އެސްފިޔަ.ކޮމްގެ އެންޑްރޮއިޑް އެޕްލިކޭޝަން ޑައޮންލޯޑް ކުރައްވާ!
ލޯބީގެ ވާހަކައެއް!

ލޯބީގެ ވާހަކައެއް!

ލޯބީގެ ހާސަރުގަނޑެއް ހަނދާންވެއްޖެއެވެ. ކުޑައިރެވެ. ވަރަށްވެސް ކުޑައިރެވެ. ދެންބުނަންޏާ ރަން ދޫންޏަށްވެ ނޫނީ ގުއި ދޫންޏަށްވެ މީސްމީހުންގެ ކޮށްޓަށް ގޮސްވަންނަހާވެސް ކުޑަ ކުޑައިރެވެ. އޭނާ ފުރަތަމަ ފެނުނީ ގޭގެ ސިޓިން ރޫމުގައި ބޭބެ މެނާ އެކު ސަކަރާތްޖަހަން އިންދައެވެ. ދޮންރީތިމޫނެކެވެ. ނަޒަރުތޫނު ކުރަނގިދެލޮލެވެ. މަޑުފިޔާތޮށިކުލައިގެ ތުންފަތެކެވެ. އަންނާރު އޮށްތަކެއްފަދަ ދަތްތަކެކެވެ. ދިގުފަން އިސްތަށިގަނޑެކެވެ. ދެންހަމަ ލޯބީގެ ވާހަކަތަކުގައި ލިޔުންތެރިން ސިފަކޮށްދީފައި އެހުންނަ ޖާޒުބީ ރީތިކަން އޭނާގެ ކަނދުރާއިން ފެށިގެން މަތީގައިވާކަން ހަމަ ޔަގީނެވެ. ޖިސްމުގެ ވާހަކަ ނުދައްކަމާހެއްޔެވެ. އިސްވެ ފާހަގަކުރިގޮތަށް އަހަރެން އެއިރު އެހާވެސް “ކުޑަ”އެވެ. އެކަމަކު އޭނަޔަކީ ފުރާވަރުގެ ޖިންސުއްލަތީފެކެވެ.
އަހަރެން ސިޓިންރޫމަށް ދިއުމުން ބޭބެ ފެށިއެވެ. “މަ ކޮށްޓަށް ވަންނާނީ ރަންދޫންޏެއްތަ ނޫނީ ގުއި ދޫންޏެއްތަ؟” ދުއްވައިގަތީމެވެ. ރަންދޫންޏަކަށްވެވޭތޯއެވެ. ނިކަން ވިސްނާލަބަލާށެވެ. ކުރިމަތީގައި އެފަދަ ރީތި މޫނެއްވާއިރު “ގުއި” ދޫންޏަކަށް ވާންބޭނުންވާނީ ކާކު ހެއްޔެވެ؟ އަހަރެންގައިގަ ބައްދާގަނެފަ، ދެލޯހުޅުވާލާފައި ބޭބެ އަނގަހުޅުވާލީ ރަންދޫންޏެކޭ ބުނާށެވެ. އެހެނަސް ލާނެތް ހިނިގަނޑެއްޖަހާލާފައި ގޮވީ މަންމައަށެވެ.






