދުނުކަން ގައިމެވެ. އަހަރެންގެ ހިތާހިތުން ދޮންބެގެ މައްޗަށް ހެޔޮދުއާކުރަން ފެށުނެވެ. އަދި ދުވެފައި ކޮޓަރިން ނުކުތީ އާލިމް ފެނޭތޯއެވެ.
“އާލިމް! އާލިމް! އަހަރެންނަށް އެހީތެރިވެދީ! އަހަރެންގެ ދޮންބެ މަރުވަނީ!……އަހަރެން ދޮންބެ ކައިރިއަށް ގެންގޮސްދީ!….ހެޔޮނުވާނެ އާލިމް!” ސިޓިންރޫމުގައި ޓީވީބަލަންއިން އާލިމްގެގައިގާ އޮޅުލައިގެންފާ އަހަރެން ރޯންފެށީމެވެ. އާލިމް ހައިރާންވެ އަންތަރީސް ވެގެން ކޮޅަށް ތެދުވިއެވެ. އޭނާ ހީކުރީ އަހަރެންގެ ބުއްދިގޯސްވީ ކަމުގައެވެ.
” އިނާޒް! ހަމަޖެހިބަލަ! މޮޔަވީތަ؟….ކީކޭތަ ތިކިޔަނީ؟ ކިހިނެއްތަ ވެގެން ތިއުޅެނީ؟” އަހަރެން ސޯފާގައި ބައިންދަމުން އާލިމް ސުވާލުކުރަން ފެށިއެވެ.
” ނޫން…އަހަރެން މޮޔައެއްނުވޭ……އަހަރެންނަށް ގުޅިއްޖެ ފެމިލީ މީހަކާ……ދޮންބެ ވަރަށްބަލި…..އަހަރެންބޭނުމީ ހަމަމިހާރު ސިންގަޕޫރަށްދާން…” އަހަރެން ހަމަޖެހިލަމުން ވީގޮތް އާލިމްއަށް އޮޅުންފިލުވައި ދިނީމެވެ.
“އޯހ….އެހެންތަ؟….ހިނގާ ތިކަމާ އުޅެން….މިރޭން މިރެޔަށް ނުދެވުނަސް ވީ އެންމެ އަވަހެއް ކުރެވޭތޯ ބަލަމާ އުޅޭ!……ވަރަށް ކުރިންސުރެ އަހަރެންގެ ގާރލް ފުރެންޑު ޔާޝާ އުޅެނީ މިތާ…. އޭނަވަރަށް ފަރިތަވާނެ މިތާގެ މާހައުލަށް…..ތިކަމާ ހާސްނުވޭ އޭނަގެ ވަރަށްބައިވަރު ރަށްޓެހިންވެސް އުޅޭނެ……އޭނަގެ ބެސްޓް ފުރެންޑްގެ ފިރިމީހާވެސް ވަރަށްބޮޑަށް ބަލިވެގެން ސިންގަޕޫރުގެ ހޮސްޕިޓަލެއްގަ އޮތީމަ، ސިންގަޕޫރަށް ދާންވެގެން އޭނަވެސް އުޅެނީ……އިނާޒްއަށްވެސް އޭނައާ އެކު ދެވޭގޮތެއްވޭތޯ މަބަލާނަން……….މައެބަގުޅަން ޔާޝާއާ…” އާލިމް ފޯނުނަގާފައި ޔާޝާއަށް ގުޅަންފެށިއެވެ.
” ހަލޯ ޔާޝާ……މަމިގުޅީ…..” އަހަރެން ކުއްލިއަކަށް އާލިމްގެ ފޯނުއަތުލީމެވެ.
” ހަލޯ…ޔާޝާތަ؟….މީއިނާޒް!……ތީއިނާގެ ބެސްޓް ފުރެންޑްދޯ……” އަހަރެން ފޯނުއަތުލާފައި ވާހަކަ ދައްކަން ފެށުމުން ހައިރާންވެ ވާނުވާނޭނގިފައި އާލިމް ދެލޯބޮޑޮކޮށްގެން ބަލަން ހުއްޓެވެ.