“މަންމާ! ކޮއްކޮގެ ނެޕީ ބަދަލުކޮށްބަލަ. ކޮށްކޮ މިހިރީ ޕުއްޕު ލައިގެން”
ގަތްލަދުން ދެފައި ކައިރިކޮށްލަންނުކެރުނެވެ. މަންމަ މައްޗަށްގޮސް ނެޕީއެއް ހިފައިގެން މިއަންނަނީއޭ، ކޮޓަރިން ނުނުކުމެ ހުންނައްޗޭ ބުނިކަންވެސް ހަނދާންވީ ހަމަ ދެނެވެ. އެއްކަލަ އޭނަވެސް އަހަންނަށް ބަލާފައި ލާނެތް ގޮތަކަށް ހޭންފެށިއެވެ.
ސަހާދަތްފަދަތެދެކެވެ. އެއުމުރުގައި އެވަރަށް ލަދުގަތް އެއީ ފުރަތަމަދުވަހެވެ. އަވަސް އަވަހަށް ސިޓިންރޫމުގެ އެއްފަރާތުގައި ހުރި ސިޑިން މައްޗަށް އަރަން ދުއްވާގަތީމެވެ. އަހަރެން ކުއްލިޔަކަށް ހުއްޓުންއެރީ އެއްކަލަ އޭނަ އަހަރެންގެ އަތުގައި ހިފީމައެވެ. އެއިރު މަންމަ ނެޕީއެއް ހިފައިގެން ސިޑިން ހުރެ ފައިބައެވެ.
“ޒިޝާންގެ މަންމާ. ދީ އަހަރެން އަތަށް ކޮށްކޮގެ ނެޕީ ބަދަލުކޮށްލަދޭނަން”
އޭނާ އެހެން ބުނުމާއެކު، އަހަރެންގެ ހިތަށް ހީވީ ހަމަ ވަރަށްފިނި ފެންއެއްޗެއްއަޅާލިހެން، ނޫންނަމަ އެންޓާރޓިކާގެ ގަނޑުފެންތަކުގެ “މަދުން” ނަގާފައި އެއްލި ގަނޑުފެންގަޑެއް ހިތުގަ ޖެހި ހިތް ފިތިގެން ދިޔަހެނެވެ. ލަދުގަތީ އިންތިހާ އަށެވެ. އެހެނަސް އެރީތި މޫނު އިތުރަށް ދެކިލަ ދެކިލާ ހުންނަން ބޭނުންވީތީ ލަދުވެތިކަން ނުދައްކާ ވަރަށް “ގަޓް” ވެލާފައި އޭނަ ގައި ކައިރިއަށް ޖެހިލީމެވެ.
އަހަރެން ނަގާ ސޯފާމަތީގައި ބޭއްވީވެސް އޭނައެވެ. އަހަރެން ކަޅި ޖަހައެއްނުލަމެވެ. އޭނަގެ މޫނަށް ބަލަހައްޓައިގެން އޮތުމުން ލިބެމުންދިޔަ ހިތްހަމަޖެހުމުގެ މަސްތުގައި އަހަރެން މުޅި ޖާން އޭނާއާއި ހަވާލުކޮށްލައިގެން އޮތީއެވެ.
އިސާހިތަކު، އޭނަ އަހަރެންގެ ނެޕީ ބަދަލުކޮށްލިއެވެ. އަހަރެންވެސް، މަންމަވެސް، ބޭބެވެސް، ގޭގަ ގެންގުޅޭ މަރީތާވެސް ، އަހަރެންގެ ބުޅާވެސް އޮތީ ހަމަހައިރާންވެފައެވެ. ބުޅާގެ މޫނަށް ބަލާލިއިރު ސިފަވެގެންދިޔައީ އަހަންނަށް ކުރެވެމުނދިޔަކަހަލަ އިހުސާސެއް އެއަށްވެސް ކުރާހެންނެވެ. މުޅި މޫނުގެ ހައިރާންކަމުގެ ކުރެހުން ހުރީ އެގޮތަށެވެ.
މަރީތާ ގެ މޫނަށް ބަލާލިއިރު އޭނާގެ މޫނުމަތިން ފެންނަށް ހުރީ ފަސޭހަ ގޮތްތަކެއް އޭނާގެ ބުރަ ދިރިއުޅުމަށް އަންނަން އުޅޭ ކަމުގެ އިހުސާސެއް އޭނާ ކުރަމުންދާކަމެވެ. މަންމަގެ މޫނަށް ބަލާލިއިރު މަންމަގެ މުޅި ދިރިއުޅުމުގައިވެސް ނުލިބިގެން އުޅުނު އަންހެން ދަރި ކުރިމަތީގައި އިންދަ ފެނުނުކަހަލަ އިހުސާސެއް ކުރާކަން އިނގެއެވެ. ( ނުނިމޭ)

.

I can be my self as long as you are your self

ލިޔުން ހިއްސާކުރުމަށް

3 ޚިޔާލު

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
  1. ޓާއީ - April 9, 2013

    ހަހަހާ… ހާދަ މަޖަލޭ… ކޮންއިރަކު އަނެއް ބައި ނިކިުންނާނީ

  2. admin - April 9, 2013

    ވަރަށް ފައްކާ.. ވަރަށް މަޖާ.. ދެވަނަ ބައި އަންނާނީ ކޮން ދުވަހަކުންބާ..؟؟

  3. ނަދޫ - April 9, 2013

    ވަރަށް ސަޅި.. ދެން އޮތްބައި އަވަހަށް އަޕްކޮށްދީބަ…

ޚިޔާލެއް ހުށައަޅުއްވާ!