“އާނ! މީޔާޝާ….އީނުގެ ބެސްޓް ފުރެންޑް……އެކަމަކު އިނާޒް އޮސްޓްރޭލިއާގަތަ؟……ކޮންއިރަކުއައީ……ކިހިނެއް އެނގުނީ އާލިމްއާ އަހަރެންނާ……؟ އަޅެ މިހުރިހާ ދުވަހު އިނާޒް މިތާ އުޅުނުއިރު ކީއްވެ އެކަކަށްވެސް ނޭނގުނީ……އެނގޭތަ އިނާފަކީރު އުޅޭހާލު؟….އަޔާވެސް!……………ތީހަމަ އެއިނާޒްކަން ޔަގީންތަ؟” ޔާޝާހުރީ އަދިވެސް ޔަގީން ނުވެފައެވެ.
” ޔާޝާ….ތިހުރިހާ ވާހަކައެއް ދައްކާކަށް ވަގުތެއްނެތް…..ޕްލީޒް!….ޔާޝާދާއިރު އަހަރެންވެސް ސިންގަޕޫރަށް ދެވޭނެގޮތެއް ހަދާދީ……ޕްލީޒް ޔާޝާ….ޕްލީޒް!” އަހަރެންގެ ހިތްއަވަސްވެގެން ވާހަކަ ދެއްކުނީވެސް އެހާމެ އަވަހަށެވެ.
“އޯކޭ…..އަހަރެން ދޮންބެއާއެކީ ދާން މިއުޅުނީ…..އެކަމަކު ދޮންބެއާ ވާހަކަ ދައްކައިގެން އިނާޒް ގެންދެވޭނެގޮތެއް ހަދާނަން…އެބަގުޅަން އިރުކޮޅަކުން” ޔާޝާ ފޯނު ކަނޑާލިއެވެ. އަހަރެން އާލިމްއާ ދިމާބަލާލިއިރު އަދިވެސް އެހުރިގޮތަށް ހައިރާންވެފައި ހުއްޓެވެ. އަހަރެން ޔާޝާއާއި ރަހުމަތްތެރިވީގޮތް އާލިމްއަށް ކިޔައިދިނީމެވެ. އަދި ޔާޝާގެ ބެސްޓް ފުރެންޑްގެ ފިރިމީހާއަކީ އަހަރެންގެ ދޮންބެ ކަމުގައިވެސް ބުނީމެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން އަނެއްކާވެސް ޔާޝާ ގުޅިއެވެ. އަދި ޔާޝާގެ ދޮންބެގެ ބަދަލުގައި އަހަރެންނާއި ޔާޝާ ސިންގަޕޫރަށް ދާގޮތަށް ހަމަޖެހުނު ވާހަކަވެސް ބުންޏެވެ. އޭގެ އަނެއް ދުވަހު ޔާޝާއާއި އަހަރެން ސިންގަޕޫރަށްދާން ފުރީމެވެ. އާލިމް އަހަރެމެން ފުރުވަން އެއާރޕޯރޓަށް ދިޔައެވެ. ފުލައިޓަށް އެރީއްސުރެ އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. އަހަރެން ދާންވަންދެންވެސް ދޮންބެ ދުނިޔޭގައި އޮންނާނެ ބާއޭ ހިތަށް އަރަމުން ދިޔައެވެ. ހިތާ ހިތުން ދޮންބެ ސަލާމަތްކުރައްވާތޯ ދުޢާ ކުރަމުންދިޔައީމެވެ.
1419 Comments
Comments are closed.
Oh shine really touching hama rovihjje heyonuvaane thivarah rohvaakah..vvv nice keep it up..
Aslu ves dho. Hama vara nice
Adhi nunimey dhw??????
???
Wow wow wow.. alhea haadha reechey.. kihinehtha shinege vaahaka thah reethikan bunaany ves.. amazing.. perfect… fab dhen mihen gos kiyaane echeh neiy
Rovijje but v reethi
vvv reethi hama rovenji,. shine ge story thakuga haadha roveye
Vvvvv reethi bunaane echcheh vex neyge
Ummu Mulk Heart Touching Dho?
Yeah ??
V reethi
V nice. But story nimeneetha? So sad.
alhey…. haadha salhieh mi story….
v v vv touchin….
Varah nice
Oh…haadha reehchey hama roveyher vey waiting waiting waiting…
Vaahaka kiyaafa aammmu koh roveyne! Ekam mi vaahaka kiyaafa varah rovun. Varah hithuga jehun. Ehaa asarugadha vaahaka eh.
Goodluck Shine! <3
Haadhahaa salhi a
Mee varah asarugadha ba eh…
V reeethi ur gd
hama aslu ves rovijje but v nice dhonbe ah haadha dhera gothekey mi v dhw